ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ތޭވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އާދޭސްކޮށްފައި ބުނަން އަހަރެން ދޫކޮށްލާ. ތިއީކީ އަހަރެންނަކާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން. އަހަރެން ކީއްކުރަން އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެވަރުގެ އަނިޔާއެއް ދޭންވީ. އޭނާ ގެއްލިގެން މިވަރުން އުޅެންވީ އެއްވެސް ސަބަބެއް އެބައޮތްތަ؟ މިއުޅެނީ ކުރާނެކަމެއް ނެތިގެންތަ؟ އެތައް މިލިޔަން ރުފިޔާއެއް ޚަރަދުކޮށްގެން އަހަރެން ފެށި ވިޔަފާރި އަނދައި އަޅިއަށް ވެގެން ދިޔަތާ އަދި މި އުޅެނީ ފަސް ގަޑިއިރު ނުވެގެން. އެތައް ބަޔަކު އަނދާ އަޅިއަށް ވެއްޖެ. އެތައް ބަޔަކު ގެއްލިއްޖެ. އެ ކަންކަމުން އަހަރެން އަރައިގަންނާނީ ކިހިނެއް؟ އެ ޢާއިލާތަކަށް އަހަރެން ބަދަލުދޭނީ ކިހިނެއް؟ މި ހިތާމަތަކާއި ދަރަނިތަކުން ދުވަހަކު ކޮޅުން ވެސް އަހަރެން ސަލާމަތްވާނެތަ؟ ކާކު އަހަރެންނަށް އެހީވާނީ؟ ކާކު އެހާ ބައިވަރު ފައިސާ އަހަރެންނަށް ދޭނީ؟ އެކަމާ އަހަރެން ކުރާނެ ހިތާމަ ކަލޭމެނަށް އިޙުސާސްވޭތަ؟ މިފަދަ ހާލެއްގަ އަހަރެން ހުއްޓާ އަނެއްކާ އަނެއް ކަމެއް ބޮލުގައި އަޅުވަން ހެޔޮވާނެތަ؟ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ހާލަތާއިމެދު ވިސްނާލަބަލަ. އަހަރެންނަށް ހަމްދަރުދީވެބަލަ. ކަލޭމެންގެ ހިތަށް އެއްޗެއް ނާރާތަ؟ ނިކަން ވިސްނާލަބަލަ.” ފާއިދު ފެށީ ރޯށެވެ.

ބޭނުންވި ހުރިހާ ލިޔުންތަކާއި އެކަމާއި ގުޅުން ހުރި ތަކެއްޗާއިއެކު ފާއިދު ގޮވައިގެން ޕޮލިހުންގެ ބައެއް ބޭކަލުން ދިޔަ ނަމަވެސް އެ ގެ ބެލެހެއްޓުން ޕޮލިހުން ދޫކޮށްނުލަ އެވެ.

ޔަޒީދާގެ ބޭސްފަރުވާގެ ކަންކަމާއިގެން ހޮސްޕިޓަލުގެ މުވައްޒަފުން ހަރަކާތްތެރިވަމުން ދިޔަ އެވެ. މަންޒަރު ބަލަން ދުރުގައި ހުރުން ނޫން އެހެން ގޮތެއް ނެތުމުން ރާނިޔާ ހުރީ އެކަމަށް ހުސްވެފަ އެވެ. ނާއިމް ދިޔައީ ގެއަށެވެ. ސުނޭހާ މަސައްކަތްކުރީ ކޮންމެ ވެސް މީހަކަށް ފޯނު ކުރާށެވެ.

ޕޮލިހުންގެ ބެލުމުގެ ދަށަށް ފާއިދު ގެންދިޔަކަން ޖިހާދަށް އެނގުނީ ސުނޭހާގެ ފަރާތުން ނެވެ. ސުނޭހާ ދެއްކި ވާހަކަތައް އަޑުއިވިފައި ޖިހާދުގެ ހަތަރެސްފައި ކޮޅަށް ޖެހުނު ކަހަލަ އެވެ. ނިދި ފިލައިދާން ހޭދަވީ ދެތިން ސިކުންތެވެ. ފުންމައިގެން ކަހަލަ ގޮތަކަށް އެނދުން ފޭބި އެވެ.

“ތި ނުވާނެ އެ ނިފާރުގެ ރޭވުމަކަށް ނޫނީ. ހާދަހާ ނުބައި މީހެކޭ އެއީ. އެހެންވެ ދަރިފުޅު ކައިރީ ވެސް ބައްޕަ އެވަރަށް އެވާހަކަ ދެއްކީ. އޭނާގެ އަސްލު ދަރިފުޅަށް ވެސް މިހާރު އެނގިއްޖެއެއްނު.” ފުރުސަތުގެ ބޭނުން ހިފުމަށް ޖިހާދު އަވަސްވެގަތެވެ.

