ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސިންޖަރަކު ގޮނޑިއެއްގައި ބަނދެ، ކުއްލި ހާލަތުގައި ބޯޓު ޖައްސައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޑަލަސްއިން ނިއުއާކަށް ދަތުރުކުރި އެމެރިކަން އެއާލައިންސްގެ ފްލައިޓެއްގައި، ފަސިންޖަރަކު ހަމަނުޖެހުން ހިންގުމާ ގުޅިގެން، އޭނާ ކޮންޓްރޯލް ކުރުމަށްޓަކައި ހޭންޑްކަފް އަޅުވައި، ޑަކްޓް ޓޭޕް ބޭނުންކޮށްގެން ސީޓުގައި ބަންދުކޮށްފިއެވެ. އެހެން ފަސިންޖަރުން ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، މި ހާދިސާއާ ގުޅިގެން ބޯޓު ވަނީ ކުއްލި ހާލަތުގައި ބޯލްޓިމޯއަށް ޑައިވާޓްކޮށްފައެވެ.

މި ހާދިސާ ހިނގި ގޮތާ ބެހޭގޮތުން މައުލޫމާތު ދެމުން ރިޗަޑް އޮލެނިކް ބުނި ގޮތުގައި، ދަތުރުގެ ދެބައިކުޅަ އެއްބައި ފާއިތުވި ފަހުން، ފަސްޓް ކްލާސް ސެކްޝަނުގައި އޭނާގެ ދެ ސަފު ފަހަތުގައި އިން މީހަކު ކުއްލިއަކަށް މީހުންނާ ދިމާކޮށް ހަޅޭއްލަވައި ހަމަނުޖެހުން ހިންގަން ފެށިއެވެ.

ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކަން އެއާލައިންސްގެ ފްލައިޓް 618 ޑަލަސް ފޯޓް ވޯތު އިންޓަނޭޝަނަލް އެއާޕޯޓުން ނިއުއާކަށް ދަތުރުކުރަމުން ދަނިކޮށް، ފަސިންޖަރަކު ހަމަނުޖެހުން ހިންގާ ކަމުގެ ރިޕޯޓް ކްރޫންނަށް ލިބިފައިވާ ކަމަށެވެ. ފްލައިޓް އެޓެންޑެންޓަކު އެ މީހާ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓި، ކައިރީގައި އިން ފަސިންޖަރަކަށާއި، އެކަން ހުއްޓުވަން އުޅުނު އަންހެނަކަށް ހަމަލާދީފައިވާ ކަމަށް އޮލެނިކް ބުންޏެވެ.

މި މަންޒަރު ފެނުމާއެކު، ނިއުޖާޒީގެ ރިޓަޔަރޑް ފުލުހެއް ކަމަށްވާ ހުއާން މެހިއާ އާއި އޮލެނިކް އެ މީހާ ހުއްޓުވުމަށް ތެދުވިއެވެ. އޭނާ މީހުންނާ ދިމާލަށް ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް، ނަސްލީ ގޮތުންނާއި ޖިންސީ ތަފާތުކުރުންތަކަށް ނިސްބަތްކޮށް ހުތުރު ބަހުން ވާހަކަދެއްކި ކަމަށް އެ ދެމީހުން ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  އެއަރބަސް މަތިންދާބޯޓެއް އިމަޖެންސީގައި ޒުވާރި ދަނޑަކަށް ޖައްސައިފި

