މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސް އިން އަލަށް ގެނެސްދޭ އިންޑިއާގެ އާއިލީ ކޮމެޑީ ސީރީޒް “ޗުމްބަކް” ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. އިންޑިއާގެ އަވަށްޓެރި މާހައުލެއްގައި ހިނގާ މަޖާ އަދި ޝައުޤުވެރި ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ސީރީޒް ސްޓްރީމް ކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
މި ސީރީޒަކީ މަޤުބޫލު ކޮމެޑީ ޝޯވތައް ކަމަށްވާ “ސާރާބާއީ ވާސަސް ސާރާބާއީ” އަދި “ކިޗްޅީ” ގެނެސްދިން ހެޓްސް އޮފް ޕްރޮޑަކްޝަންސްގެ އުފެއްދުމެކެވެ.
“ޗުމްބަކް” ގެ ވާހަކަ ބިނާވެފައިވަނީ އިންޑިއާގެ މުމްބާއީގެ ޗެމްބޫރުގައި ހުންނަ “ޗުމްބަކް ކޮލޮނީ” ގެ އެކި އާއިލާތަކުގެ ދިރިއުޅުމުގެ މައްޗަށެވެ. އަވަށްޓެރިންނަކީ އަމިއްލަ އާއިލާ ފަދަ ބަޔަކަށް ވެގެންދާ ގޮތާއި، ގޭތެރޭގައި ދިމާވާ ކުދިކުދި މައްސަލަތައް މުޅި އަވަށުގެ ބޮޑު މައްސަލައަކަށް ބަދަލުވެގެންދާ ގޮތް މި ސީރީޒުން މަޖާ ގޮތަކަށް ދައްކުވައިދެއެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ކޮލޮނީގައި ދިރިއުޅޭ ދެމަފިރިއަކު ވަރިވާން ނިންމާ ހިސާބުން، މުޅި އަވަށުގެ މަސްރަހު އެފުށްމިފުށަށް ޖެހި ބޮޑެތި ހަމަނުޖެހުންތަކާއި މަޖާ ކަންތައްތަކެއް ހިނގަން ފަށައެވެ.
މި ސީރީޒްގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ބޮލީވުޑް އަދި ޓީވީ ދާއިރާގެ މަޝްހޫރު ތަރިންނެވެ. އޭގެ ތެރޭގައި ނީނާ ގުޕްތާ، ދޭވަން ބޯޖާނީ، އަމީރާ ދަސްތޫރު، އަނަންތު ވީ ޖޯޝީ، ސުމީތު ވިޔާސް، މާންސީ ޕަރޭކް، އަރުޖުން ބިޖްލާނީ، ހެލީ ޝާހް، ސުމީތު ރަގްވަން އަދި ސަންދީޕާ ދާރު ހިމެނެއެވެ.
އާތިޝް ކަޕާޑިއާ ލިޔެ ޑައިރެކްޓް ކޮށްފައިވާ މި ސީރީޒްގެ ޕްރޮޑިއުސަރުންނަކީ ޖަމްނާދާސް މަޖޭތިއާ (ޖޭޑީ) އަދި އާތިޝް ކަޕާޑިއާއެވެ.
މި ސީރީޒާ ގުޅޭގޮތުން ޕްރޮޑިއުސަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ސީރީޒުން ދައްކުވައިދޭން ބޭނުންވީ އެއްވެސް ކަމަކީ އަމިއްލަ ޒާތީ ކަމަކަށް ނުވާފަދަ އަވަށްޓެރި މާހައުލުތަކުގެ ހަޤީޤީ ތަޖުރިބާ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގެ ގުޅުންތަކުގެ ތެރެއިން ހެއްވާ މަޖާ ކަންކަން ހޯދައި، އެފަދަ ވާހަކަތައް ކިޔައިދިނުމަކީ އަބަދުވެސް އެމީހުން ކުރާ ހިތްވާ ކަމެއް ކަމަށް އެ ދެ ޕްރޮޑިއުސަރުން ފާހަގަކުރިއެވެ.
