ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އިޚްތިޔާރުކުރާނީ އަބަދުވެސް ކަލާ – 4
މުނިއަވަސް ގްރެފިކްސް

އެހެން ކުއްޖަކަށް ބާކީވެފައިވާކަމުގެ ނުވަތަ އާއިލާގެ ތެރޭގައި އުނދަގޫ އިޙުސާސްތަކެއް ކުރަންޖެހޭ ސަބަބަކަށް ވާން ލިޔާނާ ބޭނުމެއް ނުވެއެވެ. އުނދަގޫ ކައިވެނިތަކުގެ ނަތީޖާއާ ބެހޭގޮތުން އޭނާއަށް އެނގިފައިވާ މިންވަރުން، ދަރިން ތިބޭއިރު ބޮޑު ދެމީހުންގެ މެދުގައި އޮންނަ ލޯތްބަކީ އެކަނި ފުދޭނެ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އަދި ފާރިސްއަށް އެކަން ވިސްނެއެވެ.

ދަރިންނަށްވުރެ ކުރިއަށް އޭނާ އިސްކުރުމަށް ފާރިސް ދުވަހަކުވެސް ބާރެއް ނާޅައެވެ. އޭނާގެ ޒިންމާތަކަކީ އުނދަގުލެއްގެ ގޮތުގައި ނުދެކޭ ފަދައިން، ބަރޯސާވެފައިވާ މީހުންނަށް އިހުމާލުވެގެން ލޯބި ސާބިތުކޮށްދޭކަށްވެސް ފާރިސް އުއްމީދެއް ނުކުރެއެވެ. އޭގެ ބަދަލުގައި، ފާރިސް އޭނާއަށް ހަނދާންކޮށްދިނީ ދެމެހެއްޓެނިވި ގުޅުމަކީ ދެމީހުންގެ މިހާރުގެ ދިރިއުޅުމަށްވެސް ޖާގަ އޮންނަންޖެހޭނެ ގުޅުމެއް ކަމަށެވެ. އެމީހުންގެ މުސްތަޤުބަލާ ބެހޭގޮތުން ސީރިއަސްކޮށް ވާހަކަދައްކަން ފެށިއެވެ.

އެއީ ހަމައެކަނި އެކަކު އަނެކަކު މަތިން ހަނދާންވާ މިންވަރާއި، އެކުގައި ވަގުތު ހޭދަކުރުން ކިހާ ރީތިވާނެކަމުގެ ވާހަކައެއް ނޫނެވެ. އޭގެ ބަދަލުގައި، އެކުގައި ދިރިއުޅުމަކަށް ބޭނުންވާނެ ހަޤީޤީ ކަންކަމާ ބެހޭގޮތުންނެވެ. އާއިލާގެ ޤަބޫލުވުމާއި، މާލީ ކަންކަމާއި، ދިރިއުޅޭނެ އިންތިޒާމުތަކާއި، ދަރިންގެ ހިތްހަމަޖެހުމާއި، އަދި ކައިވެނީގެ އަމަލީ ޒިންމާތަކާ ބެހޭގޮތުން މަޝްވަރާކުރެވެން ފެށިއެވެ.

ރީތި ގުޅުމެއް ހަމައެކަނި ސިއްރު ބައްދަލުވުންތަކާއި ލޯބި މެސެޖުތަކުން އަބަދަށް ދެމިނޯންނާނެކަން އެމީހުންނަށް ވިސްނުނެވެ. އިޚްލާސްތެރިކަމާއެކު މުސްތަޤުބަލެއް ބޭނުންވާނަމަ، އެ ގުޅުމަށް ޙައްޤުވާ ތެދުވެރިކަމާއި، ޒިންމާދާރުކަމާއި، އަދި އިއްޒަތް ދޭންޖެހޭނެކަން އެމީހުންނަށް އެނގެއެވެ. އަދި އެއީ ފާރިސް އަނެއް ނިންމުން ނިންމި ވަގުތެވެ.

