ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ސަތާރަވަނަ ބައި
މުނިއަވަސް ގްރެފިކްސް

މެންދުރުފަހު ލާންޗުން ފުރަން ތައްޔާރުވަމުންދިޔަ ނިފާރު ބަލައި ޕޮލިހުން އައީ ފުރަން ގެއިން ނުކުންނަނިކޮށެވެ.

ވިޖުދާނަށް އަނިޔާކުރި މައްސަލައިގައި ނިފާރު ހައްޔަރުކުރި ވާހަކަ ބުނުމާއިއެކު ހައިފާ ހީވީ ބިމުން އުފުރިގެން ދިޔަހެން ނެވެ. ވައިސޫރިއެއްހާ ހަލުވިކޮށް އައިސް ރަށު ކައުންސިލަށް ވަތް ހައިފާ މަޑުކުރުވުމަށް އެތަނުގައި ތިބި މީހުން އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. ރުޅިއައިސްފައިވާ ކުޅަނދުރެއްހެން ހުރި ހައިފާ ކުޑަކޮށް ވެސް ހަމައަކަށް އެޅުނީ އެތައް ވާހަކައެއް ދައްކައި އެތައް ނަސޭހަތެއް ދިން ފަހުން ނެވެ.

ވިޖުދާނަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ޕޮލިހުން ހާޒިރުކުރި ނިފާރުގެ ބަޔާން ނެގުން ވެގެން ދިޔައީ ވިޖުދާނަށް ކުރިމަތިވި އިތުރު މައްސަލަތަކަކަށެވެ. ތިން ފަހަރެއްގެ މަތިން ނިފާރަށް ބިރުދެއްކުމުގެ ޢަމަލުތަކެއް ވިޖުދާނާއި އޭނާގެ ރައްޓެހިންގެ ފަރާތުން ކުރިމަތިވެފައިވާކަމަށް ނިފާރު ބުނެފައިވާއިރު އެއިން ދެ ފަހަރު ދެމީހުނަށް ފެނިފައިވެ އެވެ. ނިފާރުގެ ވާހަކަތަކަށް ހެކިންގެ ގޮތުގައި ހުށަހެޅުނު ނާސިތާ އާއި ހައިފާގެ ބަޔާން ނެގުމާއިއެކު ވިޖުދާނާއި އޭނާގެ ރައްޓެހިން އިތުރު ގޮޅިއަކަށް ފެތުނެވެ.

ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ނަސީބު އަތުގައި ހިފާފާނެ އެވެ. ހައިފާމެން ގޭ ކުރިމަތީ ހުރި ފިހާރައިގެ ކެމެރާއިން އެތައް ކަމެއް ސާފުވި އެވެ. ދިހަގަޑި ބައިކަންހާއިރު ހައިފާއާއިއެކު އައިސް ގެއަށް ވަތް ނިފާރުގެ ގެއިން ނުކުމެފައިވަނީ ހެނދުނު ދިހައެއް ވެސް ޖެހި ފަހުން ނެވެ. ކައިރީ ހުރި އެހެން ގެއެއްގެ ކެމެރާއިން ވެސް އެކަން ސާފުކޮށް ފެންނަން ހުއްޓެވެ. ރޭގައި ވިޖުދާންމެނާއި ނިފާރުމެން ދިމާވި ހިސާބުގައި ހުރި ކެފޭގެ ކެމެރާއިން ވެސް އެތައް ކަމެއް ފަޅާއެރި އެވެ.

އައިޖީއެމްއެޗްގައި އެނދުމަތިކޮށް ފަރުވާދެމުންދިޔަ ވިޖުދާން ހަމައަކަށް އެޅުނީ މެންދުރުފަހު އެވެ. ވިޖުދާންގެ ބަޔާންތަކުން އެނގުނު ގޮތުގައި އޭނާއަށް އަނިޔާ ކުރީ ރަށުން ބޭރު ބަޔެކެވެ. އެކަމާއި ނިފާރާ އެއްވެސް ގުޅުމެއް ނެތެވެ. އެކަމަކީ މީގެ އެތައް ދުވަހެއް ކުރިން ހިނގާފައިވާ ކަމަކާއި ގުޅިގެން ހިންގި ބަދަލު ހިފުމުގެ ޢަމަލެކެވެ. އެކަން ކުރި މީހުން ރޭގައި ރަށަށް އަރައި އެކަން ކުރުމަށްފަހު ފުރައިގެން ހިނގައްޖެ އެވެ.

