ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ހަތާވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ގެލެރީއިން ނުކުމެ ޒޯޔާގެ ކެފޭއާ ދިމާއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އަފްޒާއަށް ބުނަން ނޭނގޭ ކަހަލަ އުފާވެރި ކަމަކާއި އެކުއެކީ ހިތް އަވަސްވަމުން ދިޔައެވެ. އެތައް ދުވަހެއް ފަހުން ޒޯޔާއާ ހަމަޖެހިލައިގެން ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބޭއިރު އޭނާގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއްވެސް ދިއްލިފައިވެއެވެ. މަޑުމަޑުން ކެފޭއަށް ވަދެގެން ގޮސް ކައުންޓަރު ކައިރިއަށް މަޑުކޮށްލިއެވެ.

“ޒޯޔާ.” އަފްޒާ ގޮވާލުމުން ކައުންޓަރުގައި ރާޔާއަށް އިރުޝާދުތަކެއް ދޭން ހުރި ޒޯޔާ ބަލައިލިއެވެ.

“އާދެ، ބުނުއްވާ. ކޮން އެއްޗެއްތޯ ބޭނުންފުޅުވަނީ؟” ޒޯޔާ ހިނިތުންވެލަމުން އަހާލިއެވެ.

“ނޫން. އެއްޗެއް ބޭނުމެއް ނޫން. ދެން ތިހެން މާތް ބަހުން ވާހަކަ ނުދެއްކިޔަސް ރަނގަޅުވާނެ.” އަފްޒާ ހިނިތުންވެލަމުން ބުނެލުމުން ޒޯޔާ ކުޑަކޮށް ހައިރާންވިއެވެ. ނުވެސް ދަންނަ މީހަކު އައިސް އޭނާގެ ކެފޭގައި އޭނައާ ވާހަކަ ދައްކަން އުޅެން ފެށުމުންނެވެ.

“ދެން؟”

“އަސްލު މިއައީ ޒޯޔާއަށް ދަޢުވަތެއް ދޭންވެގެން.” އަފްޒާ ބުނެލިއެވެ.

“ދަޢުވަތެއް؟ ކޮންކަހަލަ ދަޢުވަތެއް؟” ޒޯޔާ ހައިރާންވެފައި ހުރި ނަމަވެސް ހިނިތުންވެލާފައި އެހިއެވެ.

“މިއަދަކީ އަޔާންގެ ގެލެރީ ހުޅުވާ ދުވަސް. ޒޯޔާ އައިސްފިއްޔާ އަހަރެމެން ވަރަށް އުފާވާނެ.” އަފްޒާ ވަރަށް އުއްމީދާއެކު ބުންޏެވެ.

“ތި ދިން ދަޢުވަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު މިއަދު ދެވޭނެހެނެއް ހިއެއްނުވޭ. އަސްލު މިއަދު ކެފޭއަށް އާދެވުނީ ވަރަށް ލަހުން. އަދި ވަރަށް ގިނަ މަސައްކަތްވެސް އެބަހުރި. އެހެންވެ އަވަހަށް ދާންވެސް އެބަޖެހޭ. ވަރަށް ބޮޑަށް މާފަށް އެދެން.” ޒޯޔާ ބުނީ އެވަރަށެވެ. އޭނާ ޖަވާބުދިނީ ތެދަށް ނަމަވެސް އޭނާ ނުބުނާ އިތުރު ސަބަބުތަކެއްވެސް ހުއްޓެވެ.

“އެހެންވީމަ ނާދެވޭނެ ދޯ؟” އަފްޒާ ކުޑަކޮށް ދެރަވެފައި އެހިއެވެ. ޒޯޔާ އިސްދަށަށް ޖަހާލިއެވެ.

“ޒޯޔާ. އަހަންނަށް އެނގޭ ބައެއް ފަހަރު އަޔާން ޒޯޔާއާމެދު ވަރަށް ތަފާތުކޮށް ކަންތައް ކުރިކަން. އެކަމަށްޓަކައި އަހަރެން މާފަށް އެދެން. މިއަދަކީ އަޔާންއަށް ވަރަށް ބޮޑު ދުވަހެއް. އަނެއްކޮޅުން ޒޯޔާއަކީ..” އަފްޒާއަށް ބުނެވެން އުޅެނީ މިވަގުތަށް ރަނގަޅު ވާހަކައެއް ނޫންކަން އެނގުމުން އަވަހަށް ވާހަކަ ހުއްޓާލިއެވެ. ނަމަވެސް ޒޯޔާގެ ސަމާލުކަން އެންމެ ފަހުން އަފްޒާ ބުނަން ފެށި ޖުމްލައަށް ހުއްޓުނެވެ.

