ރިސޯޓް ވޮލީ ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ވަން އެންޑް އޮންލީ ރީތިރަށް ހޯދައިފިއެވެ. މިއަދު ހަވީރު ރީތިރަށް ރިސޯޓްގައި ކުޅުނު މި މެޗުގައި ބައްދަލުކުރީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި ބަނޑޮސް މޯލްޑިވްސް ރިސޯޓެވެ.
މި ދެ ޓީމު ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ބަނޑޮސް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ކޮންރެޑް މޯލްޑިވްސް 3 ސެޓް 1 ސެޓުން ބަލިކޮށްފައެވެ. ރީތިރަށް ފައިނަލުން ޖާގަ ހޯދީ 3 ސެޓް 1 ސެޓުން ބޮލިފުށި ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓް ފަށައިގެން ރަނގަޅަށް ކުޅުނީ ބަނޑޮހެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެގެން ބަނޑޮހުން ކުޅެމުން ދިޔައިރު، ނަތީޖާ ހަމަހަމަ ކުރަން ރީތިރަށުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ 14-14 އާ ހަމައިންނެވެ. ފަހަތުން އަރައި 17-18 އިން ރީތިރަށް ލީޑު ވެސް ނެގިއެވެ. މި ސެޓް ރީތިރަށް ކާމިޔާބުކުރީ 22-25 އިންނެވެ.
ދެވަނަ ސެޓްގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ސެޓް ފަށައިގެން ރަނގަޅަށް ކުޅެ ބަނޑޮހުން ލީޑު ނެގި ނަމަވެސް، މި ސެޓްގައި ވެސް ރީތިރަށުން ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށް ލީޑު ނެގިއެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ރީތިރަށް މި ސެޓް ކާމިޔާބުކުރީ 18-25 އިންނެވެ.

މުބާރާތުގެ ރަނަރަޕް ޓީމް ބަނޑޮސް މޯލްޑިވްސް / ފޮޓޯ: ރިސޯޓް ވޮލީ ލީގު އެފްބީ
ރީތިރަށް ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އެންޖީ ކަވިޝްކާ މަޑުސަންކާއަކީ 2025 ވަނަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. ރީތިރަށުން ހޯދި ފުރަތަމަ ދެ ސެޓްގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދެ ސެޓް ރީތިރަށް ހޯދުމާއިއެކު މެޗުގެ ފޯރި ގަދަވިއެވެ. ތިންވަނަ ސެޓް ހޯދައި މުބާރާތުގެ ޗެމްޕިއަންކަން ހޯދަން ރީތިރަށުން ނުކުތްއިރު މި ސެޓް ހޯދައިގެން ނޫނީ ޗެމްޕިއަންކަމަށް ވާދަކުރެވޭން ނެތް ބަނޑޮހަކަށް ނެތެވެ. ކުރީ ދެ ސެޓަށްވުރެ ރަނގަޅު ކުޅުމެއް މި ސެޓްގައި ދައްކަން މަސައްކަތްކުރި ނަމަވެސް، ބަނޑޮހުގެ ފަރާތުން ފެނުނީ ކުރީ ދެ ސެޓަށްވުރެ ދަށް ކުޅުމެކެވެ. ސެޓް ފެށި ގޮތަށް ލީޑުގައި އޮވެ ކުޅެމުންދިޔަ ރީތިރަށުން މި ސެޓް ކާމިޔާބުކުރީ ފަސޭހަކަމާއެކު 16-25 އިންނެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ރީތިރަށް ހޯދިއިރު، ރަނަރަޕްއަކީ ބަނޑޮހެވެ. މި މުބާރާތުގެ އެހެނިހެން މަގާމްތަކަށް ބަލާލާއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރީތިރަށުގެ ކަވިޝްކާ މަޑުސަންކާ އެވެ. ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ބަނޑޮސް ޓީމުގެ ޕްރަނީތު ތިނެންދުރަ، ރީތިރަށުގެ ކަވިޝްކާ މަޑުސަންކާ، ރީތިރަށުގެ މުތުވަޑިގެ ދަނުސްކާ، ރީތިރަށުގެ އާދަމް ޚަލީލް، ބަނޑޮސް ޓީމުގެ ކަވިސްކާ ސީބީޖޭޖޭއެމް، ރީތިރަށުގެ ޔައީޝް މުޙައްމަދު ޝިހާމް އެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯގެ މަގާމް ހޯދީ ރީތިރަށުގެ އަޙްމަދު ނަބީލް އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ ބޮލިފުށި ޓީމުގެ ބިލާލް އަފްސަލް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ރީތިރަށުގެ ކޯޗް ހުމޭސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރީތިރަށުގެ ކަވިޝްކާ މަޑުސަންކާ އެވެ.
