އޭއެފްސީ އަންޑަރ ޓްވެންޓީ އޭޝިއަން ކަޕް 2027 ކޮލިފައިންގެ ފުރަތަމަ މެޗުން ދިވެހިރާއްޖެ މޮޅުވެއްޖެ އެވެ. މިއަދު ހަވީރު ރާއްޖެ ގަޑިން 5:30 ގައި ފެށި މި މެޗުގައި ބައްދަލުކުރީ ދިވެހިރާއްޖެ އާއި ބުރޫނާއި ދާރުއްސަލާމް އެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެއިން ނެވެ. މެޗުގެ ކުރީކޮޅު ރަނގަޅަށް ކުޅުނީ ބުރޫނާއި އެވެ. ޑިފެންސްގައި ބޯޅަ ބާއްވައިގެން ޕާސިންގް ގޭމެއް ކުޅެން އުޅުނު ރާއްޖޭ ކުޅުންތެރިންނަށް ހެދުނު ގޯހެއްގައި ބުރޫނާއިއިން ވަނީ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލާފަ އެވެ. އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ބުރާނާއީ ކުޅުންތެރިޔާ ފޮނުވާލި ބޯޅަ ރާއްޖޭ ކީޕަރު ވަނީ ހޯދާފަ އެވެ.
އެގާރަވަނަ މިނިޓްގައި ރާއްޖޭގެ އޭރިޔާ ބޭރުން ލިބުނު ފްރީކިކްގައި ބުރޫނާއި ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރާއްޖޭ ކީޕަރު ދިފާއުކުރިއިރު، ދެވަނަ ފަހަރަށް ގޯލަށް ނުރައްކާ ކުރުމުގެ ކުރިން ރާއްޖޭގެ ޑިފެންޑަރުން އެ ބޯޅަ ސާފުކޮށްލި އެވެ. ފަހަތުގައި ކުޅެ ދިގު ޕާހެއް ކުރިޔަށްލައި ލަނޑު ޖަހަން މަސައްކަތްކުރި ރާއްޖެއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.
ލަނޑު ޖެހުމަށް ދެ ޓީމުން ވެސް ގިނަ މަސައްކަތްތަކެއް ކުރި މި މެޗުގައި ރާއްޖެއިން ލީޑު ނެގީ 19 ވަނަ މިނިޓްގަ އެވެ. ލަނޑު ޖެހުމަށް ލިބުނު ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަފަހުން ރާއްޖެއަށް މި ލަނޑު ޖަހައިދިނީ އީތަން އިބްރާހިމް ޒަކީ އެވެ. އީތަން މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހި ކީޕަރުގެ ދުރުކަނަށް މަތިމަތިން ފޮނުވާލައިގެން ނެވެ.
މި ލަނޑަށްފަހު ވެސް ރަނގަޅަށް ކުޅުނީ ރާއްޖެއިން ނެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނީ ވެސް ރާއްޖެއަށެވެ. ރާއްޖެއިން އުފެއްދި ގިނަ ހަމަލާތަކެއް ބުރޫނާއީ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ރާއްޖެއިން ލީޑު ފުޅާކުރީ 32 ވަނަ މިނިޓްގައި ކެޕްޓަން މުޙައްމަދު އިލާން އިމްރާން ޖަހައިދިން ލަނޑުން ނެވެ. އިލާން މި ލަނޑު ޖަހާފައިވަނީ ބުރޫނާއީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު، ނައްސާހް އޭރިޔާތެރެއަށް ވަދެ ގޯލް ކުރިމައްޗަށް ޖައްސާލި ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. ލަނޑު ޖަހާނެ ފުރުސަތު ބުރޫނާއީއަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް ރަނގަޅަށް ކުޅުނީ ދިވެހިރާއްޖެއިން ނެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ބުރޫނާއީއިން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލީޑު ދަމަހައްޓައި ލީޑު ފުޅާކުރަން ރާއްޖެއިން އިސްކަން ދިނެވެ. ކައުންޓާރ އެޓޭކިން ގޭމެއް ކުޅުނު ރާއްޖެއަށް މި ހާފުގައި ވެސް ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފައިވެ އެވެ. ދެވަނަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހުނު މި މެޗު ނިމުނީ 2-0 އިން ދިވެހިރާއްޖެ މޮޅުވެގެން ނެވެ.
މުބާރާތުގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާއިއެކު ދިވެހިރާއްޖެ މިއަހަރު ވާދަކުރާނީ ދަށް ރޭންކްގެ ޤައުމުތައް ކުޅޭ ޑިވެލޮޕްމެންޓް ފޭސްގަ އެވެ. ރާއްޖެ ހިމެނޭ ގުރޫޕްގައި ދެން ހިމެނެނީ ސްރީލަންކާ އާއި މިޔަންމާ އެވެ. މި މެޗުތައް ކުރިޔަށް ދަނީ މިޔަންމާގަ އެވެ. މި ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ހޯދާ ދެ ޤައުމަށް، ދެން އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ޖާގަ ލިބޭނެ އެވެ.
މި ގުރޫޕްގެ އިތުރު މެޗެއް މިއަދު ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކުރީ ސްރީލަންކާ އާއި މިޔަންމާ އެވެ. މި މެޗު 4-0 އިން ކާމިޔާބު ކުރީ މިޔަންމާ އެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާއާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 3 ވަނަ ދުވަހު ހަވީރު ރާއްޖެ ގަޑިން 5:30 ގަ އެވެ.
