ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ސިއްރު – ޗެޕްޓަރ 21
މުނިއަވަސް ގްރެފިކްސް

ހަނދާންތައް

އެރޭ އާޝިޔާގެ ލޮލަކަށް ނިންޖެއް ނައެވެ. ލޯ މަރާލާ ކޮންމެ ފަހަރަކު، މާޒީގެ ބައެއް ހަނދާންތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުންދިޔައެވެ. އެއީ ހަމައެކަނި ފެންނަ ހުވަފެންތަކެއް ނޫނެވެ. އެ ހަނދާންތަކުގައި ހަޤީޤަތެއް އެކުލެވިގެންވާކަން އޭނާއަށް އިޙުސާސް ކުރެވެއެވެ. ނަމަވެސް އެއީ އިތުބާރު ކުރެވޭނެ ހަނދާންތަކެއް ނޫނެވެ. އެއްވެސް ތަރުތީބެއް ނެތި، ތާރީޚެއް އަދި ތަފްސީލެއް ނެތި، ކޮންމެ މަންޒަރެއް މަދު ސިކުންތުކޮޅަކަށް ފެނިފައި ފިލައިގެން ދަނީއެވެ.

ފަނޑު ކުލައެއްގެ ފަރުދާ ދަމާފައި ހުރި ކޮޓަރިއެކެވެ. މީރުވަސްދުވާ ގަމީހެއްގެ ވަހެވެ. ކުޑަދޮރުގައި ޖަހަމުންދިޔަ ވާރޭގެ ތިކިތަކެވެ. ކަންބޮޑުނުވުމަށް އެދި ނަޖުމީ ބުނި ބަސްތަކެވެ. އޭނާގެ އަތަށް ދިން ތަށްޓެވެ. އޭނާގެ އަމިއްލަ ހިނިތުންވުމުގެ އަޑު، ނަމަވެސް އެއީ ބީރައްޓެހި އަޑެއް ފަދައެވެ. ދެން ހަމްދާނެވެ. އަބަދުވެސް ހަމްދާނެވެ. ބައެއްފަހަރު ދޮރުމަތީގައި ހުއްޓި ހުއްޓާ ފެނެއެވެ. އަނެއްބައި ފަހަރު ލޯގަނޑަކުން އޭނާގެ ސޫރަ ފެނެއެވެ. އެއްފަހަރަކު، ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން، ބަޔާންކުރަން ނޭނގޭ ފަދަ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން ހުއްޓާ ފެނުނެވެ. އެއީ ރުޅިވެރިކަން ހެއްޔެވެ؟ ވޭނެއް ހެއްޔެވެ؟ މާޔޫސްކަން ހެއްޔެވެ؟ ނުވަތަ ބިރުވެރިކަން ހެއްޔެވެ؟

އޭނާގެ މޫނު ސާފުކޮށް ފެނުމުގެ ކުރިން އާޝިޔާއަށް ހޭލެވެއެވެ. ހަތަރުވަނަ ރޭ، ނިދަން ކުރި މަސައްކަތް ހުއްޓާލުމަށްފަހު އޭނާ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. އޭނާގެ ކައިރީގައި ސިދުރާ އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. އާޝިޔާ އޭނާގެ ނޯޓުފޮތް ނަގައި، ހަނދާނަށް އައި ކޮންމެ ކަމެއް ލިޔަން ފެށިއެވެ.

ފަނޑު ކުލައިގެ ފަރުދާ. ވާރޭ. މީރު ބޯއެއްޗެއް. ނަޖުމީ. ލޯގަނޑު. ބަލަހައްޓައިގެން ހުރި ހަމްދާން. އަހަންނަށް ނޭނގޭ ކޮޓަރިއެއް.

ދެން، ވަރަށް ގިނައިރު ވިސްނަން ހުރުމަށްފަހު ލިޔުނެވެ. “ސިދުރާ އުފަންވުމުގެ ކުރިން ކަމެއް ހިނގައިފި.”

އޭނާ އެ ޖުމުލައަށް ބަލަހައްޓައިގެން އިނެވެ. އެއީ ހަޤީޤަތެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް، ޑީ.އެން.އޭ ރިޕޯޓުގެ ސަބަބުން އޭނާގެ ހިތުގައި އުފެދުނު ބިރުވެރި ޝައްކުތަކާއެކު، ހަނދާނުން ފޮހެވިފައިވާ ކޮންމެ ވަގުތެއްގެ ހަޤީޤަތް ހޯދަން އޭނާ ބޭނުންވިއެވެ.

