ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިވްރިޝާ – އެޕިސޯޑް 18

އޭނާއަށް ތަސްނީމަށް އަނިޔާއެއް ނުދެވޭނެއެވެ. އޭނާ ބޭނުންވަނީ ތަސްނީމް ރައްކާތެރިކުރާށެވެ. އައިމަން އޭނާގެ ކޮނޑުގައި އަތް ބާއްވާލަމުން ޔަގީންކަން ދިނެވެ.

“އަހަރެމެން ރޭވުމެއް ރާވާނަން ފާރޫޤް. މިވަގުތަށް ނާނާއަށް ދައްކަންވީ ކަލޭ އޭނާ މަރާލަން އުޅޭ ކަމަށް.”

އެ ޚިޔާލު ފާރޫޤަށް ވަރަށް ކަމުދިޔައެވެ. ހަނީނާއާއި ކުދިން އަލުން ސިޓިންގ ރޫމަށް އައެވެ. ފާރޫޤް އިރުކޮޅަކު އެކުދިންނާއެކު ކުޅެން އިނުމަށްފަހު، އެންމެންނަށް ސަލާމްކޮށްފައި އެގެއިން ނުކުތެވެ.

ނޮވެމްބަރު މަސް އައިސް ފާއިތުވެދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އިވްރިޝާ އާއި އޭނާގެ އާއިލާ އުޅުނީ އޭނާގެ ހުވަފެނީ ކައިވެނީގެ ތައްޔާރީތަކުގައި ކޮންމެ ދުވަހަކުވެސް ވަރަށް ބިޒީކޮށެވެ. ކައިވެންޏަށް ބާކީ އޮތީ އެންމެ ތިން ދުވަހެވެ.

ދުރުހިސާގައި ތިބި އޭނާގެ މަންމަގެ ފަރާތު ތިމާގެ މީހުން މިހާރު ތިބީ ރާއްޖެއަށް އައިސްފައެވެ. ބައްޕަގެ ފަރާތު އާއިލާ މީހުން މާ ގިނައެއް ނޫނެވެ. އިވްރިޝާ އެމީހުންނަށް ދައުވަތު ދޭން ބޭނުމެއް ނުވިއެވެ. ނަމަވެސް މަންމަ އޭނާއަށް ހަނދާންކޮށްދިނީ، އޭނާއަށް ދެރައެއް ދިނީ ބައްޕަ ކަމަށާއި، ބައްޕަގެ މުޅި އާއިލާ ނޫން ކަމަށެވެ.

މާމަ ހަލީމާގެ ގެ އޮތީ މީހުން ފުރި ބާރުވެފައެވެ. ބޮޑުދައިތައިންނާއި، ދެބެންގެ ދެދަރި ކުދިންނާއި، އާއިލާގެ ރަހުމަތްތެރިން އެންމެން ތިބީ އެކުގައި އުފާފާޅުކުރުމަށެވެ. ގެ މާ ބޮޑަށް ފުރުމުން ބައެއް މީހުންނަށް ޖެހުނީ ބޮޑުދައިތަ ރުޤައްޔާގެ ގެއަށް ބަދަލުވާށެވެ.

މަންމައަށް ހަމަޖެހިލައިގެން އިށީނދެލާނެ ވަގުތެއްވެސް ނުވެއެވެ. ކޮންމެވެސް ކަމެއްގައި މީހަކު އޭނާއަށް ގޮވާލާނެއެވެ. ކައިވެނި ކުރަނީ އޭނާއެއް ނޫނެވެ. އެކަމަކު ހީވަނީ ހަމަ އޭނާގެ ކައިވެނިހެންނެވެ.

އިވްރިޝާ އުޅުނީ އޭނާގެ ފުރާނަފަދަ ލޯބިވެރިޔާއާ ކުރަން އުޅޭ ކައިވެނީގެ އެންމެ ފަހުގެ ތައްޔާރީތައް ނިންމުމަށް ބޭރުގައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ އަރުމާނީ، އައްޑޫގައި ތިބި އާއިލާ މީހުން ގާތަށް ގޮސްފައި އެނބުރި އަތުވެއްޖެއެވެ.

އަޚީރާ، ޝިރާނީ، އަރުމާނީ، އަދި ޚަލީލްގެ ދެ ކޮއްކޮ—ތުފާ އާއި ނިމްލާގެ އިތުރުން އުމުރުން ދުވަސްވީ އެހެން ބައެއް ކުދިންނަކީ ބްރައިޑްސްމެއިޑުންނެވެ. އޭނާގެ ގިނަ ދެބެންގެ ދެދަރި ކުދިންނަކީ އިވްރިޝާއާ އެހާ ގާތް ކުދިންނެއް ނޫނެވެ. އެހެންކަމުން ކައިވެނީގެ ތެރެއިން އެކުދިން ދަސްކުރަން އޭނާ ނިންމިއެވެ.

