ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ފޮނި ދިރިއުޅުން – ފުރަތަމަ ބައި

މާލޭގެ އުސް އިމާރާތްތަކުގެ ބޮކިތަކުން މުޅި މާހައުލު އޮތީ ދިއްލާލައިފައެވެ. ސިނަމާލެ ބްރިޖުމަތިން ދަތުރުކުރަމުންދާ އުޅަނދުތަކުގެ އަލިތައް ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާއިރު، ބަލައިލަން ހިތްގައިމެވެ. ނަމަވެސް އެ އުޖާލާކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތްތަކަކީ ކޮބައިކަން އެނގެނީ ކާކަށް ހެއްޔެވެ؟

އިމާދަކީ މާލޭގައި ނަންހިނގާ ވިޔަފާރިވެރިއެކެވެ. އޭނާގެ ދިރިއުޅުމަކީ ގިނަ ބަޔަކު ހަސަދަވެރިވާ ފަދަ “ފޮނި” ދިރިއުޅުމެކެވެ. އޭނާގެ އަނބިމީހާ ނާޝާ އަކީ މާލޭގެ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ، ނުފޫޒުގަދަ އަންހެނެކެވެ. އެމީހުންގެ ދިރިއުޅުން ބޭރުފުށުން ފެންނަނީ ފުރިހަމަ ކުރެހުމެއް ފަދައިންނެވެ. ނަމަވެސް އެ ކުރެހުމުގައި ކުލަޖެހެން ފެށީ ސާރާ މާލެ އައުމުންނެވެ.

ސާރާ އަކީ އަތޮޅުތެރޭގެ ރަށަކުން މާލެއަށް ހިޖުރަކުރި، ހިތްވަރުގަދަ މަންމައެކެވެ. އޭނާއަކީ ހުނަރުވެރި ކުރެހުންތެރިއެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނާއާއި އިމާދުގެ މެދުގައި އޮތް ގުޅުމަކީ މިއަދު އެކަކުވެސް ދައްކަން ބޭނުންވާ ވާހަކައެއް ނޫނެވެ.

—–

“އިމާދު، މިރޭގެ ޕާޓީއަށް ތައްޔާރުތަ؟” ނާޝާ އޭނާގެ އަގުބޮޑު ފޯނުން މީސްމީޑިއާ ބަލަމުން އަހައިލިއެވެ.

އިމާދު ލޯގަނޑު ކުރިމަތީގައި ހުރެ ކަސްޓަމް-މޭޑް ގަމީހުގެ ގޮށްތަކަށް ބަލައިލިއެވެ. “އާނ، ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ. އެކަމަކު އަހަންނަށް މިރޭ މާ ގިނައިރު މަޑެއް ނުކުރެވޭނެ. މާދަމާ ހެނދުނު ބޮޑު މީޓިންއެއް އެބައޮތް.”

ނާޝާ ތެދުވެގެން ގޮސް އިމާދުގެ ކައިރީގައި ހުއްޓުނެވެ. “ކޮންމެ ރެއަކުވެސް ތިޔަ ބުނަނީ ތިޔަހެން. މީޓިންތަކާއި ބިޒީކަމުގެ ވާހަކަ. އަހަރެމެންގެ ދެމެދުގައި އޮތް ގުޅުން މިހާރު ހީވަނީ ހަމައެކަނި ކަލަންޑަރެއްގައި އޮތް ތާރީޚުތަކެއްހެން.”

އިމާދު ފުން ނޭވާއެއްލިއެވެ. އޭނާ ދަންނަނީ ހަމައެކަނި ފައިސާއާއި ނުފޫޒެވެ. ނާޝާ ބޭނުންވާ ލޯތްބާއި އަޅާލުން ދިނުމަށް އޭނާ ވަނީ ނުކުޅެދިފައެވެ.

މިވަގުތު ސާރާ ހުރީ ހުޅުމާލޭގެ ކުޑަ އެޕާޓްމަންޓެއްގައެވެ. އޭނާގެ ފަސް އަހަރުގެ ދަރިފުޅު ނިދާފައި އޮތްއިރު، އޭނާ ބަލަހައްޓައިގެން ހުރީ ކުޑަދޮރުން ފެންނަ މާލޭގެ އުސް އިމާރާތްތަކަށެވެ. އޭނާ މާލެ މިއައީ އާ ފެށުމަކަށެވެ. ނަމަވެސް މާލެއަކީ މާޒީގެ ހިޔަނިތައް ފަސޭހައިން ފޮހެވޭ ތަނެއް ނޫނެވެ.