އަމިއްލަ ނަފްސު ރައްކާތެރިކުރުމަށްޓަކައި މުޖުތަމައަށް ފޮރުވިގެން ހުންނަންޖެހޭކަމުގެ އިޙުސާސް ލިޔާނާއަށް ކުރެވޭ ކުރެވުން ހުއްޓުވަން އޭނާ ބޭނުންވިއެވެ. އޭނާގެ ސަބަބުން ފާރިސް ލަދުނުގަންނަކަން ލިޔާނާއަށް އެނގެން އޭނާ ބޭނުންވިއެވެ. ލިޔާނާގެ އުމުރަކީ އޭނާ ލަދުގަންނަ ކަމެއް ނޫނެވެ. ލިޔާނާގެ ދަރިން ތިބުމަކީ އޭނާ ބިރުގަންނަ ކަމެއް ނޫނެވެ. އަދި ލިޔާނާގެ ކުރީގެ ކައިވެންޏަކީ އޭނާދެކެވާ ލޯބި ކުޑަވާންޖެހޭ ސަބަބެއް ކަމަކަށް އޭނާ އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ.

އޭނާ ބޭނުންވީ ފާޅުގައި ލިޔާނާގެ ކައިރީގައި ހުންނާށެވެ. އެއީ ދަރިންނާއި އާއިލާތަކަށް އިޙުތިރާމްކުރުމާއެކު، އެމީހުންގެ މުސްތަޤުބަލަކީ ހަމައެކަނި ލޯބީގެ ވަޢުދުތަކަށްވުރެ ވަރުގަދަ ބިންގަލެއްގެ މަތީގައި ބިނާކުރެވޭ އެއްޗަކަށް ހަދަމުންނެވެ.

ލިޔާނާ އަޑުއަހަމުން ދިޔައެވެ. އަދި ފުރަތަމަ ފަހަރަށް، ޝައްކުކުރާނެ ސަބަބެއް ހޯދާކަށް ލިޔާނާ މަސައްކަތެއް ނުކުރެއެވެ.

*****

ދުވަސްކޮޅެއް ފަހުން، ޝަފިއްޔާ އަނެއްކާވެސް އަލުން އެ ވާހަކަ ދެއްކިއެވެ. އަންހެނުން ވީމާ އަންހެނަކު އިންކާރުކުރީ ކީއްވެކަން އެނގެން ވަރަށް ބޭނުންވާނެއެވެ.

އާދައިގެ ވާހަކަތަކެއްގައި ދެމީހުން ތިއްބާ، ޝަފިއްޔާ ސަމާސާ ރާގަކަށް ބުނީ، ކުރިން އޭނާ ދިން ޚިޔާލަށް ފާރިސް އިންކާރުކުރުމުން އެ ގެއްލުވައިލީ ރަނުގެ ފުރުސަތެއް ކަމަށެވެ.

“ތެދަށް ބުނަންތަ ފާރިސް.” އޭނާ ހެމުން ބުންޏެވެ. “އެހެން ފިރިހެނެއްނަމަ އެއީ ދުނިޔޭގައި ހުރި އެންމެ ނަސީބުވެރި މީހާ ކަމަށް ދެކޭނެ. ކިހާބޮޑު ޗާންސެއް.”

ލިޔާނާ ހިނިތުންވެލިއެވެ.

“ވެދާނެ. އެކަމަކު ފާރިސްއަކީ އަންހެނުން އެއްކުރާ ހިތްވާ ކަހަލަ މީހެއް ނޫން. އަދި ޝައުޤުވެރިކަން ނޫނީ ހިތް ކިޔުމެއް ނެތި ގަޔާވާނެ މީހެއްނޫން ޔަގީން.”

ޝަފިއްޔާ ހޭން ފެށިއެވެ. “އެހެންވީމާ ތީ ހަމަ ނަސީބުވެރިއެއް.”

ލިޔާނާ އެ ބުނި ވާހަކައާމެދު ފުންކޮށް ވިސްނާލިއެވެ. “ނަސީބުވެރި.” އެއީ ވަރަށް ޝައުޤުވެރި ބަހެކެވެ.

