ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ހަތާވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ކޮޓަރިން ނުކުތް ވަގުތު ފެނުނު މަންޒަރާއިއެކު ރާނިޔާ ދިޔައީ ސިއްސައިގެން ނެވެ.

“ސަޕްރައީޒް.” ރާނިޔާއަށް ހިނިތުންވެލައިގެން ހުރި ލަކްޝްމީ ދިއްކޮށްލީ މޯބައިލް ފޯނެކެވެ. މިފަދަ ވަގުތެއްގައި އޭނާއަށް ފޯނެއް ކިހާ މުހިންމުކަން މުހުތާރަށް ވިސްނުނުއިރު އެއިން ކަމެއްގެ ޚިޔާލެއް ވެސް ރާނިޔާގެ ނެތެވެ.

“ދައްތާ! ހިނގާ ކޮފީ ބޯން. ބިސްކޯދާއި ބަނބުކެޔޮ ވެސް ހުންނާނެ.” ލަކްޝްމީގެ ކިބައިން ފާޅުވީ އުފަލާއި ހިތްހަމަޖެހުމެވެ.

“ބޮސް ކޮބާ؟” މުހުތާރު ކޮބައިތޯ ބެލުމަށް ރާނިޔާ އިސްކަން ދިނެވެ.

“ބޮސް ފުރައިގެން ހިނގައްޖެ. ހަފްތާއެއް ފަހުން އަންނަނީ. އެއްވެސް އެއްޗެއް ބޭނުންވަނީމަ ލަކްޝްމީ ކައިރީ ބުނަނީ. ފިހާރަ މީހުން ކައިރީ ބުނީމަ ވެސް ލިބެނީ. ހެނދުނު ސިމް ގަންނަން ދަނީ.” މުހުތާރު ފުރައިގެން ދިޔަ ވާހަކަ ބުނަމުން، ދެން ކަންތައް ކުރަންވީ ގޮތް ވެސް ލަކްޝްމީ ބުނެދިނެވެ.

ލަކްސްމީގެ ކިބައިން ފެނުނު ހިތްހެޔޮކަމާއި އޯގާތެރިކަން ރާނިޔާގެ ހިތަށް ހަމަޖެހުން ގެނުވި އެވެ. އެއްބަނޑު އެއްބަފާ މީހަކާއި އެއްވެސް ތަފާތެއް ނެތެވެ. އޭނާގެ ކަންތައްތަކެކޭ އެއްފަދައިން ދެ ދަރިންގެ ކަންކަމަށް ވެސް ސަމާލުކަން ދިނެވެ. އަޅާލުމާއި ލޯބި ދިނުމުގައި ނަމޫނާ ދެއްކި އެވެ. ބޭނުންވި ކޮންމެ ކަމެއްގައި އެންމެ ގާތުން އެހީތެރިކަމާއި އެއްބާރުލުން ދިނެވެ.

ލެއްވި ހެޔޮ ރަޙުމަތަށް ޝުކުރު އަދާކުރުމުގައި ރާނިޔާ ދެމިހުއްޓެވެ. ދީނީ ވާޖިބުތަކަށް ދެމުންދިޔަ ސަމާލުކަން އިތުރުކުރި އެވެ. މުހުތާރަށް އިތުރު ކުރިއެރުމާއި ކާމިޔާބަށް އެދި އެތައް ދުޢާއެއް ކުރި އެވެ.

މެންދުރުފަހު ދޭއް ޖަހާކަންހާއިރެވެ. ލަކްޝްމީ އާއި ރާނިޔާ ތިބީ ބަދިގޭގައި ހެދިކާ ހަދާށެވެ. ޔަޒީދާ ނިދާފައި އޮތް ނަމަވެސް ނާއިމް ހުރީ ފެންޑާތެރޭގައި ކުޅޭށެވެ.

“ބޭބޭ!” ގެއަށް ވަތް މުހުތާރު ފެނުމާއިއެކު އޭނާއަށް ގޮވާލަމުން ނާއިމް ދުއްވައިގަތެވެ.

ނާއިމްގެ އަޑަށް ބޭރު ބަލާލި ރާނިޔާ އާއި ލަކްޝްމީއަށް ވެސް މުހުތާރު ފެނުނެވެ.

