ޖެހިގެން އައި ދުވަހުގެ ހެނދުނުއްސުރެ ޗުއްޓީ ހޭދަކުރަމުން ދިޔަ ގެއިން އުފާވެރި ހުނުމުގެ އަޑު މެދުކެނޑުމެއް ނެތި އިވެމުން ދިޔައެވެ. ކްރިކެޓް މެޗު ނިމުނު ނަމަވެސް އެ ވާހަކައެއް ނުހުއްޓުނެވެ. އަންހެން ކުދިން އަދިވެސް ތިބީ ފިރިހެން ކުދިން ބަލިވުމުން އެކަމާ މަލާމާތްކޮށް ހަޖޫ ޖަހާށެވެ. ޝާރިޤް ދިޔައީ އެ ނަތީޖާއަކީ ބޭއިންސާފު ނަތީޖާއެއް ކަމަށް ބުނެ ޒުވާބުކުރަމުންނެވެ. ލީޒާ ބުނީ، އަންހެނުންގެ އަތުން ބަލިވުން ބަލައިގަންނަން ޝާރިޤަށް އުނދަގޫވީ ކަމަށެވެ.
އަނާޔާވެސް އެމީހުންގެ ހުނުމުގައި ބައިވެރިވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި ދައުރުވަމުން ދިޔައީ މުޅިން އެހެން ދުނިޔެއެއްގައެވެ. ދޭތެރެ ދޭތެރެއިން އޭނާއަށް ބަލައިލެވެނީ ބަގީޗާގެ އަނެއް ފަރާތުގައިވާ ރުއްތަކުގެ ސަފަށެވެ. އިއްޔެ މެޗު ތެރޭގައި ކުރެވުނު އެ ބިރުވެރި އިޙުސާސް އޭނާ ހަނދާނެއް ނުނެތުނެވެ. ލޮލަށް ނުފެންނަ އަތްތަކަކުން އޭނާގެ ހަރަކާތްތައް ކޮންޓްރޯލްކުރި ކަމުގެ އިޙުސާސެވެ. މިހާރުވެސް ދޭތެރެއަކުން އޭނާގެ އަތުގެ ކުޑަހުޅަށް ފިނި ފިއްތުމެއް އިޙުސާސްވަމުން ދިޔައެވެ.
މެންދުރު ފަހުގެ ވަގުތެވެ. އަނާޔާ ހުރީ ބަގީޗާ ތެރޭގައެވެ.
“ދޮންތާ!”
އޭނާ ފަސްއެނބުރި ބަލައިލިއެވެ. ފަތާ ފެންގަނޑު ކައިރީ ތުވާއްޔެއް ހިފައިގެން ހުރީ ޒިމާންއެވެ.
“އަންނާނަންތަ؟”
“ކޮންތާކަށް؟”
“ފިލްމު ބަލަން. އެންމެން ފިލްމެއް ޚިޔާރުކޮށްފި.”
“މިދަނީ.”
އަނާޔާ އޭނާގެ ފަހަތުން ގޭތެރެއަށް ވަނެވެ. އެ ގެއަކީ ބަގީޗާ ފެންނަ ގޮތަށް ބޮޑެތި ކުޑަދޮރުތައް ހުރި ތަނަވަސް ގެއެކެވެ. މެންދުރުފަހުގެ އަވި އޮފު އަރާ ތަޅުންގަނޑަށް އެޅިފައިވާއިރު، ބަދިގެއިން ކޮފީގެ މީރު ވަސް ދުވަމުން ދިޔައެވެ. އެންމެން ނިންމާފައި އޮތީ ފަތަން ދިއުމުގެ ކުރިން ފިލްމެއް ބަލައިލުމަށެވެ.
ބޮޑު ސޯފާގައި ލީޒާއާއި ނިހާ އިށީނދެގެން ތިއްބެވެ. ޒިމާންގެ ދެބެންގެދެދަރި އަދި އެންމެ ގާތް އެކުވެރިޔާ ޝާހިދު، ކުޝަންތައް ރީތިކުރަމުން ދިޔައެވެ.
“އަނހާ، އެންމެ ފަހުން ގެއްލިގެން އުޅުނު މީހާ އަތުވެއްޖެ!” ލީޒާ ބުންޏެވެ.
އަނާޔާ ހިނިތުންވެލަމުން ނިހާގެ ކައިރީ އިށީނެވެ. ޝާހިދު އަނާޔާއާ ދިމާއަށް ބަލައިލިއެވެ. “ހާލު ރަނގަޅުތަ މިހާރު؟”
“ވަރަށް ބޮޑަށް ރަނގަޅު. ޝުކުރިއްޔާ.”
