މަޝްހޫރު ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ އާ ކްރައިމް ތުރިލާ ފިލްމު “ދާއިރާ” ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. ބޮލީވުޑްގެ ތަރި ކަރީނާ ކަޕޫރު ޚާން އަދި މަޝްހޫރު އެކްޓަރު ޕްރިތުވީރާޖް ސުކުމާރަން މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމަކީ މި ދެ ތަރިން އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ.
މި ފިލްމުގައި ދެ ތަރިންވެސް ފެންނަނީ ވާދަވެރި ދެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ) ގެ ގޮތުގައެވެ. ޓްރެއިލާއިން ފެންނަ ގޮތުގައި، ޕްރިތުވީރާޖްގެ ކެރެކްޓަރުން ހިންގާ ފުލުހުންގެ އެންކައުންޓަރުތަކެއްގެ ތަހުޤީޤު ކަރީނާގެ ކެރެކްޓަރުން ފަށައެވެ. އަދި ޒުވާން އަންހެން ކުއްޖަކު ރޭޕްކޮށް މަރާލުމުގެ ހާދިސާއަކާ ގުޅިގެން މި މައްސަލައިގެ ނުތަނަވަސްކަން އިތުރަށް ބޮޑުވެގެންދާ މަންޒަރު ފެނިގެންދެއެވެ. މި ފިލްމުން އިންސާފާއި ފުލުހުންގެ އެންކައުންޓަރުތަކުގެ އަޚްލާޤީ މިންގަނޑުތަކާމެދު ސުވާލު އުފައްދައެވެ.
“ދާއިރާ” ގެ ވާހަކަ ލިޔެފައިވަނީ މެގްނާ ގުލްޒާރު، ސީމާ އަގަރްވާލް އަދި ޔަޝް ކޭސްވާނީ އެވެ. ޖަންގްލީ ޕިކްޗާސް އާއި ޕެން ސްޓޫޑިއޯސް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމަކީ މީގެ ކުރިން “ތަލްވާރު” އަދި “ރާޒީ” ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޓީމުގެ އުފެއްދުމެކެވެ. ފިލްމުގެ ސިނެމަޓޯގްރަފީ ސޯރަބް ގޮސްވާމީ ހަދާފައިވާއިރު، އެޑިޓިން މަސައްކަތް ކޮށްފައިވަނީ ޗާރޫ ޝްރީ ރޯއީ އެވެ.
ޓްރެއިލާ ނެރުމުގެ ހަފުލާގައި ވާހަކަދައްކަމުން ޕްރިތުވީރާޖް ބުނީ، މިއީ އިންސާފާމެދު ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ފަދަ ފިލްމެއް ކަމަށެވެ. އަދި ފިލްމަށް ބޮކްސް އޮފީހުގައި ލިބޭ ކާމިޔާބީއަކަށް ބެލުމެއް ނެތި، މިއީ އޭނާ އަބަދުވެސް ފަޚުރުވެރިވާނެ ފަދަ ފުރިހަމަ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
ޕްރިތުވީރާޖް އިތުރަށް ހާމަކުރި ގޮތުގައި، ފުރަތަމަ އެހެން މަސައްކަތްތަކެއް ހުރުމުން މި ފިލްމު ޤަބޫލުކުރަން ފަސްޖެހުނު ނަމަވެސް، މެގްނާ ވާހަކަ ކިޔައިދިން ގޮތް ފުރިހަމަކަމުން ފިލްމަށް “ނޫނެކޭ” ބުނަން ނުކެރުނީއެވެ. އަދި ކަރީނާ މި ފިލްމުގައި ބައިވެރިވާކަން އެނގުމުން ފިލްމު ކުޅުމަށް އިތުރަށް ޝައުޤުވެރިވި ކަމަށްވެސް އޭނާ ބުންޏެވެ. ޑައިރެކްޓަރު މެގްނާއަށް ތަޢުރީފުކުރަމުން ޕްރިތުވީރާޖް ބުނީ އޭނާއަކީ މަސައްކަތުގައި ވަރަށް ހަރުދަނާ، މޮޅު ޑައިރެކްޓަރެއް ކަމަށެވެ.
ބެލުންތެރިންގެ މެދުގައި ބޮޑު އިންތިޒާރެއް އުފެދިފައިވާ މި ކްރައިމް ތުރިލާ ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