“ރާނިޔާ! ހާލު ކިހިނެއް؟ ކަންތައްތައް ރަނގަޅުތަ؟” ނާއިމް އުރާލަމުން އެތެރެއަށް ވަތް މުހުތާރު ވާހަކަ ދެއްކީ ރާނިޔާއާ އެވެ.

“އަލްހަމްދުލިﷲ. ވަރަށް ރަނގަޅު.. މުހުތާރު ކިހިނެއް؟” ރާނިޔާގެ ކިބައިން ފެނުނީ މަޑުމައިތިރިކަމާއި ހަމަހިމޭންކަމެވެ. އޭނާ މުހުތާރަށް ކުރާ އިޙުތިރާއި ޤަދަރެވެ.

“ބަރާބަރު.” ކޮނޑުގައި އޮތް ދަބަސް ގޮނޑިމަތީގައި ބާއްވަމުން މުހުތާރު އިށީނެވެ.

“މުހުތާރުގެ ހެޔޮކަމާއި އޯގާތެރިކަމަށް ޝުކުރު އަދާކުރުން ފިޔަވައި ބުނާނެ އެއްޗެއް ނެތް. ކޮށްދެވޭނެ ކަމެއް ވެސް ނެތް. އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ދައްކަން.” މަޑުމަޑުން ރާނިޔާ ބުނެލި އެވެ.

“ރާނިޔާ ބޭނުން ވާހަކައެއް ދައްކަންވީ. އަހަރެން މީނީ އަޑުއަހަން. އެކަމު.. މި ގެއިން ދާ ވާހަކަ ނުދައްކާތި.” ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަން އިޝާރަތްކޮށްލަމުން މުހުތާރު ބުނީ އޭނާ އެންމެ ބޭނުންވި ކަންތަކެވެ.

މިވެސް ކިޔާލަން:  ނުވެވުނު ލޯބި - ކުރު ވާހަކަ

“އަހަރެންނަކީ އަޅާލާނެ އެއްވެސް މީހެއް ނެތް ނިކަމެއްޗެއް. ދެ ދަރިން ބަލަން ޖެހިފައިވާ އެކަނިވެރި މައެއް. މިއަދު މިތަނުން ނުކުންނަން ޖެހުނަސް ވަންނާނެ އެހެން ތަނެއް ނެތް. ހާސް ހާސްފަށުން ޝުކުރު އަދާކުރަން.” ރާނިޔާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.

“އަހަރެންނަކީ ވެސް ވަރަށް ބޮޑު އެކަނިވެރިއެއް. ކައިވެންޏެއް ކުރިން. ދަރިއަކު ލިބުނު. މިވަރުގެ ފިރިހެން ކުއްޖަކު ހުންނާނެ. އެޅުނު ޅައެއްޗެއްގެ ސަބަބުން ބަޔަކު މީހުންގެ ބަހަށް ހެއްލެވުމުގެ ސަބަބުން ދިރިއުޅުން ވިއްސި ވިހާލިވީ. އަންހެނުން ވަރިކޮށް ގެއިން ނެރެލެވުނީ. ރަށަށް ފޮނުވާލެވުނީ. ކުރެވުނު ކުށް އިޙުސާސްވި ހިސާބުން ކަންކަން ރަނގަޅުކުރަން އެތައް މަސައްކަތެއް ކުރެވުނު. މަޢާފަށް އެދި އެތައް އާދޭހެއް ކުރިން. އަނބުރާ ގެނައުމަށްޓަކައި ކުރެވޭން ހުރި ހުރިހާ ކަމެއް ކުރިން. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު. ބޭނުން ކޮންމެ އިރަކު ދަރިފުޅާ ވާހަކަ ދެއްކޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަރެންގެ ވާޖިބު ހަނދާން ނައްތައެއް ނުލަން. ދަރިފުޅަށް އަށާރަ އަހަރު ވާންދެން ދައްކަން ޖެހޭ ފައިސާ ކޯޓް މެދުވެރިކޮށް ދެއްކޭނެގޮތް މިހާރު ވެސް އޮންނަނީ ހަމަޖައްސާފަ. ދަރިއަކު ބަލައި ބޮޑުކުރުމުގައި ބައްޕައެއްގެ ފަރާތުން ދޭންވާ ލޯތްބާއި އަޅާލުން ދިނުމުގެ ފުރުސަތު އަހަރެންނަކަށް ނުލިބުނު. ކުޑަވެސް އުންމީދެއް މިހާރު އޮތީ މިގޮތުން. އަހަރެންގެ މި އެކަނިވެރިކަމާއި މާޔޫސްކަމަށް ކުޑަ ނަމަވެސް ލުޔެއް ހޯދައިދެވޭނެ ހަމައެކަނި މީހަކީ ރާނިޔާ. އަހަރެންނަށް އެހީތެރިވެދީ.” މުހުތާރުގެ ކިބައިން ފެނުނީ މާޔޫސްކަމާއި ހިތްދަތިކަމެވެ.

