ނިކަމެތިން އަގު އަދާކުރަންޖެހޭ ދުނިޔެ
މިއީ “މަސްތު” ގެ ފުރަގަހުގައި އޮތް ބިރުވެރި އަދި ހުތުރު ވިޔަފާރީގެ އަސްލެވެ. މިއީ ހަމައެކަނި ޕާޓީތަކާއި، އަމިއްލަ އެޕާޓްމަންޓްތަކާއި، އަގުބޮޑު ބުއިންތަކާއި ނުވަތަ އާދައިގެ ދިރިއުޅުމުން ވަގުތީ ސަލާމަތެއް ހޯދަން އުޅޭ ބައެއްގެ ވާހަކައެއް ނޫނެވެ. އެ ފުރިހަމަ ދަޢުވަތުތަކާއި ފަރުވާތެރިކަމާއެކު ދައްކާލާ ސިފަތަކުގެ އަޑީގައި އޮތީ، އިންސާނުންގެ ނާޒުކުކަމުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރިއެކެވެ.
ބައެއް މީހުން އެތަނަށް އައީ އުފަލާއި މަޖަލުގެ ބޭނުމުގައެވެ. އަނެއް ބަޔަކު އައީ އެކަނިވެރިކަމުގެ ސަބަބުން ނުވަތަ ކަންކަން ހޯދައި ބެލުމުގެ ޝައުޤުވެރިކަމުގައެވެ. ނުވަތަ ބައެއްގެ މަޖުބޫރުކަމާ ހެދިއެވެ. އަދި ކުރިމަތިވެދާނެ ނުރައްކަލަކަށް އެއްވެސް ފަރުވާލެއް ނެތިއެވެ. ބައެއް މީހުން އެކަމަށް ދެވިހިފާފައިވާއިރު، އަނެއް ބަޔަކީ އެހެން މީހެއްގެ ނިކަމެތިކަމުން ފައިދާ ހޯދަން ބަޔަކު ކުރި މަސައްކަތުގެ ޝިކާރައަކަށް ވެފައިވާ މީހުންނެވެ.
މިކަންކަން އިންތިޒާމުކުރާ މީހުން އަބަދު މަޖުބޫރުން މީހުން ވައްދާކަށް ނުޖެހެއެވެ. ބައެއް ފަހަރު އެމީހުން ބޭނުންކުރަނީ ރަހުމަތްތެރިކަމާއި، ފައިސާއާއި، ސިއްރުވެރިކަމާއި، މަސްތާއި ނުވަތަ އެކުވެރިކަމުގެ ވަޢުދުތަކެވެ. މީހަކު ނާޒުކު ހާލަތަކަށް ވެއްޓޭ ކޮންމެ ހިނދަކީ، އެހެން މީހަކު އޭގެއިން ނަފާ ހޯދާ ވަގުތެކެވެ. މިރުޒާ ފަދަ މީހުންނަކީ އެ ދުނިޔެއަކީ ފައިދާލިބޭ ތަނަކަށް ހެދުމުގައި އެހީތެރިވި މީހުންނެވެ.
މިރުޒާ އަމިއްލައަށް ވަޝިއްޔާ ވަގަށް ނަގާފައެއް ނުވެއެވެ. އޭނާގެ ގަޔަށް އިންޖެކްޝަން ޖަހާފައެއް ނުވަތަ ކެމެރާގެ ފަހަތުގައި ހުރީކީވެސް އޭނާއެއް ނޫނެވެ. ނަމަވެސް، އިންސާނުންނަކީ ހަމައެކަނި މުއާމަލާތްކުރެވޭ މުދަލަކަށް ހަދާފައިވާ، އަދި އަމިއްލަ އެއްވުންތަކަކީ މީހުންގެ ނާޒުކުކަމުން ފައިދާ ހޯދާ ފުރުސަތުތަކަކަށް ބަދަލުކޮށްފައިވާ އެ ނިޒާމު ބިނާކޮށް ދެމެހެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތެވެ.
އޭނާ އަހަރުތަކެއް ހޭދަކުރީ އެ ވިޔަފާރި އޭނާއަށް ވަރަށް ރަނގަޅަށް އެނގޭކަމަށް ޤަބޫލުކޮށްގެންނެވެ. އެ ދުނިޔެއިން ދެން ސަލާމަތްނުވެވޭނެ މީހުންނަށް ވާނެ ގޮތަކާމެދު އޭނާ ދުވަހަކުވެސް ފުންކޮށް ވިސްނާފައެއް ނުވެއެވެ. މިއަދު ވަޝިއްޔާ އެ އުޅެނީ އެކަމުގެ އެންމެ ހިތްދަތި ނަތީޖާގެ ތެރޭގައެވެ.
