ގިނަ ތަޢުލީމީ ޚިދުމަތްތެރިން އަބަދުވެސް މަސައްކަތްކުރަނީ ފުރިހަމަ މީހަކަށް ވުމަށެވެ. ނުވަތަ ވީ އެންމެ ބޮޑަކަށް އެ ފެންވަރާ ގާތްކުރުމަށެވެ. އަޅުގަނޑުމެން ބޭނުންވަނީ އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށާއި، ފުރިހަމަ ޖަވާބުތައް ދިނުމަށާއި، އަދި އެންމެ އެކަށޭނަ ހައްލުތަކާއެކު އަބަދުވެސް ތައްޔާރަށް ތިބުމަށެވެ. ނަމަވެސް، ދިރިއުޅުމުގެ ހަގީގަތަކީ، ފުރިހަމަކަން ހާސިލުކުރުމަކީ (ޕާފެކްޝަނިސްޓަކަށް ވުމަކީ) ދަތި ކަމެއް ކަމުގައި ވުމާއި، އަދި އެ މިންގަނޑު ދަމަހައްޓައިގެން ހުރުމަކީ އެއަށްވުރެވެސް ބޮޑު ގޮންޖެހުމަކަށް ވުމެވެ. ހަގީގަތުގައި، ފުރިހަމަ މީހަކަށް ވާން އުޅުމަކީ އަމިއްލަ ދިރިއުޅުމަށާއި ވަޒީފާގެ މައިދާނުގައި އޭގެ ބޮޑު އަގު ދައްކަންޖެހިދާނެ ކަމެކެވެ.
ޝައްކެއްނެތް ގޮތުގައި، ތަޢުލީމީ ދާއިރާގައި ފުރިހަމަކަން އިސްކުރުމަކީ ތައުރީފާއި ސާބަސް ލިބޭ ކަމެކެވެ. އެކަމަށް މަސައްކަތްކުރުން ގިނަ ފަހަރަށް ސިފަކުރެވެނީ މަތީ ފެންވަރަކަށް އަދި އެންމެ މަތީ ޕްރޮފެޝަނަލިޒަމަށް ދެވޭ އަހައްމިއްޔަތުކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް، ފުރިހަމަކަން ހޯދުމުގެ ވިސްނުމަކީ ޢަމަލީ މައިދާނުގައި ވާސިލުނުވެވޭނެ ފަދަ އުނިކަމެއް ނެތް ފެންވަރަކަށް ދިއުމަށް ބާރުއަޅާ ކަމެކެވެ. އަދި އަމިއްލަ ނަފުސުގެ ކިބައިން އެފަދަ އުންމީދެއް ކުރުމަކީ މީހާ ވަރުބަލިކޮށް، މާޔޫސްކޮށް، ހިތްދަތިކޮށް އަދި ލަދުވެތިކަމެއްގެ ތެރެއަށްވެސް ވައްޓާލައިފާނެ ކަމެކެވެ.
އެހެން ނަމަވެސް، ޒިންމާދާރުކަމުގެ ވަރުގަދަ އިހުސާސެއް ހުންނަ މުދައްރިސުންނަށް މިފަދަ ފުރިހަމަކަމުގެ ވިސްނުމަކީ މަސައްކަތުގެ ބާރަކަށް ވެދާނެއެވެ. މިފަދަ ބޭފުޅުންނަށް އެހެން މީހުންނަކީ (އެކުގައި މަސައްކަތްކުރާ މީހުން ނުވަތަ މީސްމީޑިއާގައި ކޮންޓެންޓް ޕޯސްޓްކުރާ މުދައްރިސުން ފަދަ) ފުރިހަމަ ބައެއްގެ ގޮތުގައި ފެނި، އަބަދުވެސް އަމިއްލަ ނަފުސާއި މަސައްކަތް އެހެން މީހުންނާ އަޅާކިޔެއެވެ. އަދި އެހެން މީހުން ދެކޭ ފުރިހަމަކަމުގެ މިންގަނޑުތަކަކީ އަމިއްލަ މިންގަނޑުތަކެއް ކަމަށް ބަލައިގަނެވެއެވެ. ގިނަ މީހުންނަކީ ކިޔަވާ ވިދާޅުވި ދުވަސްވަރުވެސް ތަޢުލީމީ ގޮތުން މަތީ ކާމިޔާބީތައް ހޯދާފައިވާ ބަޔަކަށް ވުމުން، ވަޒީފާގެ މައިދާނުގައިވެސް އެފަދަ ފެންވަރެއް ނެރެވޭނެ ކަމަށް އުންމީދު ކުރެއެވެ. ނަމަވެސް، ދަރިވަރުންނާއި، އެކުގައި މަސައްކަތްކުރާ ފަރާތްތަކާއި، އާއިލާތަކާއި އަދި އަޅުގަނޑުމެން މުޢާމަލާތްކުރާ އެހެނިހެން ފަރާތްތަކާއެކު ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި މިފަދަ މިންގަނޑުތައް ދެމެހެއްޓުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
އަމިއްލަ ނަފުސުގައި އަދި އެހެން މީހުންގެ ކިބައިގައި ފުރިހަމަކަން އިސްކުރުމުގެ މި އާދަ ހުރިކަން ދެނެގަނެވޭނެ ބައެއް ޢަމަލުތަކުގެ ތެރޭގައި:
🪨 ފިލާވަޅު ރޭވުމަށާއި ދަރިވަރުންގެ މަސައްކަތްތައް މާކްކުރުމަށް ހައްދުފަހަނަޅައި ވަގުތު ހޭދަކުރުން.