“ރަނގަޅު. ކުރީ ރޭ އަހަރެމެން އެންމެން ވަރަށް ބިރުގަތް.”
“އަހަންނަށް މިހާރު މީހުން ބިރުގެންނެވުން އާދައަކަށް ވެއްޖެހެން ހީވަނީ.” އަނާޔާ ބުނެލިއެވެ. އެންމެން އެކުގައި ހީނގަތެވެ.
ފިލްމު ފެށުމާއެކު، އިރުކޮޅަކަށް ނަމަވެސް އަނާޔާ އޭނާގެ ހިތުގައިވާ ބިރުވެރިކަން ހަނދާން ނައްތައިލިއެވެ. ކުޑަދޮރުތަކުގެ ދޮރުފޮތިތައް ދަމާލުމުން ސިޓިންގރޫމް ތެރެއަށް އަނދިރިކަން ވެރިވިއެވެ. ސައުންޑް ސިސްޓަމުން ގުގުމަމުން ދިޔަ އަޑުތަކުގެ ތެރޭގައި ޝާހިދާއި ޒިމާން ދޭތެރެއަކުން ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. އަދި ލީޒާ ދިޔައީ ދެން ވާނެ ގޮތްތައް ލަފާކުރަމުންނެވެ.
“ތިހާ މޮޅިއްޔާ ފިލްމު ރިވިއު ލިޔަންވީނު.” ނިހާ ސިއްރުސިއްރުން ލީޒާ ގާތު ބުންޏެވެ.
“އަސްލުވެސް އަހަރެން ލިޔަންވީ. އޭރުން ދޯ އެންމެ ފަހުން އަހަރެންގެ ވިސްނުން ތޫނުކަން މީހަކަށް އެނގޭނީ.” ލީޒާ ޖަވާބު ދިނެވެ. އަނާޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެކުވެރިންގެ މެދުގައި ހުރުމުން ލިބުނު ހިތްހަމަޖެހުމެވެ.
ހިނދުކޮޅަކަށް ނަމަވެސް، މަގުމަތީގައި ހިނގި ހުރިހާ ކަމެއް އޭނާއަށް މާ ބޮޑުކޮށްލެވުނީ ކަމަށް ހީވިއެވެ. ފަހަރެއްގައި އެ ފެނުނު ސޫރައަކީ ހުވަފެނަކަށް ވެދާނެއެވެ. އަދި މެޗު ތެރޭގައި ވީ ގޮތަކީ ވަރުބަލިކަމުގެ ސަބަބުން ވީ ކަމަކަށް ވެދާނެއެވެ. އޭނާ ބޭނުންވީ އެގޮތަށް ޤަބޫލުކުރާށެވެ.
ފިލްމު ނިމުމުން އެންމެން ދިޔައީ ފަތާ ފެންގަނޑަށެވެ. ރޭގަނޑުގެ ވައިރޯޅިތައް ހޫނު ނަމަވެސް، ބަގީޗާގެ ބޮކިތަކުގެ އަލި ފެނުގެ ތެރެއިން ވިދަމުން ދިޔައެވެ. ސަކަރާތްޖަހައި ފަތަން ތިބުމަށްފަހު ވަރުބަލިކަން އިޙުސާސްވާން ފެށުމުން އެކަކު އަނެކަކަށްފަހު އެތެރެއަށް ވަންނަން ފެށިއެވެ.
އަނާޔާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފަހު ވަގުތުކޮޅު އޭނާ ހުރީ މާ މަޑުމަޑުން ކަމުން ލީޒާއަށް އެކަން ފާހަގަވިއެވެ. “ނިދަނީތަ؟”
“އާނ. ވަރަށް ވަރުބަލި.”
“އެހެންވިއްޔާ އަވަހަށް ނިދާ. އަހަރެން އެންމެން ކައިރީ ބުނެފާނަން އަރާމުކުރަނީއޭ.”
“ޝުކުރިއްޔާ ލީޒާ.”
“އުފާވެރި ރެއަކަށް އެދެން.”
“ލީޒާއަށްވެސް.”
ލީޒާ ހިނިތުންވެލަމުން އެނބުރުނެވެ. ނަމަވެސް އަނާޔާގެ ކޮޓަރީގެ ދޮރު ލެއްޕުމާއެކު، ލީޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އޭނާގެ ނިތްކުރިއަށް ރޫތައް ގިނަވެ، ބިރުވެރި ނަޒަރަކުން ދޮރާ ދިމާއަށް ބަލައިލުމަށްފަހު ސިޓިންގރޫމާ ދިމާއަށް ހިނގައިގަތެވެ.