—–

ޖެހިގެން އައި ދުވަހު މާލޭގެ އާޓް ގެލެރީއެއްގައި ބޭއްވުނު މައުރަޒަކުން އިމާދާއި ސާރާ ބައްދަލުވިއެވެ. އެއީ އިއްތިފާގެއް ކަމެއް ނުވަތަ ތަގުދީރުގެ ރޭވުމެއް ކަމެއް ނޭނގެއެވެ.

“ސާރާ؟” އިމާދުގެ އަޑުގައި ހުރީ ހައިރާންކަމެވެ.

ސާރާ އެނބުރި ބަލައިލިއެވެ. އޭނާގެ ލޮލުން ފެނުނީ ހަމަޖެހުމެވެ. “ހާލު ކިހިނެއް އިމާދު؟ ވަރަށް ދުވަސްވެއްޖެ.”

“އަހަރެން ހީކުރީ ސާރާ ރަށް ދޫކޮށްލާފަ ދުވަހަކުވެސް ނާންނާނެ ކަމަށް،” އިމާދު އޭނާގެ ވަށައިގެން ތިބި މީހުންނަށް ސިއްރުން ބުންޏެވެ. “ކީއްކުރަން މާލެ ތިއައީ؟”

މިވެސް ކިޔާލަން:  ހޮޓެލް ގްރޭންޑް މެރީނާ – ދެވަނަ ބައި

“ދިރިއުޅެން،” ސާރާ ކުރުކޮށް ބުންޏެވެ. “އަހަރެންގެ ދަރިފުޅަށްޓަކައި. އަދި އަހަރެންގެ ހުނަރަށްޓަކައި. މިތަނަކީ ހަމައެކަނި މުއްސަނދިންގެ ތަނެއް ނޫނެއްނު؟”

އިމާދުގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ސާރާ އައުމަކީ އޭނާ ބިނާކޮށްފައިވާ “ފޮނި” ދުނިޔެ ފުނޑުފުނޑުވެދާނެ ކަމެއްގެ ފެށުމެވެ. ނާޝާއަށް މިކަން އެނގިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟

—–

އިމާދުގެ ގާތް އެކުވެރިޔާ ވާދިލް އަކީ ވެސް މާލޭގެ މަތީ ފަންތީގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. ނަމަވެސް އޭނާގެ ދިރިއުޅުމުގައި އޮތީ މުޅިން ތަފާތު މައްސަލަތަކެކެވެ. އޭނާގެ އަނބިމީހާ ލަޔާ އަކީ މޮޑެލް ކުރުމާއި ސޯޝަލް މީޑިއާގައި މަޝްހޫރުވުމަށް ލޯބިކުރާ މީހެކެވެ.

“ވާދިލް، އަހަރެން ބޭނުންވަނީ މި ރޯދަމަހު ދުބާއީއަށް ދާން،” ލަޔާ ބުންޏެވެ. “އެންމެންވެސް އެބަދޭ. އަހަރެން އެކަނި މިތާ މަޑުކުރަންވީ ކީއްވެ؟”

ވާދިލް ބޮލުގައި އަތްއަޅާލިއެވެ. “ލަޔާ، މި ދުވަސްވަރު ވިޔަފާރި ދަނީ ވަރަށް ދަށަށް. އަހަރެމެން ޖެހޭނެ ތަންކޮޅެއް ބަލައިގެން އުޅެން.”

“ބަލައިގެން އުޅޭނީ ފަގީރުން،” ލަޔާ ހިތްހަމަނުޖެހިފައި ބުންޏެވެ. “އަހަރެން ބޭނުމީ ސްމާޓް ދިރިއުޅުމެއް. ބޭބީއަށް އެކަން ކޮށްނުދެވޭނަމަ، ދެން…” އޭނާ ވާހަކަ މެދުކަނޑާލިއެވެ.

މިފަދަ ކޮންމެ ގުޅުމެއްގެ ތެރޭގައި އޮތީ ފައިސާއާއި ދެއްކުންތެރިކަމުގެ ހަނގުރާމައެކެވެ. އިމާދު، ނާޝާ، ވާދިލް އަދި ލަޔާ – މިއީ އެއް މަގަކުން ދަތުރުކުރާ، ނަމަވެސް މުޅިން ތަފާތު މިސްރާބުތަކަކަށް ހިތް އެދޭ ބައެކެވެ.