“އިވްރިޝާ، އޭނާ ތައްޔާރު، ވަދެވިދާނެ،” އަދުނާނުގެ ބިއުޓީ ސެލޫންގައި މަސައްކަތްކުރާ ސްޓައިލިސްޓަކު ބުންޏެވެ. އިވްރިޝާ އިނީ އަޚީރާ، ޝިރާނީ، އަރުމާނީ، ތުފާ އަދި ނިމްލާއާއެކު ވެއިޓިން ހޯލް ގޮނޑިބަރީގައެވެ.

އަދުނާނުގެ ދީލަތިކަމުން އެ އެންމެންނަށް ހުރިހާ ހިދުމަތެއް ހިލޭ ލިބުނެވެ. ނޮވެމްބަރު މަސް ނިމުމުގެ ހަފްތާއެއް ކުރިން އިވްރިޝާ އެތަނަށް ދާން ފަށައިފިއެވެ. އޭނާގެ ހަންގަނޑު ވަނީ ކުޑަކުއްޖެއްގެ ހަންގަނޑު ފަދައިން އޮމާންވެފައެވެ. އިސްތަށިގަނޑު އޮންނަނީ ދޮވެ ސްޓައިލްކޮށްފައެވެ. ބޮޑުދައިތަ ނައިނާގެ ގޭގައި ހުންނަ އިރު ދުވާ މީރުވަސް އޭނާގެ ގައިން ދުވައެވެ. ބޮޑުދައިތަ ނައިނާ ހަނދާން އެބަހުރި ހެއްޔެވެ؟ އެއީ މަންމަގެ އެންމެ ހަގު ކޮއްކޮއެވެ.

ކައިވެނި ނިމެންދެން އިވްރިޝާ އާއި ބްރައިޑްސްމެއިޑުން ތިބޭނީ އެގޭގައެވެ. އެހެން ހުރިހާ ގެއެއް އޮތީ ފުރިފައެވެ.

އެ އަންހެން ކުދިން ސެލޫނަށް ވަދެ، ވަރަށް ފުރިހަމައަށް ހިދުމަތްތައް ހޯދިއެވެ. އެތަނުން ނުކުތްއިރު އެންމެން ތިބީ ވަރަށް ތާޒާވެފައެވެ.

“ދެން މިއަދަށް ނިންމާލާފައި ގެއަށް ދާންވީ ކަންނޭނގެ،” އާފުރެމުން އިވްރިޝާ ބުންޏެވެ. އޭނާ އެރީ ޝިރާނީގެ ކަޅު ކުލައިގެ ޓޮޔޯޓާ ވެންޒާ ކާރުގެ ފަހަތު ސީޓަށެވެ.

“ނޫން،” އަޚީރާ ބުންޏެވެ. އިވްރިޝާއަށް ނޭނގުނަސް، އެކުދިން ތިބީ ސަޕްރައިޒް ބްރައިޑަލް ޝަވަރ އެއް ރާވައިގެންނެވެ.

“ނޫނޭ؟” އިވްރިޝާ ހަައިރާންވެފައި އެހިއެވެ.

“އާނ،” ތުފާ ބުންޏެވެ. “މިއަދު އަހަރެމެން މި ކުޅެނީ ޑްރެސް އަޕް! އިވްރިޝާ ހުންނާނީ ކައިވެނީގެ އަޅައިގެން.”

“އެއީ ދެން އެނގޭ ކަމެއްނު،” ޝިރާނީ އިވްރިޝާއަށް ބަލާލަމުން ބުންޏެވެ. އޭނާ ހިތަށްއެރިއެވެ، އިވްރިޝާއަށް މިފަދަ ޕާޓީއެއް ހައްގު ހެއްޔެވެ؟ ބްރައިޑަލް ޝަވަރ ބާއްވަނީ މީގެ ކުރިން ކައިވެނި ނުކުރާ ކުދިންނަށެވެ. އިވްރިޝާއަކީ އެފަދަ ކުއްޖެއް ނޫނެވެ. އިވްރިޝާ ދޮގުތަކެއްގެ ތެރޭގައި އުޅޭއިރު، އާއިލާ އެންމެން އެ ހަގީގަތް ސިއްރުކުރާތީ ޝިރާނީ ހުރީ ހިތްހަމަނުޖެހިފައެވެ.

