އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަމުންދާ ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ކުޅުނު ތިންވަނަ މެޗުން ވެސް ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.
ދިވެހިރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ޗައިނީސް ޓައިޕޭއާ ބައްދަލުކޮށް 5-0 އިން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި ހޮންގް ކޮންގްއާ ބައްދަލުކޮށް ބަލިވީ 9-0 އިން ނެވެ. އަދި މިއަދު ހަވީރު ކުޅުނު މެޗުގައި ތައިލެންޑް އަތުން ބަލިވީ 7-0 އިން ނެވެ. މި މުބާރާތުގައި މިހާތަނަށް ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލައިލާއިރު، ދިވެހިރާއްޖެއާ ބައްދަލުކޮށް ޓީމުތަކުން ހޯދާފައިވާ ތަފާތުބޮޑު ނަތީޖާތައް އެހެން އެއްވެސް މެޗެއްގައި ފެނިފައެއް ނުވެ އެވެ.
މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ތައިލެންޑުން ވަނީ މެޗުގެ 7 ވަނަ މިނިޓްގައި ލީޑު ނަގައިފަ އެވެ. ދިވެހިރާއްޖޭގެ އޭރިޔާ ތެރެއަށް އެ ޓީމުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއްގެ ބޭނުން ހިފައި ތައިލެންޑަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޓަޗިން ޔީވަންގްކޮންގް އެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ތައިލެންޑުން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗުގެ 17 ވަނަ މިނިޓްގައި ޕިސިޓްވުޓް ސަވްކޮމް ޖަހައިދިން ލަނޑުން ނެވެ.
ލަނޑެއް ޖެހުމަށް މަސައްކަތްކުރަމުންދިޔަ ދިވެހިރާއްޖެއަށް ލަނޑެއް ނުޖެހި އުޅެނިކޮށް ފުރަތަމަ ހާފުގެ ކުރީކޮޅު ތައިލެންޑުން އިތުރު ދެ ލަނޑު ޖެހި އެވެ. ތިންވަނަ ލަނޑު ޕްތިވަޓް ބުއާޗަރޮއެން ކާމިޔާބުކޮށްދިންއިރު، ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޕިޓްޗަޔާ ވުޓްޓިޗައި އެވެ. މިއީ ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ތައިލެންޑެވެ. މި ހާފުގައި އެ ޓީމުން އިތުރު ތިން ލަނޑު ޖެހި އެވެ. ތައިލެންޑްގެ ފަސްވަނަ ލަނޑު ދެވަނަ ހާފު ފެށުމާއިއެކު ޖަހާފައިވާއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސިރިވަޓް ހަވާއިއެޑް އެވެ. ސިރިވަޓް މި ލަނޑަށް މާގިނައިރެއް ނުވެ އޭނާ ވަނީ ތައިލެންޑްގެ ހަވަނަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި މެޗުގެ ފަހުކޮޅު ތައިލެންޑްގެ ހަތްވަނަ ލަނޑު ޖަހައި ސިރިވަޓް ހަވާއިއެޑް ވަނީ ހެޓްރިކް ހަދައިފަ އެވެ.
މި މުބާރާތުގައި ދިވެހިރާއްޖެ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އިރާޤާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 17 ވަނަ ދުވަހު އެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ ގަޑިން 13:00 ގަ އެވެ.