—–

ސާރާ މާލެ އައީ ހަމައެކަނި ވަޒީފާއަކަށް ނޫނެވެ. އޭނާގެ އަތުގައި އޮތީ އިމާދުގެ މާޒީއާ ގުޅިފައިވާ ބޮޑު ސިއްރެކެވެ. އެއީ އިމާދުގެ އާއިލީ ވިޔަފާރީގެ ތެރޭގައި ހިނގާފައިވާ ކޮރަޕްޝަނުގެ ލިޔެކިޔުންތަކެކެވެ. ސާރާގެ ބައްޕައަކީ އިމާދުގެ ބައްޕަގެ ދަށުން މަސައްކަތްކުރި މީހެކެވެ. އަދި އޭނާ މަރުވީ އެ ސިއްރުތައް ހިފައިގެންނެވެ.

ސާރާ ބޭނުންވަނީ އޭނާގެ ބައްޕައަށް އިންސާފު ހޯދައިދޭށެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި އޭނާ ޖެހޭނީ އިމާދުގެ ގާތް އެކުވެރިއަކަށް ވާށެވެ.

—–

އިމާދު އޭނާގެ އޮފީހުގައި އިނދެ ފުންކޮށް ވިސްނަމުންދިޔައެވެ. ސާރާ ފެނުމުން އޭނާގެ ހިތުގެ ކަނެއްގައި ނިދާފައި އޮތް ލޯބި ހޭލައިފިއެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް އޭނާ ބިރުގަންނަނީ އޭނާގެ މިހާރުގެ މަގާމާއި ނަމަށެވެ.

“ސާރާ، އަހަރެމެން ބައްދަލުކުރަން އެބަ ޖެހޭ،” އިމާދު ސާރާއަށް މެސެޖެއް ފޮނުވިއެވެ.

ސާރާގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. “މާދަމާ ހަވީރު އާޓިފިޝަލް ބީޗްގަ ބައްދަލުކުރަމާ!.”

މިވެސް ކިޔާލަން:  ފަހު ވަޢުދު - 3

އެރޭ ނާޝާއަށް އިމާދުގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވިއެވެ. އޭނާ ފޯނާ ދުރަކަށް ނުދެއެވެ. އަދި ކޮންމެ އަޑަކަށް ސިހިގެންދެއެވެ.

“އިމާދު، ކަމަކާ ކަންބޮޑުވުމެއް އޮތީތަ؟” ނާޝާ އަހައިލިއެވެ.

“ނޫން، ހަމައެކަނި ވަރުބަލިވީ،” އިމާދު ދޮގުހެދިއެވެ. “އަހަރެން ނިދަން މިދަނީ.”

ނާޝާ ހިމޭންވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ޝައްކުގެ އޮށެއް އިންދިއްޖެއެވެ. އޭނާއަކީ މާލޭގެ އެންމެ މަތީ ފަންތީގެ މައުލޫމާތުތައް ހޯދުމުގައި ކުޅަދާނަ އަންހެނެކެވެ. އޭނާ ނިންމީ އިމާދަށް ފާރަލާށެވެ.

—

އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. އާޓިފިޝަލް ބީޗް ސަރަހައްދު އޮތީ މީހުންނާއި ކުދިބޮޑު އެންމެންނައިގެން ފުރިފައެވެ. ކަނޑުން ޖެހެމުންދާ ތާޒާ ރޯޅިތަކުން ހިތަށް ފިނިކަން ގެނެސްދެއެވެ. ނަމަވެސް އިމާދުގެ ހިތުގައި އޮތީ އަލިފާންގަނޑެއް ފަދަ ނުތަނަވަސްކަމެކެވެ. އޭނާ ކަޅު އައިނެއް އަޅައިގެން، މީހުންގެ ތެރޭގައި ފޮރުވިގެން ހުރެ ސާރާގެ އިންތިޒާރުގައި ހުއްޓެވެ.

ސާރާ އައީ އޭނާގެ ދަރިފުޅު އައިލާ ގޮވައިގެންނެވެ. އައިލާގެ މޫނުމަތިން ފެންނަނީ މައުސޫމް ހިނިތުންވުމެކެވެ. އޭނާ ދުވެފައި ގޮސް ދޮންވެލިގަނޑުމަތީގައި ކުޅެން ފެށިއެވެ.