“ބައްޕަ ކިހިނެއް ނިފާރު ދަންނަނީ؟ ދުވަހަކު ވެސް ބައްދަލުވިތަ؟ ވާހަކަ ދެއްކިންތަ؟ ނިފާރުގެ އެހާ ގިނަ މަޢުލޫމާތު ކޮންތާކުން ހޯދީ؟” އެތައް ދުވަހެއް ކުރީއްސުރެ ހިތުގައި ރައްކާކޮށްގެން ހުރި ސުވާލުތަކަށް ޖަވާބު ހޯދަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމުގައި ސުނޭހާގެ ހިތް ބުންޏެވެ.

“ނިފާރަކީ ކާކުކަން ބުނާކަށް ކަލޭގެ ބައްޕައަކަށް ނުކެރޭނެ.” ކުއްލިއަކަށް އިވުނު އަޑާއިއެކު ސުނޭހާ ދިޔައީ ސިއްސައިގެން ނެވެ. ނޭނގޭ ބިރުވެރިކަމެއް މީހާ ވަށާލިއިރު އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. ހާސްކަމާއިއެކު ނުތަނަވަސްކަން ވެސް ވެރިވި އެވެ.

މިވެސް ކިޔާލަން:  ރިހި ހުވަފެން - ޗެޕްޓަރ 4

އަވަސްއަވަހަށް ފޯނު ކަނޑާލަމުން ސުނޭހާ ބަލާލީ އަޑު އައި ދިމާއަށެވެ.

އެމީހުން ހުރަސްކޮށް ދިޔަ މެދުއުމުރުގެ އެ އަންހެންމީހާއާ ދިމާއަށް ބަލަހައްޓައިގެން ރާނިޔާ އިނެވެ. ސުވާލުތަކުން ފުރިފައިވާ ފަދައަކުން އިން ރާނިޔާއަށް އެމީހާ ބުނި އެއްޗެއް އެނގުނު ކަހަލަ އެވެ.

މިކަހަލަ ފުރުސަތެއް ލިބޭނީ މަދު ފަހަރަކުއޭ ހިތަށް އެރުމާއިއެކު ސުނޭހާ އަވަސްއަވަހަށް އެމީހާއާ ދިމާއަށް ހިނގައިގަތެވެ. ނިފާރާއި ބެހޭގޮތުން އިވުނު ވާހަކަތަކުގެ ހަޤީޤަތް ބަލަން ސުނޭހާ ބޭނުންވި އެވެ.

“ކީކޭ ތި ބުނީ؟ ކަލޭ ތީ ކާކު؟ ނިފާރަކީ ކާކު؟ އޭނާގެ ވާހަކަދައްކަން އަހަރެންގެ ބައްޕައަށް ނުކެރެންވީ ކީއްވެ؟” އެމީހާގެ ކުރިމައްޗަށް ސުނޭހާ ހުއްޓުމާއިއެކު އެމީހާ ވެސް ހުއްޓުނެވެ.

“ކެތްކޮށްލާ.. މާގިނަ ދުވަހެއް ދެން ނުވާނެ. މި ފަހަރު މިކަން ނިމޭނެ. ނިފާރަށް އޭނާގެ ޙައްޤު ލިބޭނެ. މީހުންގެ ޙައްޤުތަކަށް ވެރިވެގެން އަބަދަކު ނުތިބެވޭނެ. އެދުވަހު އެހެން ވިޔަސް މިއަދު އެހެނެއް ނުވާނެ.” އިތުރަށް އެވާހަކަ ދައްކާކަށް އޭނާ ނޫޅެ އެވެ. ސުނޭހާއަށް މާބޮޑު ސަމާލުކަމެއް ނުދީ ދުރަށް ހިނގައިގަތެވެ.

“އޭތް! ކީކޭ ކިޔަން ކަލޭ ތިއުޅެނީ؟ ކަލެއަށް ކޯއްޗެއް އެނގިގެން ތިއުޅެނީ؟ ކަލޭތީ އޭނާގެ އަމާތަ؟ ތިހާ ފިނޑި މީހުން ކީއްކުރަން މިހުންނާ ގެޅެނީ؟” މީހާގެ އެ ވާހަކަތަކުގެ ސަބަބުން ސުނޭހާގެ ހިތުގައި އުފެދުނު ހަމަނުޖެހުން ދުލާއި ހަމައަށް ފޯރި އެވެ.