އަދި ޚަލީލް… ނިކަމެތި ޚަލީލެވެ. އޭނާއަށް ހައްގީ އެހެން މީހެއްގެ އަނތްބަކަށް ވެފައި ހުރި އަންހެނެއް ނޫނެވެ. އެހެންކަމުން މިއަދު ޕާޓީ ނިމުމުން، އިވްރިޝާއަށްވެސް ނޭނގޭ ހުރިހާ ހަގީގަތެއް ޚަލީލަށް ކިޔައިދޭން ޝިރާނީ ނިންމިއެވެ.

މިވެސް ކިޔާލަން:  ސާމިހާ - ދެވަނަ ބައި

އިވްރިޝާ ހުރީ އޮޅުންބޮޅުންވެފައެވެ. އެކުވެރިން މިހާ ތަފާތު ގޮތަކަށް އުޅެނީ ކީއްވެގެން ބާވައެވެ؟

އެހެންނަމަވެސް، އޭނާގެ އުފާވެރި މޫޑު ހަރާބުކުރަން ބޭނުން ނުވާތީ އެއްބަސްވިއެވެ. ޝިރާނީ ކާރުގައި ބާރަށް ލަވަ ޖަހައިގެން އެންމެން މަޖާކުރަމުން ދިޔައެވެ.

އެމީހުން ބޮޑުދައިތަ ނައިނާގެ އެޕާޓްމަންޓަށް ދިޔައިރު، ޕާޓީއަށް ދައުވަތު ދިން އެންމެން ތިބީ އައިސްފައެވެ. އިވްރިޝާ އަވަހަށް ތައްޔާރުވާން ވަނެވެ. މޭކަޕް ސްޓައިލިސްޓަކު އޭނާގެ މޭކަޕް ނިންމާލިއިރު، އޭނާ ފެންނަނީ ވަރަށް ރީތިކޮށެވެ. އޭނާގެ ހެދުންވެސް ގަޔަށް ވަރަށް ފިޓެވެ.

އެހެން އަންހެން ކުދިންވެސް ތައްޔާރުވުމުގައި ވަރަށް ބިޒީކޮށް އުޅުނެވެ.

ކޮޓަރި ތެރޭގައި އޮތީ ހަޅޭކާއި ސަމާސާއެވެ. އެންމެން ތައްޔާރުވެ ނިމިގެން ކާރަށް އެރިއެވެ. އިވްރިޝާ ފިޔަވައި އެހެން އެންމެން ތިބީ ޖީންސާއި ޓީޝާޓުގައެވެ. މި ޕާޓީއަކީ މަޖާކޮށްލުމަށް ބާއްވާ ޕާޓީއެކެވެ. މިއީ މާލިކްގެ ހިޔާލެކެވެ. އިވްރިޝާ ވަނީ ވަރަށް ގިނަ ހިތާމަތަކެއް ތަހައްމަލުކޮށްފައެވެ. އެހެންކަމުން މިއީ އޭނާއަށް ދިން ކުޑަ ހަދިޔާއެކެވެ.

އަންހެން ކުދިން މަޖާކުރަމުން ދިޔައިރު، ޚަލީލް އިނީ އޭނާގެ އެޕާޓްމަންޓުގައި ފުން ހިޔާލެއްގައެވެ. ޝިރާއާ ބައްދަލުވާން ފެށި ފަހުން އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ ކުރީގެ ލޯބިވެރިޔާ ޝިރާނީގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އާވަމުން ދިޔައެވެ.

އެމީހުން އުޅުނީ ވަރަށް އުފަލުގައެވެ. ކައިވެނިކޮށްގެން ބޮޑު ގޭގައި އުޅޭނެ ގޮތުގެ ހުވަފެންތައް ދެމީހުންވެސް ދެކުނެވެ. ނަމަވެސް ޚަލީލް ލަންކާއަށް ވަޒީފާއަށް ދާން ޖެހުމުން އެ ގުޅުން ކެނޑުނީއެވެ. ޝިރާނީގެ މަންމަ އެ ކައިވެންޏާ ދެކޮޅު ހެދީ ޚަލީލަކީ މުއްސަނދި މީހަކަށް ނުވާތީއެވެ.

ޚަލީލް އެނދުމައްޗަށް ވެއްޓިގަނެ، ފޯނުން ޝިރާގެ ނަންބަރަށް ބަލަން އިނެވެ. އޭނާ މި ކުރަނީ ރަނގަޅު ކަމެއް ހެއްޔެވެ؟ އިވްރިޝާ އަކީ އޭނާއަށް ވަފާތެރި ކުއްޖެކެވެ. އެކަމަކު އޭނާ މިވަނީ އިވްރިޝާއަށް ބޭވަފާތެރިވެފައެވެ. އެހެންނަމަވެސް، މިވަގުތު ޝިރާގެ އެހީތެރިކަން އޭނާއަށް ވަރަށް ބޮޑަށް ބޭނުންވެއެވެ. އެންމެ ފަހުން އޭނާ ޝިރާއަށް ގުޅިއެވެ.

