ސިކުނޑި އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމަށްޓަކައި، ކުރީގެ އާދައެއް އަލުން ފެށުމަކީ ނުވަތަ އައު ކަމެއް ތަޖުރިބާކޮށްލުމަކީ މުހިންމު ކަމެކެވެ. ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގެ ނިއުރޯސައިކޮލޮޖީގެ އިސްވެރިޔާ އަދި “ކީޕް ޔޯ ވިޓްސް އެބައުޓް ޔޫ” ގެ މުސައްނިފު، ޑރ. ވޮނެޓާ ޑޮޓްސަން ވިދާޅުވާ ގޮތުގައި، ހޮބީތަކުގައި މަޝްޢޫލުވުމަކީ ސިކުނޑި ދުޅަހެޔޮކޮށް ބެހެއްޓުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމެވެ. ކުރެހުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ސިކުނޑިއަށް ބާރުބޮޑުކުރުވާ ކަންކަމަށް ވުމުން، އޭގެ ސަބަބުން އައު ގުޅުންތައް އުފައްދައި، ކަންކަމަށް ހޭނުމުގެ ގާބިލުކަން ސިކުނޑީގައި ވަރުގަދަވެގެންދެއެވެ.
ބަގީޗާ ހެއްދުމާއި، ހިނގުން ފަދަ ހަރަކާތްތެރި ހޮބީތަކުގެ ސަބަބުން ސިކުނޑީގެ ސެލްތައް ދުޅަހެޔޮކޮށް ކުރިއެރުވުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، އިޖުތިމާއީ ގުޅުންތަކަކީ ވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެހެން މީހުންނާ އެކު ވަގުތު ހޭދަކުރާ ހޮބީތަކުގެ ސަބަބުން، ދިރިއުޅުމުގެ މަގުސަދެއް އޮތްކަމުގެ އިހުސާސް ކުރެވި، އުމުރުން ދުވަސްވާއިރު ސިކުނޑީގެ ގާބިލުކަން ދެމެހެއްޓުމަށް މަގުފަހިވެއެވެ.
ހޮބީތަކުގެ ސަބަބުން އުފާވެރިކަން ލިބި، ނަފްސާނީ ބުރަދަން ނުވަތަ ސްޓްރެސް ކުޑަކޮށްދެއެވެ. މީގެ ސަބަބުން ހަނދާން ގަދަވުމަށާއި ވިސްނުމުގެ ބާރު ސަލާމަތުން ބެހެއްޓުމަށް އެހީވެއެވެ. ލަވަ އަޑުއެހުން ފަދަ ހިތްހަމަޖެހުން ލިބޭ ކަންކަމުން ހަށިގަނޑުގައި ހުންނަ ކޯޓިޒޯލް ފަދަ ސްޓްރެސް ހޯރމޯންތައް މަދުކޮށްދީ، ޑޯޕަމިން އަދި ސެރޮޓޮނިން ފަދަ އުފާވެރިކަން ގެނެސްދޭ ކެމިކަލްތައް އިތުރުކޮށްދެއެވެ.
އައު ކަންކަން ދަސްކުރުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ދިރުމެކެވެ. ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، ކޮންމެ އައު ކަމަކީ ވެސް ސިކުނޑީގެ ސެލްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަމެކެވެ. މިއީ އުނގެނުމަށާއި ހަނދާން ބެހެއްޓުމަށް ބޭނުންވާ މުހިންމު ބަހާއެކެވެ.
2023 ވަނަ އަހަރު 93,000 އަށް ވުރެ ގިނަ އުމުރުން ދުވަސްވީ މީހުން ހިމަނައިގެން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ހޮބީތައް ގެންގުޅޭ މީހުންގެ ސިއްހަތު ރަނގަޅުވެފައި، އުފާވެރިކަން އިތުރުވެ، މާޔޫސްވުން ފަދަ ބަލިތަކުގެ އަލާމާތްތައް މަދެވެ.
