ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވީކަމެއް” ވީޑިއޯ ލަވައިން އިސްމާޢީލް ވަޖީހު އަދި ރީކޯ މޫސަގެ ޒުވާން ދުވަސްވަރަށް!

ދިވެހި ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އަދި ހުނަރުވެރި ދެ ތަރިން ކަމަށްވާ ރީކޯ މޫސާ މަނިކު އަދި އިސްމާއީލް ވަޖީހުގެ ޒުވާން ދުވަސްވަރުގެ ހަނދާންތައް އާކޮށްދޭ ފަދަ ތަފާތު އަދި ހިތްގައިމު ވީޑިއޯ ލަވައަކުން ފެނިގެން ހިނގައްޖެއެވެ.

މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމް “ބައިސްކޯފު”ގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ދާދިފަހުން އާންމުކުރި “ވީކަމެއް” މި ލަވައަކީ، ކުރިއަށް އޮތް ޑިސެމްބަރު މަހު ނެރުމަށް ހަމަޖެހިފައިވާ “ކަންބަޅި ބަކަރި ޕްރޮޖެކްޓް” ގެ އަލްބަމް “މަގޭ ސިކުންނޑީގެ ސައުންޑްޓްރެކް” ގައި ހިމެނޭ ހާއްސަ ލަވައެކެވެ.

މި ލަވަ ވިޝުއަލައިޒް ކޮށްފައިވަނީ މާޒީގެ ރީތި ހަނދާންތަކާއި 90 ގެ އަހަރުތަކުގެ ދިވެހި ސިނަމާގެ ރަހަތައް ގެނެސްދޭ ފަދަ ފުރިހަމަ ގޮތަކަށެވެ. ވީޑިއޯގައި ރީކޯ މޫސަ އާއި ވަޖީހުގެ އިތުރުން ފެނިގެންދަނީ ރާޔާ އަދި ލައިލާއެވެ. މި ވީޑިއޯއިން ފެންނަ މަންޒަރުތަކާއި އެކްޓަރުންގެ ހަރަކާތްތަކުން، އެ ދުވަސްވަރުގެ ފިލްމުތަކުގައި ފެނިގެންދިޔަ ލޯތްބާއި މަޖާ މިޒާޖުގެ އިހުސާސްތައް އަލުން އަނބުރާ ގެނެސްދެއެވެ. ހާއްސަކޮށް، ހަސަން މަނިކު (ކަހުންޑިބޫ) ގެ ހިޔާލަށް ބިނާކޮށް ހިމަނާފައިވާ ސައިކަލް ދުއްވާ މަންޒަރަކީ ވީޑިއޯ އިތުރަށް ފުރިހަމަކޮށްދިން މަންޒަރެކެވެ. މީގެ އިތުރުން ވީޑިއޯގެ މަންޒަރުތައް ބައްޓަންކުރުމުގައި ކުޅަދާނަ ޑްރަމަރު އިސްމާއީލް އަބްދުﷲ (ވާދީ އިސްމާއީލް) ގެ މާޒީގެ ފޮޓޯތަކުން އިންސްޕިރޭޝަން ހޯދާފައިވެއެވެ.

މި ލަވައިން 70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގެ ހަނދާންތައް އާވެގެންދާނެ އެތަކެއް މަންޒަރެއް ދައްކާލާފައިވެއެވެ. އެގޮތުން 70ގެ އަހަރުތަކުގައި މާލޭގައި ހުޅުވި ފުރަތަމަ ރެސްޓޯރެންޓް “އައިސް ގެ” ދައްކާލާފައިވަނީ އޭރު އެގޭގައި މިއުޒިކް ކުޅުނު ބޭންޑްގެ ތެރެއިން މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރުވެސް ދައްކައިލަމުންނެވެ. މި ލަވައިގައި ރީކޯ މޫސަ އަދި ވަޖީހުގެ އެންމެ ސަޅި  ޒުވާން ދުވަސްވަރު ދައްކާލައެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރި އެއާރ މޯލްޑިވްސްގެ މަދިންދާބޯޓުވެސް ފެނިގެންދެއެވެ.

މިވެސް ކިޔާލަން:  "ތިއޭ މި ހިތުގެ ވިންދަކީ" ބައިސްކޯފަށް!

މި ލަވައިގެ އަޑުތަކަށް ބަލާއިރު، ދިވެހިންގެ އެތައް ޖީލެއްގެ ހިތްތައް ފަތަހަކޮށްފައިވާ އަސަރުގަދަ އަޑުގެ ވެރިޔާ އުމަރު ޒާހިރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ އަޝްރާގެ ޖާދުވީ އަޑުން މި ލަވަ ވަނީ އާ އުސްމިންތަކަކަށް ގެންގޮސްދީފައެވެ. ދެ ލަވަކިޔުންތެރިންގެ އަޑުގެ ގުޅުމާއި ރާގުގެ ހިތްގައިމުކަމުން ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

މައްލާ ނާސިރު ޕްރޮޑިއުސްކޮށް، ވިޝާލް ޒަކީ ވީޑިއޯ ޕްރޮޑަކްޝަން ހަދާފައިވާ މި ލަވައިގެ އޯޑިއޯ ތައްޔާރުކުރުމުގައި ރާއްޖޭގެ ފުންނާބު އުސް މިއުޒީޝަނުންތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން އިބްރާހިމް އަފްއާން (އިއްބެ) ކީބޯޑު ކުޅެދީފައިވާއިރު، ގިޓާ ކުޅެދީފައިވަނީ މުހައްމަދު ޖާވިދު (ޖާވިޓެ) އެވެ. މީގެ އިތުރުން އޭ. އިޝާން (އިޝާންޓެ)، މިރުޝާން (މިރޫ)، އަލީ އަފްޒަލް (އައްޔަ)، ނާއިފް (ބާޕު)، އަދި ބައިސްކޯފުގެ އާތީ-އީޓީ އާއި އޮލިމްޕަސްގެ ފާއި އަދި މިފޫ ވެސް ވަނީ މި މަސައްކަތުގައި ހިއްސާވެފައެވެ.

ބައިސްކޯފު ސްޓޫޑިއޯގައި ރެކޯޑިންގ އަދި މިކްސިންގ ހަދާފައިވާ މި ހިތްގައިމު ލަވައަށް އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ ތެރޭގައި އަހޫ، އިޒޫ، އަމީ، އިރޭ، ކައިލީން، އެލީ، ޔޫން، ޒަކީ އަދި ޒުލްފާ ހިމެނެއެވެ.

ދިވެހި މިއުޒިކަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި މިހާރުވެސް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ “ވީކަމެއް” ގެ ވީޑިއޯ ލަވަ މިހާރު ޔޫޓިއުބުން ބަލައިލެވޭނެއެވެ. މިއީ ޑިސެމްބަރު މަހު ނުކުންނަ އަލްބަމަށް ކުރެވޭ އިންތިޒާރު އެތައް ގުނައަކަށް އިތުރުކޮށްދިން މޮޅު އުފެއްދުމެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top