ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މަނަދޫ އާއި މާފަރު ވެސް ފެށުން ރަނގަޅުކޮށްފި
ނ. މާފަރާއި ނ. މަގޫދޫ ބައްދަލުކުރި މެޗުގެ ތެރެއިން / އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ނ. އަތޮޅުގެ ކުޅުން އިއްޔެ ފަށައިފިއެވެ. ނ. މަނަދޫގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި އަތޮޅު މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ރަށުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް ކުޅޭ ލީގު ބުރުގެ އެއްވަނަ ޓީމާއި ދެވަނަ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށް ރާވާލެވިފައިވާ، މި އަތޮޅުގެ މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ، މުބާރާތް ބާއްވާ މަނަދޫ އާއި ޅޮހި އަދި މާފަރާއި މަގޫދޫ އެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ މަނަދޫ އާއި ޅޮއްސެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނު ޅޮހިން ވަނީ ފުރަތަމަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް މަނަދޫގެ ގޯލާއި އަމާޒުކޮށްލާފައެވެ. މި ބޯޅަ މަނަދޫގެ ކީޕަރު ދިފާއުކުރުމުން ދެވަނަ ފަހަރަށް ޅޮހީ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް، ގޯލާއި ދިމާއަށް އޭނާއަށް ފޮނުވާނުލެވި އުޅެނިކޮށް މަނަދޫ ކުޅުންތެރިއަކު ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މަނަދޫން އުފެއްދި ފުރަތަމަ ހަމަލާގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ދެވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރައުފަތު އަބޫބަކުރެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި ވަގުތު ބޯޅަ ހޯދައި ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑަށް މާގިނައިރެއް ނުވެ ލީޑު ފުޅާކޮށްލާނެ ރަނގަޅު ފުރުސަތެއް މަނަދޫއަށް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިވެސް ކިޔާލަން:  ކުލެސިކް މުބާރާތުގެ ސެމީ ފައިނަލަށް ބީސީސީ އާއި ކުރިމިނަލް ކޯޓް ދަތުރުކޮށްފި

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ޅޮއްސަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ޅޮހިން އުފެއްދި ބައެއް ހަމަލާތައް މަނަދޫ ކީޕަރު ދިފާއުކުރިއިރު، އެ ޓީމުގެ ފަހަތް ފެނުނީ ވަރަށް އޮގަނައިޒްކޮށެވެ.

ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހުނު މި ހާފު ނިމުނީ 1-0 އިން މަނަދޫ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. އެޓޭކްތަކަށް އިސްކަން ދިން ފަދައިން ޑިފެންސްކުރުމަށް ސަމާލުކަން ދީގެން ކުޅެމުންދިޔަ ތަނެވެ.

ލަނޑު ޖެހުމަށް ކުރަމުން އައި މަސައްކަތް މި ހާފުގައި ވެސް ކާމިޔާބުކުރީ މަނަދޫންނެވެ. ލަނޑު ޖަހަން ލިބުނު އެތައް ފުރުސަތެއް ގެއްލުނު ފަހުން މަނަދޫއަށް މި ލަނޑު ޖަހައިދިނީ ހުސައިން ޝައިހާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު އޭރިޔާތެރޭ ހުސްކޮށް ހުރެ ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ، ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި ލަނޑަށްފަހު ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ލިބި ބޭނުން ނުކުރެވިފައެވެ.

2-0 އިން މަނަދޫ މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ރައުފަތު އަބޫބަކުރެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ރައުފަތު އަބޫބަކުރު / ފޮޓޯ: އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް – އެފްބީ

މި މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ މަގޫދޫ އާއި މާފަރެވެ. މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ މަގޫދޫ ނަމަވެސް، އިރުކޮޅެއް ފަހުން މާފަރުން ކުޅުން ރަނގަޅުކޮށް މަގޫދޫގެ ފަހަތަށް ބާރު ބޮޑުކުރިއެވެ. މަގޫދޫން ފޮނުވާލި ގިނަ ހަމަލާތަކެއް މާފަރުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މިވެސް ކިޔާލަން:  ވެމްކޯ ކައިރިން ބަދަލު ހިފައި ދިވެހި ސިފައިންގެ ކުލަބް އެއްވަނައަށް ޖެހިލައިފި

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގެ ލީޑު ނެގީ މާފަރުންނެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މާފަރަށް މި ލަނޑު ޖަހައިދިނީ އައިހަމް ހަމްދޫނެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެ ޓީމުގެ ތިން ކުޅުންތެރިން ގުޅިގެން އުފެއްދި ފުރުސަތެއްގައި އެތަނުން ކުޅުންތެރިއަކު ގޯލު ކުރިމަތިން އޭނާއަށް ޖައްސާލި ބޯޅައެއް ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ މާފަރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. 19 ވަނަ މިނިޓްގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިމާދު ޢަލީ އެވެ. އިމާދު މި ލަނޑު ޖަހާފައިވަނީ އޭނާ ކުރިއަށް އެރި ވަގުތު އެ ޓީމުގެ ކުޅުންތެރިއަކު ޖައްސާލި ބޯޅަ އޭރިޔާ ބޭރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެވަނަ ހާފުގެ ދެވަނަ މިނިޓްގައި މާފަރުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ހާފުގެ މެދަކާއި ހިސާބުން މާފަރު ކުޅުންތެރިއަކު ޖައްސާލި ބޯޅަ ހިފައިގެން އޭރިޔާ ކައިރިއަށް ޖެހިލައި ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޒަކަރިއްޔާއެވެ.

23 ވަނަ މިނިޓްގައި މުޙައްމަދު އިރުޝާދު ކާމިޔާބުކޮށްދިން ލަނޑުން މަގޫދޫން އުންމީދު އާކުރިއިރު، 26 ވަނަ މިނިޓްގައި ޢަލީ ޝާހިދު ޖަހައިދިން ލަނޑުން ނަތީޖާގެ ފަރަގު ކުޑަކުރިއެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަގޫދޫން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުރުމުގެ ކުރިން މާފަރުން އަނެއްކާ ވެސް އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. 28 ވަނަ މިނިޓްގައި މާފަރަށް މި ލަނޑު ޖަހައިދިނީ އިރުޝާދު އަދުނާން އެވެ. ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ހާފުގެ ފަހުކޮޅު ދެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. މެޗުގެ ފަހު މިނިޓްގައި މުޙައްމަދު އިރުޝާދު ކާމިޔާބުކުރި ދެވަނަ ލަނޑާއިއެކު މެޗުގެ ނަތީޖާ 3-4 އަށް ބަދަލުވެ އެ ނަތީޖާއާއެކު މެޗު ނިމިދާނެ ކަމަށް ހީކުރެވުނު ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި މަގޫދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއިއެކު މި މެޗު ނިމުނީ 5-3 އިން މާފަރު މޮޅުވެގެންނެވެ.

މިވެސް ކިޔާލަން:  އިޓާލިއަން ސުޕަ ކަޕް ގައި ޔުވެންޓަސް އަށް ހިތްދަތި ނިމުމެއް

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފަރު ޓީމުގެ އަފްރާހް މުޙައްމަދެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top