ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ މޯލްޑިވްސް (ޓީވީއެމް) އިން ދެއްކުމަށްޓަކައި 13 އެޕިސޯޑުގެ ޑްރާމާ ސިލްސިލާއެއް ވިއްކާނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ޕީއެސްއެމް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޓީވީއެމް މެދުވެރިކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ 13 އެޕިސޯޑުގެ މި ޑްރާމާ ސިލްސިލާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވާ ކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ނޮވެމްބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައެވެ. މި ބައްދަލުވުން އޮންނާނީ ބުރުޒުމަގުގައި ހުންނަ ޓީވީއެމް ބިލްޑިންގގައެވެ. އަދި މި މަސައްކަތުގެ ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ 12 ނޮވެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ޓީވީއެމް ބިލްޑިންގގައެވެ.
ޕީއެސްއެމް އިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް އެކުލަވާލަންވާނީ އެ ކުންފުނިން ދޫކުރާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ފުރިހަމަވާނޭހެން ކަމަށާއި، ބިޑް ހުށަހެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
