ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ތެއްތިރީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“ކަލޭ ބުނާ އެއްޗަކާ، އިޙުސާސްކުރާ ގޮތަކަށް އަހަރެންގެ މައްސަލައެއް ނެތް. އަހަރެންގެ މައްސަލައަކީ ކަލޭ ތި ކުރާ ކަންތައްތަކާ އެ ކަންތައްތައް ކުރާގޮތް.” ނަސީރު ބުންޏެވެ.

“ކޮންމެ ގޮތަކަށް ވިޔަސް އަހަރެން މިފަހަރު މިކަން ކުރާނަން. ޒޯޔާއާއި އަޔާންގެ ވަރީގެ ކަންތައް ކޯޓުން ނިންމާފައި ނޫނީ މިފަހަރު އަހަރެން ހުއްޓައެއް ނުލާނަން. އަދި އެކަން ކުރާނީވެސް އެއިން އެކަކަށް އެކައްޗެއްވެސް ނާންގާ.” އާފިޔާ ބުނެލިއެވެ.

“ކަލޭ ދުވަހަކުވެސް އިސްލާހެއް ނުވާނެ.” ނަސީރު ރުޅިއައިސްގެން ދާންވެގެން އެނބުރިލި ވަގުތު ދޮރުމަތީގައި ހުރި ޒޯޔާ ފެނުމާއެކު ހުއްޓުން އެރިއެވެ. ނަސީރު ހުއްޓުމާއެކު އާފިޔާވެސް ބަލައިލިއެވެ. ޒޯޔާ ފެނުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

ޒޯޔާގެ މޫނުމަތިން ފެނުނު އަސަރުތަކުން އާފިޔާ ގޮތް ހުސްވިއެވެ. މިއޮއް ހުރިހާ ދުވަހު އޭނާ ކުރިހާ މަސައްކަތަކާ ދުށްހާ ހުވަފެންތައް ފެނަށް ވެގެންދިޔަ ފަދަ އިޙުސާސެއް ކުރެވުނެވެ. އޭނާ އިސްޖަހާލިއެވެ.

“ދަރިފުޅު ކޮންއިރަކު އައީ؟” ނަސީރު ހަމަޖެހެން މަސައްކަތްކުރަމުން އެހިއެވެ.

ޒޯޔާ ޖަވާބެއް ނުދިނެވެ. މަޑުމަޑުން އެތެރެއަށް ވަދެގެން ގޮސް އާފިޔާގެ ގާތަށް ހުއްޓުނެވެ. އާފިޔާ އިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. ޒޯޔާ އޭނާދެކެ ރުޅިއަންނާނެވަރު އޭނާއަށް ހަމަ ރަނގަޅަށްވެސް އެނގެއެވެ. އަދި އެއަށްފަހު އެންމެ ހިނދުކޮޅަކުވެސް ޒޯޔާ އެގޭގައި މަޑުނުކުރާނެކަންވެސް އޭނާއަށް އެނގެއެވެ.

“މަންމަމެން މިހާރު ޒުވާބު ކުރަމުން ކުރަމުން ގޮސް ވަރިޔާ ހިސާބަށްވެސް ދިޔައީތަ؟ ތީތަ މިހާރު މަންމަމެން އުޅެންވީ ގޮތަކީ؟ ކުޑަމިނުން އަހަންނާ ދޭތެރޭ ވިސްނާލިނަމަ.” ޒޯޔާއަށް ބާރަށް ރޮއިގަނެވުމާއެކު ކުއްލިއަކަށް ސޯފާއަށް ވެއްޓިގަތެވެ.

އާފިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާއަށް ނަސީރަށް ބަލައިލެވުނެވެ. ނަސީރަށް ލޯ އަޅައިލުމާއެކު ފުން ނޭވައެއް ދޫކޮށްލެވުނީ ޒޯޔާއަށް އެއްވެސް ވާހަކައެއް ނީވޭކަން ޔަޤީންވުމުންނެވެ. އޭނާ ޒޯޔާއާ ގާތަށް ޖެހިލިއެވެ.

