ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ދަރިފުޅު ބާކީކޮށްލުމުން އިޙުސާސްވާ ހިތްދަތިކަން
މުނިއަވަސް ގްރެފިކްސް

ތިމާގެ ދަރިފުޅު އެހެން ކުދިންގެ ތެރޭގައި ބައިވެރިވުމަށް ކުރާ މަސައްކަތާއި، އެކަމުން ލިބޭ ހިތްދަތިކަމުގެ އިތުރުން، އޯގާތެރިކަމާއި، ކެތްތެރިކަމާއި، އެންމެން ބައިވެރިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ކޮންމެ ބެލެނިވެރިއަކުވެސް އުނގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ވެއެވެ.

ބެލެނިވެރިކަމުގެ ދަތުރުގައި، އާންމުކޮށް ދެކެވޭ ވާހަކަތަކުގައި ނުހިމެނޭ ހިތްދަތި އިޙުސާސްތަކެއް ހުރެއެވެ. ބައެއް ފަހަރު މިކަންކަން ދިމާވަނީ ވަރަށް އާދައިގެ ތަންތަނުގައެވެ. ކުޅޭ މައިދާނެއްގައި، ކްލާސްރޫމެއްގައި، އުފަންދުވަހުގެ ހަފުލާއެއްގައި ނުވަތަ ކުދިންގެ ގްރޫޕަކުން އެކުގައި އުޅޭނެ ކުދިން ކަނޑައަޅާ ވަގުތުގައެވެ.

އެއީ އެހެން ހުރިހާ ކުދިން އެކުދިންގެ މަގާމު ހޯދާފައިވާއިރު، ތިމާގެ ދަރިފުޅު އެކަހެރިވެފައި ހުންނަތަން ފެނުމުން ކުރެވޭ ހިތްދަތި އިޙުސާސެކެވެ. ދަޢުވަތު ނުލިބޭ ކުއްޖާ، ޓީމަށް ނުހޮވޭ ކުއްޖާ، ރޭވުންތަކުގައި ބައިވެރިނުކުރާ ކުއްޖާ، ނުވަތަ އޭނާ ޤަދަރުކުރާ ރަހުމަތްތެރިކަމަކީ ދެފަރާތުން އެއްވަރަކަށް ބަލައިގަންނަ ކަމެއް ނޫންކަން މަޑުމަޑުން އިޙުސާސްވަމުންދާ ކުއްޖާ އެވެ.

މީގެ ތެރެއިން އެންމެ އުނދަގޫ ކަމަކީ، އެހެން މީހުންގެ ފަރާތުން ކުރިމަތިވާ ބާކީކޮށްލުމުގެ ކޮންމެ ތަޖުރިބާއަކުން ދަރިފުޅު ސަލާމަތް ނުކުރެވޭނެކަން އެނގުމެވެ.

ބެލެނިވެރިންގެ ހައިސިއްޔަތުން، އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ދަރިންނަކީ އެންމެން ލޯބިވާ، ބަލައިގަންނަ އަދި އެހެން މީހުންގެ ހަނދާނުގައި ހުންނަ ކުދިންނަށް ވުމަށެވެ. އެކުދިންނަށްޓަކައި ގޮނޑިއެއް ހުސްކޮށް ބަހައްޓާނެ އަދި އެކުދިންނާއެކު ވަގުތު ހޭދަކުރުމަށް ހަޤީޤަތުގައިވެސް ބޭނުންވާ ރަހުމަތްތެރިން ތިބުމަށް އެދެވެއެވެ. ނަމަވެސް ދިރިއުޅުމުގެ ހަޤީޤަތް އަބަދަކު އެފަދައަކުން ނޯވެއެވެ.

ބައެއް ފަހަރު ބާކީކޮށްލެވެނީ ގަސްތަކާ ނުލައެވެ. ރަހުމަތްތެރިކަން ބަދަލުވެއެވެ. ޝައުޤުވެރިކަން ތަފާތުވެއެވެ. އަދި ގުޅުންތައް އަމިއްލައަށް އުފެދިގެންދެއެވެ. ނަމަވެސް އަނެއްބައި ފަހަރު އެއީ ގަސްތުގައި، ތަކުރާރުކޮށް ކުރާ ވަރަށް ހިތްދަތި ކަމެކެވެ. ކޮންމެ ކަމަކަށް ދަޢުވަތު ނުލިބުމާއި، ތިމާއަކީ އެތަނަށް ބޭނުންނުވާ މީހެއްކަން ތަކުރާރުކޮށް އިޙުސާސްކޮށްދިނުމާ ދެމެދު ބޮޑު ތަފާތެއްވެއެވެ.