*****
އެރޭ ވަޝިއްޔާ ފަހުގެ ވަގުތެއްގައި، އެހެން ކޮޓަރިއަކަށް ގެންދެވުނެވެ. އެއީ އޭނާ ކުރިން ހުރި ކޮޓަރިއަށްވުރެ އަލިގަދަ ތަނެކެވެ. އެ ތަނުގެ އެކި ތަންތަނުގައި ކެމެރާތައް ހަރުކޮށްފައި ހުއްޓެވެ. ސޯފާއަކާއި، ބުއިންތައް ބަހައްޓާފައި ހުރި މޭޒަކާއި ބޮޑު ލޯގަނޑެއް އެތަނުގައި ހުއްޓެވެ. މީހަކު އެތަނުގެ އަލިކަން ތަރުތީބުކުރަމުން ދިޔައިރު، އަނެކަކު ކެމެރާގެ ސާމާނުތައް ޗެކްކުރަމުން ދިޔައެވެ.
“އެތަނުގައި އިށީީނދޭ.” ފިރިހެނަކު އަމުރުކުރިއެވެ.
ވަޝިއްޔާ އެއަށް ކިޔަމަންވިއެވެ.
“ކެމެރާއަށް ބަލާލާ.”
އޭނާ ބަލާލިއެވެ.
“ކުޑަކޮށް ހިނިތުންވެލާ.”
ވަޝިއްޔާގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުނެވެ.
“ދެން ހިނިތުންވެލަބަލަ. ކުޑަކޮށް.”
އޭނާގެ ތުންފަތަށް ކުޑަ ބަދަލެއް އައި ނަމަވެސް، އެޔަކުން އޭނާގެ ލޮލުގައިވާ ހިތްދަތިކަމެއް ފިލައިގެން ނުދެއެވެ.
އެ ފިރިހެންމީހާ ކެތްތެރިކަން ކުޑަ ގޮތަކަށް އަންހެންމީހާއަށް ބަލާލިއެވެ. “އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނޭ.”
“ކުރިން އޭނާ މިއަށްވުރެ ތަފާތުކޮށް ރަނގަޅަށް ހުރީ.” އަންހެންމީހާ ޖަވާބުދިނެވެ.
“އެހެންވީމާ އޭނާ ތަފާތުކޮށް ފެންނަ ގޮތް ހަދާ އޯކޭ ކޮށްބަލަ.”
ވަޝިއްޔާއަށް އެ އަޑުތައް އިވެއެވެ. ނަމަވެސް އެ ބަސްތަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ.
ކެމެރާގެ ފްލޭޝް އަލި އަރަމުންދެއެވެ. ކްލިކް..ކްލިކް..ކްލިކް އަނެއްކާވެސްމެއެވެ. ވަޝިއްޔާ ކެމެރާގެ ލެންސަށް ބަލަހައްޓައިގެން އިނީ، މި ފޮޓޯތައް ފަހުން ފެންނާނެ މީހުންނަށް އޭގެ ހަޤީޤަތް އެނގޭނެބާއޭ ހިތަށް އަރާ ހާލުގައެވެ.
ނޯޓު ފޮތެއްގައި ހުރިހާ ކަމެއް ލިޔެ އުޅުނު އުފާވެރި ދުނިޔެ ދެކެން ތަޖުރިބާކުރަން ފޯރި ހުރި އެ އަންހެންމީހާއަކީ މިއީކަން އެއްވެސް މީހަކަށް އެނގޭނެބާވައެވެ؟ ކުދިކުދި ކަންކަމަށް ސަމާލުކަންދީ، ގިނަ ސުވާލުތައް ކުރި، އަދި ރަހުމަތްތެރިންނާއެކު އެހެން ޤައުމަކަށް ދިއުމަކީ އާދައިގެ ދަތުރެއް ކަމަށް ޤަބޫލުކުރި އަންހެންމީހާއަކީ މިއީކަން އެނގޭނީ ކާކަށް ހެއްޔެވެ؟ އެ މޭކަޕްގެ އަޑީގައިވާ ބިރުވެރިކަން އެއްވެސް މީހަކަށް ފެންނާނެ ހެއްޔެވެ؟ އެ ފޮޓޯގައި ހުރި އަންހެންމީހާއަކީ އަމިއްލަ އިޚުތިޔާރުގައި އެތަނަށް އައި މީހެއް ނޫންކަން އެނގޭނެ މީހަކު ހުރޭބާވައެވެ؟
ވަޝިއްޔާ އިސްދަށަށް ޖެހިއެވެ.