“ޒޯޔާ. ދަރިފުޅާ. މަންމަމެން ވަރިވާކަށް ނޫޅެމޭ. މަންމަމެން ދެއްކީ މަންމަގެ ރައްޓެއްސެއްގެ ވާހަކަ. އޭނަގެ ފިރިމީހާ އޭނައަށް އަނިޔާ ކުރަނީ. އެހެންވެގެން މަންމަ އޭނައަށް ވިސްނައިދީގެން އޭނަ ވަރިވާން ފޯމުލީ ވާހަކަ މަންމަމެން ދެއްކީ.” އާފިޔާ ވާހަކަ އޮޅުވާލިއެވެ.

ނަސީރު ހުރީ ހަމަ ރަނގަޅަށްވެސް ކޮސްވެފައެވެ. ދޮގު ހެދުމަކީ އާފިޔާއަށް ނޭވައެއް ލުންހާ ފަސޭހަ ކަމަކީއޭ އޭނާގެ ހިތަށް އެރިއެވެ. ޒޯޔާއަށް މިވަގުތު މިގޮތަށް ހަޤީޤަތް ނޭނގުނީތީ އޭނާ ހިތްހަމަޖެހުނު ނަމަވެސް އޭނާ ހިތުން ގޮތެއް ނިންމައިފިއެވެ. ދަރިފުޅާމެދު ކަންބޮޑުވި ނަމަވެސް ހުރިހާ ކަމެއް މާތް ﷲ އަށް ވަކީލުކޮށްލާފައި ހަޤީޤަތް ކިޔައިދޭނީއެވެ.

“އެކަމަކު މަންމަ ބުނީ މަންމަ ވަރީގެ ކަންތައް ނިންމާފަ ނޫނީ ހުއްޓައެއް ނުލާނަމޭ. މަންމަގެ ރައްޓެއްސެއްގެ ވާހަކަ ދެއްކިއްޔާ ބައްޕަ ކީއްވެ މަންމަ ދުވަހަކުވެސް އިސްލާހެއް ނުވާނެޔޭ ބުނަންވީ؟” އާފިޔާ ކިތަންމެ އޮމާންކޮށް އެވާހަކަ ދެއްކި ނަމަވެސް ޒޯޔާއަށް އެވާހަކަ ޤަބޫލެއް ނުކުރެވެއެވެ.

“ބައްޕަ އެހެން ބުނީ މަންމަ އަބަދުވެސް އެހެން މީހުންގެ ކަންތައްތަކާ މާބޮޑަށް ބެހޭތީ.” އާފިޔާ ބުންޏެވެ.

“ހަމަ އަސްލުވެސްތަ؟” ޒޯޔާ ދެލޯ ފޮހެލަމުން އެހިއެވެ.

“އާނ. މަންމަމެން ނޫޅެމޭ ވަރިވާކަށެއް. ވަރިވާނެނަމަ މިހާރު ވަރިވާނެތާ ކިތަންމެ ދުވަހެއްނު. ނޫންތަ ނަސީރު؟” އާފިޔާ ހީނލަމުން ނަސީރަށް ބަލައިލިއެވެ.

މިވެސް ކިޔާލަން:  ވަންހަނާ ލޯބި - ފަސްވަނަ ބައި

ނަސީރު ބޯ ޖަހައިލީ އެކަމާ އެއްބަސްވުމުގެ ގޮތުންނެވެ.

“ދަރިފުޅު ދެން މާބޮޑަށް ނުވިސްނާ ދޭ ނިދަން. މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު. ތިހިރީ ވަރަށް ވަރުބަލިވެސް ވެފަ.” ނަސީރު ބުންޏެވެ.

ޒޯޔާ އެ ދެމީހުންނާ ރޭގަނޑުގެ ސަލާން ކުރުމަށްފަހު ނުކުމެގެން ދިޔައެވެ. ޒޯޔާ ދިޔުމުން އާފިޔާ ގޮސް ދޮރު ލެއްޕިއެވެ. ރުޅިއައިސްފައި ހުރި ނަމަވެސް ޒޯޔާއަށް އިތުރު ޝައްކެއް ވެދާނެތީ އޭނާ ދޮރު ލެއްޕީ މަޑުންނެވެ.

“ކިރިޔާއެއްނު. މީގެ ފަހުން މިގޭތެރޭގައި އެކަމާ ބެހޭ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ! ހަނދާން ބަހައްޓާތި އެކަން! ނޫނީ ނަތީޖާ މާ ރަނގަޅެއް ނުވާނެ!” އަލިފާން ކަހަލަ ނަޒަރަކުން ނަސީރަށް ބަލައިލަމުން އާފިޔާ އިންޒާރެއް ދިނެވެ.