“އަޅުގަނޑަކީ..؟” ޒޯޔާ އޮޅުންފިލުވަން ބޭނުންވެފައި އެހިއެވެ.

“އަހަރެން ބުނަން އުޅުނީ މިހާރު ތި ދެމީހުންނަކީ އަވަށްޓެރިންނޭ. ބޭނުންވިޔަސް، ނުވިޔަސް ކޮންމެ ދުވަހަކު އެކަކު އަނެކަކާ ދިމާވެ ފެންނާނެ. އެހެންވީމަ އަހަރެން ދެކޭގޮތުގައި ދެމީހުންގެ ގުޅުން ރަނގަޅުވުން މާ ރަނގަޅުވާނެ. ކޮންމެއަކަސް ޒޯޔާ އައިސްފިއްޔާ އަހަރެމެން ވަރަށް އުފާވާނެ.” އަފްޒާ އެންމެ ފަހު ފަހަރަށް ބުންޏެވެ. ޒޯޔާގެ ފަރާތުން އާނބަސް ލިބޭނެ ކަމަށް އޭނާ އުއްމީދުކުރިއެވެ.

“އެންމެ ރަނގަޅު. އަޅުގަނޑު މަސައްކަތް ކުރާނަން ދެވޭތޯ.” ޒޯޔާ ކުޑަކޮށް ވިސްނާލާފައި ހިނިތުންވެލަމުން އަފްޒާ މާޔޫސްނުވާނެ ކަހަލަ ޖަވާބެއް ދިނެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ – ތިންވަނަ ބައި

އަފްޒާ ގަޑި ބުނެލަމުން ކޮންމެހެންވެސް އާދެވޭތޯ ބަލައްޗޭ ބުނެފައި ދާން ހިނގައިގަތެވެ. ޒޯޔާ ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ޒޯޔާ ވިސްނާލިއެވެ. އެ ރަތް ޓީޝާޓު ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާގެ ފަހަރި ހާދަ ހިތްހެވެވެ. އޭނާ ގާތު ސީދާ ދާނެ ވާހަކަ ނުބުންޏަސް ދެވޭތޯ ބަލާނަމޭ ބުނެވިއްޖެއެވެ. ދެން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

ޒޯޔާ ވިސްނަން އިންދާ ފައިސަލް ގުޅިއެވެ. ފައިސަލް އޭނާގެ ހާލުއަހުވާލު އޮޅުންފިލުވައި ކެފޭގައި ކަންތައްތައް ރަނގަޅުތޯއާއި އެކިއެކި ސުވާލުތައް ކުރިއިރު ޒޯޔާގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބެއެވެ. އާނހޫނ ކަހަލަ ކުރުކުރު ޖަވާބުތަކެއް ލިބެމުން ދާތީ ޒޯޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ފައިސަލްއަށް އެނގުނެވެ.

“ޒޯޔާ. ކިހިނެއްވީ މާ ބަސްމަދުވެފައި؟ ކަމެއް ވީތަ؟” ފައިސަލް އެހިއެވެ.

“ނޫން. އަނެއްހެން މާބޮޑު ކަމެއް ވީކީ ނޫން. ކަމަކާމެދު ވިސްނާލަނީ.” ޒޯޔާ ދޮގު ހަދާކަށް ނޫޅެއެވެ. އޭނާ ބުނީ ތެދަށެވެ.

“ހީވެއްޖޭ އެހެން. ކޮންކަމަކާ ތި ވިސްނަނީ؟ އެހާ ބޮޑަށް ވިސްނާކަށް ނުވާނެ. މާ އަވަހަށް މުސްކުޅިވެދާނެ.” ފައިސަލް ސަމާސާ ކޮށްލިއެވެ.

“ހަހަހަ ވަރަށް މަޖާ.” ޒޯޔާ ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.

“ހޫމް. ދެން ބުނެބަލަ. ކޮންކަމަކާއޭ ތި ސިކުނޑި ހޫނުކުރަނީ؟” ފައިސަލް އެހިއެވެ.

“ދެންމެއަކު އެ ރަތް ޓީޝާޓުގެ ފަހަރި އައި. އޭނަގެ އާޓް ގެލެރީ މިއަދު ހުޅުވާތީ ދަޢުވަތު ދޭންނޯ. ފައިސަލް. އެމީހުން ބޭނުންވަނީ އަހަރެން އެ ހަފުލާއަށް ދާން.” ޒޯޔާ ދެއްކި ވާހަކަތައް ފައިސަލް ވަރަށް ކަނުލައި އަޑުއެހިއެވެ.