“މައްޗަށް ބަލާ، މިކޮޅަށް އެނބުރޭ.. ހީނލާ ސެކްސީކޮށް.” ފޮޓޯގްރާފަރު އަމުރުކުރިއެވެ.
އޭނާ ބަލާލިއެވެ. އަނެއްކާވެސް ކެމެރާގެ އަޑު އިވުނެވެ. އަދި އެ ކޮޓަރިން ބޭރުގައި، މިކަންކަން އިންތިޒާމުކުރި މީހުން އޭނާގެ ހިތްދަތިކަމަކީ ވިޔަފާރިއެއްގެ ގޮތުގައި ބަލަމުން ދިޔައެވެ.
*****
ރަށުގެ އަނެއް ފަރާތުގައި، މިރުޒާ އިނީ ނަންތަކެއްގެ ލިސްޓަކަށް ބަލަހައްޓައިގެންނެވެ. އޭނާއާ ގުޅުން އޮންނަ މީހެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ނަމަވެސް، އެއީ ފުރިހަމަ މަޢުލޫމާތެއް ނޫނެވެ. އާދައިގެ ބުކިން ރެކޯޑްތަކުން ނުފެންނަ، އަމިއްލަ އެއްވުންތަކަށް ބޭނުންކުރާ އިމާރާތެއްގެ ވާހަކަ އޭނާއަށް އެނގުނެވެ. އެތަނަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، އެއް ނަމެއް ތަކުރާރުކޮށް ފެންނަން އޮތެވެ.
އެއީ މިރުޒާ އިތުބާރުކުރި މީހެކެވެ. އޭނާ އެ ނަން އަނެއްކާވެސް ކިޔާލިއެވެ.
ދެން އޭނާގެ ފޯނު ވައިބްރޭޓްވިއެވެ. ނުދަންނަ ނަންބަރެކެވެ.
“މިރުޒާ، ތިބާގެ ވިޔަފާރި ވަރަށް ރަނގަޅަށް އެބަހިނގާ. ތިބާގެ މި ހޮޓް އަންހެން ކުއްޖާ ދަނީ މަޤުބޫލުވަމުން.”
މިރުޒާގެ ހިތް ނުތަނަވަސްވިއެވެ. އަނެއް މެސެޖު އައެވެ.
“ހަނދާން ވޭތަ އެހެން މިހުންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތު ބޭނުންކޮށްގެން ފައިސާ ހޯދާނެ ގޮތް މީހުންނަށް ދަސްކޮށްދިން ގޮތް. އަހަރެމެން މި ދައްކައިދެނީ އެހެން މީހަކު ހަމަ ތިޔަ އުކުޅު ބޭނުންކޮށްގެން ކޮންޓްރޯލްކުރަން ފެށުމުން ވާނެ ގޮތް.”
މިރުޒާ ފޯނުގައި ބާރަށް ހިފަހައްޓާލިއެވެ. އޭނާ އެ ފޯނު ފާރުގައި ޖަހާ ފުނޑުފުނޑުކޮށްލަން ބޭނުންވިއެވެ. އެ މެސެޖު ފޮނުވި މީހާ ހޯދައި، ވަޝިއްޔާ ތަހައްމަލުކުރި ކޮންމެ ސިކުންތަކަށް ޖަވާބުދާރީ ކުރުވަން ބޭނުންވިއެވެ. ނަމަވެސް ރުޅިއަކުން އޭނާއެއް ނުފެންނާނެއެވެ. އޭނާ އެ މެސެޖުތައް އޭނާގެ ކޮންޓެކްޓަށް ފޮނުވުމަށްފަހު ވަގުތުން ގުޅިއެވެ.
“އަހަންނަށް އެ އައިޕީ އެޑްރެސް އަދި ލޮކޭޝަން ބޭނުން.”
“މިހާރު އަހަރެމެން ޗެކްކުރަމުން މިދަނީ.”
“އަވަސްކުރޭ!”
“މިރުޒާ، އަޑުއަހާ. އެތަނަކީ އާދައިގެ އެޕާޓްމަންޓެއްހެން ހިންގާ ތަނެއް ނޫން. މީހުން އައިސް ގޮސްވެ ހަދާއިރު، އެތަނުގެ މިލްކުވެރިކަން އޮތީ ވަރަށް ބޮޑަށް ސިއްރުކޮށްފައި.”
