ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ވަރުގަދަ ކޮމެޑީ ފިލްމު “މަގޭ ބިޓުގެ ވެޑިން” ޕްރިމިއާކުރާ ތާރީޚް އެއް ދުވަހަށް އަވަސްކޮށްފިއެވެ.
ކުރިން މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު ނަމަވެސް، މިހާރު މި ތާރީޚް ވަނީ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.
ފިލްމު ޕްރިމިއާކުރުން އެއް ދުވަހަށް އަވަސްކުރީ ފިލްމު ބަލަން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު އިތުރަށް ފަހިކޮށްދިނުމަށެވެ.
ޓްރޮޕިކަލް ރެއިން އެންޓަޓައިންމަންޓާ ގުޅިގެން ގެނެސްދޭ މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) އަދި އައިޝަތު ފުއާދުގެ ޕްރޮޑަކްޝަނެކެވެ. “މަގޭ ބިޓުގެ ވެޑިން” ޕްރޮމޯޓް ކުރަމުން ދަނީ މިހާތަނަށް ދިވެހި ސިނަމާއިން ފެންނާނެ އެންމެ “ހަލަބޮލި” ނުވަތަ އެންމެ “ކެއޯޓިކް” ލޯބީގެ މަޖާ މުނިފޫހިފިލުވުމުގެ ގޮތުގައެވެ.
މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފް އަބްދުﷲ އާއި ފާތިމަތު ރާޔާ އަބްދުﷲ އެވެ. މީގެ އިތުރުން ދިވެހިންގެ މެދުގައި މަގުބޫލު ކޮމޭޑިއަން ޝާފިއު އިބްރާހީމް (ފުބޫ)، ތަޖުރިބާކާރު މަޝްހޫރު ބަތަލާ ޝީލާ ނަޖީބް އަދި އަހުމަދު ސައީދު ވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާން ހިމެނެއެވެ.
ޝަހުދާ މަހްމޫދު ލިޔެ ޑައިރެކްޓްކުރާ މި ފިލްމުގެ ސިނަމަޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފެވެ. ފިލްމުގެ އެޑިޓިން މަސައްކަތް ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު އަލީ ޝިފާއު (ޗިއްޕެ) ކުރަމުން އަންނައިރު، ފިލްމު ޕްރޮޑިއުސް ކުރުމުގައި އައިޝަތު ފުއާދު، މުހައްމަދު އަލީގެ އިތުރުން ކައިލީން މުހައްމަދު އަލީ ވެސް ބައިވެރިވެއެވެ.
މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމު “ޖަންނަތު” އަށް ލިބެމުން އަންނަ ތަރުހީބަށް ބަދަލެއް ނައިސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.