“ކިތަންމެ ފިނޑިޔަސް ނިފާރުގެ މައިމީހާއަށް ނުވިޔަސް ދުވަހަކު ވެސް މީހެއްގެ ޙައްޤަކަށް އަރައެއް ނުގަންނަން. ނިފާރުގެ ބައްޕަގެ މުދާތައް ދަމައެއް ނުގަންނަން. މުދަލުގެ ދަހިވެތިކަމުގަ މީހަކަށް ގެއްލުމެއް އަނިޔާއެއް ނުދެން. މީހެއް ނުމަރަން. މަރާކަށް އެހީއެއް ވެސް ނުވަން. އެފަދަ ކަމެއް ނުވެސް ކުރާނަން. މަށަކީ ކާކުކަން ސުނޭހާއަށް އަދި އެނގޭނެ. ކެތްކޮށްލާ. މާގިނަ ދުވަހެއް ދެން ނުވާނެ.” ފަހަތަށް އެނބުރިލަމުން އެމީހާ ދިން ޖަވާބާއިއެކު ސުނޭހާ ހުއްޓުން އެރި އެވެ. ދައްކާނެ ވާހަކައެއް ދޭނެ ޖަވާބެއް ނުވިސްނުނެވެ.

“ސުނޭހާ.. އާލިމާ.. އޭނާ ކީކޭތަ ބުނީ؟” ހުއްޓުން އަރާފައި ހުރި ސުނޭހާއަށް ދިމާއަށް ބާރުބާރަށް އައި ރާނިޔާ އަވަސްއަވަހަށް އަހާލި އެވެ.

“ނޭނގެ. ވަރަށް އެއްޗެތި ކިޔާފަ އެދިޔައީ. ނިފާރުގެ ކޮންމެ ވެސް ޙައްޤެކޯ. މީހަކު މަރަން އެހީވިއްޔޯ. ނިފާރު ބައްޕަގެ މުދާތައް އަހަރެން ބައްޕަމެން ދަމައިގަތިއްޔޯ. ދެން.. ނޭނގެ.” ހުއްޓުން އަރާފައި ހުރި ސުނޭހާއަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން އޭނާ ހުރީ ވާނުވާ ނޭނގޭ އޮޅުންބޮޅުންގަނޑެއް ތެރޭގަ އެވެ.

މިވެސް ކިޔާލަން:  ރިހި ރާޅުތައް - ޗެޕްޓަރ 2

“ތި ކިޔާ ނިފާރެއް މިހާރު ކޮބާ؟ އޭނާގެ ފޮޓޯއެއްހާ ހިސާބު ވެސް ނެތްތަ؟” ސުނޭހާގެ އަތުގައި ހިފަހައްޓައިގެން ގެނެސް ގޮނޑީގައި ބައިންދަމުން ރާނިޔާ އަހާލި އެވެ.

އިވުނު ސުވާލާއިއެކު ސުނޭހާ ދިޔައީ ސިއްސައިގެން ނެވެ. އުފެދުނު ސުވާލުތަކާއިއެކު މީހާ އިތުރަށް ހާސްވާގޮތްވި އެވެ. މިއީ ވެސް ލިބޭ ރަނގަޅު ފުރުސަތަކަށް ވެދާނެހެން ހީވުމާއިއެކު ސުނޭހާ އަވަސްއަވަހަށް ޖީބުން ފޯނު ނެގި އެވެ.

ސޯޝަލް މީޑިޔާއަށް ނުހަނު ފަރިތަ ސުނޭހާގެ އަތްމަތި އަވަސްވެފައި ފަރުވާތެރި އެވެ. ބޭނުންވި ދިމާއަށް ދާން ހޭދަވީ ދެތިން ސިކުންތެވެ. އެފްބީއިން ފެނުނު ފޮޓޯއާއިއެކު ސުނޭހާގެ ހިތަށް ގޮތްތަކެއްވި އެވެ. ފޮޓޯއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު މަޑުމަޑުން ފޮޓޯގައި އިނގިލިކުރި ޖައްސާލެވުނީ އެއްވެސް އިޚްތިޔާރަކާއިނުލަ އެވެ.

“މިއީ އޭނާ.” ރާނިޔާއާ ދިމާއަށް ފޯނު ދިއްކޮށްލަމުން ސުނޭހާ މަޑުމަޑުން ބުނެލި އެވެ.

