ނެޓްފްލިކްސްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒްގެ ތިންވަނަ ފިލްމު “އެކްސްޓްރެކްޝަން 3” ގައި ކްރިސް ހެމްސްވޯތާއެކު ދެކުނު ކޮރެއާގެ މަޝްހޫރު އެކްޝަން ތަރި މާ ޑޮންގް ސިއޮކް (ޑޮން ލީ) ފެނިގެންދާނެކަން ހާމަކޮށްފިއެވެ.
މިކަން ކަށަވަރުކޮށްދެމުން މާ ޑޮންގް ސިއޮކްގެ އެޖެންސީ، ބިގް ޕަންޗް އެންޓަޓެއިންމަންޓުން ބުނީ، “އެކްސްޓްރެކްޝަން ޔުނިވާސް” ގެ މައްޗަށް ބިނާކޮށް އުފައްދާ ސްޕިން-އޮފް ފިލްމު “ޓައިގޯ” ގެ ލީޑް ރޯލަށްފަހު، އޭނާ “އެކްސްޓްރެކްޝަން 3” ގެ ކާސްޓާ ގުޅިފައިވާ ކަމަށެވެ. މިއީ ބައިނަލްއަޤުވާމީ ފެންވަރުގައި އޭނާގެ އެކްޝަން ކެރިއަރު އިތުރަށް ފުޅާވެގެންދާނެ ފުރުސަތެއް ކަމަށްވެސް އެ އެޖެންސީން ފާހަގަކުރިއެވެ.
މި ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތްތައް ހޯމަ ދުވަހު ވަނީ ރަސްމީކޮށް ފަށާފައެވެ. “އެކްސްޓްރެކްޝަން 3” ގެ ތަރިންގެ ގޮތުގައި ހިމެނެނީ އިދްރިސް އެލްބާ، ގޮލްޝިފްތޭ ފަރަހާނީ، ޕިއާސް ބްރޮސްނަން، ޖޯ ޓަސްލިމް، ޗީ ލުއިސް-ޕެރީ އަދި ސިއެނާ އަގުޑޮންގް ފަދަ ހުނަރުވެރި އެކްޓަރުންނެވެ.
މި ފްރެންޗައިޒްގެ ކުރިއަށް އޮތް ސްޕިން-އޮފް “ޓައިގޯ” ގައި މާ ޑޮންގް ސިއޮކްގެ އިތުރުން މަޝްހޫރު މިއުޒިކް ގްރޫޕް ބްލެކްޕިންކްގެ މެންބަރު ލީސާ އަދި ލީ ޖިން ވޫކް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. “ޓައިގޯ” ގެ ޕޯސްޓް-ޕްރޮޑަކްޝަން މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ފުރަތަމަ ދެ ފިލްމެކޭ އެއްފަދައިން “އެކްސްޓްރެކްޝަން 3” ވެސް ޑައިރެކްޓް ކުރަނީ ސޭމް ހާގްރޭވްއެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ޖޯ ރުސޯ އާއި ޑޭވިޑް ވެއިލްއެވެ. މި ފިލްމުގެ ވާހަކަ ކުރިއަށްދާނެ ގޮތުގެ ތަފްސީލު އަދި ސިއްރުކޮށްފައި ވީނަމަވެސް، ކްރިސް ހެމްސްވޯތު ކުޅޭ ޓައިލާ ރޭކްގެ ކެރެކްޓާ ވަރުގަދަ އާ މިޝަނަކާ ކުރިމަތިލާނެކަން މިހާރު ވަނީ ޔަގީންވެފައެވެ.
