ދުޢާ
ފެރީގެ ތެރޭގައި ތިބީ މަދު ބަޔެކެވެ. އެންމެންވެސް ތިބީ ހިމޭނުންނެވެ. އާޝިޔާ ކުޑަދޮރު ކައިރީގައި އިށީނދެ، ތުރުތުރުލަމުންދިޔަ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނެވެ. އެއްވެސް ޚަބަރެއް ނެތެވެ. ކެތްތެރިކަން ކޮޅުންލައިގެން ހަމްދާންގެ މެސެޖުތައް އަލުން ކިޔާލިއެވެ. އެންމެ ފަހު މެސެޖަކަށް އޮތީ ގެއަށް އަންނާނެ ވާހަކައެވެ.
އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ. އޭނާ އަލުން ހަމްދާނަށް ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް އިވެނީ ފޯނު ނިއްވާލާފައިވާ ކަމުގެ މެސެޖެވެ. ދެން އޭނާ ގުޅީ އެންމެ ގާތް އެކުވެރިޔާ ޒޯޔާއަށެވެ. ޒޯޔާއަކީ އެ ހޮސްޕިޓަލުގެ ސީނިއާ ނަރުހެކެވެ. ނަމަވެސް ޒޯޔާވެސް ފޯނެއް ނުނަގައެވެ. އާޝިޔާ އޭނާގެ މައިންބަފައިންނަށާއި ބޭބެއަށްވެސް ގުޅިއެވެ. ނަމަވެސް އެންމެން ތިބީ ނިދާފައެވެ.
ބޭރުން ޖެހި ވިދުވަރާއެކު ކަނޑުގެ ބޮޑެތި ރާޅުތައް ފެނިގެންދިޔައެވެ. ފެރީ ވަރަށް ބާރަށް ތެޅެމުންދިޔައެވެ. އާޝިޔާ މަޑުމަޑުން ޤުރުއާނުގެ އާޔަތްތައް ކިޔަވަން ފެށިއެވެ.
އޭނާގެ ހަނދާނަށް އައީ ހަމްދާނާ ފުރަތަމަ ދިމާވި ދުވަހެވެ. އެއީ މީގެ އަހަރުތަކެއް ކުރިން ހިނގި ފެންބޮޑުވުމެއްގެ ތެރޭގައި އެހީތެރިވުމުގެ މަސައްކަތުގައެވެ. ހަމްދާންގެ އެ ހިތްހެޔޮ ހިނިތުންވުމަކީ އޭނާއަށް އެންމެ ފުރަތަމަވެސް ފާހަގަވި ކަމެވެ. ކައިވެންޏަށްފަހުވެސް ހަމްދާން ބަދަލެއް ނުވެއެވެ.
ފެރީ ބަނދަރަށް ކައިރިކުރި އަޑަށް އޭނާ ސިއްސައިގެން ދިޔައެވެ. ބަނދަރުމަތީގައި ފުލުހުންގެ ލޮރީއެއް އޮތެވެ. އަންހެން ފުލުހަކު ކުރިއަށް ޖެހިލާފައި އޭނާއާ ސުވާލުކުރިއެވެ. “އާޝިޔާ؟”
“އާދެ.”
“އަޅުގަނޑަކީ އޮފިސަރު މަރިޔަމް. ވަޑައިގަންނަވާ އަޅުގަނޑާއެކު.” އިތުރު ތަފްސީލެއް ނުދެއެވެ.
ހޮސްޕިޓަލަށް ދެވުނުއިރު އިމަޖެންސީ ސަރަހައްދުގައި ފުލުހުންނާއި ޑޮކްޓަރުން ވަރަށް ގިނައެވެ. އެންމެންވެސް އާޝިޔާއަށް ބަލާލުމަށްފަހު އިސްޖަހާލައެވެ. އެކަކުވެސް ހިނިތުންވެލާކަށް ނުކެރުނެވެ. އެ ހިމޭންކަން އޭނާ މާ ބޮޑަށް ބިރުގަންނުވައިފިއެވެ.
އޭނާ ގެންދެވުނީ ކުޑަ ކޮޓަރިއަކަށެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރަކު ވަނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.
“އާޝިޔާ.. ދަންވަރު ގެސްޓްހައުސްއެއްގައި ހިނގި ހާދިސާއެއްގައި ހަމްދާނަށް ވަނީ ހަމަލާދީފައި. އެއީ ފޭރެން އުޅުނު ބަޔަކު ދިން ހަމަލާއެއް ކަމަށް ބެލެވެނީ.”
އާޝިޔާގެ ނޭވާ ހުއްޓުނު ކަހަލައެވެ.
“އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވޭ. ހޮސްޕިޓަލަށް ގެނައިރު ވަރަށް ގިނަ ލޭ ވަނީ ބޭރުވެފައި.”
“އޭނާ ދުނިޔޭގައި އެބަހުރިތަ؟” އާޝިޔާ ރޮމުން އެހިއެވެ.
ޑޮކްޓަރު މަޑުމަޑުން ބޯޖަހާލިއެވެ. “ގެނައިއިރު ވިންދު ހުރި. ނަމަވެސް ޒަޚަމްތައް ވަރަށް ނުރައްކާ. އޮޕަރޭޝަން ތިއޭޓަރުގައި ޑޮކްޓަރުން އެދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން.”
“ކުރެވެން ހުރި ހުރިހާ މަސައްކަތެއް” އެ ޖުމްލައިގެ މާނައަކީ ހުރިހާ ކަމެއް ރަނގަޅުވާނެއެކޭ ނޫނެވެ.
ނަރުހަކު އައިސް އާޝިޔާގެ އަތުން ސިދުރާ އުރާލިއެވެ. އާޝިޔާގެ އަތް ހުސްވުމާއެކު، އޭނާއަށް މުޅި ދުނިޔޭގައިވެސް އެކަނިވެފައިވާކަމުގެ އިޙުސާސް ކުރެވުނެވެ.
ނަރުސް ކުއްޖާގެ އޯގާތެރި އަތްދަނޑިމަތީގައި ސިދުރާ ގޮވައިގެން ބަލިމީހުން ބަލާ ކޮޓަރިއަށް ވަދެ، ލޯމަތިން އޮބާލި ހިނދު، އާޝިޔާއަށް ކުރިން ދުވަހަކުވެސް އިޙުސާސް ނުކުރެވޭ ފަދަ ފަޅުކަމެއް މުޅި ނަފުސަށް ވެރިވެގެންދިޔައެވެ. މަންމައަކަށް ވީފަހުން، އޭނާގެ އަތް ހުސްކޮށް އޮތް މިއީ ފުރަތަމަ ފަހަރެވެ. އެއީ އޭނާއަށް ވަރަށް ބީރައްޓެހި އިޙުސާސެކެވެ. ބިރުވެރި އިޙުސާސެކެވެ. އޭނާގެ ތުރުތުރުއަޅަމުންދިޔަ ދެއަތް ބާރަށް ޖޯޑުކޮށްލެވުނީ، އަމިއްލަ ނަފުސު ކޮންޓްރޯލުން ނެއްޓި، ރޫޅިގެން ހިނގައިދާނެތީ ހިފަހައްޓާލަން އުޅޭ ފަދައަކުންނެވެ.
ޑޮކްޓަރު ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އޭނާގެ ވަރުބަލިވެފައިވާ ދެލޮލުން ކަމުގެ ސީރިއަސްކަން ފެންނަން ހުރި ނަމަވެސް، ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކަމާއެކު ހިތްހަމަޖައްސައިދެމުންނެވެ.
“އާޝިޔާ، އަޅުގަނޑުމެންގެ ސާޖަނުން އެބޭފުޅުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަ ކުރައްވާ.” ޑޮކްޓަރު ބުންޏެވެ. އާޝިޔާ އިޚުތިޔާރުން ބޭރުގައި ބޯޖަހާލިއެވެ. ސިކުނޑިއަށް ވިސްނައިގަނެވުމުގެ ކުރިން އޭނާގެ ދޫ ހަރަކާތްކޮށްލިއެވެ.
“އަޅުގަނޑަށް.. އަޅުގަނޑަށް އޭނާ ފެނިދާނެތޯ؟”
“މިވަގުތު އަދި އެކަން ކުރެވެން ނެތް ކަމަށްޓަކައި ހިތާމަކުރަން.”
“އާދޭސްކުރަން.” އޭނާ މަޑުމަޑުން ބުންޏެވެ. އޭރު ދެލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ. “ހަމަ އެންމެ މިނެޓަކަށް ނަމަވެސް.”
“މައާފުކުރޭ.” އެ ޖަވާބު އައީ އޯގާތެރިކަމާއެކުގައެވެ. ނަމަވެސް އެއީ ފަހުގެ ނިންމުމެވެ.