މިވެސް ކިޔާލަން:  "ތިޔަ އެދޭ ގޮތަކަށް" - ކުރު ވާހަކަ

ކޮންމެ ދަޢުވަތެއް ނުވަތަ ކޮންމެ މީހެއްގެ ސަމާލުކަން ލިބުމަކީ އެކުދިންނަށް ލިބިގެންވާ ޙައްޤެއްކަމަށް އުނގަންނައިދީގެން ނުވާނެއެވެ. ނަމަވެސް އެކުދިންގެ ހިތާމައަކީ މާ ބޮޑަށް އަސަރުގަދަވުން ކަމަށް ބުނެ ނުވަތަ އެކަން ހަނދާން ނައްތާލުމަށް ބުނެ، އެކުދިންގެ އިޙުސާސްތައް ދަށްކޮށްލައިގެންވެސް ނުވާނެއެވެ.

ކުއްޖަކު ބާކީވުމުން ހިތްދަތި ސުވާލުތައް އުފެދެއެވެ. އަހަރެންގެ ކިބައިގައި އެއްވެސް އުނިކަމެއް ހުރީ ހެއްޔެވެ؟ އެމީހުން އަހަރެން ބައިވެރިކުރަން ބޭނުންނުވަނީ ކީއްވެ ހެއްޔެވެ؟

މިއީ ނަސޭހަތް ދިނުމުގެ ބަދަލުގައި އެކުދިންނަށް އިތުބާރު ބޭނުންވާ ވަގުތުތަކެވެ. އެކުދިންގެ އިޙުސާސްތައް ކުޑަނުކޮށް، ކަނުލާ އަޑުއަހާނެ ބެލެނިވެރިން އެކުދިން ބޭނުންވެއެވެ. އަދި އަމިއްލަ ނަފްސުގެ އަގު ބިނާވެފައިވަނީ ތިމާއާއެކު އުޅެން ބޭނުންވާ މީހުންގެ އަދަދުގެ މައްޗަށް ނޫންކަން ހަނދާންކޮށްދޭން ޖެހެއެވެ.

ހިތްވަރާއެކު އެހެން މީހުންނާ ގުޅުން ބޭއްވުމަށާއި، ހަޤީޤީ ރަހުމަތްތެރިން ދެނެގަތުމަށާއި، އަދި އޯގާތެރިވުމަކީ އެހެން މީހުންގެ ރުހުން ހޯދުމަށް ފަހަތުން ދުވުން ނޫންކަން އަޅުގަނޑުމެން އެކުދިންނަށް އުނގަންނައިދޭން ޖެހެއެވެ. ތަކުރާރުކޮށް އިޙުތިރާމް ކުޑަކުރާ ގުޅުންތަކާ ދުރަށް ދިއުމަކީ ބައެއް ފަހަރު އަމިއްލަ ނަފްސަށް އިޙުތިރާމް ކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

ނަމަވެސް މިއާ އެއްވަރަށް މުހިންމު އެހެން ފިލާވަޅެއްވެސް އެބައޮތެވެ. އެހެން މީހުންނަށް ސަމާލުކަން ދިނުމަށް ދަރިންނަށް އުނގަންނައިދޭށެވެ.

ކެއުމުގެ ވަގުތުގައި އެކަނި އިށީނދެގެން އިންނަ ކުއްޖާއާއި، ޓީމަކަށް ދުވަހަކުވެސް ނުހޮވޭ ކްލާސް ކުއްޖާއާއި، އެހެން އެންމެން ކުޅޭއިރު އެކަނިމާއެކަނި ބަލަން ހުންނަ ކުއްޖާއަށް ސަމާލުވާން ދަސްކޮށްދޭށެވެ. ދަރިންނަށް އެހެން މީހުން ބައިވެރިކުރަން ދަސްކޮށްދޭށެވެ. ސަބަބަކީ، އެހެން މީހުން ބައިވެރިކުރުމުގެ މުހިންމުކަން އުނގަންނައިނުދީ، ދުނިޔެއިން އެކުދިން ބަލައިގަންނާނެކަމަށް އުންމީދުކޮށްގެން ދަރިން ބޮޑުނުކުރެވޭނެތީއެވެ.

މިވެސް ކިޔާލަން:  މަންމަގެ ދުވަސް - ކުރު ވާހަކަ

މިކަމުގައި ނަމޫނާ ދެއްކުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެކެވެ. ތިމާގެ މީހުންނާއި، އަވަށްޓެރިންނާއި، ރަހުމަތްތެރިންނާއި، އަދި ތިމާއާ ތަފާތު މީހުންނާމެދު ބޮޑެތި މީހުން އަމަލުކުރާ ގޮތް ކުދިން ބަލައެވެ. އަމިއްލަ ގޭތެރޭގައާއި މުޖުތަމައުގައި މީހުން ބާކީކުރުމުގެ އަމަލުތައް ހިންގަމުން، އޯގާތެރިވުމަށް ނަސޭހަތްތެރިއެއް ނުވެވޭނެއެވެ.