އާދޭސްކުރާ ފަދައަކުން ރާނިޔާއަށް ބަލަހައްޓައިގެން އިން މުހުތާރާއި ދިމާއަށް ރާނިޔާ ބަލާލީ ސުވާލުތަކުން ފުރިފައިވާ ފަދައަކުން ނެވެ. މުހުތާރު ބުނި އެއްޗެއް އޭނާއަށް ދޭހަނުވި ކަހަލަ އެވެ.

“އެއްބަނޑު އެއްބަފާ ދައްތައަކު ފަދައިން އަހަރެން ދައްތައަށް ބަލާނަން. ދައްތަގެ ދެ ދަރިންނަށް ސަމާލުކަން ދޭނަން. ބޭނުން ކޮންމެ ކަމެއް ކޮށްދޭނަން. ދަރިންނާއިމެދު ދައްތަ ދެކޭ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދޭނަން. އަހަރެންނާއިއެކު މިގޭގައި އުޅެދީ. އިތުރު ކަމެއް ބޭނުންނަމަ އެކަމެއް ވެސް ބުނޭ. އަހަރެން ކޮށްދޭނަން. ކައިވެނި ކޮށްގެން ފިރިމީހާއާއެކު ވެސް މިތަނުގައި އުޅެވޭނެ.” މަޑުމަޑުން ތެދުވެގެން އައި މުހުތާރު ރާނިޔާއާ ދިމާއަށް ތިރިވި އެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ރާނިޔާގެ އަތުގައި ހިފާލި އެވެ.

“އަލްޙަމްދު ލިﷲ ޝުކުރު. އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި. އަހަރެންގެ ދުޢާ އިޖާބަ ކުރައްވައިފި.” މުހުތާރުގެ ބޮލުގައި އަތްޖައްސާލި ރާނިޔާ ފެށީ ރޯށެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އޭނާގެ ހިތަށް ކެތެއް ނުވި އެވެ. ޖަޒުބާތުތައް ހިފަހައްޓައެއް ނުލެވުނެވެ.

މިވެސް ކިޔާލަން:  ވޭނުގާ - ތޭރަވަނަ ބައި

މަންޒަރު ބަލަން ހުރި ލަކްޝްމީގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަޖެހުމެވެ.

ދިރިއުޅުމުގައި ދިމާވި ހިތްދަތިކަމާއި މާޔޫސްކަން ކުރިމަތިވި ހިސާބުން ފެށިގެން ރާނިޔާ ކުރަމުން އައި ދުޢާ އިޖާބަ ކުރައްވައި ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ ފުރުސަތު ފަހިވި އެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފުމަށް ރާނިޔާ އަތުކުރި އޮޅާލި އެވެ. މާޒީ ދޫކޮށްލައި ކުރިމަގަށް ވިސްނުން ބައްޓަން ކުރި އެވެ.

މުހުތާރު އޭނާގެ ތެދުވެރިކަން ސާބިތުކޮށްދިނެވެ. ރާނިޔާ އާއި އޭނާގެ ދެ ދަރިންނަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއްވި އެވެ. ބޭނުންވި ކޮންމެ ފުރުސަތެއް ފަހިކޮށްދިނެވެ.

ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ފާއިތުވަމުން ދިޔަ އެވެ. ބައްޕައެއްގެ ފަރާތުން ދަރިންނަށް ލިބެންވާ ލޯތްބާއި އަޅާލުން ނުލިބުނު ނަމަވެސް އެއްބަނޑު އެއްބަފާ ބައެއްގެ ފަރާތުން ދަރިންނަށް ލިބެންވާ ލޯތްބާއި އަޅާލުން މުހުތާރާއި ލަކްޝްމީގެ ފަރާތުން ރާނިޔާގެ ދެ ދަރިންނަށް ލިބުނެވެ. ޝުކުރުން ފުރިފައިވާ ހިތަކުން މުހުތާރާއި ލަކްޝްމީއަށް ބަލަމުން ރާނިޔާ ވެސް އޭނާއަށް ވީ އެންމެ ރަނގަޅަކަށް އެމީހުނަށް ބަލަމުން ދިޔައެވެ.