އަހަރުތަކެއް ވަންދެން މީހުން އަންހެނެއްގެ ނަސީބު މިނަމުން އައީ އޭނާއަށް ފިރިއަކު ލިބިފައިވޭތޯ އާއި، އެ ފިރިމީހާ އޭނާގެ ކަންކަން ބަލަހައްޓާތޯ އާއި، ކައިވެނި ދެމިއޮތްތޯ އާއި، އަދި އާއިލާ ބަދަހިކޮށް ބެލެހެއްޓުމުގައި އޭނާ ކާމިޔާބުވޭތޯ ބަލައިގެންނެވެ. ނަމަވެސް، ކައިވެނިކޮށްގެން އުޅުމަކީ ލޯބި ލިބުން ނޫންކަމާއި، މީހަކާއެކު އުޅުމަކީ ތިމާގެ ދިފާއުގައި ހުންނާނެ މީހަކު ހުރުން ނޫންކަން ލިޔާނާއަށް ވަނީ އަމިއްލަ ތަޖުރިބާއިން އެނގިފައެވެ.

މިވެސް ކިޔާލަން:  ލޯތްބާ ނުލައި – ފުރަތަމަ ބައި

ފަހަރުގައި އޭނާގެ ނަސީބަކީ ހަމައެކަނި ފާރިސް އޭނާ ބޭނުންވުމެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ލިޔާނާގެ އަމިއްލަވަންތަކަން ބަދަލުކުރުމަށް ޝަރުތު ނުކޮށް، އޭނާ ބަލައިގަތުމެވެ. ލިޔާނާއަކީ މީގެ ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެއް ނޫންކަމަށް ދައްކަން ފާރިސް ބޭނުމެއް ނުވެއެވެ. އޭނާގެ ދަރިން ފޮރުވާކަށް ފާރިސް ނޭދެއެވެ. އަދި މާޒީގެ ހަނދާންތައް ފޮހެލައި، އޭނާގެ މިޒާޖު ބަދަލުކޮށް، ޒުވާން އަންހެން ކުއްޖަކަށް ވާންވެސް ފާރިސް ނުބުނެއެވެ. ފާރިސް ލޯބިވަނީ އޭނާގެ ކުރިމަތީގައި މިހާރު އެހުރި އަންހެންމީހާ ދެކެއެވެ. ޒިންމާތަކާއި، އަމިއްލަ ޚިޔާލުތަކާއި، ބައެއް ފަހަރު އިޙުސާސްވާ ނުތަނަވަސްކަމާއި، އޮޅުންބޮޅުން ބޮޑު މާޒީއެއްގެ އިތުރުން، އިތުބާރު ކުރަން ދަސްކުރަމުންދާ މުސްތަގުބަލެއް އޮތް އަންހެންމީހާ ދެކެއެވެ. އަދި އެމީހުންގެ ވާހަކައިގެ އެންމެ ރީތި ބަޔަކީވެސް އެއީ ކަމަށް ވެދާނެއެވެ.

އެއްދުވަހެއްގެ އިރުއޮއްސުނު ވަގުތު، މޫދު ކައިރީގައި ތިއްބާ ލިޔާނާގެ ހިތުގައި އޮތް ސުވާލެއް ފާރިސްއާ ކުރިއެވެ.

“ފާރިސް، އަސްލު މަ ދެކެ ލޯބިވެވުނީ ކީއްވެގެން؟”

އޭނާ ހިނިތުންވެލިއެވެ.

“ކުރު ޖަވާބެއްތަ ބޭނުމީ؟ ނޫނީ ދިގު ޖަވާބެއްތަ؟”

“ތެދުވެރި ޖަވާބެއް.”

