އަންހެނެއްގެ ހަޔާތުގައި ވަރަށް އާދަޔާ ޚިލާފު މަރުހަލާއެއް އާދެއެވެ. އެއީ ހެނދުނު ހޭލާއިރު، “މަޑުކޮށްބަލަ.. އަހަރެން ނިދާފައި އޮއްވައި މި ހުރިހާ ކަމެއް ބަދަލުކޮށްލީ ކާކުބާ؟” މިފަދައިން ހިތަށްއަރާ ދުވަސްވަރެކެވެ.
މިއީ މެދުއުމުރަށް މަރުހަބާ ކިޔަންވީ ވަގުތެވެ.
ގިނަ ފަހަރަށް “މެދުއުމުރުގެ ނުތަނަވަސްކަން” ނުވަތަ “މިޑްލައިފް ކްރައިސިސް” ގެ ނަމުން ނަންދެވިފައިވީ ނަމަވެސް، މިއީ ހަޤީޤަތުގައި އަމިއްލަ ނަފުސާމެދު ފުންކޮށް ވިސްނާ، ބަދަލުތައް ގެނެސް، އައު ދިރިއުޅުމެއް ބިނާކުރުމަށް ލިބޭ ވަރުގަދަ ފުރުސަތެކެވެ. މި ދުވަސްވަރު އަންހެނުން އެމީހުންގެ ވަޒީފާއާއި، ގުޅުންތަކާއި، އާއިލީ ޒިންމާތަކާއި، ސިފައާއި، މާލީ ހާލަތާއި، ހުވަފެންތަކާމެދު ސުވާލު އުފައްދަން ފަށައެވެ. އަދި އެންމެ މުހިންމު ކަމަކަށް، ބޭކާރު ކަންތައްތަކަށް ކެތްކުރުން ހުއްޓާލުމަށް އަޒުމް ކަނޑައަޅައެވެ.
އަދި ކުއްލިއަކަށް، އެތައް އަހަރެއް ވަންދެން “އެންމެ ރަނގަޅު، އަހަރެން މިކަން ކޮށްފާނަން” އޭ ބުނަމުން އައި އަންހެނާ، “ނޫން، ދެން މިކަން ކުރާނީ ތިބާ” އޭ ބުނަން ފަށައެވެ.
ހަށިގަނޑުގެ ބަދަލުތައް
މެދުއުމުރުގައި ކުރިމަތިވާ އެންމެ ބޮޑު ހައިރާންކަމަކީ، ހަށިގަނޑު އޭގެ އަމިއްލަ ގޮތްތަކަކަށް މަސައްކަތްކުރަން ފަށާކަން އެނގުމެވެ.
ކާނާ ހަޖަމުކުރުމުގެ ނިޒާމާއި، ހަކަތައާއި، ނިދުމާއި، ހަމާއި، އިސްތަށިގަނޑަށް ބަދަލުތައް އާދެއެވެ. މީގެ އިތުރުން، މައްސަރު ކަންތައް ހުއްޓުމާ ގާތްވުމުން (ޕެރިމެނޯޕޯޒް) ހޯރމޯންތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން މިޒާޖަށާއި، ނިދުމަށާއި، ހަށިގަނޑުގެ ހޫނުމިނަށް އަސަރުކުރެއެވެ.
އެއް ފަހަރު ވަރަށް ހިތްހަމަޖެހިގެން އިނދެފައި، އަނެއް ފަހަރު ކުއްލިއަކަށް ހޫނުވެގެން ފަންކާއެއްގެ ދަށަށް ދާންޖެހެނީ ކީއްވެގެންކަމެއް ނޭނގެއެވެ.
މިކަންކަމުގައި މަޖާ މިޒާޖެއް ގެންގުޅުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް، މި ބަދަލުތަކަކީ ލަދުގަންނަންޖެހޭ ކަންތައްތަކެއް ނޫނެވެ. މިއީ ސިއްޙީ ގޮތުން ދެނެގަނެ، އެހީތެރިކަން ހޯދަންޖެހޭ ކަންކަމެވެ. އުމުރުން ދުވަސްވުމަކީ ބައްޔެއް ނޫނެވެ. އަދި ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ނާކާމިޔާބީއެއް ވެސް ނޫނެވެ.