ނިފާރާއި ވާހަކަ ދައްކާލާނެ ފުރުސަތަކަށް ބަލާލަބަލާލަ ހުރި ހައިފާއަކަށް އެ ފުރުސަތެއް ނުލިބުނެވެ. ކުރިން ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުނީތީ ހައިފާ ދެރަވި އެވެ. ބަނދަރުމަތިން ސަލާންކޮށްލުމަށްފަހު ހިތްހެޔޮ ކުރައްޗޭ ބުނަމުން ލާންޗަށް އެރި ނިފާރު އެހިސާބުން ހައިފާއަށް ގެއްލުނީ އެވެ.

މާލެ ދެވުމާއިއެކު ނިފާރު އޭނާގެ މަސައްކަތް އިތުރަށް ކުރިޔަށް ޖައްސާލި އެވެ. ޔަޒީދާއަށް ދެމުންދިޔަ ސަމާލުކަން އިތުރުކުރި އެވެ.

އޮފީސް ނިންމާލުމަށްފަހު ގެއަށް ދާން ނުކުތް ޔަޒީދާގެ ފަހަތުން ނިފާރު ނުކުތެވެ. މަސައްކަތް ނުނިމޭކަމަށް ބުނެ އޮފީހުގައި މަޑުކޮށްލައިގެން އިން ނިފާރުގެ ހިތުގައި އެހެން މަޤުޞަދެއް ވާކަމެއް އޭނާ ފިޔަވާ އެހެން މީހަކަށް ނޭނގެ އެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 4

ޔަޒީދާއަށްވުރެ ކުރިން މަގަށް ނުކުތް ނިފާރު ސައިކަލުގައި އައިސް ޔަޒީދާ ކައިރިއަށް މަޑުކޮށްލަމުން ވާހަކަ ދެއްކި އެވެ.

ގެއަށް ގެންގޮސްދީފާނެކަމަށް ނިފާރު ބުނުމުން ޔަޒީދާ ސައިކަލަށް އެރި އެވެ.

މޫސުމަށް އައި ކުއްލި ބަދަލާއިއެކު ވާރޭ ވެހިގަތީ އެފަދަ ކަމަކަށް ނުވެސް ވިސްނާ ތިއްބަ އެވެ. ޔަޒީދާމެން ގެއާއި ހަމައަށް އެމީހުނަށް ދެވުނީ ކިރިޔާ އެވެ.

“ހިނގާ އެތެރެއަށް.. ވާރޭ ހުއްޓާލީމަ ދާނީ.” އަވަސްއަވަހަށް ސައިކަލުން ފައިބަމުން ޔަޒީދާ ދަޢުވަތު ދިނެވެ.

“މަންމަމެން ރުޅިއެއް ނާންނާނެތަ؟” މާ ނޫން ގޮތަކަށް އެހެން އަހާލި ނަމަވެސް ނިފާރު ވެސް ބޭނުންވީ އެގެއަށް ވަންނާށެވެ.

“ކޮންމެހެން އޮޅުވާލަން އުޅޭނެ ކަމެއްނެތް. އެ މަންޖެ ރުޅި އައިސްދާނެތީއެއްނު ތި އުޅެނީ.” ނިފާރަށް ބަލާލަމުން ޔަޒީދާ ހީނލި އެވެ.

ނިފާރާއި ޔަޒީދާ ގޭތެރެއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ސިޓިންރޫމްގައި މަޑުކޮށްލަން ނިފާރު ގާތު ބުނުމަށްފަހު ކޮޓަރިއަށް ވަތް ޔަޒީދާ ނުކުތީ ތުވާއްޔެއް ހިފައިގެން ނެވެ.

ބޮލާއި މޫނު ފޮހެލުމަށްފަހު ޔަޒީދާ އަތަށް ތުވާލި ދިއްކޮށްލި ވަގުތު، ފެނުނު މަންޒަރާއިއެކު ނިފާރު ދިޔައީ ސިއްސައިގެން ނެވެ. ޤަބޫލު ނުކުރެވިގެން ކަހަލަ ގޮތަކަށް އަނެއްކާ ވެސް ބަލާލެވުނެވެ.

ހިތްހަމަނުޖެހުމާއިއެކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ސުނޭހާގެ ފަހަތުން ކަހަލަ ގޮތަކަށް ނާއިމް ކޮޓަރިން ނުކުތެވެ.

“އަނހަ ނިފާރު. ތީ ކޮން ވަޑާމެއް؟” ކުއްލިއަކަށް އެފަދަ ގޮތަކަށް ނިފާރު ފެނުމުން ނާއިމަށް ލިބުނީ ހައިރާންކަމެވެ.