ޕާޓީ ތެރޭގައި އިވްރިޝާ އިނީ އުފަލުން ރޮވިފައެވެ. އެކުވެރިން އޭނާއަށްޓަކައި މިހާ ބޮޑު ކަމެއް ކޮށްދިނީތީއެވެ. ހޯލް ތެރެ އޮތީ ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ.

“ދެން ހިނިތުންވެލަބަލަ،” ފަހަތުން މާލިކް އައިސް އިވްރިޝާގެ ކޮނޑުގައި ޖަހާލިއެވެ. މާލިކް މިހާރު އިވްރިޝާއަށް އާ ނަމެއްވެސް ކިޔައެވެ. އެތަނުގައި ތިބީ ގިނައިން އިވްރިޝާގެ އާއިލާ ކުދިންނެވެ. ފިރިހެނަކަށް ތިބީ މާލިކް އާއި ސަދީޤް އެކަންޏެވެ.

އަޚީރާ ބައެއް ގޭމްތައް ރާވާފައި ހުރުމުން އެންމެން އިށީނުމަށް އެދުނެވެ. ޝިރާނީގެ ފޯނު ކެނޑިނޭޅި ރިންގުވަމުން ދިޔަ ނަމަވެސް، ކޭކު ކެއުމަށް ގެއްލިފައި އިން ޝިރާނީއަށް އެކަމެއް ފާހަގައެއް ނުކުރެވުނެވެ.

އިވްރިޝާއަށް އެކަން ފާހަގަވެގެން ޝިރާނީއަށް ބުންޏެވެ. “ކަލޭގެ ފޯނު އެބަ ރިންގުވޭ.”

ޝިރާނީ މޫނަށް ގޮތެއް ހަދާލުމަށްފަހު އޭނާގެ އަތްދަބަހުން ފޯނު ނެގިއެވެ. އިވްރިޝާގެ ރަހުމަތްތެރިން އެތަން ފަރުމާކޮށްފައިވާ ގޮތް ފުރިހަމަކަމުން އޭނާ ހިތާހިތުން ތައުރީފުކުރިއެވެ. މާ ބޮޑު ގިނަ އެއްޗެހިތަކެއް ނެތް ނަމަވެސް، މޭޒުމަތީގައި އަޅާފައިވާ ފަށުވި ފޮތިގަނޑުތަކާއި ބިމުގައިވާ ކުލަކުލައިގެ ފުއްޕާހަންތަކުން އެތަނަށް ވަނީ ފުރިހަމަކަމެއް ގެނެސްދީފައެވެ.

“ހޭއި ޝިރާ، އަހަރެން މިވަގުތު ކަލޭ ބޭނުން،” ފޯނުގެ އަނެއްކޮޅުން އިވުނީ ޚަލީލްގެ އަޑެވެ. ޝިރާނީ ތުންފަތުގައި ދައިގަންނަމުން ހިނިތުންވެލިއެވެ. އޭނާ ޚަލީލްދެކެ ލޯބިވެއެވެ. އޭނާ އާއި ޚަލީލާ ދެމެދު އޮތީ ހުއްދަ ނޫން ގުޅުމެއް ކަމުގައި ވިޔަސް، އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުން ނަމަވެސް ޚަލީލް ހޯދާށެވެ.

“ހޭއި ބޭބް، އަހަރެން މިއަަންނަނީ އިރުކޮޅަކުން،” ޝިރާނީ ބުންޏެވެ.

ޚަލީލް ފޯނު ބޭއްވުމަށްފަހު ފުން ނޭވާއެއްލައި އެނދުމައްޗަށް ވެއްޓިގަތެވެ. ޝިރާ އޭނާއަށް ލޯބިން މުޚާތަބުކުރުމުން އޭނާއަށް އުނދަގޫވިއެވެ. އެކަކު އަނެކަކު ދެކެ ލޯތްބެއް ނުވެއެވެ. އަދި މިއަދަށްފަހު އޭނާ ޝިރާއާ ދުވަހަކުވެސް ބައްދަލެއް ނުކުރާނެއެވެ. ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އޭނާ ކައިވެނި ކުރާނެއެވެ. އޭގެ ފަހުން އޭނާގެ ހުރިހާ ބޭނުންތަކެއް އިވްރިޝާ ފުއްދައިދޭނެއެވެ. އަދި އޭނާ އެހެން އަންހެނަކާ އެކު އުޅުނުކަން އިވްރިޝާއަށް ދުވަހަކުވެސް ނޭނގޭނެއެވެ.