ޖަވާބު ދިނުމުގެ ކުރިން ފާރިސް އިރުކޮޅަކު މޫދާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

“ވަކި ޚާއްސަ ސަބަބެއް ބުނެދޭކަށް ނޭނގޭ. އެއީ އެންމެ ކަމެއް ނޫން. އެއީ ހުރިހާ ކަމެއް. ވާހަކަދައްކާ ގޮތާއި، ވިސްނާ ގޮތާއި، ހީނލާގޮތް. ކަމަކާމެދު ސީރިއަސްވެފައި، ފަސް މިނެޓު ފަހުން އެކަމާ ސަމާސާ ކޮށްލާގޮތް. މާބޮޑު ބޭކާރު ޝަކުވާ ނުކުރާތީ.. އަހަރެންނަށް ޤަދަރުކުރާތީ.. އަހަރެންގެ ފެންވަރު ވަޒީފާ، އާއިލާ، ސިފަ، ހަސަބާއި ނަސަބު ނޫނީ މާޒީއާއި އުމުރޭ ކިޔައިން ހާސަރު ބޮޑުކޮށް ދުވަހަކުވެސް ވާހަކަ ދައްކަން ނުޖެހޭތީ.. ތިޔަ ހުންނަ ކެތްތެރިކަން، ވާހަކަ ނުދައްކާ ކައިރީގައި އެތައް އިރަކު އިނަސް ހިތްހަމަޖެހުމާއި އުފާ ލިބޭތީ.. އަދި އެގޮތް ދެކެވެސް އިންތިހާއަށް ލޯބިވޭ. އަމިއްލަ ޚިޔާލު ހުންނާތީ އުފާވޭ. ހަމައެކަނި މަގޭ ހިތްހަމަޖައްސައިދޭން މަގޭ ހުރިހާ ވާހަކައަކަށް އެއްބަސްނުވާތީ އެކަން ވަރަށް ކަމުދޭ.”

ލިޔާނާ ހޭން ފެށިއެވެ.

“ތީ ހަމަ ވަރަށް މޮޅު ޖަވާބެއް.”

“އަދި ނުނިމޭ.”

އޭނާ ލިޔާނާއާ ދިމާއަށް އެނބުރުނެވެ.

“މީހުން ނުބަލާ ވަގުތު ތިހުންނަ ގޮތްދެކެ ލޯބިވޭ. ދަރިންނަށް ބަހައްޓާ އޯގާތެރިކަންދެކެ ލޯބިވޭ. އެހާ ގިނަ ދަތިތަކެއް ތަހައްމަލުކޮށްފައިވެސް، ހިތްހަރު މީހަކަށް ނުވެ ހުރީތީ އެކަން ފާހަގަކުރެވޭ. އެހެން މީހެއްގެ އެހީތެރިކަން ބޭނުންނުވާކަމަށް ހެދިގެން ނޫޅެ، މީހުންގެ ވާހަކަ ދައްކާ ނަހަދާތީ.. ހިތްވަރުގަދަކަން ދައްކާތީ އެކަން ކަމުދޭ. އަދި މިހުރިހާ ކަމަކަށް ފަހުވެސް، އުފަލުން ހީނލާނެ ސަބަބުތައް ހޯދާތީ ލޯބިވޭ.”

ލިޔާނާ ހިމޭންކަމާއެކު އޭނާއަށް ބަލަން އިނެވެ. ފާރިސް ކުރިއަށް ގެންދިޔައެވެ.

“މީހުން ދައްކަނީ ތިބާގެ އުމުރާއި، މާޒީއާއި، ހާލަތުގެ ވާހަކަ. އެކަމަކު އަހަރެން ވިސްނަނީ ކޮންމެ ދުވަހަކު އަހަރެން ވާހަކަދައްކާ އިންސާނާގެ މައްޗަށް. އަހަންނަކަށް ނުފެނޭ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅޭ ވަރިވެފައިވާ އަންހެނެއް. އަހަންނަށް މި ފެންނަނީ ލިޔާނާ. އަހަރެންގެ ހިތް ދީފައިވާ އަންހެންމީހާ. އަހަރެން އެންމެ ލޯބިވާ އެންމެ ބޭނުންވާ މީހާ.”

ވަގުތުކޮޅަކަށް ލިޔާނާ ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.

މޫދުގެ ރާޅުތައް މަޑުމަޑުން އަތިރިމައްޗަށް ބީއްސަމުން ދިޔައިރު، ދުރުން ދަތުރުކުރި އުޅަނދެއްގެ އަޑުން އެ ހިމޭން ވަގުތުކޮޅު މެދުކަނޑައިލިއެވެ.