ނަސީރު ބޭނުންނަމަ ބުނެވޭނެ ބައިވަރު ވާހަކަ ހުއްޓެވެ. ނަމަވެސް ޒުވާބުކުރަން ބޭނުން ނުވާތީ އެއްޗެކޭ ނުބުނީއެވެ.

އާފިޔާ ގޮސް ސޯފާގައި އިށީން ވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ބަލައިލިއިރު ގުޅަނީ ފައިސަލްއެވެ. އޭނާ ފުންކޮށް ދެތިން ފަހަރު ނޭވާ ލުމަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ކީކޭ ފައިސަލް؟” އާފިޔާ އަހާލީ އެއްވެސް ކަމެއް ނުވާ ފަދައިންނެވެ.

“އަހަރެން ބޭނުން ދައްތައާ ބޭބެއާ އެއްކޮށް ބައްދަލުކޮށްލަން. ވަރަށް މުހިންމު ވާހަކައެއް ދައްކާލަންވެފަ އެބައޮތް.” ފައިސަލް ބޭކާރު ވާހަކަ ދައްކަން ނުހަދައި ސީދާ މައުޟޫއަށް ދިޔައެވެ.

“އަނެއްކާ ކިހިނެއްވީ؟” އާފިޔާ ކުޑަކޮށް ކަންބޮޑުވިއެވެ.

“ޒޯޔާގެ ކޭސްއާ ބެހޭގޮތުން ހިއްސާކޮށްލަން ޖެހޭ ބައެއް ކަންކަން ހުރީމަ.” ފައިސަލް ވާހަކަ ދެއްކީ ވަރަށް އާދައިގެ ރާގެއްގައެވެ.

“އާނ، ބުނޭ. ނަސީރުވެސް އެބަހުރި މިތާ ކައިރީގައި.” އާފިޔާ ނަސީރަށް ގާތަށް އައުމަށް އިޝާރާތްކުރަމުން ބުންޏެވެ.

“ފޯނަކުން ނޫން. ބައްދަލުކޮށްލަން ބޭނުމީ. ގެއިން ބައްދަލުކުރުން ރަނގަޅެއް ނުވާނެ. އެހެންވީމަ މާދަމާ ހޮސްޕިޓަލަށް އައިސްދޭންވީނު.” ފައިސަލް ބުންޏެވެ.

“ޒޯޔާގެ ކަމެއް ވިއްޔާ ލަސްކުރާކަށް ބޭނުމެއް ނޫން. ފައިސަލްއަށް އުނދަގޫ ނުވަންޏާ މިހާރުވެސް ދެވިދާނެ އަހަރެމެންނަށް.” އާފިޔާ ހުރީ ނުތަނަވަސްވެފައެވެ.

“އުނދަގުލެއް ނުވާނެ. އެހެންވީމަ ފަނަރަ މިނެޓު ފަހުން އާދޭ ސެންޓްރަލް ޕާކަށް. ބޭބެއާ ދެމީހުން އަންނާތި އިނގޭ. މީ ދެމީހުންނަށްވެސް އެނގުން ވަރަށް މުހިންމު ވާހަކަތަކެއް.” ފައިސަލް ބުންޏެވެ.

ފަނަރަ މިނެޓު ފަހުން އާފިޔާއާއި ނަސީރު ހުރީ ސެންޓްރަލް ޕާކުގައެވެ. ދެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ. ފައިސަލް ކިތަންމެ އާދައިގެކޮށް އެވާހަކަ ބުނި ނަމަވެސް ކުއްލިއަކަށް ޒޯޔާގެ ކޭސްއާ ބެހޭ މުހިންމު ކަންތައްތަކެއް ދެމީހުންނާ ހިއްސާކުރަން ބޭނުންވާ ވާހަކަ ބުނުމަކީ އާދައިގެ ކަމެއް ނޫނެވެ.

ފައިސަލް ހުރީ އެމީހުންނަށްވުރެ ކުރިން އެތަނަށް އައިހެވެ. އޭނާ ހުރީ އޭނާ ދައްކަން ބޭނުންވާ ވާހަކަތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެންނެވެ.