“ދެން ޒޯޔާ ކޮން ގޮތަކަށް ނިންމީ؟ ދާނަންތަ؟” ފައިސަލް އެހިއެވެ.

“އަދި ގޮތެއް ނުނިންމަން. އޭނަގެ ފަހަރި ވަރަށް ހިތްހެޔޮ. އެނގޭތަ؟ އޭނަ ނުވެސް ކުރާ ކަމަކަށް އަހަރެން ކިބައިން މާފަށްވެސް އެދުނު. އެކަމަކު މައްސަލައަކީ އެ ރަތް ޓީޝާޓު. އަހަރެން އެތަނަށް ދިޔައިމަ އޭނަ ކަންތައް ކުރާނެ ގޮތެއްވެސް ނޭނގެ.” ޒޯޔާ ވާހަކަ ދެއްކީ ފައިސަލްގެ ލަފައަކަށް ބޭނުންވާ ފަދައިންނެވެ.

“ޒޯޔާ. އެމީހުން އެހާ ރަނގަޅަށް އެކުވެރިކަމުގެ އަތެއް ދިއްކުރީމަ އެކަން ޤަބޫލުކުރަންވާނެ. އަހަރެން ޒޯޔާގެ މަގާމުގައި ހުރިނަމަ ހަމަ ގައިމުވެސް އަހަރެން ދާނަން. އަދި އަނެއްކޮޅުން އަވަށްޓެރިންނާ އެކުވެރިކަން ބޭއްވުމަކީ މުހިންމުވެސް ކަމެއް.” ފައިސަލް ބުންޏެވެ.\

“ފައިސަލް ތިބުނީ ރަނގަޅު ވާހަކައެއް. އެކަމަކު މަންމައަށް އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެ.” ޒޯޔާގެ އެންމެ ބޮޑު ކަންބޮޑުވުން ހާމަކުރިއެވެ.

“ޒޯޔާ. ޒޯޔާއަކީ މިހާރު ކަންތައްތައް އަމިއްލައަށް ނުނިންމޭވަރުގެ ކުޑަކުއްޖެއް ނޫން. ތީ ޒިންމާދާރު، ވަރަށް ހިތްވަރުގަދަ، ވަރަށް ރަނގަޅު ކުއްޖެއް. މަންމަ ގާތު ހުރިހާ ވާހަކައެއް ބުނުން މަޖުބޫރެއް ނޫން. އަދި އެއީ އެކަމެއްގެ ސަބަބުން މަސްލަހަތު ގެއްލިދާނެ ކަމަކަށް ވާނަމަ އެކަން ސިއްރުކުރަންވެސް ވާނެ.” ފައިސަލް ޒޯޔާގެ ނުތަނަވަސްކަން ފިލުވައިދިނުމަށް މަސައްކަތްކުރިއެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 22

“އެންމެ ރަނގަޅު. އަހަރެން ދާނަން.” ފައިސަލްއާ ވާހަކަ ދައްކާލުމަށްފަހު ޒޯޔާ ފޯނު ބޭއްވިއިރު އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

**********

ހަވީރުގެ ވަގުތު ގެލެރީ ހުޅުވުމަށްޓަކައި ކުޑަކުޑަ ހަފުލާއެއް އޮތެވެ. އަފްޒާ ބުނި ގަޑިއަށް ޒޯޔާ އެތަނަށް ދިޔައެވެ. ޒޯޔާ ފެނުމާއެކު އަފްޒާ އޭނާ ގާތަށް އައެވެ. އަދި ވަރަށް ހިތްހެޔޮކަމާއެކު ވާހަކަދެއްކިއެވެ. ޒޯޔާއަށް އަފްޒާއަށް “މެޑަމް” އޭ ކިޔައި މުޚާތަބުކުރާތީ އަފްޒާއަށް އެކަން ކަމަކު ނުދިޔައެވެ.

“ކޮން މެޑަމްއެއްތަ؟ ފުރަތަމަ ކަމަކަށް ތި މެޑަމް ކިޔުން ހުއްޓާލަބަލަ.” އަފްޒާ ހިނިތުންވެލަމުން ބުނެލިއެވެ.

“ދެން އަޅުގަނޑު ކިޔާނީ ކީކޭ؟” ޒޯޔާ އެހިއެވެ.

