ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ތ. އަތޮޅު މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ވޭމަންޑޫ ހޯދައިފި އެވެ. މުބާރާތުގައި މި އަތޮޅުން ބައިވެރިވި ތިން ޓީމުގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ލީގު ބުރުގެ ކުޅުން ރޭ ނިމުނުއިރު، ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއިއެކު، ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކުރީ ތިމަރަފުށްޓެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދުމުގެ ފުރުސަތު ލީގުބުރުގެ ފަހު މެޗާއި ހަމައަށް ވޭމަންޑޫ އާއި ކިނބިދުއަށް ވެސް އޮތެވެ.
ލީގު ބުރުގެ ފަހު މެޗްގައި ރޭ ބައްދަލުކުރީ ވޭމަންޑޫ އާއި ކިނބިދޫ އެވެ.
ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މިމެޗް ފަށައިގެން ރަނގަޅަށް ކުޅުނީ ވޭމަންޑޫ އެވެ. އަވަސް ޕާސްތަކަކާއިއެކު ރީތި ކުޅުމެއް ކުޅުނު ވޭމަންޑޫން ވަނީ މެޗްގެ ދެ ވަނަ މިނިޓްގައި ލީޑު ނަގާފައެވެ. ލަނޑެއް ޖަހަން ލިބުނު ދެ ވަނަ ފުރުސަތުގައި ވޭމަންޑޫން ވަނީ މެޗްގެ ލީޑު ނަގާފައެވެ.
މެޗްގެ ދެ ވަނަ މިނިޓްގައި ވޭމަންޑޫއަށް މި ލަނޑު ޖަހައި ދިނީ އަހްމަދު ޝައިފާން އެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެޓީމުގެ ކުޅުންތެރިއަކު ގޯލާއި ދިމާއަށް ފޮނުވާލި ބޯޅަ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑަށްފަހު ވެސް ދެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިފައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ތަނަވަސްކުރިއިރު، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން އެއްވެސް ޓީމަކަށް ނުކުރެވުނެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުންދިޔަ ކިނބިދޫއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުކުރެވި ގޮސްފަ އެވެ.
ދަނޑު ތެމިފައި އޮތުމުގެ ސަބަބުން ކުޅެން އުނދަގޫވި މި މެޗްގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.
ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަ ކުރުމަށް ކިނބިދޫން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދެމެހެއްޓުމަށް ވޭމަންޑޫން ވަނީ ބޮޑު އިސްކަމެއް ދީފައެވެ. މި ހާފުގައި ކިނބިދޫން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ވޭމަންޑޫ ކީޕަރު ދިފާއުކުރިއިރު، ވޭމަންޑޫގެ ހަމަލާތައް ދިފާއުކުރުމުގައި ކިނބިދޫ ކީޕަރު ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗް ފެށުމުގެ ކުރިން ބޯކޮށް ވާރޭ ވެހި ދަނޑު ތެމިފައި އޮތުމުގެ ސަބަބުން، ކުޅުންތެރިން ކައްސާލައިގެން ވެއްޓި ކުޅެން އުނދަގޫވި މިހާފުގައި ވަނީ، ގިނަ ފައުލްތަކާއި ކާރޑުތައް ފެނިފައެވެ.
ޕަވަރ ޕްލޭއަށް ކީޕަރު ކުރިޔަށް އަރުވައިގެން ކުޅުނު ކިނބިދޫން މެޗްގެ ފަހުކޮޅު މޮޅުކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭގޮތެއް ނުވިއެވެ.
ލަނޑު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން މި ހާފުގައި ވެސް ހިފީ ވޭމަންޑޫން ނެވެ. މެޗްގެ އިތުރު ވަގުތުގައި ދެ ކުޅުންތެރިން ގުޅިގެން އުފެއްދި ފުރުސަތެއްގައި ވޭމަންޑޫއަށް މި ލަނޑު ޖަހައި ދިނީ ހަސަން އަފީފް އެވެ.
2-0 އިން މޮޅުވެ ފައިނަލްގެ ދެވަނަ ޖާގަ ވޭމަންޑޫ ހޯދި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ
މި އަތޮޅުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަ ދުވަހުގެ ރޭ އެވެ.