އޭނާ ތެދުވެ ފާހާނާއަށް ދާން އުޅެނިކޮށް ފޯނަށް އިވްރިޝާ ފޮނުވި ފޮޓޯއެއް އައެވެ.

އޭނާ އެ ފޮޓޯ ބަލާލިއެވެ. “ޚަލީލް އަށް މި ޕާޓީއަށް ނާދެވުނަސް، މިތަނުގެ ތެރޭގައި އުޅޭހެން އިހުސާސްކޮށްދިނުމަށް ފޮޓޯއެއް މި ފޮނުވަނީ. މިއީ ޝިރާނީ އާއި އަހަރެން! މިހާރު ޚަލީލް އަށް އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ފެނިއްޖެ ދޯ. އޭނާ ވަރަށް ރީތި ދޯ؟”

މިވެސް ކިޔާލަން:  މާރވޭމްޕްސް -  ބާބު 06

ޚަލީލް އެ މެސެޖު ކިޔާ ނިމުނުއިރު ފޮޓޯ ލޯޑުވެއްޖެއެވެ. އެ ފޮޓޯ ފެނުމާއެކު އޭނާގެ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ. ހިތުގެ ތެޅުން އަވަސްވެ، ބިރުވެރިކަމެއް އިހުސާސްކުރެވުނެވެ.

ޝިރާނީ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޝިރާނީއެވެ. އެމީހުންގެ މެދުގައި އޮތީ ވަރަށް ފުރިހަމަ ލޯތްބެކެވެ. ނަމަވެސް ޝިރާނީގެ މަންމަ އެ ގުޅުމަށް ހުރަސްއެޅީއެވެ.

ޝިރާނީ މިހާތަނަށް އޭނާއަށް ފިލައިގެން އުޅުނީ އެހެންވެގެން ހެއްޔެވެ؟ ޚަލީލަކީ އިވްރިޝާގެ ބައިވެރިޔާކަން އެނގޭތީ، އޭނާ އާއި އިވްރިޝާގެ އެކުވެރިކަން ޚަލީލަށް އެނގިދާނެތީ ހެއްޔެވެ؟

“އެހެންތާ އެވީ!” ޚަލީލް އަމިއްލަ ނަފްސަށް ބުނެލިއެވެ.

ޝިރާނީ ޕާޓީ ދޫކޮށް އަވަހަށް ނުކުތީ އޭނާގެ “ބޭބީ” ގާތަށް ދާށެވެ. އޭނާ ކާރުގައި އޮތް ބާރު ޖީންސަކާއި ކްރޮޕް ޓޮޕެއް ލިއެވެ. އަދި އޭނާގެ މޫނު ނިވާކުރުމަށް އަބަދުވެސް ބޭނުންކުރާ ދާގަނޑު (ނެޓް) އެޅިއެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖެއްސިއެވެ.

އޭނާ ޚަލީލްގެ ދޮރުމައްޗަށް ދިޔައިރު ހުރީ ވަރަށް ބޮޑަށް ހިތް އަވަސްވެފައެވެ.

“ހޭއި ޚަލީލް،” އޭނާ ލޯބިވެތި ގޮތަކަށް ބުންޏެވެ. ޚަލީލް އޭނާގެ ގައިގައި ބައްދާލިއެވެ.

“ޝިރާ، މިއަދު އަހަރެން ކުރީ ރޭގަ ހެން ނޫޅޭނަން،” ޚަލީލް ލާނެއް ގޮތަކަށް ބުންޏެވެ.

“މަށަށް ވަރިހަމަ،” ޝިރާނީ ޖަވާބު ދިނެވެ.

އެ ދެމީހުން އެމީހުންގެ އަމިއްލަ ދުނިޔޭގައި އުޅުނުއިރު، އިވްރިޝާ އާއި އޭނާގެ އާއިލާ ތިބީ ޕާޓީގައި ވަރަށް މަޖާކުރުމުގައެވެ. ޝިރާނީ ދިޔަތާ އިރުކޮޅެއް ފަހުން ހަމްޒާވެސް އަތުވެއްޖެއެވެ. އިވްރިޝާ ހުރީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް ތަޖުރިބާކުރާށެވެ.

“ޝުކުރިއްޔާ އެންމެންނަށް! މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް!” ބާރަށް ޖަހާފައިވާ މިއުޒިކްގެ ތެރެއިން އިވްރިޝާ ހަޅޭއްލަވައިގަތެވެ.