ޖަޒުބާތީ ގޮތުން އަމިއްލަ ނަފުސު ވަޒަންކުރުން
ފަހަރެއްގައި އެންމެ ބޮޑު ބަދަލެއް އަންނަނީ ވިސްނުމަށެވެ. އެތައް އަހަރެއް ވަންދެން އެހެން މީހުންގެ އުފަލަށް އިސްކަން ދިނުމަށްފަހު، ގިނަ އަންހެނުން އަމިއްލަ ނަފުސާ ސުވާލުކުރަން ފަށައެވެ. އަހަރެން އުފަލުގައި އެބަހުރިން ހެއްޔެވެ؟ އަހަރެން ކުރިން ދެކުނު ހުވަފެންތަކަށްވީ ކިހިނެއް ހެއްޔެވެ؟ އަހަރެން ކުރަން ބޭނުންނުވާ ކަންތައްތައް އަދިވެސް މިކުރަނީ ކީއްވެ ހެއްޔެވެ؟ އަދި އެންމެ ނުރައްކާތެރި ސުވާލަކީ އަހަރެން އަދިވެސް ހުރިހާ ކަމަކަށް “އާނއެކޭ” މިބުނަނީ ކީއްވެ ހެއްޔެވެ؟
އެތައް އަހަރަކު “އާނއެކޭ” ބުނުމަށްފަހު “ނޫނެކޭ” ބުނަން ދަސްކުރުމަކީ، އޭނާގެ ހަނުހުރުމުން ފައިދާ ހޯދި މީހުންނަށް ބޮޑު ބަދަލެއްގެ ގޮތުގައި ފެނިދާނެއެވެ. ނަމަވެސް އަމިއްލަ އިމެއް ކަނޑައެޅުމަކީ އަމިއްލަ އެދުން ބޮޑުވުމެއް ނޫނެވެ. އޭގެ މާނައަކީ އެންމެ ފަހުން އޭނާ އަމިއްލަ ނަފުސުގެ އަޑު އަހަން ފެށުމެވެ.
ރީތިކަމުގެ އައު މާނައެއް
މެދުއުމުރާއެކު ރީތިކަމާމެދު ދެކޭގޮތް ވެސް ބަދަލުވެއެވެ. އެތައް އަހަރެއް ވަންދެން މުޖުތަމައު އުނގަންނައިދެނީ ރޫޖެހުމާއި، ނުރަވުމާއި، ހަށިގަނޑަށް އަންނަ ބަދަލުތަކަށް ބިރުގަތުމަށެވެ. ނަމަވެސް، އަބަދުވެސް 25 އަހަރުގެ ޒުވާނެއްގެ ސިފައިގައި ހުރުމަކީ ހަޤީޤީ މަޤުސަދު ނޫންކަން ގިނަ އަންހެނުންނަށް ވިސްނެއެވެ.
އެ ރޫތަކަކީ ހިނިތުންވުމާއި، މައިވަންތަކަމާއި، ފިކުރުބޮޑުވުމާއި، ނިދިނެތް ރޭތަކާއި، އަދި ދިރިއުޅުމުގެ ހިތްދަތިކަމުން ސަލާމަތްވުމުގެ ނިޝާންތަކެވެ.
އަންހެނެއްގެ އުމުރުން ދުވަސްވުމުން އޭނާގެ އަގު ދަށެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާއަކީ ގިނަ ތަޖުރިބާތަކާއި ހިކުމަތްތެރިކަން ލިބިފައިވާ މީހަކަށް ބަދަލުވެއެވެ. އަދި ހިތްހަމަޖެހުމާއި ފަސޭހަކަމަށް އިސްކަންދެވޭ މިންވަރު އިތުރުވެއެވެ. ފައިގައި ރިއްސާ އުސް ފައިވާނުގެ ބަދަލުގައި، ފަސޭހަ ފައިވާނެއް އިޚްތިޔާރު ކުރުމަކީ މިހާރު މާ މުހިންމު ކަމަކަށް ވެއެވެ.
