ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކާލާމަންނަ އާއި ބޮއިލިންގ ހެޑް ފައިނަލަށް ގޮސްފި
މެޗުގެ މޮޅު ކުޅުންތެރިޔާ މަހަދީރު / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް

އދ. މަހިބަދޫގައި މިހާރު ކުރިޔަށްދާ “މަހިބަދޫ ތާރޑް ޔޫތު ވޮލީބޯލް ކަޕް 2026” ގެ އަންހެން ޑިވިޝަންގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އަދި ފިރިހެން ޑިވިޝަންގެ ފައިނަލަށް އެންމެ ފަހުގެ ރަނަރަޕް ބޮއިލިންގ ހެޑް ދަތުރުކޮށްފި އެވެ.

އަންހެން ޑިވިޝަނާއި ފިރިހެން ޑިވިޝަން ހިމެނޭ މި މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސްޕައިކާރސް އެވެ. ލީގު ބުރުގެ އެއްވަނަ ޓީމަށް ލިބޭ އެ ފުރުސަތު ސްޕައިކާރސް ހޯދީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށްޓަކައި ކުޅުނު ސެމީ ފައިނަލް މެޗުގައި ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ކާލާމަންނަ އާއި ރަނަރަފް ޗެލެންޖާރސް އެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ކާލާމަންނަ އެވެ. އެ މެޗުގެ ސެޓްތައް ކާލާމަންނަ ގެންދިޔައީ 16-25، 15-25 އަދި 17-25 އިންނެވެ.

ލީގު ބުރުގައި ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާލާމަންނަ ކާމިޔާބުކުރި ނަމަވެސް، ސެމީ ފައިނަލް މެޗު ފަސޭހަ ނުވާނެކަމަށް އޮތީ ބެލެވިފަ އެވެ. ލީގު ބުރުގެ މެޗުން ފިލާވަޅު ލިބިގެން ނުކުތް ޗެލެންޖާރސްއިން، ސެމީ ފައިނަލް މެޗުގައި ކާލާމަންނައަށް ވަރުގަދަ ޗެލެންޖެއް ދޭނެކަމަށް ބެލެވުނު ނަމަވެސް، އެ ޓީމުގެ ފަރާތުން ފެނުނީ ލީގު ބުރުގެ މެޗުގައި ފެނުނު ކުޅުމަށްވުރެ ދަށް ކުޅުމެކެވެ.

ފުރަތަމަ ސެޓް ފަސޭހަކަމާއިއެކު 10-25 އިން ކާލާމަންނަ ކާމިޔާބު ކުރިއެވެ. ދެވަނަ ސެޓް ރަނގަޅު ވާނެކަމަށް ބެލެވުނުއިރު، މި ސެޓް ފެނުނީ ކުރީ ސެޓަށްވުރެ މާ ދަށްކޮށެވެ. މި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އައި ކާލާމަންނަ ދެވަނަ ސެޓް ހޯދީ 25-6 އިންނެވެ. ޗެލެންޖާރސްގެ ފަރާތުން ފެންނާނެކަމަށް، އެ ޓީމުގެ ސަޕޯޓަރުން އުންމީދުކުރި ކުޅުން ފެނުނީ ތިންވަނަ ސެޓްގައެވެ. ވާދަވެރި ފޯރިގަދަ ހަމަހަމަ ކުޅުމެއް މި ސެޓްގައި ފެނިގެންދިޔައިރު، ޗެލެންޖާރސްއިން މި ސެޓްގެ ލީގު ނަގައި ލީޑު ފުޅާ ވެސް ކުރިއެވެ. ފަހަތުން އަރައި 17-17 އިން ލީޑު ހަމަހަމަކުރި ކާލާމަންނަ، ލީޑު ނަގައި ސެޓް ކާމިޔާބުކުރީ 20-25 އިންނެވެ.

މިވެސް ކިޔާލަން:  ޗެމްޕިއަން ކާލާމަންނަ، ޑެމިއޯ، ބޮއިލިންގ ހެޑް ސެމީ ފައިނަލަށް

3 ސެޓް 0 ސެޓުން މެޗު ކާމިޔާބުކޮށް ކާލާމަންނަ ފައިނަލްގެ ޖާގަ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކާލާމަންނަ ޓީމުގެ ކާފިއު އެވެ.