މިވެސް ކިޔާލަން:  ފާރުތެރޭގައިވާ އެ މަޚްލޫޤު – 4

އޭނާގެ ޒުވާން ދުވަސްވަރުގެ މަތިން ހަނދާންވިއެވެ. ލޯތްބަކީ ހުރިހާ ކަމަކަށް ކެތްކުރުން ކަމަށް ޤަބޫލުކުރި ދުވަސްވަރެވެ. ކެތްތެރިކަމަކީ އަނިޔާވެރިކަމަށް ދޭ ފުރުސަތެއް ކަމަށް ހީކުރެވުނު ދުވަސްތަކެވެ. އަދި ދުވަހަކުވެސް މީހަކު އޭނާދެކެ އިޚްލާޞްތެރި ލޯތްބެއް ވާނެބާއޭ ހިތަށްއެރި ވަގުތުތަކެވެ.

އެ ދުވަހުގެ އަމިއްލަ ނަފްސަށް އެއްޗެއް ބުނެދޭން އޭނާ ބޭނުންވިއެވެ. ވަރިވުމަކީ ދިރިއުޅުމުގެ ނިމުމެއް ނޫން ކަމެވެ. މަންމައަކަށް ވުމަކީ އަންހެނެއްގެ ގޮތުގައި އޭނާގެ ހުރި އުއްމީދުތައް ގެއްލިދާންޖެހޭ ކަމެއް ނޫން ކަމެވެ. އުމުރުން ދުވަސްވުމަކީ މީހުންނަށް ނުފެންނަ މީހަކަށް ވުން ނޫން ކަމެވެ. އަންހެނަކަށް މާޒީއެއް، ޒިންމާތަކެއް، އަދި ހިތްދަތި ކަންތައްތަކެއް ކުރިމަތިވެފައި ހުއްޓަސް، އޭނާއަކީ ލޯތްބާއި ޤަދަރު ޙައްޤުވާ މީހެއް ކަމެވެ. އަދި އެތައް އަހަރެއްގެ މާޔޫސްކަމަށް ފަހުވެސް، ދިރިއުޅުމުގައި އުފާވެރިކަން ލިބިދާނެ ކަމެވެ.

ނަމަވެސް، އޭނާއަށް މުހިންމު ކަމެއް ވިސްނުނެވެ. ފާރިސްގެ ލޯތްބަކީ އޭނާގެ ހުރިހާ ހިތްދަތި ތަޖުރިބާތަކަކަށް އޮތް ޖާދޫގެ ހައްލެއް ނޫނެވެ. އޭނާގެ މާޒީ ބަދަލުކޮށް، ދަތިތައް ފޮހެލައި، މުސްތަޤުބަލު އަބަދުވެސް ފަސޭހަވާނެކަމުގެ ޔަގީންކަމެއް ފާރިސްއަކަށް ނުދެވޭނެއެވެ. އަދި ލިޔާނާ އެފަދަ ކަމަކަށް އުއްމީދު ކޮށްގެންވެސް ނުވާނެއެވެ.

މުހިންމު ކަމަކީ އެކަކު އަނެކަކަށް ޤަދަރުކުރުމާއި، ތެދުވެރިކަމާއެކު ވާހަކަދެއްކުމާއި، އެކަކު އަނެކަކުގެ އިންތަކަށް އިޙުތިރާމްކުރުމެވެ. އަދި ލޯތްބަކީ ވަށައިގެން ތިބި މީހުންނަށް އިހުމާލުވާން ދެވޭ އުޒުރެއް ނޫންކަން ދެނެގަތުމެވެ.

އެއީ ޒިންމާއެކެވެ. އެކަކު އަނެކަކަށްޓަކައި، އެމީހުންގެ ދަރިންނަށްޓަކައި، އަދި އެކުގައި ބިނާކުރަން ނިންމި ދިރިއުޅުމަށްޓަކައި އޮތް ބޮޑު ޒިންމާއެކެވެ.