ފޯނުން ފެނުނު ފޮޓޯއާއިއެކު ރާނިޔާގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވި އެވެ. ކަރުނައިން އެ ދެލޯ ފުރުމަށް ހޭދަވީ ދެތިން ސިކުންތެވެ. މަޑުމަޑުން ތެދުވެގެން ގޮސް ވޯޑުގެ ދޮރުކައިރިއަށް ހުއްޓެމުން އެތެރެއަށް ނަޒަރު ހިންގާލި އެވެ.

“ދަރިފުޅާ! މަންމައަށް މަޢާފްކުރޭ.. ދަރިފުޅަކަށް ދުވަހަކު ވެސް ނިފާރާއި ކައިވެންޏެއް ނުކުރެވޭނެ. ތިކަމަކަށް މަންމައަކަށް އާނބަހެއް ނުބުނެވޭނެ.” ކަރުނުން ފުރިފައިވާ ދެލޮލުން ޔަޒީދާއަށް ބަލަހައްޓައިގެން ހުރި ރާނިޔާ މަޑުމަޑުން ބުނެލި އެވެ.

ޕޮލިހުންގެ ބެލުމުގެ ދަށަށް ފާއިދު ގެންދިޔަ ޚަބަރު ލިބުމާއިއެކު ޖިހާދު ޕޮލިހަށް ދިޔަ އެވެ. އެކަމުން ފާއިދު ސަލާމަތްކުރުމަށްޓަކައި މިހާރުން މިހާރަށް ކުރެވޭން ހުރި ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަވަސްވެގަތެވެ. ނާއިމާއި ބައްދަލުކޮށް ކަންތައް ކުރަންވީގޮތާއި ބެހޭގޮތުން ވާހަކަ ދައްކައި މަޝްވަރާކުރި އެވެ.

ޔަޒީދާގެ ފަރުވާގެ ކަންތައް ހަމައަކަށް އެޅުމުން އޭނާގެ ބަޔާން ނަގައިގެން ޕޮލިހުން ދިޔަ ނަމަވެސް ޔަޒީދާ ބެލެހެއްޓުން ދޫކޮށެއް ނުލަ އެވެ.

“ދަރިފުޅާ! ހާލު ކިހިނެއް؟ ކާކު ކުރި ކަމެއް އެއީ؟” ޔަޒީދާގެ މަގަތުން އިށީނދެ ލޯތްބާއި އޯގާތެރިކަމާއިއެކު އޭނާގެ ބޮލުގައި ފިރުމާލަމުން ރާނިޔާ އެހި އެވެ. ކަންތައްތައް ދިމާވިގޮތުން ނުހަނު އަސަރުކޮށްފައިހުރި ރާނިޔާގެ ކިބައިން ފެންނަމުންދިޔަ ހިތާމަ އާއި ހިތްދަތިކަން ޔަޒީދާއަށް ފާހަގަވި އެވެ.

“އެކަމާ ދެން ނުވިސްނާ. އެއީ އެވަރުގެ ކަމެއް ނޫނެއްނު.” ރާނިޔާގެ އަތުގައި ހިފާލަމުން ޔަޒީދާ ހިނިތުންވެލި އެވެ. އޭނާ މަސައްކަތްކުރި ރާނިޔާ ހަމައަކަށް އަޅުވާށެވެ.

ގެސްޓްހައުސްއަށް ދިއުމަށް ތައްޔާރުވަމުންދިޔަ ހައިފާ ސިއްސައިގެން ދިޔައީ ފޯނު ރިންގްވާން ފެށުމުން ނެވެ. އެއްފަހަރާ އެތައް ސުވާލެއް އުފެދުނެވެ. މިހާ ހެނދުނު ގުޅަނީ ކާކުބާއޭ ހިތަށް އެރި އެވެ. ކޮންމެ މީހަކު ނަމަވެސް މި ގަޑީގައި ގުޅާނީ ކޮންމެވެސް މުހިންމު ކަމެއް ދިމާވެގެންކަން ޔަގީނެވެ.

މިވެސް ކިޔާލަން:  ރިހި ރާޅުތައް - ފަހު ޗެޕްޓަރ

“ކާކުބާ؟” ސޭވްކޮށްފައިވާ ނަންބަރަކަށް ނުވާތީ ހައިފާގެ ހިތުގައި އުފެދުނީ ސުވާލެވެ.

“އައްސަލާމް ޢަލައިކުމް.” ފޯނަށް ޖަވާބު ދިނުމުގައި އަބަދުވެސް ބޭނުންކުރާ ރިވެތި އުސޫލުން ހައިފާ ޖަވާބު ދިނެވެ.