“ޝިރާ…” ޚަލީލް ވަރުބަލިވެފައިވާ އަޑަކުން ބުންޏެވެ. “މިއީ ހަމަ ހައިރާންވާ ފަދަ ވަގުތުކޮޅެއް.”

ޝިރާނީ ހިނިތުންވެލިއެވެ. “ބޭނުން ނަމަ ދެވަނަ ފަހަރަށްވެސް ކުރިއަށް ގެންދެވިދާނެ.”

ޚަލީލް އޭނާގެ ހަށިގަނޑުން ދާ ފޮޮހެލުމަށްފަހު އޭސީ ބާރުކޮށްލިއެވެ. އޭނާ ތެދުވެ ޖީންސް ލިއެވެ. “އަހަރެން ވާހަކައެއް ބުނަން އެބައޮތް.”

ޝިރާނީ ހައިރާންވެފައި އަހާލިއެވެ. “ކޮން ވާހަކައެއް؟”

“އަހަރެން ހޮނިހިރު ދުވަހު ކައިވެނި ކުރަން، އެހެންވީމާ މީގެ ފަހުން މިކަން ކުރިއަކަށް ނުގެންދެވޭނެ،” ޚަލީލް ހިނިތުންވެލަމުން ބުންޏެވެ.

ޝިރާނީގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ރޯވިއެވެ. “ކައިވެނި ކުރަނީއޭ؟ ނޫން ޚަލީލް، ޚަލީލް އަކަށް ކައިވެންޏެއް ނުކުރެވޭނެ.”

ޝިރާނީ އެނދުން ތެދުވެ އޭނާގެ ހެދުންތައް ލާން ފެށިއެވެ. އަދި މޫނުގައި އޮތް ދާގަނޑު ނެގިއެވެ.

“ކީކޭ ތި ބުނީ؟” ޚަލީލް އެހިއެވެ.

“އެ މީހަކީ މިއީ! ޝިރާނީ އަލް ރަބާހް!” އޭނާގެ މޫނު ދައްކާލަމުން ބުންޏެވެ.

“ޔާﷲ،” ޚަލީލަށް ލިބުނު ސިހުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ވަރަށް ބޮޑަށް ހޫނުވާން ފެށިއެވެ.

“އާނ ޚަލީލް. ކަލެއަށް ހީވެސް ނުކުރެވޭނެ ދޯ؟” ޝިރާނީ މަލާމާތުގެ ރާގަކަށް ބުންޏެވެ.

“އަހަރެން ހީކުރީ ކަލޭ އަހަރެންގެ ހަޔާތުން ބޭރުވެއްޖެ ކަމަށް! އަހަރެން ބުނީމެއްނު ދުރަށް ދާން!” ޚަލީލް މަޑުމަޑުން ބުންޏެވެ.

“ދުރަށް ދާނީ ކިހިނެއް؟ އަހަރެން ޚަލީލް ދެކެ ލޯބިވާއިރު؟”

“ނޫން! އަހަރެން ކަލޭދެކެ ލޯތްބެއް ނުވަން! އަހަރެން ލޯބިވަނީ އިވްރިޝާދެކެ! އެއީ އަހަރެންގެ އަންހެނުން!”

ޝިރާނީ ބާރަށް ހޭން ފެށިއެވެ. “މަޑުކޮށްބަލަ. އޭނާއަކީ އަދި ކަލޭގެ އަންހެނުންނެއް ނޫން. އަދި ދުވަހަކުވެސް ނުވާނެ.”

“ކަލެއަށް ކީއްވެ ހީވަނީ އަހަރެން އޭނާއާ ކައިވެނި ނުކުރާނެހެން؟”

“އަހަރެން،” ޝިރާނީ އޭނާއާ ގާތަށް ޖެހިލަމުން ބުންޏެވެ. “އަހަރެމެން ކުރި ހުރިހާ ކަމެއް އެންމެންނަށް ކިޔައިދޭނަން.”

ޚަލީލްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. “ކަލޭގެ އަތަކު އެއްވެސް ހެއްކެއް ނެތް!”

ޝިރާނީ އޭނާގެ ފޯނު ނެގިއެވެ. “އެބައޮތް. އަހަރެންގެ އެ ދާގަނޑުގައި ކެމެރާއެއް ހަރުކޮށްފައި ހުރި. އަހަރެމެން އެކުގައި އުޅުނު ހުރިހާ ވަގުތެއް މީގައި އެބަހުރި!”

“ކަލެއަށް ކިހިނެއްވެގެން ތި ތެޅެނީ؟!” ޚަލީލް ހަޅޭއްލަވައިގަތެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެ ބޮލުގައި އަތް އެޅިއެވެ.