*****

ފާރިސް އާއި ލިޔާނާގެ ވާހަކައިން ލިބޭ ވަރަށް ޝައުޤުވެރި ފިލާވަޅެއް އެބައޮތެވެ. އެއީ އެމީހުންގެ ގުޅުމުގައިވާ ލޯބީގެ ބަޔަށްވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.

މުޖުތަމައު ގިނަ ފަހަރަށް މީހުންނަށް ދަސްކޮށްދެނީ، މީހެއްގެ އެދެވޭ މިންވަރު ބަލަންޖެހެނީ އޭނާގެ އުމުރާއި، ސިފައާއި، މާޒީގައި ކައިވެންޏެއް ކޮށްފައިވޭތޯ އާއި، އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާތަކުގެ އަދަދަށް ބަލައިގެން ކަމަށެވެ.

ދަރިން ތިބި ވަރިވެފައިވާ އަންހެނަކަށް، އޭނާގެ ކައިވެނީގެ ފުރުސަތު ކުރިން ލިބިފައިވާތީ، ދެން އުންމީދުތައް ދަށްކުރަން ޖެހޭނެކަމުގެ އިޙުސާސް ބައެއް ފަހަރު ކުރުވައެވެ. މެދުއުމުރާ ގާތްވެފައިވާ އަންހެނަކަށް، ޒުވާން އަންހެނުން ތިބިކަން ހަނދާންކޮށްދެވެނީ، ލޯތްބަކީ އެންމެ ޒުވާން މީހަކަށް ކާމިޔާބުވާ މުބާރާތެއް ފަދައިންނެވެ.

އަނެއްކޮޅުން، ބައެއް ފިރިހެނުން ބޮޑުވަނީ އެއް އަންހެނަކަށްވުރެ ގިނަ އަންހެނުންގެ ޝައުޤުވެރިކަން ލިބުމަކީ އެމީހުންގެ ކާމިޔާބީ ނުވަތަ ފިރިހެންވަންތަކަމުގެ ހެއްކެއް ކަމަށް ޤަބޫލުކުރަމުންނެވެ. ނަމަވެސް ހަޤީޤީ ލޯތްބަކީ މުބާރާތެއް ނޫނެވެ. އަދި ގުޅުމަކީ މޮޅުވުމުން ލިބޭ ތަށްޓެއް ފަދަ އެއްޗެއް ވެސް ނޫނެވެ.

އިސްލާމްދީން ވަކި ޚާއްޞަ ޝަރުތުތަކަކާއެކު އެކަކަށްވުރެ ގިނަ ކައިވެނި ކުރުމުގެ ހުއްދަ ދެއެވެ. ނަމަވެސް އެ ހުއްދައަކީ އިންސާފާއި، އަސާސީ ޒިންމާތަކާއި، އަދި ގުޅުންހުރި މީހުންގެ ޙައްޤުތަކަށް އިހުމާލުވުމަށް ލިބޭ ލައިސަންސެއް ކަމަށް ދެކިގެން ނުވާނެއެވެ. ކައިވެންޏަކީ އަމާނާތެކެވެ. އެއީ ހަމައެކަނި އަމިއްލަ އެދުންތައް ފުއްދުމަށް ލިބޭ ފުރުސަތެއް ނޫނެވެ.

ހަމައެހެންމެ، އެކަކު އިޚްތިޔާރު ކުރުމަކީ، އެހެން ގޮތަކަށް އަމަލުކުރާ މީހަކަށްވުރެ ތިމާ މާ މާތް މީހަކަށް ވާންޖެހޭ ކަމެއް ނޫނެވެ. މުހިންމީ ތެދުވެރިކަމާއި، އިންސާފާއި، ރުހުމާއި، ޒިންމާދާރުކަމެވެ. އަދި އެކަމުގެ އަސަރު ފޯރާ އެންމެންގެ މަސްލަހަތެވެ. އަދި އެންމެ މުހިންމު ކަމަކީ، މީހެއްގެ މާޒީގެ ސަބަބުން، އިޙުތިރާމް ލިބުން ޙައްޤުނުވާ މީހެއްކަމުގެ އިޙުސާސް އެއްވެސް މީހަކަށް ކުރުވައިގެން ނުވާނެއެވެ.