“ސާރާގެ ދަރިފުޅުތަ؟” އިމާދު ސާރާގެ ގާތަށް ޖެހިލަމުން އަހައިލިއެވެ.

ސާރާ ބޯޖަހާލިއެވެ. “އާނ. އައިލާ. އޭނާއަށް މިހާރު ފަސް އަހަރު.”

އިމާދުގެ ހިތަށް ތަދެއްވިއެވެ. އޭނާ ހިސާބު ހަދާލިއެވެ. ސާރާ ރަށަށް ދިޔައީ މީގެ ހަ އަހަރު ކުރިންނެވެ. “ސާރާ… މިއީ އަހަރެންގެ…؟”

“ނޫން،” ސާރާ ވަރަށް އަވަހަށް ބުނެލިއެވެ. ނަމަވެސް އޭނާގެ ލޮލުގައިވި ކުލަވަރުން އިމާދަށް އެއީ ދޮގެއްކަން ޔަގީންވިއެވެ. “އިމާދު، އަހަރެން މިތަނަށް މިއައީ މާޒީގެ ވާހަކަ ދައްކާކަށް ނޫން. އަހަރެން ބޭނުންވަނީ ވަޒީފާއެއް. އަދި އަމިއްލަ ފައިމައްޗަށް ތެދުވާން.”

“އަހަރެން ސާރާއަށް ފައިސާ ދީފާނަން. ސާރާ ރަށަށް ދާންވީނު؟” އިމާދު ހުށަހެޅިއެވެ.

ސާރާ ހީނލިއެވެ. އެއީ މަލާމާތުގެ ހިނިތުންވުމެކެވެ. “އިމާދު ހީކުރަނީ ހުރިހާ ކަމެއް ފައިސާއިން ގަނެވޭނެ ކަމަށްތަ؟ އިމާދުގެ ބައްޕަ އަހަރެންގެ ބައްޕައަށް ކުރި އިހާނެތިކަން އަހަރެން ހަނދާނެއް ނުނެތޭ. އަހަރެން މިހުރީ ހުރިހާ ލިޔެކިޔުމެއް ހިފައިގެން. އިމާދުގެ އާއިލީ ވިޔަފާރި ‘ރިކާޒް ހޯލްޑިންގްސް’ އަކީ ކޮން ފަދަ މަކަރުވެރި ތަނެއްކަން މުޅި ރާއްޖެއަށް އެނގިއްޖެނަމަ ވާނީ ކިހިނެއް؟” ސާރާގެ ރާގު ހަރުކަށިވެފައި ސާބިތުކަން ހުއްޓެވެ.

އިމާދު ގަނޑުވިއެވެ. އޭނާގެ ނިތްކުރިން ދާހިއްލާލިއެވެ. “ކަލޭ ތިޔަ އުޅެނީ އަހަރެން ބްލެކްމެއިލް ކުރަންތަ؟”

“ނޫން. އަހަރެން ބޭނުންވަނީ ހަމައެކަނި އިންސާފު. އަދި އަހަރެންގެ ދަރިފުޅަށް އުޖާލާ މުސްތަގުބަލެއް،” ސާރާ ސާބިތުކަމާއެކު ބުންޏެވެ. “އަހަރެންގެ އާޓް އެގްޒިބިޝަން ކުރިއަށް ގެންދަން އިމާދުގެ އެހީތެރިކަން ބޭނުން. އަދި މާލޭގެ މަތީ ފަންތީގެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތުވެސް ބޭނުން.”

މިވެސް ކިޔާލަން:  ރަޔާން - ތިންވަނަ ބައި

އިމާދު ފުން ނޭވާއެއްލިއެވެ. އޭނާއަށް އޮތީ ދެގޮތެކެވެ. އެއްގޮތަކީ ސާރާގެ އެދުމަށް އިޖާބަދީ އޭނާގެ ކައިރީގައި ބެހެއްޓުމެވެ. އަނެއްގޮތަކީ އޭނާ ނައްތާލުމެވެ. ނަމަވެސް ސާރާއަށްޓަކައި އޭނާގެ ހިތުގައި އޮތް ލޯބި އެކަމަށް ހުރަސްއެޅިއެވެ.

