ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފަސޭހަކަމާއިއެކު ވިކްޓަރީ މޮޅުވެއްޖެ
ވިކްޓަރީ ސްޕޯރޓްސް ކުލަބް - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ ސްޕޯރޓްސް ކުލަބް މޮޅުވެއްޖެ އެވެ. ފުރަތަމަ މެޗުގައި މާޒިޔާއިން އޮޑި ބަލިކޮށްފައިވާއިރު، ދެވަނަ މެޗުގެ ގޮތުގައި އިއްޔެއަށް ތާވަލް ކޮށްފައި އޮތް ނިއުރޭޑިއަންޓާއި ގައްދޫ މެޗު ވަނީ ވިއްސާރަވެ ގައްދޫ ދަނޑުގައި ކުޅެވޭގޮތް ނުވުމުން ކެންސަލްކޮށްފަ އެވެ. މި ސީޒަނަށް ވަރުގަދަ ސްކޮޑެއް އެކުލަވާލައި ރަނގަޅު ޓްރެއިނިންގް ކޭމްޕެއް ފުރިހަމަ ކޮށްފައިވާ ވިކްޓަރީ މި ސީޒަންގައި ކުޅުނު ރަސްމީ ފުރަތަމަ މެޗަކީ މި މެޗެވެ.

ޓީސީ ސްޕޯރޓްސް ކުލަބާއި ވިކްޓަރީ ސްޕޯރޓްސް ކުލަބް ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެވަނަ ހާފުގައި ވިކްޓަރީ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ވިކްޓަރީން ނެވެ. މެޗު ފެށިގޮތަށް ލީޑު ނެގުމަށް މަސައްކަތްކުރި ވިކްޓަރީން ވަނީ ތިންވަނަ މިނިޓްގައި ލީޑު ނަގާފަ އެވެ. ވިކްޓަރީން މި ލަނޑު ޖަހާފައިވަނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން މިރްޖަލޯވް ކަސިމީރޯ އެވެ. މި ލަނޑަށްފަހު ވެސް ވިކްޓަރީން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފަ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރަމުންދިޔަ ޓީސީން ވަނީ 10 ވަނަ މިނިޓްގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޓީސީއަށް ލިބުނު ކޯނަރު ގޯލު ކުރިމައްޗަށް ނަގައިދިން ވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ޓީސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މާއިޒް ވަހީދު އެވެ. ޓީސީގެ ލަނޑަށްފަހު ވިކްޓަރީން ކުޅުން ރަނގަޅުކޮށް ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް، އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ފުރަތަމަ ހާފުގައި ކުރެވޭ ގޮތެއް ނުވި އެވެ. ވިކްޓަރީގެ ގިނަ ހަމަލާތަކެއް ޓީސީގެ ކީޕަރު ދިފާއުކޮށްފައިވާއިރު، އެއް ހަމަލާ ގޯލު ދަނޑިއަށް ވެސް އަމާޒުވި އެވެ.

މިވެސް ކިޔާލަން:  ނިއު ބަލިކޮށް ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް މާޒިޔާ ހޯދައިފި

ދެވަނަ ހާފުގައި ވިކްޓަރީން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ހާފުގެ ކުރީކޮޅު ލިބުނު ގިނަ ފުރުސަތުތަކެއްގެ ބޭނުން ނުކުރެވި ދިޔަފަހުން ވިކްޓަރީން ވަނީ ދެވަނަ ފަހަރަށް ލީޑު ނަގާފަ އެވެ. 65 ވަނަ މިނިޓްގައި ވިކްޓަރީއަށް މި ލަނޑު ޖަހައިދިނީ، ފުރަތަމަ ލަނޑު ވެސް ޖަހައިދިން މިރްޖަލޯވް ކަސިމީރޯ އެވެ. މި ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން ވިކްޓަރީން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. ދެވަނަ ހާފުގައި ލަނޑު ޖަހަން ލިބުނު ދެވަނަ ފުރުސަތުގެ ބޭނުންކޮށް ވިކްޓަރީއަށް ތިންވަނަ ލަނޑު ޖަހައިދިނީ އަޙްމަދު ރިޒްވާން އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ވިކްޓަރީ ކުޅުންތެރިއަކު ޓީސީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ދިފާއުކުރި ވަގުތު ހޯދައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދި ވިކްޓަރީން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ، 85 ވަނަ މިނިޓްގައި އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީގައި އަޙްމަދު ރިޒްވާން އެވެ. ހަތަރުވަނަ ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން އަލްހާޖީ ގެރޯ ވަނީ ވިކްޓަރީއަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އަލްހާޖީ ގެރޯ މި ލަނޑު ޖަހާފައިވަނީ ވިކްޓަރީގެ ޢަލީ ސާމިސް ޓީސީ ގޯލު ކުރިމައްޗަށް މަތިމަތިން ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

5-1 އިން ވިކްޓަރީ ކާމިޔާބުކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު ރިޒްވާން އެވެ.

މިވެސް ކިޔާލަން:  އެންމެ ތަޞްވީރަކުންވެސް ހާސް ވާހަކަ ބުނެދެއެވެ.

މި މުބާރާތުގެ ދެ މެޗު މިއަދު ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. ގައްދޫގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނިއުރޭޑިއަންޓާއި ގައްދޫ ބައްދަލުކުރާއިރު، މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ އީގަލްސް އާއި ބިސްބުރެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top