“ފަހަރި ކިޔިދާނެ. މިތަނުގައި އެންމެންވެސް އަހަންނަށް ކިޔަނީ އެހެން. އަޔާން އާއި ނަތާޝާވެސް. އެހެންވީމަ ޒޯޔާވެސް އެހެން ކިޔައިފިއްޔާ އަހަރެން ވަރަށް އުފާވާނެ.” އަފްޒާ ހިނިތުންވެލަމުން ބުންޏެވެ.

“އެންމެ ރަނގަޅު މެޑަމް. ހެހެ ސޮރީ. ފަހަރި.”

އެ ކުޑަކުޑަ ހަފުލާގައި އަފްޒާ އެންމެ އިރުކޮޅަކުވެސް ޒޯޔާއާ ދުރަކަށް ނުދެއެވެ. ލިބުނު ހަނި ފުރުސަތުގައި އޭނާ ބޭނުންވީ ވީހާވެސް ގިނަ ވަގުތު ޒޯޔާއާއެކު ހޭދަކުރާށެވެ. ވޭތުވެދިޔަ ހުރިހާ ދުވަހެއްގެ ދުރުކަން އެއްފަހަރުން ނައްތާލަން އުޅޭ ކަހަލައެވެ.

ހަފުލާ ނިމުމުން ޒޯޔާ ކެފޭއަށް ދިއުމަށް ހުއްދައަށް އެދުނެވެ. އަފްޒާ އޭނައާއެކު ބޭރަށް އައެވެ.

“ޒޯޔާ. އައިސްދިނީމަ ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް އުފާވެއްޖެ.” އަފްޒާ ހުރީ ހަޤީޤަތުގައިވެސް ވަރަށް އުފާވެފައެވެ.

“އަޅުގަނޑުވެސް ވަރަށް އުފާވެއްޖެ ތިހާ ރަނގަޅަށް ކަންތައް ކުރީމަ. ދެން އަޅުގަނޑު ދަނީ. ވަރަށް މަސައްކަތް އެބަހުރި.” ޒޯޔާ ހިނިތުންވެލަމުން ބުނެލިއެވެ. އަފްޒާވެސް އެތެރެއަށް ދާން ހިނގައިގަތެވެ.

އޭރު އަޔާން ހުރީ ގެލެރީ އެތެރޭގައި ދޮރުމައްޗަށް ވާގޮތަށް މީހަކާ ވާހަކަ ދައްކާށެވެ.

“ހޭއި ރަތް ޓީޝާޓް. ކޮންގްރޭޓްސް. އޯލް ދަ ބެސްޓް.” ޒޯޔާ އަޔާންއަށް ގޮވާލަމުން ބުނެލިއެވެ. އަޔާން ހިނިތުންވެލިއެވެ.

“ޝުކުރިއްޔާ.” އަޔާން ބުނެލިއެވެ.

އެއީ އަޔާންގެ ހިތުގެ އެންމެ ފުންމިނުން އަދާކުރި ޝުކުރެކެވެ. އެ ދެމީހުންގެ ދެމެދުގައި އެ ހުރިހާ ޒުވާބަކާ ހަމަނުޖެހުންތަކެއް ހިނގުމަށްފަހު ވެސް އޭނާގެ އެ ޚާއްސަ ދުވަހު އެކަމުގައި ބައިވެރިވުމަށް ޒޯޔާ އައި އައުން އޭނައަށް ވަރަށް ކަމުދިޔައެވެ. އެ ދެމެދުގައިވާ ނުތަނަވަސްކަން ފިލުވާލަންވީ ވަގުތު ޖެހުނީ ކަމަށް އޭނައަށް އިޙުސާސްވިއެވެ.

**********

ރޭގަނޑު ކެފޭ ބަންދުކޮށްފައި ޒޯޔާ ގެއަށް ދިޔައިރު އާފިޔާ އާއި ނަސީރު ސިޓިންރޫމުގައި ވާހަކަދައްކަން ތިއްބެވެ.

މިވެސް ކިޔާލަން:  ގުނަވަންތަ - ބާރަވަނަ ބައި

“ސަލާމް މަންމާ، ބައްޕާ.” ޒޯޔާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.

“ސަލާމް ދަރިފުޅާ.” ނަސީރާއި އާފިޔާވެސް ބުނެލިއެވެ.

“ކިހިނެއްވީ؟ މިއަދު ދަރިފުޅު މާބޮޑަށް އުފާވެފައި ހުރިހެން ހީވަނީ.” އާފިޔާގެ ޖާސޫސީ ދެލޮލުގައި އެކަން އަޅައިނުގަނެއެއް ނުދިޔައެވެ.

