ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ގުރޫޕްގެ އެއްވަނަ ފެލިދޫން ހޯދައިފި
ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާއްޖެ ސުޕަރ ލީގު 2026 ވޮލީބޯޅަ މުބާރާތުގެ، ފިރިހެން ޑިވިޝަންގައި އެ ޓީމު ކުޅުނު ތިންވަނަ މެޗުން ވެސް މޮޅުވެ ގުރޫޕް އޭގެ އެއްވަނަ ފެލިދޫން ހޯދައިފި އެވެ. އަދި ގުރޫޕް ސްޓޭޖްގައި އެ ޓީމުން ކުޅެން ޖެހޭ ފަހު މެޗުން މޮޅުވެ މާފުށި ގްރޫޕްގެ ތިންވަނަ ހޯދައިފި އެވެ. ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލްގައި މިހާރު ކުރިޔަށްދާ މި މުބާރާތުގެ ދެ މެޗު އިއްޔެ އާއި ރޭ ވަނީ ކުޅެފަ އެވެ.

އިއްޔެ ހަވީރު ކުޅެވުނު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގައި ހިމެނޭ ހަނިމާދޫ އާއި މާފުށްޓެވެ. މިއީ މުބާރާތުގައި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ. މި މެޗާއި ކުރިމަތިލީއިރު، ކުޅުނު ދެ މެޗުން ކޮންމެ ޓީމެއް ވެސް ބަލިވެ، ސެމީ ފައިނަލްގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓްގައި ރަނގަޅަށް ކުޅުނީ މާފުށްޓެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ މާފުށި ކުޅެމުންދިޔައިރު، ނަތީޖާ ހަމަހަމަކުރެވޭތޯ ހަނިމާދޫން ދިޔައީ މަސައްކަތް ކުރަމުންނެވެ. މި ސެޓް މާފުށިން ކާމިޔާބުކުރީ 25-15 އިންނެވެ.

ފުރަތަމަ ސެޓުން ބަލިވި ނަމަވެސް، ދެވަނަ ސެޓްގައި ފުރަތަމަ ސެޓަށްވުރެ ރަނގަޅު ކުޅުމެއް ހަނިމާދޫން ދެއްކި އެވެ. ސެޓްގެ ކުރީކޮޅު ލީޑު ވެސް ނެގި އެވެ. ކުޅުން ރަނގަޅުކޮށް މާފުށިން މި ސެޓްގެ ލީޑު ނެގިނަމަވެސް 20-20 އިން ނަތީޖާ ހަމަހަމަވި އެވެ. އިތުރު ހިތްވަރެއްލައި ފަހަތުން އަރައި 25-21 އިން މި ސެޓް ކާމިޔާބުކުރީ ހަނިމާދޫ އެވެ.

މިވެސް ކިޔާލަން:  ދިވެހިބަހާއިމެދު ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވާން ޖެހެއެވެ.

ދެކޮޅަށް ދެ ސެޓް ދިއުމާއިއެކު މެޗުގެ ފޯރި ގަދަވިއެވެ. ގުރޫޕްގެ ތިންވަނަ ހޯދުމަށްޓަކައި ތިންވަނަ ސެޓުން މޮޅުވުން ދެ ޓީމަށް ވެސް މުހިންމުވި އެވެ. ސެޓް ފެށިގޮތަށް ލީޑުގައި އޮވެ ކުޅެމުންދިޔަ މާފުށްޓާއި ހަމަހަމަކުރުމަށް ހަނިމާދޫން ކުރަމުންދިޔަ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ހޯދުނު ނަމަވެސް، ނަތީޖާ ހަމަހަމަ ކުރެވޭގޮތެއް ނުވި އެވެ. މި ސެޓް މާފުށިން ކާމިޔާބު ކުރީ 21-25 އިންނެވެ.

ހަތަރުވަނަ ސެޓްގައި ހަނިމާދޫން ވަނީ ކުރިން ކުޅުނު ސެޓްތަކަށްވުރެ މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެޓް ފެށިގޮތަށް އެ ޓީމުން ނެގި ލީޑު 13-0 އަށް ހެދިއެވެ. ގަދަ ހިތްވަރާއިއެކު ކުޅުން ރަނގަޅުކޮށް ސެޓްގެތެރެއަށް ވަންނަން މަސައްކަތްކުރި މާފުށްޓަށް 14 ޕޮއިންޓް ހަމަކުރެވުނުއިރު ހަނިމާދޫން 25 ޕޮއިންޓް ހަމަކުރިއެވެ.

ދެކޮޅަށް ދެ ސެޓް ދިއުމާއިއެކު ފަސްވަނަ ސެޓްގެ ވާދަވެރިކަން އިތުރަށް ބޮޑުވިއެވެ. މި ސެޓްގައި ތަފާތު ދެއްކީ މާފުށިންނެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ނެގި ލީޑާއިއެކު، ދޫ ދިނުމެއްނެތި އެ ދިޔަގޮތަށް ގޮސް 15-11 އިން ސެޓް ކާމިޔާބު ވެސް ކުރިއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށީ ޓީމުގެ ޔައީސް ރިފަތު ހަމީދެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މާފުށިން މުބާރާތް ނިންމާލީ ތިން ޕޮއިންޓާއިއެކު ގްރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ.

ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރޭ ކުޅުވުނު މެޗުގައި ބައްދަލުކުރީ ގުރޫޕް އޭގެ ފެލިދޫ އާއި ފޮނަދޫ އެވެ. ގުރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗު ކޮންމެ ޓީމެއް ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. މި ގުރޫޕުން ސެމީ ފައިނަލަށް ގޮސްފައިވަނީ މި ދެ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް މި ގުރޫޕްގެ އެއްވަނަ ލިބޭނެ އެވެ.

މިވެސް ކިޔާލަން:  މަންދޫ ކައުންސިލްގެ ތިންވަނަ ވޮލީ މުބާރާތް ފޯރިއާއެކު ކުރިޔަށް

މި މެޗުގެ ފުރަތަމަ ސެޓްގައި ރަނގަޅަށް ކުޅުނީ، ފެލިދޫންނެވެ. ސެޓްގެ ކުރީކޮޅު އެ ޓީމުން ނެގި ލީޑު ފަހު ވަގުތާއި ހަމައަށް ވެސް ދެމެހެއްޓި އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ފޮނަދުއަށް އެކަމުގައި ކާމިޔާބެއް ނުލިބުނެވެ. މި ސެޓް 25-19 އިން ކާމިޔާބުކުރީ ފެލިދޫ އެވެ.

ގުރޫޕްގެ އެއްވަނަ ހޯދުމަށްޓަކައި ދެވަނަ ސެޓް ހޯދުން ދެ ޓީމަށް ވެސް މުހިންމުވިއިރު، މި ސެޓްގައި ވެސް ފެލިދޫން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ފެލިދޫގެ މައްޗަށް ސެޓްގެ ފަހުކޮޅު ފޮނަދޫން ގަދަވި އެވެ. ދެވަނަ ފަހަރަށް ފެލިދޫން ހަމަހަމަ ކުރީ 23-23 އިންނެވެ. ދެ ފަހަރު ދެ ޓީމު ކުރީގައި އޮވެ ކުޅެމުންދިޔަ މި ސެޓް 25-23 އިން ކާމިޔާބުކުރީ ފޮނަދޫ އެވެ.

ދެކޮޅަށް ދެ ސެޓް ދިއުމާއިއެކު ތިންވަނަ ސެޓްގެ ފޯރި ގަދަވި އެވެ. މުޅި މުބާރާތުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންދާ ފެލިދޫން މި ސެޓްގައި ވެސް ވަނީ އެ ޓީމުގެ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ. ލީޑުގައި އޮވެ ކުޅެމުންދިޔަ ފެލިދުއާ ހަމަހަމަ ކުރުމަށް ފޮނަދޫން ކުރި މަސައްކަތް 19-19 އިން ކާމިޔާބުކުރި އެވެ. އަދި ދެވަނަ ފަހަރަށް ފެލިދޫން ކުރި ހޯދުމާއިއެކު 22-22 އިން ހަމަހަމަކުރި އެވެ. ސެޓް ނިންމުމުގެ ފުރުސަތު ދެ ޓީމަށް ވެސް ލިބުނު މި ސެޓް 25-23 އިން ކާމިޔާބުކުރީ ފެލިދޫ އެވެ.

ހަތަރުވަނަ ސެޓް ކާމިޔާބުކޮށް މެޗުން މޮޅުވާން މަސައްކަތްކުރި ފެލިދޫގެ ފަރާތުން މި ސެޓްގައި ވެސް ފެނުނީ މޮޅު ކުޅުމެކެވެ. ކުރިން ކުޅުނު ސެޓްތަކަށްވުރެ ރަނގަޅު ކުޅުމެއް ފޮނަދޫގެ ފަރާތުން ފެނުނު މި ސެޓްގެ ކުރީކޮޅު ލީޑުގައި އޮތީ އެ ޓީމެވެ. ސެޓްގެ ފަހުކޮޅު ފެލިދޫން އިތުރު ހިތްވަރެއްކޮށް ނަތީޖާ ހަމަހަމަކުރި އެވެ. ދެވަނަ ފަހަރަށް ފޮނަދޫން ނެގި ލީޑާއިއެކު މި ސެޓް އެ ޓީމުން ކާމިޔާބުކުރީ 25-22 އިންނެވެ.

މިވެސް ކިޔާލަން:  "ގޮށްރާޅު" ފިލްމަކީ ޝިނާން ޑައިރެކްޓް ކުރާ ކްރައިމް ތުރިލާއެއް

ނަތީޖާ ނެރުމަށްޓަކައި ފަސް ސެޓް ކުޅެން ޖެހުނުއިރު، ފަސްވަނަ ސެޓް ފެށީއްސުރެ މޮޅަށް ކުޅުނީ ފެލިދޫ އެވެ. ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ފޮނަދޫއަށް އެއްވެސް ފުރުސަތެއް ނުދީ ކުޅުނު ފެލިދޫން މި ސެޓް ކާމިޔާބުކުރީ 15-9 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެލިދޫ ޓީމުގެ މުރާދް ޖީހާން އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ހަ ޕޮއިންޓް ހަމަކޮށް ފެލިދޫ ވަނީ ގުރޫޕް އޭގެ އެއްވަނަ ހޯދާފަ އެވެ.

ކުރިޔަށް އޮތީ މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗެވެ. އެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ހަވީރާއި ރޭގަނޑު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top