އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ ހޭންޑްބޯލް ހަތަރުވަނަ މުބާރާތުގެ ފައިނަލަށް، ކުރިން ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ ރޯޔަލް ރެޑްސް އާއި ތިން އަހަރުގެ ރަނަރަޕް ޔުނީކް ދަތުރުކޮށްފި އެވެ. މި ދެ ޓީމު ވެސް ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އަދި ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ހޯދާފައި ވެސް ވަނީ ފަސޭހަކަމާއިއެކު މެޗު ކާމިޔާބުކޮށްގެން ނެވެ.
ސެމީ ފައިނަލްގެ ދެ މެޗު ރޭ ކުޅެފައިވާއިރު، ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ހޯދި ޔުނީކް އާއި ގުރޫޕް ބީގެ ދެވަނަ ހޯދި އެޕެކްސް އެވެ. ކުރިން މެޗުތަކުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޔުނީކްއިން މި މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ މިނިޓްގައި އާއިޝަތު ޔޫލީ ޖަހައިދިން ލަނޑުން އެޕެކްސްއިން ލީޑު ނެގި ނަމަވެސް، ތިންވަނަ މިނިޓާއި 10 ވަނަ މިނިޓާއި ދޭތެރޭ 7 ލަނޑު ޖަހައި ޔުނީކްއިން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުނީކްއިން 11 ލަނޑު ޖެހިއިރު، އެޕެކްސްއަށް ޖެހުނީ 3 ލަނޑެވެ.
ދެވަނަ ހާފު ވެސް ލީޑުކުރީ ޔުނީކް އެވެ. މި ހާފުގައި އެ ޓީމުން އިތުރު 14 ލަނޑު ޖެހިއިރު، އެޕެކްސްއަށް ޖެހުނީ 4 ލަނޑެވެ. މި މެޗުގައި ޔުނީކްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ސަންފާ ޝިޔާނާ، އަންޖާ ރެޕަނޮވި، އިންސާ އަޙްމަދު ރިފްއަތު، ފާތިމަތު ޝިފާ އަދި އާއިޝަތު ސާއިގާ އެވެ. އެޕެކްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާއިޝަތު ޔޫލީ ހަމްޒަތު، އާއިޝަތު އިލްމާ، ފާތިމަތު ނާޒިޔާ، ހައްވާ ލަމްސާ އަސިދު އަދި އާއިޝަތު މޫމިނާ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނީކް އަންޖާ ރެޕަނޮވި އެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ތިން އަހަރުގެ ޗެމްޕިއަން، އަދި ގުރޫޕް ބީގެ އެއްވަނަ ހޯދި ރޯޔަލް ރެޑްސް އާއި ގުރޫޕް އޭގެ ދެވަނަ ހޯދި ކާލާމަންނަ އެވެ. ވާދަވެރި ފޯރިގަދަ މެޗަކަށް ވާނެކަމަށް ބެލެވުނު މި މެޗުގެ ފުރަތަމަ ތިން މިނިޓްތެރޭ ރޯޔަލް ރެޑްސްއިން ހަތަރު ލަނޑުގެ ލީޑެއް ނަގައި މެޗުގެ ކޮންޓްރޯލް ހޯދި އެވެ. އަދި ފުރަތަމަ ހާފުގައި 11 ލަނޑު ކާމިޔާބު ކުރި އެވެ. މި ހާފުގައި ކާލާމަންނައަށް ކާމިޔާބު ކުރެވުނީ 3 ލަނޑެވެ.
ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދެވަނަ ހާފުގައި ދައްކައި ކާލާމަންނައިން އިތުރު 8 ލަނޑު ޖެހިނަމަވެސް، ރޯޔަލް ރެޑްސްގެ މައްޗަށް ކާމިޔާބު ހޯދޭ ގޮތެއް ނުވި އެވެ. މި ހާފުގައި ޖެހި ލަނޑުތަކާއިއެކު ރޯޔަލް ރެޑްސްއިން މެޗު ކާމިޔާބުކުރީ 20-11 އިން ނެވެ. މި މެޗުގައި ރޯޔަލް ރެޑްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، މަރިޔަމް އަރުޝާ، ފާތިމަތު ޖުނާ، އާއިޝަތު ޝަމްހާ އަލީ، ޝަފްގާ ހުސައިން، ހައްވާ ޝާމަތު އަދި މަރިޔަމް ހިންދު އެވެ. ކާލާމަންނަގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ސައުސަން އާދަމް، ސޮފާ ޤާސިމް، ލިމްޔާ އަލީ ޤާސިމް، ސުރުފާ ހުސައިން އަދި މަރިޔަމް ތޫބާ ޝާހިދު އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރޯޔަލް ރެޑްސްގެ ފާތިމަތު ޖުނާ އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14 ވަނަ ދުވަހުގެ ރެއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި އެވެ.