މިވެސް ކިޔާލަން:  ރިހިރަންފުށި - ޗެޕްޓަރ 26

އޭނާ ހަމްދާންގެ ތަކެތި ހޯދަން ފެށިއެވެ. މިފަހަރު އޭނާގެ ވިޔަފާރީގެ ލިޔެކިޔުންތަކެއް ނޫނެވެ. އޭނާގެ އަމިއްލަ ތަކެއްޗެވެ. ކުރިން އޭނާ އަތްލާން ޖެހިލުންވި، އަމިއްލަ ސިއްރުތައް ހިމެނޭ ތަކެއްޗެވެ. ބާ ފޯނުތަކެވެ. ފޮޓޯތަކެވެ. ރަސީދުތަކެވެ. ހޮޓާތަކުގެ ކާޑުތަކެވެ. ވޮލެޓުތަކެވެ. ނޯޓުފޮތްތަކެވެ. އަދި ކައިވެނީގެ ކުރީކޮޅުގެ ފޮޓޯތައް އަޅާފައި ހުރި ކުޑަ ލަކުޑި ފޮށްޓެވެ. އޭނާ ޒޯޔާގެ ތަކެތިވެސް ބެލިއެވެ.

އެއީ މީހެއްގެ އަމިއްލަ ކަންކަމުގެ ތެރެއަށް ވަދެގަތުން ފަދަ ކަމަކަށް ވިޔަސް، ޒޯޔާ މިދުނިޔޭގައި ނެތުމުން، އަމިއްލަ މިނިވަންކަމާއި ހެއްކާ ދެމެދު އޮތް ފަރަގު މިހާރު ވަނީ ނެތިގޮސްފައެވެ.

ޒޯޔާގެ ނޯޓުފޮތެއްގެ ތެރޭގައި އޮތް ބާ ފޮޓޯއެއް އާޝިޔާއަށް ފެނުނެވެ. އޭގައި ވަނީ މީގެ އަހަރުތަކެއް ކުރިން ރެސްޓޯރެންޓެއްގައި އެ ހަތަރު މީހުން ތިބި މަންޒަރެވެ. އެ ފޮޓޯގެ ފަހަތުގައި ޒޯޔާ ލިޔެފައިވެއެވެ. “ބައެއް ރަހުމަތްތެރިކަން ދެމިއޮންނަނީ، ވަކި ސުވާލުތަކެއް ނުކުރުމަށް އެންމެން އެއްބަސްވާތީއެވެ.”

އާޝިޔާ އެ ފޮޓޯއަށް ތަކުރާރުކޮށް ބެލިއެވެ. ދެން އޭގެ ދަށުން އޭނާއަށް އެހެން އެއްޗެއް ފެނުނެވެ. ލަންބާލާފައި އޮތް ގެސްޓްހައުސްއެއްގެ ރަސީދެކެވެ. އޭގެ ތާރީޚަކީ މީގެ ދެ އަހަރު ކުރިއެވެ. އެއީ ހަމްދާން އާއި ޒޯޔާ މަރުވި ގެސްޓްހައުސްއެވެ. އާޝިޔާގެ އަތްފައި ފިނިވިއެވެ. އޭނާ ޒޯޔާގެ ފޯނުގެ ބެކަޕް ހުޅުވާލިއެވެ. އޭގައި ފޮހެލާފައިވާ ގިނަ ފޮޓޯތަކެއް ހުއްޓެވެ. އޭގެ ތެރެއިން ގިނަ ފޮޓޯތަކަކީ މާ މުހިންމު ފޮޓޯތަކެއް ނޫނެވެ.

ނަމަވެސް ކޮޓަރިއެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އޭނާއަށް ފެނުނެވެ. އެ ފޮޓޯ ނަގާފައިވާ އޭންގަލް ވަރަށް ތަފާތެވެ. ލޯގަނޑުން ފެންނަނީ ހަމައެކަނި ބައެކެވެ. ނަމަވެސް އެއިން ހަމްދާންގެ ސޫރަ ފެންނަން ހުއްޓެވެ. އަދި އޭނާގެ ކައިރީގައި ނަޖުމީ ހުއްޓެވެ. އާޝިޔާ އެ ފޮޓޯ ބޮޑުކޮށްލިއެވެ. އެ ދެމީހުންކުރެ އެކަކަށްވެސް ފޮޓޯ ނަގާކަމެއް ނޭނގެއެވެ. އެމީހުންގެ ދެމެދުގައި ހުރި މޭޒުމަތީގައި ފުޅިއެއް ހުއްޓެވެ. އާޝިޔާއަށް އެ ފުޅީގެ ލޭބަލް ފާހަގަކުރެވުނެވެ. އެއީ އޭނާގެ ހަނދާނުގެ ތެރެއިން ފެނުނު ބޯއެއްޗެވެ.