ސްޕައިކާރސް އާއި ކާލާމަންނަ ވާދަކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުގެ ރެއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ ކާފިއު / ފޮޓޯ: މަހިބަދޫ ޔޫތު ވޮލީބޯލް ފޭސްބުކް ޕޭޖް

ރޭ ކުޅެވުނު ސެމީ ފައިނަލްގެ ދެވަނަ މެޗަކީ ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗެވެ. މި މެޗުގައި ބައްދަލުކުރީ އެންމެ ފަހުގެ ޗެމްޕިއަން ބޮއިލިންގ ހެޑް އާއި ހިޓް ހެޑް އެވެ. މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ގޮތަށް ބަލާލާއިރު، ބޮއިލިންގ ހެޑް އަކީ ގުރޫޕް ބީގެ އެއްވަނަ ޓީމެވެ. ހިޓް ހެޑް އަކީ ގުރޫޕް އޭގެ ދެވަނަ ޓީމެވެ.

ވާދަވެރި ފޯރިގަދަ ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ސެޓް ގެންދިޔައީ ހިޓް ހެޑް އެވެ. އެ ޓީމުން މި ސެޓް ގެންދިޔައީ 22-25 އިންނެވެ. ދެވަނަ ސެޓްގައި ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ފަހަރު ދެ ޓީމުން ލީޑު ނަގަމުންދިޔަ މި ސެޓް ގިނަ ވަގުތު ލީޑުގައި އޮވެ ކުޅެމުންދިޔަ ބޮއިލިންގ ހެޑް އިން ކާމިޔާބުކުރީ 17-25 އިންނެވެ. ދެޓީމަށް ދެ ސެޓް ލިބުމާއިއެކު މެޗްގެ ފޯރިގަދަވި އެވެ.

ތިންވަނަ ސެޓް ފަށައިގެން މޮޅަށް ކުޅުނީ ބޮއިލިންގ ހެޑް އެވެ. އެ ޓީމުގައި ހިމެނޭ ބިދޭސީ ކުޅުންތެރިޔާގެ މޮޅު ކުޅުމާއިއެކު ލީޑު ފުޅާކުރަމުންދިޔަ ބޮއިލިންގ ހެޑްއަށް މި ސެޓްގެ ފަހުކޮޅު ފަސޭހައެއް ނުވިއެވެ. ތިންވަނަ ސެޓް އެ ޓީމުން ކާމިޔާބުކުރީ 23-25 އިންނެވެ. ނަތީޖާ ނެރުމަށްޓަކައި ހަތަރުވަނަ ސެޓަކަށް ދާން ޖެހުނު މި މެޗުގެ ހަތަރުވަނަ ސެޓްގެ ފެށުން ވެސް ފެނުނީ ދާދި ހަމަހަމަކޮށެވެ. ފައިނަލްގެ ޖާގައެއް ހޯދުމަށްޓަކައި މި ސެޓް ކާމިޔާބުކުރަން ދެ ޓީމަށް ވެސް މަޖުބޫރުވި މި ސެޓްގައި ބޮއިލިންގ ހެޑްއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ކުރިން ތިން ސެޓްގައި ދެއްކި ކުޅުން ހިޓް ހެޑްއަށް މި ސެޓްގައި ނުދެއްކުނެވެ. ތަފާތު ބޮޑުކޮށް ފެނުނު މި ސެޓް ބޮއިލިންގ ހެޑް ކާމިޔާބުކުރީ 17-25 އިންނެވެ.

މިވެސް ކިޔާލަން:  އެކަތި ބޮޑުބެރުގެ ފޯރިގަދަ "ހިނިތުންވެ" ލަވަ ނެރެފި

3 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށް ފިރިހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ބޮއިލިންގ ހެޑް ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މަހަދީރު އެވެ.

ފިރިހެން ޑިވިޝަންގެ ސެމީ ފައިނަލް ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގެ އެއްވަނަ ހޯދި ކާލާމަންނަ އާއި ގުރޫޕް ބީގެ ދެވަނަ ހޯދި ޑެމިއޯ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top