މި ހާލަތުގައި، ފްލައިޓް އެޓެންޑެންޓަކު ދިން ޒިޕްޓައި ބޭނުންކޮށްގެން، އޮލެނިކް އާއި މެހިއާގެ އިތުރުން ތިންވަނަ މީހަކު ގުޅިގެން އެ މީހާގެ އަތް ބަނދެލިއެވެ. ނަމަވެސް، އެ މީހާ މެހިއާގެ ގައިގައި ދަތްއަޅައި، އޮލެނިކްގެ ގައިގައި ވެސް ދަތްއަޅަން މަސައްކަތް ކުރުމުން، ކްރޫންގެ އަތުން ޑަކްޓް ޓޭޕް ހޯދައިގެން އޭނާ ސީޓުގައި ބަންދުކުރިއެވެ. މެހިއާގެ އިރުޝާދުގެ މަތިން، އޭނާއަށް ނޭވާލުމަށް އުނދަގޫވެދާނެތީ އަނގަމަތީގައި ޓޭޕް ނާޅުވާ ކަމަށް އޮލެނިކް ބުންޏެވެ.

އެމެރިކަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިންގެ އެންމެ އިސް މަސްލަހަތު ކަމަށާއި، އެއްވެސް ބާވަތެއްގެ އަނިޔާވެރި އަމަލަކަށް ކެތްނުކުރާނެ ކަމަށެވެ. އަދި މުވައްޒަފުން ދެއްކި ހުޝިޔާރުކަމަށާއި ފަސިންޖަރުންގެ ކެތްތެރިކަމަށް ޝުކުރު އަދާކުރިއެވެ.

ބޯޓު މޭރީލޭންޑަށް ޖައްސަންދެން ގާތްގަނޑަކަށް 15 މިނެޓް ވަންދެން އޮލެނިކް އިނީ އެ މީހާ ކޮންޓްރޯލް ކުރުމަށް އޭނާގެ ފަލަމަސްގަނޑުމަތީގައި އިށީނދެގެންނެވެ. ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ހަމަލާއަށް 25 އަހަރު ފުރޭ މުނާސަބަތު ކުރިއަށް އޮތުމާއެކު، މިފަދަ ހާދިސާއެއް ހިނގުމުން ނުތަނަވަސްކަން އިތުރުވި ކަމަށް އޮލެނިކް ބުންޏެވެ.

ބޯލްޓިމޯ/ވޮޝިންޓަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު، މޭރީލޭންޑް ޓްރާންސްޕޯޓޭޝަން އޮތޯރިޓީ ޕޮލިހުން ވަނީ އެ މީހާ ހައްޔަރުކޮށްފައެވެ. އެފް.ބީ.އައި އިން ބުނި ގޮތުގައި އެ މީހާގެ މައްޗަށް ދައުލަތުގެ ގާނޫނުތަކުގެ ދަށުން ދައުވާ ކުރެވޭނެއެވެ. ނަމަވެސް އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

ހަމަނުޖެހުން ހިންގި މީހާ ބޯޓުން ބޭލުމަށްފަހު، ފްލައިޓް ވަނީ އަލުން ނިއުއާކަށް ދަތުރު ފަށާފައެވެ. އާންމުކޮށް ކޮމާޝަލް ފްލައިޓްތަކުގައި މިފަދަ ނުރައްކާތެރި ފަސިންޖަރުން ކޮންޓްރޯލް ކުރުމަށް ޑަކްޓް ޓޭޕާއި ހޭންޑްކަފް ބަހައްޓާފައި ހުރެއެވެ.

މިވެސް ކިޔާލަން:  އޭ-ތްރީއެއިޓީގެ އަންހެން ޕައިލެޓް

އެފް.އޭ.އޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ފްލައިޓްތަކުގައި ފަސިންޖަރުން ހިންގާފައިވާ 1,160 އަށްވުރެ ގިނަ ހަމަނުޖެހުން ރިޕޯޓްކޮށްފައިވެއެވެ. ބޯޓުގެ ކްރޫންނަށް ހަމަލާދީ ނުވަތަ ބިރުދައްކާ ފަސިންޖަރުންގެ މައްޗަށް ޖިނާއީ ދައުވާގެ އިތުރުން 43,000 ޑޮލަރަށްވުރެ ބޮޑު ޖޫރިމަނާއެއް ކުރުމުގެ ބާރު އެ އިދާރާއަށް ލިބިގެންވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top