ދަރިން މިފަދަ ތަޖުރިބާތަކާ ކުރިމަތިލާއިރު ބަލަން ތިބޭ ބެލެނިވެރިންނަށް ބުނެލަން އޮތީ، ކޮންމެ ރަހުމަތްތެރިކަމެއް ހަމަޖައްސައިނުދެވުނަސް ނުވަތަ ކޮންމެ ދަޢުވަތެއް ކަށަވަރުކޮށް ނުދެވުނަސް، ތިމާގެ ދަރިފުޅަކީ އެތަނަކަށް ނިސްބަތްވާ ކުއްޖެއްކަމާމެދު އެއްވެސް ސުވާލެއް އުފެދުމުގެ ފުރުސަތު ނެތް ފަދަ މާހައުލެއް ގޭތެރޭގައި ގާއިމުކުރެވިދާނެއެވެ.

އެކުދިންނަށް ވާހަކަދައްކަން ފުރުސަތު ދޭށެވެ. މާޔޫސްވުމުގެ އިޙުސާސްކުރަން ދޫކޮށްލާށެވެ. އެހެން މީހުންގެ ތެރޭގައި ބައިވެރިވާން ބޭނުންވުމަކީ ލަދުގަންނަންޖެހޭ ކަމެއް ކަމަށް ދުވަހަކުވެސް އިޙުސާސްވިޔަ ނުދޭށެވެ. މީހެއްގެ ރޭވުމަކުން ބާކީވުމަކީ، އެކުއްޖާގެ ލޯބި ލިބުމުގެ ޙައްޤު ކުޑަވާ ކަމެއް ނޫންކަން ހަނދާންކޮށްދޭށެވެ.

ބާކީވުމެއް ނުވަތަ އެކަނިވެރިކަމެއް ނެތް ދިރިއުޅުމެއް ދަރިންނަށް ކަށަވަރުކޮށް ނުދެވުނަސް، މާޔޫސްކަމުގެ ސަބަބުން ހިތްނުބައިވިޔަ ނުދީ، އެކަމާ ކުރިމަތިލެވޭ ފަދަ ނަފްސާނީ ހިތްވަރު އެކުދިންގެ ކިބައިގައި އުފެއްދިދާނެއެވެ.

މިއީ ބެލެނިވެރިއަކަށް ކުރެވޭނެ އެންމެ މުހިންމު އެއް ދުޢާއެވެ. އަޅުގަނޑުމެންގެ ދަރިންނަށް ކުރިމަތިވާ ބާކީކޮށްލުމަކީ އެކުދިންގެ އަގު ނެތްކަން ކަމުގައި އެކުދިންނަށް ހީވިޔަ ނުދެއްވާށި އެވެ. އެކުދިންނަށް ހަޤީޤީ ރަހުމަތްތެރިން މިންވަރުކުރައްވާށި އެވެ. އެކުދިންގެ އޯގާތެރިކަން ދުވަހަކުވެސް ގެއްލުނަ ނުދެއްވާށި އެވެ. އަދި އެހެން މީހުންގެ ތެރޭގައި ހިމެނުމަށްޓަކައި އަމިއްލަ ނަފްސުގެ އަގު ހަނދާންނެތޭ މިންވަރަށް ބޭނުންޖެހިފައިވާ ބަޔަކަށް އެކުދިން ނުލައްވާށި އެވެ. އަދި އެހެން މީހަކު ބައިވެރިކުރުމުގެ ނުވަތަ ބާކީކުރުމުގެ ފުރުސަތު އެކުދިންނަށް ލިބޭ ހިނދު، އެކަނިމާއެކަނި ހުންނަންޖެހުމުން ކުރެވޭ އިޙުސާސް އެކުދިންގެ ހަނދާނުގައި ލައްވާށި އެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 11

އަޅުގަނޑުމެންގެ އަމާޒަކީ ހަމައެކަނި އަބަދު ދަޢުވަތު ލިބޭ ކުދިންތަކެއް ބޮޑުކުރުމެއް ނޫނެވެ. އަޅުގަނޑުމެންގެ އަމާޒަކީ އެހެން ކުއްޖަކަށް ބާކީވުމުގެ އިޙުސާސް ގަސްތުގައި ދުވަހަކުވެސް ނުކުރާނެ ފަދަ ކުދިންތަކެއް ބޮޑުކުރުމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top