“ފައިސަލް، ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟ އަހަރެން އެބަ ވަރަށް ބިރުގަނޭ.” އާފިޔާ ކަންބޮޑުވުމާއެކު އެއްފަހަރާ ސުވާލުތައް ކޮށްލިއެވެ.

“އަހަރެން އަސްލު ދައްތަމެން މިތަނަށް މި ގެނައީ އަހަރެން ޒޯޔާގެ ކޭސް ދޫކޮށްލާ ވާހަކަ ބުނަންވެގެން.” ފައިސަލްގެ އެ ޖުމްލައާއެކު އާފިޔާއަށް ލިބުނީ ސިހުމެކެވެ. އާފިޔާއާއި ނަސީރަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.

މިވެސް ކިޔާލަން:  އެކު މަށާވީ ހަނދާނޭ - 02

“ކީކޭ؟ އެ ކީއްވެ؟” އާފިޔާ އެހިއެވެ.

“އެއީ މިހާރު އަހަންނަށް ޒޯޔާއަށް ދެވޭނެ އެއްވެސް ފަރުވާއެއް ނެތީމަ. އަހަރެން ހުންނާނެ ވަރަށް ރަނގަޅު ޑޮކްޓަރެއް ޒޯޔާއަށް ހޯދާފަ. އޭނަ ވަރަށް ރަނގަޅަށް ޒޯޔާގެ ކަންތައް ބަލާނެ.” ފައިސަލް ބުންޏެވެ.

“އެކަމަކު ކުއްލިއަކަށް.. އަހަރެންނަކަށް ކޮންމެކޮންމެ މީހަކަށް އިތުބާރެއް ނުކުރެވޭނެ. ފައިސަލްއަށް އިތުބާރު ކުރެވޭތީ އަހަރެން ޒޯޔާގެ ކޭސް ފައިސަލްއާ ހަވާލުކުރީ.” އާފިޔާގެ ވާހަކަ އިވިފައި ފައިސަލް ކުޑަކޮށް ހީނލިއެވެ.

“އިތުބާރު.. ހަމަ އަސްލުވެސް އަހަންނަށް އިތުބާރު ކުރަންތަ؟” ފައިސަލް އެހެން ބުނެލުމުން އާފިޔާއަށް ލިބުނީ ހައިރާންކަމެވެ.

“އާނ. ކީއްވެ ތިހެން ތި އެހީ؟” އާފިޔާ އެހިއެވެ. އޭނާއަކަށް އަދިވެސް ވާނުވާއެއް ނޭނގެއެވެ.

“އިތުބާރު ކުރާނަމަ ކީއްވެ ޒޯޔާ އާއި އަޔާން ބައްދަލުވެ މިހާ ދުވަސް ވީއިރު އަހަރެން ގާތު އެވާހަކަ ނުބުނެވުނީ؟” ފައިސަލްގެ އަޑު ތަންކޮޅެއް ބާރުވިއެވެ.

އާފިޔާގެ މޫނުމަތީގައި ހީވީ މީހަކު އެއްޗަކުން ޖެހިހެންނެވެ. ފައިސަލްއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް ފައިސަލްއަށް އެނގުމުން އޭނައަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“ކީއްވެ އެއްޗެކޭ ނުބުނީ؟ ބަސް ހުސްވީތަ؟” ފައިސަލް އެހިއެވެ.

“އަހަރެން ބުނަން މަސައްކަތް ކުރިން. އެކަމަކު..”

“އެކަމަކު ކީއްވީ؟ އެވާހަކަ ބުނެފިއްޔާ އަހަރެން ޒޯޔާއާ އިންނަން އެއްބަސް ނުވެދާނެތީތަ؟ ނޫނީ އެހެން ޕްލޭނެއް އޮތީތަ؟” ނަސީރު ބުނަން ފެށި ޖުމްލަ މެދުކަނޑާލަމުން ފައިސަލް އެހިއެވެ.

“ނޫން ފައިސަލް. އަހަރެން އެއްވެސް އިރެއްގައި ފައިސަލްއާ ޒޯޔާގެ ކައިވެނި ކުރުވާކަށް ނޫޅެން. އެކަން ކުރަން އަބަދުވެސް އުޅުނީ އާފިޔާ. މިފަހަރުވެސް އަހަންނަށް އެނގުނު ހިސާބުން އަހަރެން ފައިސަލް ގާތު ބުނަން މަސައްކަތްކުރިން. ފައިސަލްއާ ބައްދަލުކުރަން ހޮސްޕިޓަލަށްވެސް ދިޔައިން. އެކަމަކު އެތަނުންވެސް އާފިޔާ އަހަންނަށް ގުޅައިގެން ޒޯޔާ ބޭނުންކޮށް އަހަންނަށް ބިރުދެއްކީ.” ނަސީރު ކަންވީގޮތް ކިޔައިދިނެވެ.