މިވެސް ކިޔާލަން:  އިވްރިޝާ – އެޕިސޯޑް 08

އޭނާ އިތުރަށް ހޯދިއެވެ. އެހެން ފޮޓޯއެއް ފެނުނެވެ. އޭގައި ވަނީ ޒޯޔާ އެނދެއްގެ އަރިމަތީގައި އިށީނދެގެން އިން މަންޒަރެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

އެ ފޮޓޯގެ ތާރީޚަކީ ސިދުރާ އުފަންވުމުގެ ތިން މަސް ކުރިއެވެ. އާޝިޔާގެ ނޭވާ ހުއްޓުނު ފަދަ އިޙުސާސެއް ކުރެވުނެވެ. ތިން މަހެވެ. ބަރާބަރު ތިން މަހެވެ.

އޭނާ އެހެން ފައިލެއް ހުޅުވާލިއެވެ. ޒޯޔާ ހަމްދާނަށް ފޮނުވާފައިވާ މެސެޖެކެވެ. “އަހަރެމެން އޭނާއަށް މިހެން ހަދާކަށް ނުވާނެ.”

ހަމްދާން ޖަވާބުގައި ބުނެފައިވެއެވެ. “އަހަންނަށް އެނގޭ.”

ޒޯޔާ: “އެހެންވިއްޔާ އޭނާ ގާތު ބުނޭ.”

ހަމްދާން: “އޭނާގެ ހަނދާނުގައި ހުރީ ކޮން އެއްޗެއްކަން ނޭނގެނީސް ބުނާކަށް ނެތިން.”

އާޝިޔާ އެ މެސެޖަށް ބަލަހައްޓައިގެން އިނެވެ. “އޭނާގެ ހަނދާނުގައި ހުރީ ކޮން އެއްޗެއްކަން.” އޭނާއަށް އެނގެނީ ކޮން އެއްޗެއްކަމެއް ނޫނެވެ. އަދި އޭނާ ޤަބޫލުކުރަނީ ކޮން އެއްޗެއްކަމެއްވެސް ނޫނެވެ. އޭނާގެ ހަނދާނުގައި ހުރީ ކޮން އެއްޗެއްކަމެވެ. އޭނާ އެ ވާހަކައިގެ ބާކީ ބައި ހޯދަން މަސައްކަތް ކުރިއެވެ.

ޒޯޔާގެ ފަރާތުން އައިސްފައިވާ އެންމެ ފަހު މެސެޖުގައި އޮތެވެ. “އެރޭގެ ހަނދާންތައް އޭނާއަށް ވެއްޖެނަމަ، ހުރިހާ ކަމެއް ބަދަލުވާނެ.”

އާޝިޔާ ފޯނު ބޭއްވިއެވެ. އޭނާގެ އަތްފައި ބާރަށް ތުރުތުރުލަމުން ދިޔަ ނަމަވެސް، މަސައްކަތް ހުއްޓައެއް ނުލައެވެ.

އޭނާ އެހެން ފޯލްޑަރެއް ހުޅުވާލިއެވެ. އޭގައި ހުރީ ސިއްޙީ ލިޔެކިޔުންތަކެވެ. އޭނާގެ ނަން އެތައް ފަހަރަކު ފެންނަން ހުއްޓެވެ. ޑޮކްޓަރަށް ދެއްކި ވަގުތުތަކާއި، ލޭގެ ޓެސްޓުތަކާއި، މާބަނޑު ދުވަސްވަރުގެ ރިކޯޑުތަކެވެ. ދެން އޭނާއަށް ފެނުނު އެއްޗަކުން މުޅިން ހުއްޓުން އެރިއެވެ. އޭނާ ދުވަހަކުވެސް ދިޔަ ހަނދާނެއް ނެތް ކްލިނިކެއްގެ ރިކޯޑެކެވެ. އެއީ އޭނާ ސިދުރާއަށް ބަނޑުބޮޑުކަން އެނގުމުގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ތާރީޚެކެވެ.

ބަލިމީހާގެ ނަމަކަށް އޮތީ އޭނާގެ ނަމެވެ. ނަމަވެސް ޑޮކްޓަރަކީ އޭނާ ދަންނަ މީހެއް ނޫނެވެ. އާޝިޔާ އެ ކްލިނިކާ ބެހޭ މައުލޫމާތު ހޯދިއެވެ. އެ ކްލިނިކް ވަނީ މީގެ ދެ އަހަރު ކުރިން ބަންދުކޮށްފައެވެ. އޭނާ އަނެއްކާވެސް އެ ލިޔުމަށް ބެލިއެވެ. އޭނާގެ ނަމުގެ ތިރީގައި އަތުން ލިޔެފައިވާ ނޯޓެއް އޮތެވެ. އޮތީ އެންމެ ހަތަރު ބަހެވެ. “ވީކަމެއް ބަލިމީހާގެ ހަނދާނަކު ނެތް.”