“އާނ މަންމާ. މިއަދަކީ ހަމަ ހަޤީޤަތުގައިވެސް ވަރަށް އުފާވެރި ދުވަހެއް.” ޒޯޔާ ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“ހަމަ ތެދެއް. އެއީ އަނެއްކާ ކޮން ކަމެއް ދިމާވީ؟ އަހަރެމެންނަށްވެސް ބުނެދީބަލަ.” އާފިޔާ ވަރަށް އެކަމާ ވެގެން އެހިއެވެ.

“އަނެއްހެން މާ ޚާއްސަ ކަމެއް ހިނގީކީ ނޫން. މިއަދު ވަރަށް ހިތްހަމަޖެހިގެން މަސައްކަތްކޮށްލެވުނީމަ.” އަޔާންގެ ގެލެރީގެ ވާހަކަ ސިއްރުކުރިއެވެ.

“އެ ގެލެރީ މީހާ އުނދަގޫ ނުކުރޭތަ މިއަދު؟” އާފިޔާ އެހިއެވެ.

“މަންމާ. އޭނަ އުނދަގޫ ކުރިނަމަ އަހަރެން މިހާ އުފަލުގައި ހުރީސްތަ؟ އެހެންވެޔޭ މިއަދު އެހާ ރަނގަޅު ދުވަހަކަށްވީ.” ޒޯޔާ އުފަލުން ބުނެލިއެވެ.

“މަންމާ. އަހަރެން މިހިރީ ވަރަށް ވަރުބަލިވެފައި. އަހަރެން މިދަނީ އިނގޭ ދެން ނިދަން. ގުޑް ނައިޓް މަންމާ، ގުޑް ނައިޓް ބައްޕާ.” ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ޒޯޔާ ސިޑިން އަރައިގެން ދިޔައީ މަޑުމަޑުން ލަވައެއްގެ ރާގު އަޅުވަމުންނެވެ.

ޒޯޔާ ގޮސް އޭނާގެ ކޮޓަރިއަށް ވަންނަތަން ބަލަން އިން އާފިޔާ ނަސީރާއި ދިމާލަށް އެނބުރުނެވެ.

“މިރޭ ޒޯޔާ އެހެރީ މާބޮޑަށް އުފާވެފައި. ލަވަވެސް ކިޔަމުން އެ ދިޔައީ. ކޮންމެވެސް ކަމެއް އެބައުޅޭ.” އޭނާގެ ޝައްކު ފޮށި ނަސީރުގެ ކުރިމަތީގައި ހުޅުވާލިއެވެ.

“އާފިޔާ. ހަމަޖެހިބަލަ. އަހަރެމެންގެ ދަރިފުޅު އުފަލުގައި ހުރީމަ އަހަރެމެންނަށް އެ ނިމުނީނު. އެއީއެއްނު އަހަރެމެން ބޭނުންވެގެން މި އުޅޭ ކަމަކީ.” ނަސީރު ބުންޏެވެ.

“އާނ. އޭނަ އުފަލުގައި ހުރުމަށްވުރެ އަހަރެމެންނަށް އެއްވެސް ކަމެއް މުހިންމެއް ނޫން. އެކަމަކު އޭނަ މީގެ ކުރިން މިހާ ބޮޑަށް އުފާވީ އަޔާންއާ ބައްދަލުވި ދުވަސްވަރު. މަދު ދުވަސްކޮޅެއްގެ ތެރޭގައި އަޔާން އޭނައާ ކައިވެނިކޮށް، އޭނަގެ މުޅި ދިރިއުޅުން ހިތާމައިގެ ތެރެއަށް ވައްޓާލީ. އަހަރެން ބޭނުމެއް ނޫން މި ހުރިހާ ކަމެއް އަލުން ތަކުރާރުވާކަށް. އަހަރެން އޭނަގެ ކޮންމެ ހަރަކާތެއް ވަރަށް ގާތުން އެބަ ބަލަން. ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ހިނގާ. އަހަރެންގެ ހިތް އޭނަގެ އުފަލުގައި ބައިވެރިނުވަނީ އެކަމުގެ ސަބަބުތަކެއް ހުރީމަ ނަސީރޫ.” އާފިޔާ ބުންޏެވެ.

ޒޯޔާ ނުބުންޏަސް ކޮންމެވެސް ކަމެއް ހިނގައިފިކަމަށް އޭނާގެ ހިތް އެބަ ބުނެއެވެ. މިކަން ވާގޮތެއް ވާނީ ބަލާށެވެ. އޭނާ ދެން ޒޯޔާ ގާތު އެކަމާ ބެހޭގޮތުން ސުވާލެއް ނުކުރާނެއެވެ. އޭނާގެ ހިތުގައި ރޭވުމެއް ރާވާލިއެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top