ބަލިމީހާގެ ހާލަތު ޑޮކްޓަރަށް ސިއްރުކުރުމުން އެކަށީގެންވާ ފަރުވާ ދެވޭނީ ކިހިނެއްތޯ ފައިސަލް އެހިއެވެ. އަދި ކުރިން އެކަން އެނގުނުނަމަ މިހާރު ޒޯޔާ އެއްކޮށް ރަނގަޅުވެފައި ހުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށްވެސް ބުންޏެވެ. ނަމަވެސް އެކަން ސިއްރުކުރުމުން ޒޯޔާ ރަނގަޅުވުމުގެ ބަދަލުގައި އޭނާގެ ހާލަތު ގޯސްވަމުން ދާކަށް ފައިސަލް ބުންޏެވެ.

ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވީ ވަގުތު ޖެހިއްޖެކަމަށް ފައިސަލް ބުނުމުން އާފިޔާއަށް އެކަން ކަމަކު ނުދިޔައެވެ. ނަމަވެސް ފައިސަލްއާ ދެކޮޅަށް ވާހަކަ ދައްކާކަށް އޭނާއަކަށް ނުކެރުނެވެ. އެހެނެއްކަމަކު އޭނާ ޒޯޔާއާމެދު ކަންބޮޑުވުން ފާޅުކުރިއެވެ.

“އަޔާންއާ ބައްދަލުވެގެން ޒޯޔާއަށް އެއްވެސް ނުރައްކަލެއް ނެތްކަން މިވީ ދުވަސްތަކުން މި އެނގުނީ. އެހެންވީމަ މިހާރު މަޑުމަޑުން އޭނާގެ މާޒީގެ އެ ވާހަކަތައް އޭނައަށް ކިޔައިދޭންވީ. ނޫނީ އޭނާ އެއްފަހަރާ ހުރިހާ ކަމަކާ ވިސްނަން ފެށީމަ އޭނަގެ ހާލަތު އިތުރަށް ގޯސް ވާނީ.” ފައިސަލް ކިޔައިދިނެވެ.

މިވެސް ކިޔާލަން:  ހާވިލް - ހަވަނަ ބައި

އާފިޔާ ބޯޖަހާލި ނަމަވެސް އޭނާ އެކަމެއް ނުކުރާނެއެވެ. އެއްވެސް ހާލަތެއްގައި އޭނާ ޒޯޔާއަކަށް އަޔާންއާ ޒޯޔާގެ ގުޅުމުގެ ވާހަކައެއް ކިޔައެއް ނުދޭނެއެވެ. އޭނާ ވަނީ ޒޯޔާގެ ޙަޔާތުން އަޔާންގެ ބާބު މުޅިން ފޮހެލާފައެވެ. އެ ބާބު އަލުން ހުޅުވިޔަ ނުދޭން ކުރެވުނު ހުރިހާ މަސައްކަތެއް އޭނާ ކުރާނެއެވެ.

*****

އަޔާންގެ ލޮލަކަށް ނިންޖެއް ނައެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން ގިޓާ ހިފައިގެން އިންއިރު އޭނާގެ ސިކުނޑިއަށް ކުރީގެ ހަނދާންތަކެއް އުނދަގޫ ކުރަމުން ދިޔައެވެ. އެއީ ކޮން ކަމެއްކަން ރަނގަޅަށް ހަނދާން ނުވިތާނގައި އޭނާ ތަކުރާރުކޮށް ކުޅެމުންދިޔަ ރާގުގެ ބަސްތަކެއްވެސް ހަނދާނެއް ނުވިއެވެ.