“ޔަޒީދާ ގެއަށް ވައްޓާލާފަ ދާން އައިތަނުން ވާރެއާ ލައްވާލީ.” ޔަޒީދާއަށް ބަލާލަމުން ނިފާރު ޖަވާބު ދިނެވެ.

ވާހަކަ ދައްކަމުން ދައްކަމުން އައި ނާއިމް ބޭނުންވީ ނިފާރާއި ވާހަކަ ދައްކާލަން މަޑުކުރާށެވެ. އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ސުނޭހާ ގޮސް އަނެއްކާ ވެސް ކޮޓަރިއަށް ވަނެވެ. ނާއިމާއި ނިފާރުގެ ވާހަކާގައި ޔަޒީދާ ވެސް ބައިވެރިވި އެވެ.

ސުނޭހާއާމެދު ނިފާރުގެ ހިތުގައި އުފެދެމުންދިޔަ ބައެއް ސުވާލަށް ޖަވާބު ލިބޭކަށް ގިނައިރެއް ނުވި އެވެ. ސުނޭހާމެން ރާއްޖެ އައިތާ ހަތަރު ވަރަކަށް ދުވަސް ވެއްޖެ އެވެ. ނިފާރަށް ސުނޭހާއާ ނުގުޅެނީ އޭނާ ރާއްޖޭން ބޭރުގައި ހުރުމަކުން ނޫނެވެ. އޭނާ ކުރިން ބޭނުން ކުރަމުންދިޔަ މޯބައިލް ނަންބަރު ބޭނުންކުރުން ހުއްޓާލާފައިވާތީ އެވެ.

ކުރިން ބޭނުންކުރަމުން އައި ނަންބަރު ބަދަލުކުރުމާއި އެކަން ނިފާރަށް ސިއްރުކުރުމުގައި ކޮންމެ ވެސް ސަބަބެއް އޮންނާނެކަމުގައި ނިފާރުގެ ހިތް ބުންޏެވެ.

ސުނޭހާ ހުރީ ވަގުތެއްގެ އިންތިޒާރުގައި ކަހަލަ އެވެ. ނިފާރު ނުކުމެގެން ދިއުމާއިއެކު އައިސް ޔަޒީދާގެ ކޮޓަރިއަށް ވަނެވެ.

މިވެސް ކިޔާލަން:  ވޭނުގާ - ހަތްވަނަ ބައި

“ވާއު. މީދޯ މާ ވަރަކަށް އޮފީސްވެގެން މި އުޅޭ ސަބަބަކީ. ހީވީ ހަމަ ގުރާ ޖޯޑެއްހެން.. ދޮންބެގެ ރުހުން ވެސް ހޯދީތަ؟ ކޮން ދުވަހަކު ސައި އޮތީ. މަންމައާ ވެސް ބައްދަލުކުރަން ވާނެއެއްނު. ބައްޕައަށް އޭނާ ދައްކާލަން ރާއްޖޭން ބޭރަށް ދާއިރުން މަ ވެސް ގެންދައްޗޭ.” ސުނޭހާގެ ކިބައިން ފެނުނީ ސަމާސާގެ ކުލަވަރެވެ.

“ސާބަސް ދޮންބެދައްތައަށް. ތީ ހަމަ ހީވާގޮތް. އެކަހަލަ އެއްވެސް ކަމެއްނެތް. އަހަރެން ގޮވައިގެން ގެކައިރިއަށް އައިތަނުން ވާރޭ ވެހިގަތީމަ ވަދެލީ.” މާބޮޑު ޝައުޤުވެރިކަމެއް ނެތް ކަހަލަ ގޮތަކަށް ސުނޭހާއަށް ބަލާލަމުން ޔަޒީދާ ނިންމާލި އެވެ.

“އެހެންތަ؟ ތިހެން ބުންޏަސް ކަމަކާއި ވަރަށް މޫޑީވެފަ ހުންނަހެން ހީވަނީ. ހިތު އަޅައިގެން އުޅެނިކޮށް ކެޓީ ދޯ؟ އަހަރުމެނާއިއެކު ދަތުރު ގޮސް ނިފާރު އުޅުނު ގޮތުގެ ވާހަކަ ސިޔާހް ނުބުނޭތަ؟ ވަރަށް ހިންގާލާފަ އުޅުނީ. ވަރަށް ބިޓިން މީހެއްހެން ހީވަނީ.” ސުނޭހާ އިސްކަން ދިނީ އޭނާ ބޭނުންވި ކަންތައް ހޯދާށެވެ.