ސިކުނޑީގެ މި ފައިދާތައް ކޮންމެ އުމުރެއްގައި ވެސް ލިބިގަނެވިދާނެއެވެ. އުމުރުން ދުވަސްވުމުން އައު ކަންކަން ދަސްކުރުމަށް ތަންކޮޅެއް ގިނަ ވަގުތު ނެގި ނަމަވެސް، ސިކުނޑިއަކީ އަބަދުވެސް އައު ހާލަތްތަކަށް ހޭނުމުގެ ގާބިލުކަން (ނިއުރޯޕްލާސްޓިސިޓީ) ލިބިގެންވާ ގުނަވަނެކެވެ.
ހޮބީތަކުގެ ސަބަބުން އަލްޒައިމާ ފަދަ ބަލިތަކުން މުޅިން ސަލާމަތްނުވި ކަމުގައި ވިޔަސް، ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށް ބެހެއްޓުމަށް އެހީތެރިވެދެއެވެ. ސިކުނޑީގެ ދުޅަހެޔޮކަމަށްޓަކައި ތިރީގައިވާ 10 ހޮބީއެއް ތަޖުރިބާކޮށްލެވިދާނެއެވެ:
1- އެރޯބިކް ކަސްރަތު: ބާރަށް ހިނގުން ފަދަ ހަރަކާތްތަކަކީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ ކަމެކެވެ. އެންމެ މުހިންމީ ގަވާއިދުން ކުރެވޭނެ ކަސްރަތެއް އިޚްތިޔާރުކުރުމެވެ.
2- ނެށުން: މިއީ ހަށިގަނޑާއި ސިކުނޑި އެއްވަގުތެއްގައި މަސައްކަތްކުރަންޖެހޭ ކަމަކަށް ވާތީ، މީގެ ސަބަބުން ސިކުނޑީގެ ގުޅުންތައް ވަރުގަދަވެއެވެ.
3- މިއުޒިކް: މިއުޒިކް އަޑުއެހުމާއި، ލަވަކިޔުމާއި، މިއުޒިކް ކުޅެން ދަސްކުރުމަކީ ސިކުނޑީގެ ތަފާތު ބައިތައް ހޭލައްވާލާ ކަމެކެވެ.
4- ބަގީޗާ ހެއްދުން: ގަސް އިންދުމަކީ ހަނދާންގަދަވުމަށް އެހީވާ ކަމެކެވެ. އަދި ކަމެއް ކާމިޔާބުވުމުގެ އިހުސާސް މިކަމުން ލިބިދެއެވެ.
5- ކުރެހުމާއި އަތްތެރި މަސައްކަތް: އަމިއްލަ އަތުން ކޮންމެވެސް އެއްޗެއް އުފެއްދުމަކީ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ.
6- ހިލޭސާބަހަށް މަސައްކަތްކުރުން: އެހެން މީހުންނަށް އެހީތެރިވުމަކީ އިޖުތިމާއީ ގުޅުން ބަދަހިވެ، ސިކުނޑީގެ ހަލުވިކަން ދަމަހައްޓައިދޭ ކަމެކެވެ.
7- ފެހުމާއި ވިއުމުގެ މަސައްކަތް: ފެހުމާއި، ފޮތި ވިއުން ފަދަ ކަންކަމަކީ ނަފްސާނީ ދުޅަހެޔޮކަމާއި، ހިތްހަމަޖެހުން ލިބިދޭ ކަންކަމެވެ.
8- ފޮތް ކިޔުން: ގަވާއިދުން ފޮތް ކިޔުމަކީ އުމުރުން ދުވަސްވާއިރު ވިސްނުމުގެ ބާރު ދަށްވިޔަނުދީ ހިފަހައްޓައިދޭ ކަމެކެވެ.
9- ސިކުނޑި ބޭނުންކުރަންޖެހޭ ކުޅިވަރުތައް: ބަސް ހޯދާ މުބާރާތްތަކާއި ޕަޒްލް ފަދަ ކުޅިވަރުތަކަކީ ސްޓްރެޓީޖިކްކޮށް ވިސްނުމަށް އެހީވާ ކަންކަމެވެ.
10- ދޫންނަށް ބެލުން: ދޫނިތައް ބަލައި، އެތަކެއްޗަށް ކާންދިނުމަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ، ސިކުނޑިއަށް ތާޒާކަން ގެނެސްދޭ ކަމެކެވެ.