🪨 އަރާމުކުރުމަށް ނުވަތަ އަމިއްލަ ކަންކަމަށް ވަގުތު ހޭދަކުރުމުން ކުށްވެރި އިހުސާސެއް ކުރެވުން.
🪨 ހާސިލުކުރެވުނު އެއްވެސް ކާމިޔާބީއަކީ އެކަށީގެންވާ ވަރެއް ނޫން ކަމަށް ގަބޫލުކުރެވުން.
🪨 ކުދިކުދި ކުށްތަކާއި ފުރޮޅުންތަކާ މެދު މާބޮޑަށް ވިސްނައި ފިކުރުބޮޑުވުން.
🪨 ހަގީގަތާ ޚިލާފު މާ މަތީ އުންމީދުތަކެއް ގެންގުޅުން.
🪨 އެހެން މީހުންގެ އެހީތެރިކަން ޤަބޫލުކުރަން އުނދަގޫވުން.
🪨 އެހެން މީހުންނަށް އަޅުގަނޑުމެންގެ މިންގަނޑަށް މަސައްކަތް ނުކުރެވިދާނެ ކަމަށް ހީކޮށް، ގުޅިގެން މަސައްކަތްކުރުމަށް ޖެހިލުންވުން.
ހިތާމައަކީ، އަބަދު ފުރިހަމަކަން ހޯދަން އުޅުމާއި އެކަމަށް އުންމީދުކުރުމަކީ އަޅުގަނޑުމެންނަށް އޭގެ ބޮޑެތި، ދިގުމުއްދަތުގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަކަށް ވާތީއެވެ. މިކަމުގެ ސަބަބުން ކުރިމަތިވާ ވަރުބަލިކަމަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމުގެ މައްސަލަތަކަށް މަގުފަހިކޮށްދޭ ކަމެކެވެ. ފުރިހަމަކަން ހޯދުމުގެ ވިސްނުމަކީ ހާސްކަމާއި ނުތަނަވަސްކަން އިތުރުކޮށް، ކުށެއް ޖެހިދާނެތީ އަދި ވަގުތުން އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވިދާނެތީ އައު އީޖާދީ ކަންކަން ކުރުމަށް ފަސްޖެހުން އުފައްދާ ކަމެކެވެ. ދުވަސް ފާއިތުވަމުންދާ ވަރަކަށް، މި އާދައިގެ ސަބަބުން ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން ކުޑަވެ، އެއްކޮށް ވަރުބަލިވެ ހުސްވާ ހިސާބަށް (ބާންއައުޓް ވާން) ދެއެވެ.
އެހެންކަމުން، ފުރިހަމަކަން ހޯދުމުގެ މިފަދަ ލެނބުންތަކާ ދެކޮޅަށް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ އުކުޅުތަކަކީ ކޮބައިތޯއެވެ؟ މިކަމަށްޓަކައި ވިސްނުމަށާއި ޢަމަލުތަކަށް ގެނެވިދާނެ ފަސް ބަދަލެއް ތިރީގައި މިވަނީއެވެ:
1- އުނިކަމެއް ނެތް ފުރިހަމަކަމުގެ ބަދަލުގައި މޮޅު އަދި ފެންވަރު ރަނގަޅު މަސައްކަތަކަށް އަމާޒުހިފާށެވެ. މޮޅު ނަތީޖާއަކީވެސް މަތީ މިންގަނޑެކެވެ. ނަމަވެސް އެއީ ކުއްލިއަކަށް ދިމާވާ ކަންކަމުގައި ލުއިފަސޭހަ ގޮތްތައް އިޚްތިޔާރުކުރުމަށާއި، ބަދަލުވަމުންދާ ހާލަތްތަކަށް އިޖާބަދިނުމަށާއި، އަދި އަބަދު ފުރިހަމަވެގެން ތިބުމުގެ ބަދަލުގައި ދުވަހުން ދުވަހަށް ރަނގަޅުވަމުން ދިއުމަށް ޖާގަދޭ ކަމެކެވެ.