“އޮފީސްތެރޭ އެވާހަކަ ދެއްކި. އެހެން ނޫނަސް އަހަންނަށް ކޮން ކަމެއް؟ މަ ބޭނުންވީ އަވަހަށް ގެއަށް އަންނަން. އެކަން ވެއްޖެ.” ތުވާލި ހިފައިގެން ޔަޒީދާ ގޮސް ވަނީ ފާޚާނާއަށެވެ.

ނިފާރާއި ގުޅޭތޯ ހައިފާ ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ނުލިބި ދުވަސްތައް މާޒީއާ އެކުވަމުން ދާވަރަކަށް އޭނާގެ އުޅުމަށް ބަދަލު އަންނަމުން ދިޔަ އެވެ. ކެއިންބުއިމާއި ދުރުވަމުން ދިޔައިރު ގެސްޓްހައުސްގެ މަސައްކަތްތަކަށް ވެސް ފަރުވާކުޑަވަމުން ދާން ފެށި އެވެ. ބައެއް ފަހަރު ބައެއް ކަންކަން ތަކުރާރުކޮށް މުވައްޒަފުން ބުނެދޭން ޖެހެން ފެށި އެވެ. އެކަހެރިކަމުގެ ހޭދަކުރާ ވަގުތުތައް ގިނަވަމުން ދިޔަ އެވެ.

ސުނޭހާއާ ގުޅަން ނިފާރު ކުރަމުންދިޔަ ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކާމިޔާބެއް ނުލިބުނުތާނގައި ކުރިއެރުމެއް ވެސް ނުލިބުނެވެ.

މާޔޫސްވެ ކަރުއެލުވާލުމަކީ ނިފާރު ޤަބޫލުކުރާ އުސޫލެއް ނޫނެވެ. އެއްގޮތެއް ނެތިއްޔާ އެހެން ގޮތެއް އޮންނާނެ އެވެ. ޖެހޭނީ ހިތްވަރާއިއެކު މަސައްކަތްކޮށް އެގޮތް ހޯދާށެވެ. ކާމިޔާބަކީ ކާމިޔާބަށް އެދިގެން މަސައްކަތްކުރާ އަޅާގެ ޙައްޤެކެވެ.

ނިފާރު ބޭނުންވި ފަދައިން ޔަޒީދާ މަޑުމަޑުން އޭނާއާ ގާތްވަމުން އޮޅުވަމުން ދިޔަ އެވެ. ޙައްޤު ހޯދުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމަށް އަތުކުރި އޮޅާލައިގެން ހުރި ނިފާރު ކޮންމެ ކަމެއް ކުރަމުން ދިޔައީ އެތައް ގޮތަކަށް ވިސްނަމުން ނެވެ. އެއްގޮތުން ނުވިއްޔާ އަނެއް ގޮތުން ވެސް އެކަން ވާނެ މަގެއް ފަހިވާނެގޮތް ބަލައިގެން ނެވެ.

ހަފުތާއެއްހާ ދުވަހުގެ ޗުއްޓީއަކަށް ޝީޝަލްސްއަށް ދާން ތައްޔާރުވަމުން ދިޔަ ނިފާރު އެވާހަކަ ދެއްކީ ޔަޒީދާ ގާތު އެކަންޏެވެ. އެހެން އެއްވެސް މީހެއް ގާތު އޭނާ އެވާހަކަ ނުދެއްކީ ރޭވުން ކާމިޔާބު ކުރުމަށް އެއްވެސް ހުރަހެއް އެޅެން ބޭނުން ނުވާތީ އެވެ. ކޮންމެ ގޮތަކުން ނަމަވެސް އޭނާއާއެކު ޔަޒީދާ ގެންދިއުމަކީ އޭނާ އެންމެ ބޭނުންވާ ކަންތަކެވެ.

މިވެސް ކިޔާލަން:  ކަޅިސް - ދިގު ވާހަކަ

ހައިފާއަށް އަންނަމުންދިޔަ ބަދަލުގެ އަސްލަކީ ކޮބައިކަން ވަލީދާއި ނާސިތާއަށް އެނގެ އެވެ. އެކަމާއި ވިސްނާ ފިކުރު ކުރަމުންދިޔަ އެ ދެމަފިރިންގެ ކެތްތެރިކަން ކޮޅުންލާން ފެށި އެވެ. ހައިފާއަށް ނަސޭހަތްދީ ކެރިގެން ކަންކަމާއި ކުރިމަތިލުމަށް ހިތްވަރު ދިނެވެ. މިއަދު މިހެން ވާން ޖެހުނީ ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވުމުންކަން ވިސްނައިދިނެވެ. މާޔޫސްވެ ކަރު އެލުވާލަން އަދި ގާތް ވެސް ނުވާކަން ހަނދާންކޮށްދިނެވެ. މަސައްކަތް ކުރާނަމަ ފުރުސަތު އަދިވެސް ފަހިވާނެކަމަށް ބުންޏެވެ.