ޔަޒީދާގެ އުމުރުން ދެއަހަރު ފުރުނުއިރު ރާނިޔާގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އޭނާގެ މާޒީ އެއްކޮށް ފޮހެލިކަން ހެކިދެއެވެ.

ހަވީރު ހަތަރެއް ޖަހާކަން ހާއިރެވެ. ރާނިޔާގެ ތިން މައިންނާއި ލަކްޝްމީ ތައްޔާރުވަމުން ދިޔައީ ފުރާށެވެ. ސްކޫލްތަކުގެ ޗުއްޓީއާ ދިމާވުމުން ރާނިޔާމެން ގޮވައިގެން ހަފުތާއެއްހާ ދުވަހަށް ރިސޯޓަށް ގޮސްލުމަށް މުހުތާރު ވަނީ ހަމަޖައްސާފަ އެވެ.

މީގެ ކުރިން ދުވަހަކު ވެސް އެފަދަ ފުރުސަތެއް ލިބިފައިނުވާ ނާއިމާއި ޔަޒީދާއަށް ރިސޯޓަށް ދެވުމުން އުފަލުން ގޮތެއް ނެތެވެ. އުފާކުރަމުން ހެމުން އަތިރިމައްޗާއި ދިމާއަށް ދުއްވައިގަތެވެ. ދަރިންގެ އުފަލާއި ހިތްހަމަޖެހުމަކީ މައިންބަފައިންގެ އުފަލާއި ހިތްހަމަޖެހުމެވެ. ހިތްތަކުގެ ހަމަޖެހުމާއި ހުވަފެންތަކުގެ ފޮނި މީރުކަމެވެ. ރާނިޔާގެ ހިތް އުފަލުން ފުރުނެވެ. ޝުކުރުވެރިކަމާއިއެކު މުހުތާރަށް ބަލާލި ރާނިޔާގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.

މަންތާވިއު ރެސްޓޯރެންޓަކީ ރިސޯޓްގައި ހުރި އެންމެ ހިތްގައިމު ރެސްޓޯރެންޓެވެ. ރަށުގެ ފަސްގަނޑުން ނެއްޓި ކަނޑު ކައިރިއަށް ވާގޮތަށް ފަރުމަތީގައި ބިނާކޮށްފައިވާ އެ ރެސްޓޯރެންޓަކީ މިހާރަށް އެންމެ އެކަށީގެންވާ ގޮތަށް ޑިޒައިންކޮށްފައިވާ ވަރަށް ފުރިހަމަ ތަނެކެވެ. އޯޕަންއެއާރ ބަޔަކާއިއެކު ޑިޒައިންކޮށްފައިވާ އެތަނުގައި އެއްފަހަރާ ސަތޭކަވަރަކަށް މީހުނަށް ޚިދުމަތް ދެވޭނެ އެވެ. ތަނުގެ ވަށައިގެން މޫދުގެ ހިތްގައިމު މަންޒަރުތައް ފެންނަމުން ދިޔައިރު ބަލާ ފޫހިނުވާފަދަ އެތައް މަންޒަރެއް ފެންނާނެ އެވެ. ޚިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ބައިގެ ހުރިހާ ބިތެއް ވެސް ހުރީ ބިއްލޫރިން ކަމަށްވާތީ އެތެރޭގައި ތިބި ނަމަވެސް ބޭރު ވަރަށް ރީތިކޮށް ފެންނާން އޮންނާނެ އެވެ. މަންތާވިއު ޚާއްސަކޮށްފައިވަނީ އޯޑަރަށް ތަކެތި ތައްޔާރުކޮށްދޭ ތަނެއްގެ ގޮތުގަ އެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 2

ރޭގަނޑުގެ ކެއުން ހަމަޖެހިފައިވަނީ މަންތާވިއު ރެސްޓޯރެންޓްގައި ކަމަށްވާތީ ރާނިޔާމެން ބަލައި މުހުތާރު ފޮނުވީ ގެސްޓުން ގޮވައިގެން ދަތުރުކުރާ ވައްތަރުގެ ބަގީއެކެވެ.

