ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް އަދި ސާނިޔާ މަލޯތުރާ މުހިންމު ރޯލުތަކުން ފެނިގެންދާ ތުރިލާ ފިލްމު “ބަންދަރް” އޯޓީޓީ ޕްލެޓްފޯމުގައި ދައްކަން ތައްޔާރުވެއްޖެއެވެ.
މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމު، ސްޓްރީމިންގ ޕްލެޓްފޯމް “ޒީ5” މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލުމަށް ހަމަޖެހިފައިވަނީ މިހިނގާ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. މިކަން ހާމަކޮށް ޒީ5 އިން ވަނީ މީހެއްގެ މައްޗަށް ކުރެވޭ ތުހުމަތަކާ ގުޅިގެން މުޅި ދިރިއުޅުން ބަދަލުވެގެންދާ ގޮތް މި ފިލްމުން ފެނިގެންދާނެ ކަމަށް ބުނެފައެވެ.
ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކަޝްޔަޕް ޑައިރެކްޓްކޮށް، ކޯ-ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އުމުރުން 50 އަހަރުގެ ކުރީގެ ޕޮޕް ލަވަކިޔުންތެރިޔާ އަދި ޓީވީ ތަރި ސަމަރު މެހެރާގެ ދިރިއުޅުމުގެ މައްޗަށެވެ. ކެރިއަރު އަޑިއަޅާލާފައިވާ ދަނޑިވަޅެއްގައި، ކުރީގެ ލޯބިވެރިޔާ ގާޔަތުރީއާ ވަކިވުމަށްފަހު، ސަމަރުގެ މައްޗަށް ބޮޑު ތުހުމަތެއް ކުރެވެއެވެ. އޭނާ ކުށެއް ނުކުރާ ކަމަށް ބުނި ނަމަވެސް، މީޑިއާގެ ސަމާލުކަމާއެކު އާންމުންގެ ނަފުރަތު އޭނާއަށް އަމާޒުވެއެވެ. އަދި ޖަލުގެ ހިތްދަތި މާހައުލުގައި ދިރިއުޅުމަށް ކުރާ ހަނގުރާމައާއި، އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް އަންނަ ބަދަލުތައް މި ފިލްމުން ފެނިގެންދާނެއެވެ. މި ފިލްމު ނިމިގެންދަނީ ހަޤީޤަތް ސާފުނުވާ ގޮތަށް ކަމަށް ވެއެވެ.
މި ފިލްމުގައި ބޮބީ ޑިއޯލް އާއި ސާނިޔާ މަލޯތުރާގެ އިތުރުން ސަޕްނާ ޕައްބީ، ސަބާ އާޒާދް، އިންދްރަޖިތު ސުކުމާރަން، ރާޖް ބީ. ޝެޓީ، ޖިތެންދްރަ ޖޯޝީ، ނާގޭޝް ބޯންސްލޭ، ރިއްދީ ސެން އަދި ނިކްހަތު ޚާން ފަދަ ތަރިން ހިމެނެއެވެ.
މި ފިލްމަކީ އަނޫރާގް ކަޝްޔަޕްގެ އިތުރުން ސާކްޝީ މެހެތާ ކޯ-ޑައިރެކްޓްކޮށް، ސުދީޕް ޝަރުމާ އަދި އަބީޝެކް ބެނާޖީ ލިޔެފައިވާ ފިލްމެކެވެ. ފިލްމުގެ ކޯ-ޕްރޮޑިއުސަރުންނަކީ ނިކިލް ދުވިވެދީ، ޝިވީ ޕަންޑިތު އަދި ގޯރީ ޕަންޑިތެވެ.
ފިލްމުގެ ލަވަތައް އަމީތު ތުރިވެދީ، ވިޝާލް މިޝްރާ، ޕާޔަލް ދޭވް، އަދި ސިކްފްލިޕް ފަދަ މިއުޒިކީ ފަންނާނުން ތައްޔާރުކޮށްފައިވާއިރު، ބެކްގްރައުންޑް މިއުޒިކް ހަދާފައިވަނީ ޝިވަހަރީ ވަރްމާއެވެ. ސިނެމަޓޯގްރަފީ ސައްޔިދު ޝާޒް ރިޒްވީ ތައްޔާރުކުރިއިރު، އެޑިޓަރަކީ އާރްތީ ބަޖާޖެވެ.