ވަރިވެފައިވާ އަންހެނަކީ އުނި މީހެއް ނޫނެވެ. އަލުން ލޯބިވާ މަންމައަކީ، ބައިވެރިއަކު ބޭނުންވާތީ އޭނާގެ ދަރިންނަށް އިހުމާލުވާ މީހެއް ނޫނެވެ. އެއް އަންހެނަކަށް އިޚްލާޞްތެރިވާން ނިންމާ ފިރިހެނަކީ، އެހެން ފުރުސަތުތަކަށް އިންކާރު ކުރާތީ ކަމެއް ގެއްލޭ މީހެއް ނޫނެވެ. ނޫނީ މާލީ ގޮތުންނަމަވެސް ނުކުޅެދުންތެރިކަން ހުރި މީހެއް ކަމުގައި ދެކިގެން ނުވާނެއެވެ. އަދި އޭނާދެކެ ލޯބިވާ ފިރިހެންމީހާއަށްވުރެ އުމުރުން ދޮށީ އަންހެނަކީ، އޭނާގެ މަގާމު މާ ޒުވާން މީހަކު އަތުލަފާނެކަމުގެ ބިރުގައި އަބަދު އުޅެންޖެހޭ މީހެއް ނޫނެވެ.

މިވެސް ކިޔާލަން:  ފަރުދާ - ހަތަރުވަނަ ބައި

މިނިވަންކަމާއި، އޯގާތެރިކަމާއި، އަދި ވާދަވެރިކަމެއް ނެތް އެކުވެރިކަން އެކުލެވޭ ގުޅުމަކީ ހަޤީޤީ އަމާންކަން ލިބިދޭނެ ގުޅުމެކެވެ.

އެހެން ފުރުސަތުތަކަށް ދިޔުމުގެ މަގު ފާރިސްއަށް އޮތެވެ. އޭނާއަށް ޒުވާން، ޒިންމާ މަދު، ނުވަތަ ދިރިއުޅުން ފަސޭހަ މީހަކު އިޚްތިޔާރު ކުރެވުނީހެވެ. ނަމަވެސް އޭނާއަށް ވިސްނުނު ކަމަކީ، ގިނަ އިޚްތިޔާރުތަކެއް އޮތުމަކީ ގިނަ އުފާތަކެއް ލިބުން ނޫންކަމެވެ.

ބައެއް ފަހަރު އުފަލަކީ، އާދައިގެ ދުވަހެއް ވެސް މާނަހުރި ދުވަހަކަށް ހަދައިދޭ މީހާ ދެނެގަތުމެވެ. އަދި އެހެން ފުރުސަތުތައް ހުއްޓަސް، އެހެން މީހަކު ހޯދަން ބޭނުންނުވާ މިންވަރަށް އެމީހަކަށް ޤަދަރުކުރުމެވެ. ލިޔާނާއަށް ވިސްނެމުން ދިޔައީ، ލޯބި ލިބުމަށްޓަކައި އޭނާއަކީ މާ ޒުވާން، ނުވަތަ ދަރިން ނެތް، ނުވަތަ މާޒީއެއް ނެތް މީހަކަށް ވާން ނުޖެހޭ ކަމެވެ. އޭނާ ހަމައެކަނި އޭނާގެ އަސްލު ސިފައިގައި ހުރުުން ފުދެއެވެ.

*****

އެއްދުވަހެއްގެ ރޭގަނޑު، އެމީހުންގެ ދިގު ވާހަކަތައް ނިންމާލަމުން، ޝަފިއްޔާ ކުރިން ދިން ޚިޔާލު ހަނދާން ހުރިތޯ ފާރިސް އެހިއެވެ. ލިޔާނާ ހީނގަތެވެ.