މުޅި ކޮޓަރިއަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. އެ ހިމޭންކަން މެދުކަނޑާލަނީ ހަމައެކަނި ފާރުގައި ހުރި ގަޑީގެ ކަށި ހިނގާ އަޑުންނެވެ. ފާއިތުވާ ކޮންމެ ސިކުންތެއްގެ އަޑުވެސް އޭނާއަށް އިވެނީ ވަރަށް ވޭންދެނިވި ގޮތަކަށެވެ. ކޮންމެ މިނެޓެއް ހީވަނީ ނިމުމެއް ނެތް ދިގު ވަގުތެއްހެންނެވެ. އިށީނދެގެން އިނުމަށް ކެތްނުވެގެން، އާޝިޔާ ތެދުވެ، ހޮސްޕިޓަލުގެ ގޯތިތެރެ ފެންނަން ހުރި، ވާރޭގެ ތިކިތަކުން ފުރިފައިވާ ކުޑަދޮރާ ދިމާއަށް މަޑުމަޑުން ހިނގައިގަތެވެ. ބޭރުގައި، އެމްބިއުލާންސްތައް މަޑުކޮށްލައިގެން އޮތްއިރު، އެ އެއްޗެހީގެ ނޫކުލައިގެ ބައްތިތަކުން އަނދިރިގަނޑުގެ ތެރެއަށް އަލި އަޅަމުންދެއެވެ. ފުލުހުންގެ އޮފިސަރުން ބާރުބާރަށް ދުވަމުންދާއިރު، ބޯކޮށް ވެހެމުންދިޔަ ވާރޭގައި ތެމި ފޯވެފައި ތިބި ފަޔަރ ފައިޓަރުން، ބޮޑު ސާޗްލައިޓްތަކުގެ ދަށުގައި ތިބެ ތަހުޤީޤު ކުރާ މީހުންނާ ވާހަކަދައްކަމުން ދިޔައެވެ. ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުން ބޭރުގައި ނޫސްވެރިން ޖަމާވަމުންދާތަން އޭނާއަށް ފެނުނެވެ. ފުލުހުންގެ އަދަދު ގިނަކަމުން އޭނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. މިއީ އާދައިގެ ވައްކަމަކަށްވުރެ މާ ބޮޑު ކަމެއްކަން އޭނާއަށް އިޙުސާސްވިއެވެ. އޭނާ ޑޮކްޓަރާ ދިމާއަށް އެނބުރިލިއެވެ.
“ކީއްތޯވީ؟” އޭނާ މަޑުމަޑުން އަހާލިއެވެ.
ޑޮކްޓަރު، ދޮރުމަތީގައި ހުރި ފުލުސް އޮފިސަރަށް ބަލާލިއެވެ. އެ އޮފިސަރު ކުރިއަށް ޖެހިލިއެވެ.
“މިއީ އިންސްޕެކްޓަރ އިސްމާއީލް ރަޝީދު.” އޭނާ އިޙުތިރާމާއެކު ފުލުސް ތޮފި ނެގުމަށްފަހު ތައާރަފުވިއެވެ. “އަޅުގަނޑުމެން ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުން.”
“މިހާތަނަށް އެނގުނީ ކޮން ކަމެއް؟”
“މެންދަމުން އަލިވިފަހުން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ގެސްޓްހައުސްއަކަށް ވަދެ އުޅުނުކަމުގެ ރިޕޯޓް ލިބުނު. އެމީހުން ފައިސާއަށް އެދުނު ކަމަށާއި، އެތެރޭގައި ތިބި އެންމެންނަށް ހަމަލާދިން ކަމަށް މައުލޫމާތު ލިބޭ.”
އާޝިޔާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. “އެންމެންނަށް؟”
“ގެސްޓްހައުސްގެ މުވައްޒަފުންނަށް ސަލާމަތުން ނުކުމެވުނު. އެކަމަކު..” އޮފިސަރު ކުޑަކޮށް މަޑުޖެހިލިއެވެ. އާޝިޔާ އޭނާގެ މޫނަށް ބަލަން ހުއްޓެވެ. “އެތަނުގައި ރޯވި. ކަމަނާގެ ފިރިކަލުން ފެނުނު ކޮޓަރިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. އަލިފާންގަނޑު މުޅި ތަނަށް ފެތުރުމުގެ ކުރިން ފަޔަރ ފައިޓަރުން ވަނީ އޭނާ ސަލާމަތްކޮށްފައި.”
“އޭނާ ހުރީ އެކަނިތޯ؟” އަމިއްލަ އިޚުތިޔާރުން ބޭރުގައި އެ ސުވާލު ކުރެވުނެވެ. އިންސްޕެކްޓަރުގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. އަދި އިރުކޮޅަކު މަޑުޖެހިލުމަށްފަހު ބުންޏެވެ.