—–

އެވަގުތު ބްރިޖް ކައިރީގައި އޮތް ކާރެއްގެ ތެރޭގައި އިނދެ ނާޝާ ދުރުމީއަކުން މި މަންޒަރު ބަލަމުންދިޔައެވެ. އޭނާގެ ކައިރީގައި އިނީ އޭނާގެ އަމިއްލަ ޕްރައިވެޓް އިންވެސްޓިގޭޓަރެވެ.

“އެއީ ކާކު؟” ނާޝާ ހަރުކަށިކަމާއެކު އަހައިލިއެވެ.

“އެއީ ސާރާ. ކުރިން އިމާދުގެ ބައްޕަގެ އޮފީހުގައި މަސައްކަތްކުރި މީހެއްގެ ދަރިއެއް. އޭނާ މާލެ އައީ އިއްޔެ،” އިންވެސްޓިގޭޓަރު މައުލޫމާތު ދިނެވެ.

ނާޝާގެ ދަތްކުނޑިވިކާލެވުނެވެ. “މަށަށް ހީވޭ މިއީ ކޮންމެވެސް ބޮޑު ކަމެއްގެ ފެށުންހެން. އިމާދު ދުވަހަކުވެސް މިހާ ސިއްރުން މީހަކާ ބައްދަލެއް ނުކުރާނެ. އެ ކުޑަކުއްޖާއަކީ ކާކުތޯ ބަލާ. އަދި އެ އަންހެންމީހާގެ ހުރިހާ ވަނަވަރެއް ހޯދާ.”

—–

ޖެހިގެން އައި ރޭ، ވާދިލް އާއި ލަޔާގެ ގޭގައި ބޮޑު ކެއުމެއް އޮތެވެ. މިއީ މާލޭގެ “ހައި ސޮސައިޓީ”ގެ މީހުން ބައްދަލުވާ ރެއެކެވެ. މޭޒުމަތި ފުރިފައިވަނީ ބޭރު ގައުމުތަކުން ގެނެސްފައިވާ މޭވާތަކާއި، އަގުބޮޑު ކާތަކެތިންނެވެ.

“ވާދިލް، އަހަރެން މި އުޅެނީ އާ ރިސޯޓެއް ހުޅުވަން،” އިމާދު ބުންޏެވެ. އޭނާ މަސައްކަތް ކުރަމުންދިޔައީ އޭނާގެ ހިތުގައިވާ ހާސްކަން ފޮރުވާށެވެ.

“މި ދުވަސްވަރު ރިސޯޓު ހުޅުވުމަކީ ރިސްކެއް،” ވާދިލް ބުންޏެވެ. “ބޭންކް ލޯނުތަކުގެ އިންޓަރެސްޓް ވެސް ވަރަށް ބޮޑުވެއްޖެ.”

ލަޔާ އެމީހުންގެ ވާހަކައިގެ ތެރެއަށް އެރުނެވެ. “އޯހް ޕްލީޒް! ވިޔަފާރީގެ ވާހަކަ މިރޭ ނުދައްކަބަލަ. ނާޝާ، ކިޔާބަލަ ތިޔަ އަޅައިގެން ހުރި އަލިމަސް ފަށުގެ ވާހަކަ؟ ތިއީ ޕެރިހުން ގެނައި އެއްޗެއް ދޯ؟”

ނާޝާ ފިނި ހިނިތުންވުމެއް ދިނެވެ. “އާނ. އިމާދު ދިން ހަދިޔާއެއް. އެކަމަކު ބައެއް ފަހަރު އަގުބޮޑު ގަހަނާއަށްވުރެ އަގުބޮޑީ އިތުބާރު.” އޭނާ މިހެން ބުނަމުން ބަލައިލީ ސީދާ އިމާދުގެ ލޮލަށެވެ.

އިމާދަށް ކަންބޮޑުވެވުނެވެ. އޭނާ ތަށިން ފެންފޮދެއް ބޯލިއެވެ. އޭނާއަށް އެނގިއްޖެއެވެ. ނާޝާއަށް ކޮންމެވެސް ކަމެއް އެނގިއްޖެކަމެވެ.

ކެއުން ނިމުމުން، ވާދިލް، އިމާދު ގޮވައިގެން ބެލްކަންޏަށް ނުކުތެވެ. “އިމާދު، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަހަންނަށް އެނގޭ. ކަލޭގެ މޫނުމަތިން އެބަ ފެނޭ.”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top