ޒޯޔާއަކީވެސް އޭނާގެ އުނދަގޫތަކަށް އިތުރުވި ބޮޅެކެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ ޒޯޔާއާ އެތައް ފަހަރަކު ޒުވާބުކޮށް ހެދިއިރު، އެއީ ނަފުރަތު ކަމަށް ހީކުރެވުނު ނަމަވެސް އެ ހުރިހާ ޒުވާބެއްގެ ތެރެއިންވެސް އޭނައަށް ތަފާތު ގާތްކަމެއް އިޙުސާސްވިއެވެ. މީހުން ކުރިމަތީ ކޮންމެ ގޮތަކަށް އޭނާ ދެއްކި ނަމަވެސް ޒޯޔާއާ ތަކުރާރުކޮށް ކުރި ޒުވާބުތަކުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއީ އޭނައަށް އަދިވެސް ހައްލުކުރަން ނޭނގިފައިވާ އަރަތެކެވެ.

ދެން މިރޭ ޒޯޔާ އަމިއްލައަށް އިސްވެ އޭނަގެ ގެއަށް އައުމާއި ގިޓާ ހަދިޔާ ކުރުމާއި މި ކަންކަމަކީ ހަމައެކަނި ކުށްވެރި އިޙުސާސްތަކެއްގެ ސަބަބުން ހިނގި ކަންކަން ނޫންކަމަށް އޭނާގެ ހިތް ބުނެއެވެ. ނަމަވެސް އެކަން ވަކި ކޮޅެއްގައި ޖައްސާނެ ގޮތެއްވެސް އޭނައަކަށް ނޭނގެއެވެ.

އެކަމާމެދު ވިސްނި ވަރަކަށް އޭނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ނުވިސްނަން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ހަނދާނަށް ކަންކަން ނައި ކަމުގައިވިޔަސް ކަންކަން ހިނގަނީ އޭނާއަށް ވިސްނަން މަޖުބޫރުވާ ގޮތަށެވެ. އަނެއްކޮޅުން ޒޯޔާއާ ގުޅޭ ވާހަކައެއް ދައްކާނަމަ ފަހަރިއާއި ދޮންބެގެ މޫނުމަތި އުޖާލާވެގެން ދާގޮތްވެސް އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް އޭނާ ސުވާލު ނުކުރީ އެއްވެސް ސާފު ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ.

ބޮލުގައި ރިއްސަން ފެށުމުން ދެލޯ މަރާލައިގެން އޮއްވާ އަޔާންއަށް ނިދުނު އިރެއްވެސް ނޭނގުނެވެ.

*****

ޒޯޔާއަށް ނިދީގައި އުނދަގޫތަކެއް ވަމުން ދިޔައެވެ. އޭނާގެ ނިތްކުރިން ހިއްލަމުން ދިޔަ ދަލާއި ނިތްކުރިއަށް އަރަމުންދިޔަ ރޫތަކުން އެކަމުގެ ހެކި ލިބެއެވެ.

ޒޯޔާ އޮތީ ހުވަފެނެއްގައެވެ. އޭނައަށް ފެންނަމުން ދިޔައީ ޚުދު އޭނައެވެ. ރަތްކުލައިގެ ޕާކިސްތާނު ހެދުމެއްގައި އޭނާ ހުރީ ހުޅުމާލޭގެ އަތިރިމަތީގައެވެ. އޭނާގެ އެންމެ މަޤުބޫލު ތަނުގައެވެ. ދުރުން ހިނގާފައި އައި ޒުވާން ފިރިހެނާ އައީ އޭނައާ ދިމާއަށެވެ. އުޅަނބޮށްޓާއި ހަމައަށް އޮޅާލާފައިވާ އަތްދިގު ހުދު ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި އައި އެމީހާގެ މޫނު އޭނައަށް ސާފެއް ނުވިއެވެ.

ދެން ފެނުނީ ހަމަ އެ ހެދުމުގައި އޭނާގެ ގެއިން އުފަލުން ފޮޅިގެން ދުވެފައި ނުކުމެ ކާރަށް އެރި ތަނެވެ. ފޯނުން ވާހަކަ ދައްކަމުން ކާރުގައި ދެވުނީ ފުދޭވަރަކަށް ބާރަށެވެ. ގޯޅިއަކުން ލަނބާލިތަނާ ކުރިމަތިން އައި ކާރުގައި ޖެހުނު ވަގުތު “އަޔާން” އޭ ކިޔާފައި ހަޅޭއްލަވައިގަނެވުނެވެ.

“އަޔާން!”

(ނުނިމޭ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top