2- ފުރިހަމަކަމަށްވުރެ ބޮޑަށް ކުރިއެރުމަށް އިސްކަންދޭށެވެ. ކުރިއެރުމަށް ސަމާލުކަން ދިނުމަކީ، އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރާ ހާލު، މިހާރު ތިމާ ހުރި ހިސާބު ޤަބޫލުކުރުމަށް ލިބޭ ފުރުސަތެކެވެ. ކުރިއެރުމަށް ވިސްނާ ވިސްނުމަކީ، ހުރިހާ ކަމެއް ކުރިންސުރެ އެނގިފައި ހުންނަންޖެހޭނެ ކަމަށް ދެކުމުގެ ބަދަލުގައި، އުނގެނުމަށް އަގުދޭ ވިސްނުމެކެވެ.
3- އަމިއްލަ ނަފުސު ކުށްވެރިކުރުމުގެ ބަދަލުގައި، ކަންކަމާމެދު ފުންކޮށް ވިސްނައި ފިކުރުކުރުން (ރިފްލެކްޝަން) އާދަކުރާށެވެ. ފުންކޮށް ވިސްނުމަކީ ލިބުނު ތަޖުރިބާތަކުން ކަންކަން ދަސްކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ނަމަވެސް އަމިއްލަ ނަފުސު ކުށްވެރިކުރުމަކީ މާޔޫސްކަމާއި ލަދުވެތިކަމުގެ ތެރޭގައި ތިމާ ތާށިކޮށްލާނެ ކަމެކެވެ. މީގެ އިތުރުން، ފުންކޮށް ވިސްނުމަކީ މަޢާފުކުރުމާއި ހިތްހަމަޖެހުމަށް މަގުފަހިކޮށްދޭ ކަމެކެވެ. އެހެންނަމަވެސް، އަމިއްލަ ނަފްސު މާބޮޑަށް ކުށްވެރިކުރުމަކީ ފަސޭހައިން ފަސޭހަނުވާ ޒަޚަމްތަކެއް އުފެދިގެންދާނެ ކަމެކެވެ.
4- ތިބާގެ ވަގުތާއި ސަމާލުކަމުގައި ހަމަހަމަކަން ޤާއިމުކުރާށެވެ. ޙަޤީޤަތާ އެއްގޮތްވާ އަދި ދޫދެވޭ ފަދަ ހައްދުތަކެއް ކަނޑައެޅުމަކީ، އަރާމުކުރުމަށާއި، ތާޒާވެލުމަށާއި، އަދި ގުޅުންތަކަށް ވަގުތު ބަހައްޓަމުން، މަސައްކަތުގެ ބުރަ ލުއިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
5- ދެމެހެއްޓެނިވި މިންވަރަކަށް މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅާށެވެ. ހުރިހާ ކަމެއް ފުރިހަމަކުރަން އުޅުމަކީ، މެދުކެނޑުމެއްނެތި ތިމާގެ ކުޅަދާނަކަމަށްވުރެ ބުރަކޮށް މަސައްކަތްކުރަން ޖެހިދާނެ ކަމެކެވެ. ކުޅަދާނަވާ ވަރަށްވުރެ ގިނައިން ޒިންމާތައް ނެގުމާއި، މާ މަތީ އުއްމީދުތައް ބެހެއްޓުމާއި، އަދި މާބުރަކޮށް މަސައްކަތްކުރުމަކީ ދެމެހެއްޓޭނެ ކަންކަމެއް ނޫނެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު ދާދި އަވަހަށް އަޅުގަނޑުމެންގެ ޞިއްޙަތަށާއި ދުޅަހެޔޮކަމަށް ފޯރާނެއެވެ.
ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ދަރިވަރުންނާއި، އެކުގައި މަސައްކަތްކުރާ މީހުންނާއި، އިދާރީ އިސްވެރިންނާއި، އަދި އަޅުގަނޑުމެންގެ މަސައްކަތަށް ބަރޯސާވާ އެހެން ފަރާތްތަކުން ވެސް އަޅުގަނޑުމެންނީ އުނިކަމެއް ނެތް ފުރިހަމަ ބަޔަކަށް ވާކަށް ބޭނުމެއް ނުވެއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެންނަކީ އަޅާލާ، އިޖާބަދޭ، ދަސްކުރާ، އަދި ކުރިއެރުމަށް މަސައްކަތްކުރާ ބަޔަކަށް ވުމަށެވެ. އަބަދު ފުރިހަމަވާން ނުޖެހޭކަން ޤަބޫލުކުރުމުގެ ސަބަބުން، އަޅުގަނޑުމެންނަކީ ފަސޭހައިން ވާހަކަދެއްކޭ، އެހެން މީހުންނާ ގުޅުންބަދަހިކުރެވޭ، އަދި އިންސާނިއްޔަތުކަން އެކުލެވިގެންވާ ބަޔަކަށް ވެގެންދެއެވެ. މިއީ އަޅުގަނޑުމެންގެ ފަރާތުން އުނގެނޭ ދަރިވަރުންނަށާއި، އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ އެކުވެރިންނަށާއި، އަދި އަޅުގަނޑުމެންނަށް ބަރޯސާވާ އެހެނިހެން ފަރާތްތަކަށް ވެސް ނުހަނު މުހިންމު ސިފަތަކެކެވެ.