އިސްކަންދޭ ކަންތައްތަކާއި ރަހުމަތްތެރިކަން ކަނޑައެޅުން
މެދުއުމުރުގައި، ހިތްހަމަޖެހުން ގެނެސްދެނީ ކޮން ގުޅުންތަކެއްކަމާއި، ހަކަތަ ދުއްވާލަނީ ކޮން ގުޅުންތަކެއްކަން ވަކިކުރަން އެނގެއެވެ. އަބަދު ފާޑުކިޔުމާއި، ދޭތެރެޖެއްސުމާއި، ހަމައެކަނި އެއްފަރާތަކުން ފައިދާ ހޯދާ ރަހުމަތްތެރިކަމަށް ކެތްކުރުން ދަތިވެއެވެ. އޭގެ ބަދަލުގައި، އައު ރަހުމަތްތެރިކަން ބިނާވަނީ ސާދާ ގޮތްތަކެއްގެ މައްޗަށެވެ. އެއީ މާ ގިނަ ތަފްސީލުތަކެއް ދޭން ނުޖެހި އެކަކު އަނެކަކަށް ވިސްނޭ، އެކުގައި ހީނލެވޭ، އަދި “އަހަރެން ވަރަށް ވަރުބަލިވެއްޖެ” އޭ ބުނުމުން “ސައި ބޯލާނަން؟” ހޭ ބުނެ އަޅާލާ މީހުންނެވެ.
މުސްތަޤުބަލަށް ކުރާ އުންމީދު ބަދަލުވުން
އެތައް އަހަރެއް ވަންދެން ގިނަ އަންހެނުން ދިރިއުޅެނީ “ފަހުން” ކުރާނެ ކަންކަމަށް އުންމީދުކޮށްގެންނެވެ. ދަރިން ބޮޑުވުމުން، މާލީ ހާލަތު ރަނގަޅުވުމުން، ނުވަތަ އެހެން މީހުންގެ ކަންކަން ހަމަޖެހުމުންނެވެ. ނަމަވެސް ކުއްލިއަކަށް ވިސްނެނީ މާދަމާއަށް ތައްޔާރުވުމުގައި އަހަރެންގެ ދިރިއުޅުމުގެ ކިހާ ވަގުތެއް ހޭދަވެއްޖެ ހެއްޔެވެ؟
އެހެންކަމުން، މެދުއުމުރަކީ އައު ފެށުމަކަށް ވެގެންދެއެވެ. ބައެއް އަންހެނުން ވަޒީފާ ބަދަލުކުރެއެވެ. އަލުން ކިޔަވަން ފަށައެވެ. އަމިއްލަ ވިޔަފާރި ފަށައެވެ. ދަތުރުފަތުރު ކުރެއެވެ. ނުވަތަ ކުރިން ދޫކޮށްލާފައިވާ ހޮބީތައް އަލުން ފަށައެވެ. އަދި އެއްވެސް ކުށްވެރިކަމުގެ އިޙުސާސެއް ނެތި އަރާމުކުރަން ދަސްކުރެއެވެ.
އެހެނަސް، މިއީ އަބަދު ފަސޭހަ ކަމެއް ނޫނެވެ. މާލީ ދަތިތަކާއި، އުމުރުން ދުވަސްވީ މައިންބަފައިން ބެލުމާއި، ގުޅުންތަކުގެ މައްސަލަތަކާއި، ވަޒީފާގެ ނުތަނަވަސްކަން ފަދަ ކަންކަމާ ކުރިމަތިލާން ޖެހިދާނެއެވެ. ކޮންމެ އަންހެނަކަށް މެދުއުމުރު ތަޖުރިބާ ކުރެވެނީ އެއްގޮތަކަށް ނޫނެވެ. ބައެއް މީހުންނަށް މިއީ މިނިވަންކަމެކެވެ. އަނެއް ބަޔަކަށް މިއީ އުނދަގޫ ދުވަސްތަކެކެވެ. ގިނަ މީހުންނަށް މި ދެ އިޙުސާސް ވެސް ކުރެވެއެވެ.
