ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގައްދޫ މެޗުން ނިއުއަށް އުނދަގޫ މޮޅެއް
ނިއުރޭޑިއަންޓް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ / ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގެ ތިންވަނަ މެޗުން ނިއުރޭޑިއަންޓް ސްޕޯރޓްސް ކުލަބް މޮޅުވެއްޖެ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ރާއްޖޭގައި ކުޅޭ ފުރަތަމަ ދިވެހި ލީގު މުބާރާތުގައި ނިއުރޭޑިއަންޓާއި ގައްދޫ ރެކްރިއޭޝަން ބައްދަލުކުރި މި މެޗު ކުޅެފައިވަނީ ގައްދޫގަ އެވެ. 2026/2027 ގެ ދިވެހި ޕްރިމިއާރ ލީގުގައި ވާދަކުރާ އަތޮޅުތެރެއަށް ނިސްބަތްވާ ގައްދޫ އާއި ދިއްދޫގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެ ދެ ރަށުގަ އެވެ.

މި މެޗު ފަށައިގެން ރަނގަޅު ކުޅުމެއް ދައްކައި ހާފުގެ ކުރީކޮޅު ގައްދޫގެ ފަހަތަށް ނިއުރޭޑިއަންޓުން ބާރު ބޮޑުކުރި ނަމަވެސް އެ ޓީމަށް ގައްދޫގެ ގޯލު ހުޅުވާލެވޭވަރުވީ އަށްވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ، ގައްދޫގެ ގޯލު ކުރިމައްޗަށް ޑަ ސިލްވާރ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް ކުރިޔަށް ޖެހި އެޓޭކް ކުރުމުގެ ބަދަލުގައި މުޅި ޓީމު އެކުގައި ފަހަތުގައި މަޑުކޮށްގެން ކުޅުނު ގައްދޫގެ ފަހަތަށް ނިއުރޭޑިއަންޓް ބާރުބޮޑުކުރި ނަމަވެސް ޑިފެންސް ކުރުމުގައި ގައްދޫން ވަނީ ބޮޑު ކާމިޔާބެއް ހޯދާފަ އެވެ. ވަރުގަދަ އެޓޭކިން ގޭމެއް ކުޅުނު ނިއުރޭޑިއަންޓަށް ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭނުން ނުކުރެވި ގޮސްފަ އެވެ. އޭގެ ތެރޭގައި އަލީ ފާސިރަށް ލިބުނު ހުސް ފުރުސަތާއި އަލީ އަޝްފާގަށް ލިބުނު ފުރުސަތު ހިމެނެ އެވެ. ކައުންޓާރ އެޓޭކެއްގައި ކުރިޔަށް ޖެހި ގައްދޫން ވެސް ވަނީ ނިއުރޭޑިއަންޓްގެ ގޯލަށް ނުރައްކާތެރި ބޯޅައެއް ފޮނުވާލާފަ އެވެ. އޭރިޔާ ރޮނގު ކައިރިން ގައްދޫ ޓީމުގެ އުރޯސް ޖެމޯވިޗް ފޮނުވާލި ބޯޅަ، ކީޕަރު އަޙްމަދު ސަމީރުގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ލަނޑު ޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭނުން ނުކުރެވި ދިޔަފަހުން ނިއުރޭޑިއަންޓުން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޭނާ މި ލަނޑު ވެސް ޖަހާފައިވަނީ ގައްދޫގެ ގޯލު ކުރިމައްޗަށް ޑަ ސިލްވާރ ނަގައިދިން ހުރަސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  މެސީގެ ޖާދުވީ ހިލޭޖެހުން ތަކާއެކު ބާސާ އަލުން ތާވަލުގެ އެއްވަނަ އަށް

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ނިއުރޭޑިއަންޓެވެ. މި ހާފުގައި ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔައެވެ. ދެ ޓީމުން ވެސް ގިނަ ބަދަލުތަކެއް ގެނައި މި މެޗުގައި ގައްދޫން ވަނީ މި އަހަރުގެ ދިވެހި ޕްރިމިއާރ ލީގުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ، 13 އަހަރުގެ ސާއީ އިބްރާހިމް ސާލިހް ކުޅެން އަރުވާފަ އެވެ.

ހާފުގެ ފަހުކޮޅު ގައްދޫން ކުރިޔަށް ޖެހި ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައިވާއިރު، ރަނގަޅު ދެ ފުރުސަތެއް ވެސް އެ ޓީމަށް ލިބި ބޭނުން ނުކުރެވި ދިޔަ އެވެ.

2-0 އިން ނިއުރޭޑިއަންޓް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމަށް ދެ ލަނޑު ޖަހައިދިން ޑޮރިއެލްޓަން ގޯމޭޒް ނަޝިމެންޓޯސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top