“ޚަލީލް، އަހަރެން ޚަލީލް ދެކެ ލޯބިވޭ. ޚަލީލް އަކީ އަހަރެންގެ މީހެއް. އަހަރެމެންނަށް އެކުގައި އުޅެވިދާނެ،” ޝިރާނީ މަޑުމައިތިރިކަމާއެކު ބުންޏެވެ.

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 22

“އަހަރެންނަކީ ކަލޭގެ މީހެއް ނޫން!” ޚަލީލް ދަތްކުނޑިވިކާލަމުން ބުންޏެވެ.

“ބޭބީ ހަޅޭއްނުލަވާ. އިވްރިޝާއަށްވުރެ މާ އުފަލުގައި އަހަރެން ޚަލީލް ބައިންދާނަން،” ޝިރާނީ އޭނާއާ ގާތަށް ދިޔައެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ޝިރާނީ ބަލަމުން ދިޔައެވެ.

ޚަލީލް ހުރީ ސިހިފައި ބިރުގަނެފައެވެ. އޭނާ ދިޔައީ ބާރަށް ނޭވާލަމުންނެވެ. އޭނާގެ ހާމައަށް އޮތް މޭމަތި ދިޔައީ އަވަސްއަވަހަށް ތެޅެމުންނެވެ.

“ކަލޭގެ އަމިއްލަ ނަފްސު އިވްރިޝާއާ އަޅާނުކިޔާ!” ޚަލީލް ހަޅޭއްލަވައިގަތެވެ. “ކަލެއަށް ދުވަހަކުވެސް އޭނާއާ އެއްވަރެއް ނުވެވޭނެ!”

ޝިރާނީ ބިންމަތީގައި ފައި ޖަހަމުން ހަޅޭއްލަވައިގަތެވެ. “ކަލެއަށް އެ މޮޔަ މީހާގެ ކިބައިން ފެންނަނީ ކޮން އެއްޗެއް؟!”

“އޭނާއާ ބެހޭގޮތުން އެއްވެސް ގޯސް ވާހަކައެއް ނުބުނާތި! ކަލޭ މިހުރިހާ ކަމެއް ކުރީ އަހަރެން އޭނާއާ ކައިވެނިކުރުން ހުއްޓުވަންތަ؟ ކަލޭގެ އަމިއްލަ އަބުރު ގެއްލުވާލައި، މި ގޯސް ކަންތައްތައް ކުރީ ހަމައެކަނި އިވްރިޝާއާ އަހަރެން ކައިވެނިކުރުން ހުއްޓުވަންތަ؟” އޭނާގެ އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ޚަލީލް އެހިއެވެ. “ގަބޫލުކުރަންވެސް ދަތި.”

“އާނ ޚަލީލް. އެއީ އަހަރެން ޚަލީލް ދެކެ ލޯބިވާތީ. އަދި އިވްރިޝާއަކީ ޚަލީލް އާ އެކަށީގެންވާ މީހެއް ނޫން.”

ޚަލީލް މަލާމާތުގެ ހިނިތުންވުމެއް ވެލިއެވެ. “އޭނާ މިކަމުގެ ތެރެއަށް ނުވައްދާ.”

“އަހަރެން ވައްދަން ޖެހޭނެ. ލަސްވިޔަސް އަވަސްވިޔަސް އޭނާއަށް އެނގޭނެ.”

“އޭނާއަކަށް ނޭނގޭނެ!” ޚަލީލް ކުރިއަށްވުރެ ބޮޑަށް ރުޅިއައިސްފައި ބުންޏެވެ.

“އޭނާއަށް އެނގޭނެ ޚަލީލް، އަހަރެންނަށް އިތުބާރުކުރޭ!”

“ކަލޭ ކަހަލަ އޮޅުވާލާ މަކަރުވެރިއަކަށް އިތުބާރުކުރުމުން މާތްﷲ އަހަރެން ސަލާމަތްކުރައްވާށި! މިހާރު ހަތަރު އަހަރު ވެއްޖެ! އޭނާއަށް އެނގެން އޮތް ނަމަ މާ ކުރިންވެސް އެނގުނީސް،” ޚަލީލް ބުންޏެވެ.

ޝިރާނީ އެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދީ ބުންޏެވެ. “ކޮންމެއަކަސް އަހަރެންނަށް ވަރިހަމަ. އެކަމަކު މިއީ އިންޒާރެއް ޚަލީލް. ހޮނިހިރު ދުވަހުގެ ކުރިން ކައިވެނި ރޫޅާލާ. ނޫނީ އަހަރެން އަމިއްލައަށް އެކަން ކުރާނަން.” އޭނާގެ ކަޅު ކުލައިގެ ދެލޮލުން ފެންނަނީ ނުލަފާކަމާއި ހަސަދަވެރިކަމެވެ.