“އާނ، ހަނދާން އެބަހުރި. އަހަރެން ހިއެއް ނުކުރަން ފާރިސްއަށް ގެއްލުނު ފުރުސަތުގެ ހަނދާން އޭނާ ދުވަހަކުވެސް ފޮހެލާނެހެން.”

ފާރިސް މަޑުމަޑުން ހީނލިއެވެ. “އޭނާ އެކަން ހަނދާންކޮށްދޭން ދޫކޮށްލާ.”

“ދެން އަދިވެސް އެކަމާމެދު ވިސްނާނުލާނަންތަ؟”

ފާރިސް އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޖަވާބު ދިނެވެ.

“ލިޔާނާ، އަހަރެން އަހަރުތަކެއް ހޭދަކުރީ ލިޔާނާ ރަނގަޅަށް ނޭނގި. ދެން މަސްތަކެއް ހޭދަކުރީ ލިޔާނާ ދަސްކުރުމުގައި. އެހާ އުނދަގުލުން ލިބުނު ކަމެއް ބައިބައިކޮށްލަން އަހަރެން ބޭނުންވާނީ ކީއްވެ؟”

ލިޔާނާ ހިނިތުންވެލިއެވެ. ވަރަށް ގިނަ ދުވަސްތަކަކަށްފަހު، އޭނާއަކީ ފުރިހަމަ މީހެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ލޯބި ލިބުމުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، ތިމާއަކީ ރީތި ނުވަތަ ޚާއްޞަ މީހެއްކަމުގެ ބަސްތައް އެހުމެއް ނޫނެވެ. އެއީ، އެހެން ފުރުސަތުތައް އޮވެމެ، ކޮންމެ ފަހަރަކުވެސް ތިމާ އިޚްތިޔާރު ކުރާތަން ފެނުމެވެ.

އެރޭ، ލިޔާނާއަށް އެންމެ ފަހުން ކަމެއް ވިސްނުނެވެ. އެންމެ ފުރިހަމަ ލޯބީގެ ވާހަކައަކީ ހުރިހާ ކަމެއް ބޭނުންވާ ގޮތަށް ލިބޭ މީހެއްގެ ވާހަކައެއް ނޫނެވެ. އެއީ އޭނާ ބޭނުންވަނީ ކޮން އެއްޗެއްކަން ރަނގަޅަށް އެނގޭ، އެކަން ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތައް ދަންނަ، އަދި އޭނާ ލޯބިވާ އަންހެންމީހާއަށް އޭނާގެ މަގާމަށްޓަކައި ވާދަކުރަން ނުޖެހޭނެކަމުގެ ޔަގީންކަންދޭ ފިރިހެނެއްގެ ވާހަކައެވެ.

އެހެން މީހުން މާ ރަނގަޅު ގޮތްތަކެއް ހޯދަން އުޅޭ ދުނިޔެއެއްގައި، މީހަކު ފެނުމުން އެމީހަކާއެކު ދިރިއުޅުން ކުރިއަށް ގެންދަން އިޚްލާޞްތެރިކަމާއެކު ބޭނުންވުމަކީ ވަރަށް ތަފާތު ކަމެކެވެ. އެއީ އެހެން ގޮތެއް ނެތީމައެއް ނޫނެވެ. ނަމަވެސް، އެންމެން ފެނުމަށްފަހުވެސް، ހަމަ އެމީހާ އިޚްތިޔާރު ކުރާތީއެވެ. ކޮންމެ ފަހަރަކުވެސްމެއެވެ.

“ދޫނި ތިއީ އަހަރެން އެންމެ ލޯބިވާ މީހާ.. އަދި ތިޔައީ އަހަރެން އަބަދުވެސް އިޚްތިޔާރު ކުރާނެ މީހާ.. އަދި ތިޔައީ އަހަރެންގެ މީހެއް އިނގޭ.. ހަނދާން ބަހައްޓާތި.”

ދުވަހަކުވެސް މި ބަސްތައް އަޑުއަހާއަހާ ހަމަ ގައިމުވެސް ލިޔާނާ ފޫއްސެއް ނުވާނެއެވެ.

(ނިމުނީ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top