ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިއްދޫ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފި
މެޗު ކާމިޔާބުކުރި ދިއްދޫ ޓީމު / ދިވެހި ޕްރިމިއާރ ލީގު - އެފްބީ

ދިވެހި ޕްރިމިއާރ ލީގު 2026/2027 ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ހއ. ދިއްދޫ ސްޕޯރޓްސް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވެއްޖެ އެވެ. ހޯމް އެންޑް އަވޭ އުސޫލަށް ދިވެހިރާއްޖޭގެ މައި ލީގު މި އަހަރު ބަދަލުކޮށްފައިވާއިރު، މާލެއިން ބޭރުން ލީގުގެ ފުރުސަތު ހޯދާފައި ވަނީ ހއ. ދިއްދޫ އާއި ގދ. ގައްދޫ އެވެ. ލީގުގެ ފަސްވަނަ މެޗު ރޭ ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ދިވެހި ޕްރިމިއާރ ލީގަށް އަލަށް ކޮލިފައިވި ހއ. ދިއްދޫ ސްޕޯރޓްސް އާއި މި ދިޔަ އަހަރު ވެސް ދިވެހި ޕްރިމިއާރ ލީގުގައި ވާދަކުރި ބުރު ސްޕޯރޓްސް ކުލަބެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ ދިއްދޫ އެވެ. މެޗުގެ ކުރީކޮޅު އެ ޓީމުން ރަނގަޅު ދެ ފުރުސަތެއް ތަނަވަސްކުރިއިރު، ބުރުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް އެ ޓީމުން ހޯދި އެވެ. އެޓޭކަށް ބޮޑު އިސްކަމެއް ދީގެން ދެ ޓީމުން ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދިއްދޫ ޑިފެންޑަރުންގެ ފަރާތުން ގޯސްތަކެއް ފެނުނުއިރު، ބުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް ވެސް އަމާޒުވި އެވެ.

22 ވަނަ މިނިޓްގައި ދިއްދޫން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފަ އެވެ. ބުރުގެ ހާފުގެ މެދަކާއި ހިސާބުން ދިއްދޫއަށް ލިބުނު ހިލޭ ޖެހުން، ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައި ދިއްދޫއަށް ލީޑު ނަގައިދިނީ ޓެއްޓެހް ގިޑިއޮން އެވެ. މި ލަނޑާއިއެކު ދިއްދޫން ހޯދި އިތުބާރުގައި އެ ޓީމުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ހޯދާފަ އެވެ. ފުރަތަމަ ލަނޑު ޖަހައިދިން ޓެއްޓެހް ގިޑިއޮންއަށް އޭގެ އިރުކޮޅެއް ފަހުން ލިބުނު ހުސް ފުރުސަތު ބޭނުން ނުކުރެވި ދިޔައިރު، އޭގެ ފަހުން ފޮނުވާލި ދެ ހަމަލާއެއް ބުރުގެ ކީޕަރު ދިފާއުކުރި އެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ނުޖެހި އެވެ.

މިވެސް ކިޔާލަން:  ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ޕޯޗުގަލްގެ ކޮސްޓާ ހަމަޖައްސައިފި

ދެވަނަ ހާފުގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ ހަމަހަމަކުރުމަށް ބުރުން ގިނަ މަސައްކަތްތަކެއް ކުރިއިރު، ލިބިފައިވާ ލީޑު ދަމަހައްޓައި، ލީގުގެ ފުރަތަމަ މޮޅު ހޯދުމަށް ދިއްދޫން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. ގިނަ ރީނދޫ ކާޑުތަކެއް ފެނުނު މި މެޗުގެ ފަހުކޮޅު ބުރުގެ ޝަމްވީލް މުޙައްމަދަށް ވަނީ ރަތް ކާޑެއް ވެސް ދައްކާފަ އެވެ. މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ޝަމްވީލަށް ރަތް ކާޑް ދައްކާފައިވަނީ ލާސްޓް ޑިފެންޑަރުގެ ގޮތުގައި ހުރެ ދިއްދޫގެ އެޓޭކަރެއް ހުއްޓުވުމަށް އޭނާގެ ގައިގައި ހިފަހައްޓައި ވައްޓާލުމާއި ގުޅިގެން ނެވެ. ދިއްދޫއަށްވުރެ ގިނަ ފުރުސަތު މި ހާފުގައި ބުރުން ތަނަވަސްކުރިއިރު، ބުރުގެ ހަމަލާތައް ހުއްޓުވުމުގައި ދިއްދޫން ކާމިޔާބު ހޯދި މި މެޗު ނިމުނީ 1-0 އިން ދިއްދޫ މޮޅުވެގެން ނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްދޫ ސްޕޯރޓްސްގެ މުޙައްމަދު ޝިފާން އެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު އެވެ. މި މެޗުގައި ބައްދަލުކުރާނީ ވިކްޓަރީ ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫ ސްޕޯރޓްސް ކުލަބެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top