“އެހެންވިއްޔާ އެތަނަށް އަންނަ މީހުންގެ ފަހަތުން ދޭ.”
“އަހަރެމެން އެ މަސައްކަތް އެބަ ކުރަން.”
މިރުޒާ އަނެއްކާވެސް އެ މެސެޖަށް ބަލާލިއެވެ.
“އެމީހުން އޭނާ ބަދަލުކުރަނީ.” އޭނާ މަޑުމަޑުން ބުންޏެވެ.
“ކީކޭ؟”
“އެމީހުން އޭނާ މުޅިން ބަދަލުކޮށްލައިފި. ފޮޓޯ ނަގަނީ. އޭނާއަކީ އެތަނުގެ މީހެއްކަން ދައްކަން މަސައްކަތްކުރަނީ.”
އަނެއްކޮޅުން އެއްވެސް އަޑެއް ނައެވެ.
“މިރުޒާ، އަހަރެމެން އޭނާ ހޯދާނަން.”
އޭނާ ފޯނު ބޭއްވިއެވެ.
ފުރަތަމަ ފަހަރަށް މިރުޒާއަށް ވިސްނުނު ގޮތުގައި، ވަޝިއްޔާ ހިފަހައްޓައިގެން ތިބި މީހުން ބޭނުންވަނީ ހަމައެކަނި އޭނާއަށް ހިތްދަތިކަން ދިނުމެއް ނޫނެވެ. އެމީހުން ބޭނުންވަނީ އޭނާގެ ދުނިޔެ އަތުލައި، އެ ދުނިޔެ ބަދަލުކޮށް، އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެކަން ދައްކައިދޭށެވެ.
އޭނާގެ ދިރިއުޅުމާމެދު ކުރިން ޝައުޤުވެރިކަން ހުރި އަންހެނަކު އަތުލައި، އޭނާ އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އައި ހުރިހާ ނުބައި ކަންތައްތަކެއްގެ ނަމޫނާއަކަށް އެމީހުން އޭނާ ބަދަލުކޮށްލީއެވެ. އަދި އެންމެ ހިތާމަވެރި ކަމަކީ، އެމީހުން ދައްކާލާ ސިފައާއި، އެމީހުން ހަލާކުކޮށްލި އަންހެންމީހާގެ ހަޤީޤަތާ ދެމެދު ހުރި ތަފާތު ބޭރު ދުނިޔެއަށް ދުވަހަކުވެސް ނޭނގިދާނެތީއެވެ.
މިރުޒާ މަޑުމަޑުން އިށީީނދެލިއެވެ. ކުރިން އޭނާ ޤަބޫލުކުރި ގޮތުގައި “މަސްތު” އަކީ ފުރުސަތުތަކާއި، ނުފޫޒާއި އަދި ބާރުގެ ދުނިޔެއެކެވެ. ނަމަވެސް، އެ ދުނިޔެއަކީ ކިހާ ބިރުވެރި ތަނަކަށް ބަދަލުވެދާނެކަން މިއަދު އޭނާއަށް ވިސްނެން ފަށައިފިއެވެ. އެއީ ބާރުގަދަ މީހުންގެ އުފަލަށްޓަކައި، ނިކަމެތިން އޭގެ އަގު އަދާކުރަންޖެހޭ ދުނިޔެއެކެވެ. އަދި ވަޝިއްޔާ ހުރީ އެ ދުނިޔޭގެ މެދުގައި ތާށިވެފައެވެ. އަދި މި ހިމޭންކަމުގެ ތެރެއިން، ވަޝިއްޔާގެ ދިރިއުޅުމާމެދު ބިރުވެރި ސުވާލުތަކެއް އުފެދެން ފެށިއެވެ.