“ބައްޕަ ގޮވައިގެން ވަރަށް އަވަހަށް މާލެ އައިސްބަލަ. އާދެވެން އޮތިއްޔާ މިއަދު އައިސްދިނިއްޔާ ރަނގަޅީ.” ހައިފާ ޖަވާބު ދިނުމާއިއެކު އެކޮޅުން ވާހަކަ ދެއްކި އެވެ.

ކަންފަތުގައި އަޑު ޖެހުމާއިއެކު އެއީ ނިފާރުގެ އަޑުކަން ހައިފާއަށް ޔަގީންވި އެވެ. އަޑު ނީވި ދުވަސްތަކެއް ވޭތުވެގެންދިޔަ ނަމަވެސް އޭނާއަކަށް އެ އަޑެއް ނޯޅޭނެ އެވެ.

“ހާލު ކިހިނެއް؟ ގުޅާވެސް ނުލާ ފޯނު ވެސް ނިވާލައިގެން ކޮންތާކު ތި އުޅެނީ؟ ޖާގަ ހަމަޖެހިއްޖެއްޔާ މިއަދު ދާނަން. އެގޮތް ކަމުނުދަންޏާ ލާންޗެއް ކުއްޔަށް ނަގައިގެން ވެސް ދެވިދާނެ. ކިހިނެއް ހަދަންވީ؟” ނިފާރު ބުނާގޮތަށް ކަންތައް ކުރާނެކަމުގެ ޔަގީންކަން ހައިފާ ދިނެވެ.

“މިކޮޅަށް އައިސް އިތުރަށް ވާހަކަ ދައްކާނީ. ދަތުރެއް ނުނަގާ ވާން އޮތިއްޔާ އެހެން ހަދާ.” އެހެން ގޮތެއް ވާން އޮތިއްޔާ ބޮޑު ޚަރަދެއް ކުރާކަށް ނިފާރު ބޭނުމެއް ނޫނެވެ.

އަރައިގެން އައި އިރާއިއެކު ނޫސްތަކާއި ޓީވީތަކުގެ ފަލަސުރުޚީއިން ޖާގަ ހޯދި އެންމެ މުހިންމު ޚަބަރަކަށް ވެގެން ދިޔައީ ދަރިއަކު ފޮރުވައިގެން ގެންގުޅުނު ބައްޕައެއް އަތުލައިގަތް ވާހަކަ އެވެ. ފޮރުވައިގެން އުޅުނު ދަރިފުޅު ގޭތެރޭގައި ހުރި ސިއްރު ކޮޓަރިއަކުން ފެނުނު ވާހަކަ އާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަމުންދާ ވާހަކަ އެވެ. ދަރިފުޅު ފޮރުވުމަށްފަހު އޭނާގެ ލޯބިވެރިޔާގެ ބޮލުގައި އެކަން އަޅުވައި ޕޮލިހަށް ރިޕޯޓްކުރި ވާހަކަ އެވެ.

ރާނިޔާގެ އެ ސުވާލަށް ޔަޒީދާ ޖަވާބު ނުދިނުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ވާނެކަމުގައި ސުނޭހާގެ ހިތް ބުންޏެވެ. ޔަޒީދާއަކަށް އަމިއްލައަކަށް އެކަމެއް ނުކުރެވޭނެ އެވެ. ކޮންމެވެސް ކަމެއް އޭނާ އެބަ ސިއްރުކުރެ އެވެ. ކޮންމެ ވެސް މީހަކު ހިމާޔަތްކުރަން އޭނާ އެބަ މަސައްކަތްކުރެ އެވެ. ކޮންމެވެސް ބޮޑު ރޭވުމެއް އެބަ އުޅެ އެވެ.

މާލެ ދެވުމާއިއެކު ހައިފާ އަވަސްވެގަތީ ނިފާރަށް ގުޅާށެވެ. އޭނާއަށް ނިފާރު ގުޅި ނަންބަރަށް ގުޅިއިރު އެ ނަންބަރު އޮތީ ނިވާލައިފަ އެވެ. ކުރިން އޭނާ ގެންގުޅުނު ނަންބަރަށް ގުޅިއިރު އެ ނަންބަރު ވެސް އޮތީ ނިވާލައިފަ އެވެ.

“ދެ ނަންބަރު ވެސް ނިވާލާފަ.. ކިހިނެއް ހަދާނީ؟” ވަލީދާއި ދިމާއަށް ބަލާލި ހައިފާގެ ކިބައިން ފެނުނީ މާޔޫސްކަމާއި ނާއުންމީދުގެ ކުލަވަރެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top