ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ކުލަބް ވެމްކޯ މޮޅުވެއްޖެ އެވެ.
އިއްޔެ ހަވީރާއި ރޭ ދެ މެޗު ކުޅެފައިވާއިރު އިއްޔެ ހަވީރު ކުޅުނު މި މެޗުގައި ބައްދަލުކުރީ ކުލަބް ވެމްކޯ އާއި ސިޓީ ފްރެންޑްސް ކުލަބެވެ. ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ ފުރަތަމަ މެޗުން މޮޅުވި ކުލަބް އެމްޓީސީސީ އާއި ދެވަނަ މެޗުން މޮޅުވި ޕޮލިސް ކުލަބެވެ.
ކުލަބް ވެމްކޯ އާއި ސިޓީ ފްރެންޑްސް ކުލަބް ބައްދަލުކުރި މެޗު ކުލަބް ވެމްކޯ ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މިއީ ލީގުގެ ތިންވަނަ މެޗެވެ.
ޤައުމީ އަންހެން ވޮލީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކުލަބް ވެމްކޯގެ ފަރާތުން މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ފެނުނުއިރު އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގަ އާއި އެ ޓީމު ކޮޅަށް ހަމަލާތައް ފޮނުވުމުގައި ސިޓީ ފްރެންޑްސް ކުލަބުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގެ ފުރަތަމަ ސެޓް ކުލަބް ވެމްކޯ ކާމިޔާބުކުރީ 25-18 އިން ނެވެ. ދެވަނަ ސެޓްގައި ސިޓީ ފްރެންޑްސް ކުލަބުން ވަނީ ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި ސެޓް ކުލަބް ވެމްކޯ ކާމިޔާބު ކުރީ 25-21 އިން ނެވެ. ކުރިން ދެ ސެޓްގައި ދެއްކި ކުޅުން ތިންވަނަ ސެޓްގައި ސިޓީ ފްރެންޑްސް ކުލަބަށް ނުދެއްކުނެވެ. މި ސެޓް ކުލަބް ވެމްކޯ ކާމިޔާބު ކުރީ ސިޓީ ފްރެންޑްސް ކުލަބަށް 16 ޕޮއިންޓް ދީފަ އެވެ.
ކުލަބް ވެމްކޯ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ލީގުގެ ދެވަނައަށް ޖެހިލިއިރު، ސިޓީ ފްރެންޑްސް ކުޅުނު ދެ މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ޕޮލިސް ކުލަބާއި ކުލަބް އެމްޓީސީސީ ބައްދަލުކުރި މެޗު ކުލަބް އެމްޓީސީސީ ކާމިޔާބުކުރީ ސީދާ ތިން ސެޓުން ނެވެ. މިއީ މި ދެ ޓީމުގެ ވެސް ދެވަނަ މެޗެވެ. އަދި ލީގުގެ ހަތަރުވަނަ މެޗެވެ.
މި މެޗުގެ ފުރަތަމަ ސެޓްގައި ވާދަވެރި ކުޅުމެއް ފެނުނުއިރު، ސެޓްގެ ފަހު ވަގުތާއި ޖެހެންދެން ކުރީގައި އޮތީ ޕޮލިސް ކުލަބް ނަމަވެސް ކުލަބް އެމްޓީސީސީއިން ވަނީ ފަހަތުން އަރައި ސެޓް ކާމިޔާބުކޮށްފަ އެވެ. މި ސެޓް ކުލަބް އެމްޓީސީސީއިން ކާމިޔާބު ކުރީ 24-26 އިން ނެވެ. ފުރަތަމަ ސެޓްގައި ދެއްކި ކުޅުން ދެވަނަ ސެޓްގައި ޕޮލިސް ކުލަބަށް ނުދެއްކުނެވެ. ސެޓް ފެށީއްސުރެ ރަނގަޅަށް ކުޅުނު ކުލަބް އެމްޓީސީސީ މި ސެޓް ކާމިޔާބުކުރީ 18-25 އިން ނެވެ. ތިންވަނަ ސެޓްގައި ވެސް ޕޮލިސް ކުލަބްގެ ފަރާތުން ފެނުނީ އެންމެ ރަނގަޅު ކުޅުމެއް ނޫނެވެ. މި ސެޓް ކުލަބް ވެމްކޯ ކާމިޔާބުކުރީ 20-25 އިން ނެވެ.
ޤައުމީ ވޮލީބޯޅަ ލީގުގެ ދެ މެޗު މިއަދާއި މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަން 1 ގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ ލަޔަންސް ރެކްރިއޭޝަން ކުލަބާއި އެމްޓީސީސީ އެވެ. އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެޗްޑީސީ އެވެ.