މިއަދު ނޫނީ މާދަމާ މީހުންނަށް ވަޝިއްޔާގެ ވާހަކަ އެނގޭ ހިނދު، އެމީހުން އޭނާ ހަނދާން ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން އޭނާއަކީ ބޭސްފަރުވާއަށާއި ދަތުރުފަތުރުކޮށްލުމަށް ރައްޓެހިންނާއެކު ރާއްޖެއިން ބޭރަށް ދިޔަ، އަޚުލާޤު ރަނގަޅު، ވިސްނުންތެރި އަންހެނެއްގެ ގޮތުގައި ބަލައިގަންނާނެ ހެއްޔެވެ؟ ނުވަތަ އޭނާގެ މުޅި ދިރިއުޅުން ވީޑިޔޯ އަދި ފޮޓޯތަކުން އިވޭ އަޑުތަކަކަށް ހަނިކޮށްލާނީ ހެއްޔެވެ؟ އޭނާ ރާއްޖެއިން ބޭރަށް ގޮސް، ގޯސް ރަހުމަތްތެރިންގެ މަގަށް ލެނބި، މަސްތުވާތަކެތީގެ ވަބާގައި ޖެހި، އަމިއްލަ ދިރިއުޅުން ހަލާކުކޮށްލީ ކަމަށް މީހުން ބުނާނެ ހެއްޔެވެ؟ އޭނާއަކީ އޭނާގެ އާއިލާއަށާއި، ރަށަށާއި، އަދި ޤައުމަށްވެސް ހުތުރު ނަމެއް ހޯދައިދިން މީހެއްގެ ގޮތުގައި މީހުން ސިއްރުސިއްރުން ވާހަކަދައްކާނެ ހެއްޔެވެ؟ އޭނާ ރަހީނުކުރެވުނީތޯ އެއްވެސް މީހަކު ސުވާލުކުރާނެ ހެއްޔެވެ؟ އޭނާގެ ނުރުހުމުގައި މަސްތުވާތަކެތި ދެވުނީތޯ ނުވަތަ އެ ފޮޓޯތަކުން ފެންނަ ފިރިހެނުން، ދެކޮޅު ހެދުމުގެ ބާރު ނެތް އަންހެނެއްގެ ނާޖާއިޒު ފައިދާ ނެގީތޯ އެއްވެސް މީހަކު އަހާނެ ހެއްޔެވެ؟ ނުވަތަ ހުރިހާ އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވުން މާ ފަސޭހަވާނީ ހެއްޔެވެ؟
ބައެއް މީހުން ބޭނުންވާނީ ވަޝިއްޔާ މަރުވެއްޖެ ކަމަށް ޤަބޫލުކުރާށެވެ. މަރުވެ، ހަނދާނުން ފޮހެވި، އުނދަގޫވާ ކަހަލަ ވާހަކަތަކުން މިންޖުވެފައިވާ މީހެއްގެ ގޮތުގައެވެ. ނަމަވެސް ވަޝިއްޔާއަކީ ފަޟީހަތެއް ނޫނެވެ. އޭނާއަކީ މީހުން ދައްކާ ހުސް ވާހަކައެއް، ނުވަތަ އިންޒާރެއް، ނުވަތަ މީހެއްގެ އަބުރުގައި ޖެހުނު ކަޅު ލަކުނެއް ވެސް ނޫނެވެ. އޭނާއަކީ އެންމެ ބޮޑަށް އޯގާތެރިކަމަށް ބޭނުންވި ވަގުތު، މަކަރާއި ހީލަތުން މަގު އޮޅުވާލައި، ނާޖާއިޒު ފައިދާ ނަގައި، އެކަނިވެރިކޮށްލެވުނު އިންސާނެކެވެ.
ބީރައްޓެހިން އޭނާއަކީ ކޮންކަހަލަ އަންހެނެއްކަމާމެދު ބަހުސްކުރަމުން ދާއިރު، އެންމެ މުހިންމު ސުވާލު އެކަކުވެސް ކުރާހެނެއް ހިއެއްނުވެއެވެ. އޭނާއަށް މިހާލު ޖެއްސީ ކާކު ހެއްޔެވެ؟ އަދި އަނިޔާވެރިން ޒިންމާދާރުކުރުވުމުގެ ބަދަލުގައި، ދުނިޔެ ވަޝިއްޔާއާމެދު ގޮތް ނިންމަން މާ އަވަސްވެގަތީ ކީއްވެ ހެއްޔެވެ؟
“މަސްތު” ގެ ދުނިޔޭގައި، އޭނާގެ ތަހައްމަލުތަކަކީވެސް ވިޔަފާރީގެ މުއާމަލާތަކަށް ވަނީ ބަދަލުވެފައެވެ. އަދި އެންމެ ބިރުވެރި ކަމަކީ، އޭނާ އެނބުރި އަންނަ ދުވަހަކުން، ހަމައެކަނި އޭނާގެ ފުރާނަ ސަލާމަތްކުރުމުގެ އިތުރުން، އޭނާގެ ބަސް ޤަބޫލުކުރުވުމަށްޓަކައި ވެސް ބޮޑު ހަނގުރާމައެއް ކުރަން ޖެހިދާނެކަމުގެ ބިރެވެ.
(ނުނިމޭ)
