ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ނަވާޒުއްދީން ސިއްދީޤީ އަދި މަޝްހޫރު ޑައިރެކްޓަރު ތިގްމަންޝޫ ދޫލިއާ އެކުގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމު “ވޯ ޕިރް ކަބީ ދިކާ ނެހީ” ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މިއީ ތަޖުރިބާކާރު ޅެންވެރިޔާ އަދި ވާހަކަ ލިޔުންތެރިޔާ އުދޭ ޕްރަކާޝްގެ ކުރު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މިއުޒިކަލް ތުރިލާއެކެވެ. އިންޑިއާގެ ވެރިރަށް ދިއްލީގެ ފަޤީރު އަވަށެއް (ސްލަމް) ގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމަކީ ޑްރާމާ، ސަސްޕެންސް އަދި މިއުޒިކް އެކުލެވޭ، އާންމު ފޯމިއުލާތަކާ ތަފާތު ޝައުޤުވެރި މަސައްކަތެކެވެ. މިއީ 2020 ވަނަ އަހަރު ނެރުނު ފިލްމު “ސީރިއަސް މެން” އަށް ފަހު، ނަވާޒުއްދީން ފަޤީރު އަވަށެއްގެ ދިރިއުޅުން ދައްކުވައިދޭ ދެވަނަ ފިލްމެވެ.
ޚަބަރުތައް ބުނާ ގޮތުގައި، މި ފިލްމުގެ ޝޫޓިން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އޯޓީޓީ ޕްލެޓްފޯމެއް މެދުވެރިކޮށް މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް، ފިލްމު ސްޓްރީމްކުރާނެ ވަކި ޕްލެޓްފޯމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ފިލްމުގެ އިތުރުން ވެސް ނަވާޒުއްދީން ސިއްދީޤީގެ ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް އެބައޮތެވެ. އޭގެ ތެރޭގައި ސޯހަމް ޝާހްގެ ފޯކް ހޮރޯ ފިލްމު “ތުމްބަޅް 2” އާއި، “ހައުސް” ސީރީޒްގެ އިންޑިއަން ވާޝަނެއްގެ އިތުރުން ރަވީ ވަރްމާ ޑައިރެކްޓްކުރާ ޑާކް ކޮމެޑީ “ބްލައިންޑް ބަހޫ” ހިމެނެއެވެ. ނަވާޒުއްދީން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސްގެ “ރާތު އަކޭލީ ހޭ: ދަ ބަންސަލް މާޑާސް” އިންނެވެ.
ހަމައެއާއެކު، ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޑައިރެކްޝަނަށް އެނބުރި އައި ތިގްމަންޝޫ ދޫލިއާގެ އާ ކްރައިމް ތުރިލާ ސީރީޒް “ގަމަސާން” ވަރަށް އަވަހަށް ޒީ5 މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