މިވެސް ކިޔާލަން:  ރިހި ރޫޙް - ޗެޕްޓަރ 24

އާޝިޔާ މޭޒާ ދުރަށް ޖެހިލިއެވެ. ކުއްލިއަކަށް އެ ކޮޓަރި އޭނާއަށް މާ ކުޑަވެ، ނޭވާލާން އުނދަގޫވާ ފަދަ އިޙުސާސެއް ކުރެވުނެވެ. އޭނާ ނިދާފައި އޮތް ސިދުރާއާ ދިމާލަށް ބަލާލިއެވެ. އޭނާގެ ދަރިފުޅެވެ. އޭނާގެ ލޯބިލޯބި އަންހެން ދަރިފުޅެވެ. އޭނާ ބަނޑުއަޅައި ވިހޭ، ކާންދީ، އަތްމަތީގައި ގެންގުޅެ، ދުނިޔެއަށް އުފަންވީއްސުރެ އިންތިހާއަށް ލޯބިދިން ދަރިފުޅެވެ.

އެހެންނަމަވެސް، ލެބޯޓްރީ ރިޕޯޓަކުން މިވަނީ އޭނާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޤަބޫލުކޮށްގެން ހުރި ހަޤީޤަތަކާމެދު ސުވާލު އުފައްދާފައެވެ. އަދި ހަމްދާންގެ ތަކެތިން މި ފެންނަނީ، އޭނާއަށް ސިއްރުން ކަންތައްތަކެއް ރާވައި، ހަޤީޤަތް ފޮރުވާފައިވާކަމުގެ ހެކިތަކެވެ. ޒޯޔާއަށް އެނގެއެވެ. ހަމްދާނަށް އެނގެއެވެ. ނަޖުމީއަށް އެނގެއެވެ. ފަހަރުގައި އަޒީމަށްވެސް ކޮންމެވެސް ކަމެއް އެނގިދާނެއެވެ. އަދި އޭނާގެ އަމިއްލަ ސިކުނޑީގެ ކޮންމެވެސް ކަނެއްގައި، ހަނދާނުން ފޮހެވިފައިވާ އެރޭގެ ހަޤީޤަތް ވަނީ ތަޅުލެވިފައެވެ.

އާޝިޔާ އަނެއްކާވެސް އޭނާގެ ނޯޓުފޮތް ހުޅުވާލިއެވެ. މިފަހަރު އޭނާ އެ ގަނޑުގައި ތިން ނަމެއް ލިޔުނެވެ.

ހަމްދާން. ޒޯޔާ. ނަޖުމީ.

ދެން އޭގެ ތިރީގައި ލިޔުނެވެ. “އަހަންނަށްވީ ކީއް؟” ފަތިހުގެ އަލިކަން ފަރުދާތަކަށް އެޅެންދެން، އޭނާ އެ ބަސްތަކަށް ބަލަހައްޓައިގެން އިނެވެ.

ދެ މީހެއްގެ މަރާއި، މާޒީގައި މީހަކު ގެއްލުނު ހާދިސާއަކުން ފެށުނު މި ސިއްރުވެރިކަން، މިހާރު މިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ އެންމެ ސިއްރު ހިސާބާ ހަމައަށް ފޯރާފައެވެ. މިއީ ހަމައެކަނި ހަމްދާން ފޮރުވި ކަންތައްތަކެއް ނޫނެވެ. މިއީ އެންމެންވެސް އޭނާއަށް ސިއްރުކުރި ކަންތައްތަކެކެވެ. އަދި ފަހަރުގައި އެންމެ ބިރުވެރި ކަމަކީ، މި ހުރިހާ ސިއްރުތަކެއްގެ މަރުކަޒަކީ އާޝިޔާ އަމިއްލައަށް ކަމަށް ވުމެވެ. އޭނާގެ ހަނދާނުގެ ކޮންމެވެސް ހިސާބެއްގައި އެ މަދުވާ ބައި އެބައޮތެވެ. އޭނާ ކުރަންޖެހޭނެހާވެސް ކަމަކީ، އެ ހަނދާންތައް އަލުން އިއާދަކުރާނެ ގޮތެއް ހޯދުމެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top