“އާޝިޔާ.. އޮޕަރޭޝަނަށްފަހު އަޅުގަނޑުމެން ބާކީ ހުރި ތަފްސީލުތަކާ ބެހޭގޮތުން ވާހަކަދައްކާނަން.” އޭނާގެ މި ބަސްތަކުން އާޝިޔާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭގެ ބަދަލުގައި، އެއީ އޭނާގެ ހިތުގައި ބިރުވެރިކަމުގެ އޮށެއް އިންދާލުން ފަދަ ކަމަކަށް ވިއެވެ. އިތުރު ސުވާލެއް ކުރުމުގެ ކުރިން، ބަލިމީހުން ބަލާ ކޮޓަރީގެ ދޮރު ހުޅުވުނެވެ.
ވަރުބަލިވެގެން ނިދިފައި އޮތް ސިދުރާ ގޮވައިގެން ނަރުސް ކުއްޖާ އައެވެ. “ކުޑަކޮށް ހުން މަޑުވެއްޖެ.” ނަރުސް ކުއްޖާ އޯގާތެރިކަމާއެކު ބުންޏެވެ.
“އަޅުގަނޑު ވާނީ ފެންފޮތި އަޅާފައި.” އާޝިޔާ ޝުކުރު އަދާކުރުމަށްފަހު، ދަރިފުޅު އަތްދަނޑިމައްޗަށް ނެގިއެވެ. ދަރިފުޅުގެ މަޑު އިސްތަށިގަނޑުގައި މޫނު ޖައްސާލައި، އެ ދަރިފުޅުގެ ވަހުން ހިތަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރިއެވެ.
“މަންމަގެ ގާތުގައި އަދި ދަރިފުޅު އެބަހުރި.” އޭނާ ކަރުނުން ފުރިފައިވާ އަޑަކުން މަޑުމަޑުން ބުންޏެވެ.
ގާތްގަނޑަކަށް ގަޑިއެއްހާއިރު ފާއިތުވެއްޖެއެވެ. އޭގެ ފަހުން އަނެއް ގަޑިއެވެ. ބޭރުގައި އޮތް ތޫފާން މަޑުމަޑުން މައިތިރިވާން ފެށިއެވެ. ފަތިސްވާން އަދި ގިނަ ވަގުތުތަކެއް އެބައޮތެވެ. ހޮސްޕިޓަލުގެ ތެރޭގައި ވަގުތު ހުއްޓިފައިވާ ކަހަލައެވެ. ޑޮކްޓަރުން އޮޕަރޭޝަން ތިއޭޓަރަށް ވަދެ ނުކުމެ ހަދައެވެ. ނަރުހުން ފޯނުން މަޑުމަޑުން ވާހަކަދައްކަމުން ދެއެވެ. ފުލުސް އޮފިސަރުން ފައިލްތަކާއި ހެކި ހުރި ކޮވަރުތައް ހިފައިގެން އައިސް ގޮސްވެއެވެ.
އިންތިޒާރުގައި އިންނަ ސަރަހައްދަށް މީހަކު ކައިރިވާ ކޮންމެ ފަހަރަކު، އާޝިޔާ ވަގުތުން ތެދުވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އެމީހުން ދަނީ އޭނާގެ ކައިރިންލާފައި ދުރަށެވެ. އޭނާ ހިތާހިތުން ޤުރުއާނުގެ އާޔަތްތައް ކިޔަވަމުން ދިޔައެވެ. ކޮންމެ ދުޢާއެއް ނިންމާލަނީ އެއް ބަހަކުންނެވެ. “ޔާ ﷲ! އަޅުގެ ފިރިމީހާ ސަލާމަތްކޮށްދެއްވާނދޭވެ!”
ކުއްލިއަކަށް އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. އެއީ އޭނާގެ ބޭބެއެވެ. އޭނާ ވަގުތުން ފޯނަށް ޖަވާބު ދިނެވެ. “ބޭބޭ…”
އެކޮޅުން އިވުނު ނިދިބަރު އަޑު ވަގުތުން ބަދަލުވިއެވެ. “އާޝިޔާ؟ ކީއްވެ ތި ހޭލާ އިނީ؟”
އާޝިޔާގެ ކެތްތެރިކަން ކޮޅުންލައި، ބާރަށް ރޮވިއްޖެއެވެ. އޭނާއަށް ވާހަކަދެއްކޭ ވަރަށްވުރެ ބޮޑަށް ރޮވެމުން ދިޔައެވެ. މަދު މިނެޓްކޮޅެއްގެ ތެރޭގައި އޭނާގެ ބޭބެއަށް ދެނެގަނެވުނީ ތިން ކަމެކެވެ. ހޮސްޕިޓަލް، ހަމްދާން، އަދި އިމަޖެންސީއެވެ.
“މިދަނީ.” ބޭބެ ސާބިތުކަމާއެކު ބުންޏެވެ. “ތިޔަ ތަނުން ގުޑާލައިގެން ނުވާނެ.”
(ނުނިމޭ)