ހުރިހާ ކަމެއް ވެސް ހަމަޖެހިގެން ދިޔައީ ނިފާރު ބޭނުންވި ގޮތަށެވެ. ނިފާރެކޭ އެއްފަދައިން ޔަޒީދާ ވެސް އެހެން މީހެއް ގާތު އެ ވާހަކައެއް ނުދައްކަ އެވެ.

ހައިފާ ބޭނުންވީ ކޮންމެ ގޮތަކުން ނަމަވެސް ނިފާރާއި ބައްދަލުކުރާށެވެ. ނާސިތާމެން ދެމަފިރިންނާއިއެކު ހައިފާ މާލެ އައީ އެ ބޭނުމުގަ އެވެ. ނިފާރާއި ނުގުޅުނު ނަމަވެސް ކޮންމެވެސް ގޮތެއް އޮންނާނެކަމުގައި އޭނާގެ ހިތް ބުންޏެވެ.

ބޭނުންވި ލޯތްބާއި އަޅާލުން ނިފާރުގެ ފަރާތުން ލިބުމުން ޔަޒީދާ ހުރީ ނުހަނު އުފަލުން ނެވެ. ދިރިއުޅުމުގައި ދެކުނު އެންމެ ބޮޑު އެއް ހުވަފެން ހަޤީޤަތަކަށް ވުމުން އޭނާގެ ހިތް ފުރިފައިވާ ކަހަލަ އެވެ.

ޔަޒީދާ ކަންތައް ކުރަމުން ދިޔައީ ނިފާރު ލަފާދޭ ގޮތަށެވެ. ނިފާރު އޭނާއާއި ބައްދަލުކުރީ ފުލައިޓުން ނެވެ. ޔަޒީދާ ލަންކާއަށް ދަނީ ނިފާރާއި އެކުގައިކަން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެ އެވެ. ޔަޒީދާ ފުރައިގެން ދިޔައީ ލަންކާ މަގުން ޝީޝަލްސްއަށް ދާން ނަމަވެސް އެކަން އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

ޓެކްސީ މަޑުކޮށްލުމާއިއެކު ފައިބަމުން ނިފާރު ބަލާލީ ކުރިމަތީގައި ހުރި ބޮޑު އިމާރާތަށެވެ. މިހާރަށް އެކަށީގެންވާ ފަދަ ޒަމާނީ ކުލަވަރު ފެންނަމުންދިޔަ ފަނަރަ ފަންގިފިލާގެ އެ ހޮޓަލުގައި ސަތޭކަ ފަންސާސް ކޮޓަރި ހުރެ އެވެ. ފަސް ރެސްޓޯރެންޓާއި ހަތަރު ކޮފީޝޮޕްގެ އިތުރުން ބާއެއް ހުރެ އެވެ. ފަތުރުވެރިންނަށް ޚާއްސަ ފިހާރަތަކާއި މުނިފޫހިފިލުވޭނެ ގޮތްތައް ވެސް ހަމަޖެހިފައިވެ އެވެ.

ނިފާރު މަޑުކޮށްލީ ބޭރުގަ އެވެ.

ކުއްލިއަކަށް ޔަޒީދާ އައިސް ބައްދަލުކުރުމުން ފާއިދަށް ލިބުނީ ހައިރާންކަމެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނުއިރު ޔަޒީދާއާއިއެކު އެހެން މީހަކު އައިސް ހުރިތޯ ބަލައި ވެސްލި އެވެ.

“އަހަރެން ބުނީމެއްނު ވަރަށް ބޮޑު ކަމެއްގަ ބައްޕައާ ބައްދަލުކޮށްލަން އަންނާނަމޭ. އެހެންވެ މިއައީ.” ޔަޒީދާގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަޖެހުމެވެ.

“ވަލީ ހޯދަން އައި މީހާ ކޮބާ؟” ފާއިދު ހޯދަން ބޭނުންވީ އޭނާގެ ހިތުގައިވާ ސުވާލުގެ ޖަވާބެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top