“ޝިރާނީ، އާދޭސްކުރަން އަހަރެންނަށް ތިހެން ނުހަދާ. އަހަރެން އޭނާދެކެ ލޯބިވޭ.”

“އަދި އަހަރެން ޚަލީލް ދެކެ ލޯބިވޭ. މަށަށް ޚަލީލް ނުލިބޭ ނަމަ އެހެން މީހަކަށްވެސް ނުލިބޭނެ.”

ޚަލީލް ތެދުވިއެވެ. “އެހެންވީމާ މިތަނުން ނުކުމެގެންދޭ!”

އޭނާގެ ހިތަށް ލިބިފައިވާ ތަދާއި ހިތާމަ ބަޔާންކުރާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ޝިރާނީ މިތަނުން ނުކުންނަން އޭނާ ބޭނުންވީ އަމިއްލަ ކުށްތަކާ މެދު ވިސްނާލާށެވެ. މިކަމުގެ ޒިންމާ އުފުލަންޖެހޭނީ ހަމައެކަނި އޭނާއެވެ.

“އަދި އެހެން ކަމެއްވެސް އެބައޮތް ޚަލީލް،” ޝިރާނީ އެތަނުގައި މަޑުޖެހިލަމުން ބުންޏެވެ. އޭނާގެ ދެއަތް ކުރިއަށް ލައިގެން ހުރިއިރު، ހަގީގަތުގައިވެސް އޭނާ ހުރީ ކަންބޮޑުވެފައިވާ ކަހަލަ ގޮތަކަށެވެ.

“ކޮން ކަމެއް؟” ޚަލީލްގެ ކެތްތެރިކަން ކޮޅުންލައިފިއެވެ.

“އަހަރެން އިނީ ބަލިވެ،” ޝިރާނީ ބުންޏެވެ.

ޚަލީލް ވަގުތުން އޭނާއާ ދިމާލަށް އެނބުރުނެވެ. “ވަރަށް މަރުހަބާ!” އޭނާ އަތްޖަހަމުން ބުންޏެވެ.

“ކީކޭ ތި ބުނީ؟ މިއީ ކަލޭގެ ދަރިއެއް!” އޭނާ ހަޅޭއްލަވައިގަތެވެ.

“ނޫން! ކަލޭ އަހަރެންގެ ލޯބިވެރިޔާއާ ކައިވެނިކުރުން ހުއްޓުވާފައި، މިހާރު ތި ބުނަނީ ތިއީ އަހަރެންގެ ދަރިއެކޭތަ؟” ޚަލީލް މަލާމާތްކުރިއެވެ. ގަބޫލުކުރަންވެސް ދަތި ކަމެކެވެ.

“އަހަރެން ކަލޭ ނޫން އެހެން މީހަކާއެކު ނޫޅެން! އަހަރެމެން ފުރަތަމަ އެކަން ކުރިއިރު އަހަރެންނަކީ ސާފުސީދާ އަންހެން ކުއްޖެއް!”

“ކަލޭ އަހަރެން ނޫން ކިތައް ފިރިހެނުންނާއެކު އުޅުނުކަމެއް ކާކަށް އެނގެނީ؟”

ޚަލީލް މިކަން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ދަރިއެއް؟ ހަރާމް ދަރިއެއް؟ އޭނާގެ މައިންބަފައިންނަށް މިކަން އެނގިއްޖެ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ މުޖުތަމައު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އިވްރިޝާގެ އަށް ވާނީ ކޮން ގޮތެއް ހެއްޔެވެ؟

‘ޝިރާނީއާއެކު އެކަން ކުރުމުގެ ކުރިން ތި ހުރިހާ ކަމަކާ މެދު ނުވިސްނީ ކީއްވެ؟’ އޭނާގެ ހިތަށް އެރިއެވެ.

“ކަލޭ ބޭނުން ނަމަ އަހަރެން ޑީއެންއޭ ޓެސްޓެއް ހަދަންވެސް ތައްޔާރު!” ޝިރާނީ ބާރަށް ބުނުމަށްފަހު، އޭނާގެ ތަކެތި ހިފައިގެން ގެއިން ނުކުމެގެން ދިޔައެވެ.

“އަހަރެންގެ ހަޔާތް ބަރުބާދުވެއްޖެ،” ޚަލީލް އަމިއްލަ ނަފްސަށް ބުނެލިއެވެ. އޭނާގެ ލޮލުން ފޭބި ކަރުނައިގެ ރަހަ އޭނާގެ ދުލަށް އިހުސާސްވަމުން ދިޔައެވެ.

— ނުނިމޭ —

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top