ރެސްޓޯރެންޓަށް ވަދެގެންދިޔަ ވަގުތު ފެނުނު މަންޒަރާއިއެކު ރާނިޔާ ހުއްޓުން އެރި އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި ހުރެވުނީ ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވެގެން ކަހަލަ ގޮތަކަށެވެ.

ޚާއްސަ މުނާސަބަތަކަށް ތައްޔާރުކޮށްފައިވާ އެ މޭޒާއި ދިމާއަށް ރާނިޔާ ދިޔައީ މުހުތާރު އައިސް އޭނާ ގެންދިއުމުން ނެވެ. އެ ދެ މީހުންގެ ފަހަތުން ލަކްޝްމީމެން ވެސް ދިޔަ އެވެ. ރާނިޔާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލި މުހުތާރު ދިއްކޮށްލީ ލިޔުންތަކެއް ލާފައިވާ ފައިލެކެވެ. އެ ލިޔުންތައް ބަލާލުމަށް ވެސް ބުންޏެވެ.

ސުވާލުތަކުން ފުރިފައިވާ ފަދައަކުން މުހުތާރަށް ބަލާލި ރާނިޔާ، މުހުތާރު އެދުނު ފަދައިން އެ ލިޔުންތައް ނަގައި ކިޔަން ފެށި އެވެ.

“ނޫން.. ނޫން.. އަހަރެން ބޭނުމެއް ނޫން އިތުރު އެއްޗެއް. ކޮއްކޮގެ ފަރާތުން އަހަރުމެން ތިން މައިންނަށް މިހާރު ވެސް ލިބެމުންދާ އަޅާލުމާއި ލޯބި އަހަރެންނަށް ފުދޭ. އަހަރެންނަށް ފުދޭ. އެވަރުން އަހަރެމެނަށް ވާނެ. އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުމެއް ނޫން. ކޮއްކޮގެ ދަރިފުޅަށް ދީ.” ލިޔުންތައް ފައިލަށް ލަމުން ރާނިޔާ ރޯން ފެށި އެވެ.

ޚިދުމަތް ހޯދުމަށް އައިސް ތިބި އެތައް ފަތުރުވެރިންނެއްގެ ލޯ އެދިމާއަށް އަމާޒުވި އެވެ.

މަޑުމަޑުން ތެދުވެގެން އައި މުހުތާރު ރާނިޔާއާ ދިމާއަށް ގުދުވަމުން ލޯތްބާއި އޯގާތެރިކަމާއިއެކު އޭނާގެ ބޮލުގައި ފިރުމާލި އެވެ. ކަންފަތާއި ކައިރިވެލަމުން ސިއްރުސިއްރުން ކޮންމެ ވެސް ވާހަކަތަކެއް ވެސް ދެއްކި އެވެ. ވާނުވާ ނޭނގިފައި ތިބި ދެ ދަރިން މަޑުމަޑުން ރާނިޔާއާ ކައިރިވެލި އެވެ. މަންމަ ރޮނީ ކީއްވެތޯ ސުވާލުކުރަމުން ރާނިޔާގެ ގައިގައި ބައްދާލި އެވެ.

ދެ ދަރިން މަޑުމަޑުން ދުރަށް ޖައްސާލަމުން ކޮޅަށް ތެދުވި ރާނިޔާ އަވަސްވެގަތީ ޝުކުރުގެ ސަޖިދަ ކުރުމަށެވެ. މުހުތާރު އޭނާއަށް އެ ފުރުސަތު ފަހިކޮށްދިނެވެ.

ރިސޯޓްގައި ހޭދަކުރި ހަފުތާއެއްހާ ދުވަސް ވެގެން ދިޔައީ ނާއިމާއި ޔަޒީދާއަށް ލިބުނު އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަށެވެ. ޗުއްޓީ ނިންމާފައި މާލެ ދާން ބުނުމުން އެކަމާއި ދެކޮޅު ވެސް ހެދި އެވެ. ދާން ބޭނުން ނޫންކަމަށް ތަކުރާރުކޮށް ބުންޏެވެ.

“އަނެއްކާ ވެސް ސްކޫލު ބަންދުވީމަ އަންނާނީ.” ޔަޒީދާ އުރާލަމުން މުހުތާރު ބުނެލި ޖުމްލައާއިއެކު ޔަޒީދާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔަ އެވެ.

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top