މިއީ ހަޤީޤަތުގައި “ނުތަނަވަސްކަމެއް” ހެއްޔެވެ؟
“މެދުއުމުރުގެ ނުތަނަވަސްކަން” ތަހައްމަލު ކުރަމުންދާ އަންހެނުންނަށް މަލާމާތްކުރުން ހުއްޓާލަން ވެއްޖެއެވެ. ފަހަރެއްގައި އޭނާ އެ ތަހައްމަލު ކުރަނީ ނުތަނަވަސްކަމެއް ނޫނެވެ. އެއީ ފަހަރެއްގައި، 20 އަހަރު ވަންދެން ފަސްކުރަމުން އައި “އަމިއްލަ ނަފުސާ ދައްކާ ވާހަކަ” އެންމެ ފަހުން ދައްކަން ފެށުމެވެ.
އަމިއްލަ އިމެއް ކަނޑައެޅުމަކީ ރަހުމެއް ނެތުން ނޫންކަމާއި، އަރާމުކުރުމަކީ ކަންނެތްކަން ނޫންކަމާއި، ވިސްނުން ބަދަލުކުރުމަކީ ނާކާމިޔާބީއެއް ނޫންކަމާއި، އަދި އަމިއްލަ ނަފުސަށް އެދުމަކީ އަމިއްލަ އެދުން ބޮޑުވުން ނޫންކަން އޭނާ ދަސްކުރަނީއެވެ. ވުމާއެކު، މެދުއުމުރަށް ފިޔަވަޅު އަޅަމުންދާ އަންހެނުންނަށް ބުނެލަން އޮތީ އަމިއްލަ ނަފުސަށް ކެތްތެރިވާށެވެ. ތިބާގެ ހަށިގަނޑާއި، އިސްކަންދޭ ކަންތައްތަކާއި، ހުވަފެންތަކާއި ގުޅުންތަކަށް ބަދަލު އަތުވެދާނެއެވެ. އޭގެ މާނައަކީ ކަމެއް ގޯސްވީއެއް ނޫނެވެ.
އަދި އޭނާގެ ވަށައިގެންވާ އެންމެން.. ބައިވެރިން، ދަރިން، ރަހުމަތްތެރިން އަދި މަސައްކަތުގެ އެކުވެރިންވެސް ކެތްތެރިވާށެވެ. އޭނާ އެ ބަދަލުވަނީ މުޅިން ތަފާތު އެހެން މީހަކަށް ނޫނެވެ. އޭނާ އެ ބަދަލުވަނީ، އޭނާ މިހާރު ހުރި ހާލަތާމެދު އަމިއްލަ ނަފުސަށް އިތުރަށް ތެދުވެރިވަމުންދާ މީހަކަށެވެ.
މެދުއުމުރަކީ ނުތަނަވަސްކަމެއްގެ ފެށުމަށް ވާކަށް ނުޖެހެއެވެ. އެއީ ކަންކަން ސާފުވާން ފަށާ ވަގުތަކަށް ހެދިދާނެއެވެ. ހަށިގަނޑަށް އަރާ ދަތިިތަކަށް ހީނލުމާއި، މޫނުމަތީގެ ރޫތަކަށް މަރުހަބާ ކިޔުމާއި، އަމިއްލަ ހިތްހަމަޖެހުން ރައްކާތެރިކުރުމާއި، ހުވަފެންތައް އަލުން ހޯދުމާއި، އަދި އެންމެ ފަހުން މިހެން ބުނެލުމުގެ ފުރުސަތެކެވެ.
“އަހަރެން އަމިއްލަ ނަފުސު މަތިން ހަނދާނެއް ނެތް. މިހާރު މިއީ އަހަރެންގެ ވަގުތު ކަމަށް އަހަރެން ދެކެން.”
އަދި ފަހަރެއްގައި އުމުރުން ދުވަސްވުމުގެ އެންމެ ރީތި އެއް ކަމަކީ މިއީއެވެ. އެއްވެސް މައާފަކަށް އެދުމެއް ނެތި، އުމުރުން ދުވަސްވަމުންދާކަން ޤަބޫލުކޮށް، އެކަމާއެކު ކުރިއަށްދާން ދަސްވުމެވެ.