*****
މެންދަމުން އަލިވެ އެއްދަން ފާއިތުވެގެން ދިޔައީ ފުން ހަމަހިމޭންކަމެއްގައެވެ. އެ ހަމަހިމޭންކަން ނަގައިލީ ބިރުވެރި ހަޅޭކެއްގެ އަޑުންނެވެ. އަންހެނެއްގެ ބާރު ހަޅޭކެކެވެ. އެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔަލެއް ބާރުކަމުން އެންމެންނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ.
އަނާޔާއަށް އެނދުމަތީގައި ތެދުވެ އިށީނދެވުނެވެ. އެއީ ކޮންތަނެއްކަން ވަކިކުރަން އޭނާއަށް ކުޑަ ވަގުތުކޮޅެއް ނެގިއެވެ. ހިތް އޮބިނޯންނަވަރަށް ތެޅެމުން ދިޔައިރު، ނޭވާލެވެނީ ކުރުކޮށެވެ. ދެން އަނެއްކާވެސް އިވުނީ އެ ހަޅޭކުގެ އަޑެވެ. މިފަހަރު އެއީ ކާކުގެ އަޑެއްކަން އޭނާއަށް އެނގުނެވެ. އެއީ އޭނާގެ އަމިއްލަ އަޑެވެ. ހަޅޭއްލަވަމުން ދިޔައީ އޭނާއެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟
ކުއިލްޓް އެއްލައިލުމަށްފަހު އޭނާ ދުވެފައި ގޮސް ދޮރު ހުޅުވައިލިއެވެ. ކޮރިޑޯގެ ތެރެއިން މީހުން ހަލުވިކަމާއެކު ދުވާ ފިޔަވަޅުތަކުގެ އަޑު އިވެމުން ދިޔައެވެ. ދޮރުތައް ހުޅުވި، އެކަކު އަނެކަކަށް ގޮވާ އަޑު އިވެއެވެ.
“ދޮންތާ!” ކޮރިޑޯގެ ކޮޅުން ޒިމާން ފެނުނެވެ.
“ކީއްވީ؟” އަނާޔާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“އަހަރެން.. އަހަންނަކަށް ނޭނގެ.”
“ކީކޭ ތި ކިޔަނީ؟”
“އަހަންނަށް ކޮންމެވެސް އެއްޗެއް ފެނުނު.”
އޭނާއަށް އިތުރަށް ބުނެދެވުމުގެ ކުރިން، އަނެއް ފަރާތުން ޝާރިޤް ދުވެފައި އައެވެ. “އަވަހަށް ބޭރަށް ނިކުމެބަލަ! އަވަސްކުރޭ!”
ޝާރިޤްގެ އަޑުގައި ހުރި ސިހުމާއި ބިރުވެރިކަމުން އަނާޔާގެ މޭގަނޑު ފިނިވެގެން ދިޔައެވެ. އެންމެން ގޮސް ގޭގެ މައި ދޮރުމައްޗަށް އެއްވިއެވެ. ޒިމާން ކުރިއަށް ޖެހިލިއިރު، ޝާހިދު ނެތްކަން ވަގުތުން ފާހަގަވިއެވެ.
“ކޮބާ ޝާހިދު؟” ނިހާ އަހައިލިއެވެ.
އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. އެވަގުތު ބަގީޗާގެ ތެރެއިން ޒިމާނަށް ކަމެއް ފެނުނެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. މަދު ފޫޓުތަކެއްގެ ދުރުގައި، ގަހެއްގެ ބުޑުގައި އެއްވެސް ހަރަކާތެއް ނެތި އިންސާނެއްގެ ހަށިގަނޑު އޮތެވެ.
“ޝާހިދު!” ޒިމާން ދުވެފައި އެދިމާއަށް ދިޔައެވެ. ދެން ތިބި މީހުންވެސް އޭނާގެ ފަހަތުން ދިޔައެވެ. ނަމަވެސް ގަހާ އަރާ ހަމަވުމާއެކު އެންމެންގެ ފިޔަވަޅުތައް ގަނޑުވިއެވެ.
ޝާހިދު އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ދިރުމެއް ނެތް ފަދައެވެ. މޫނު ވަނީ އެއްފަރާތަކަށް އެނބުރިފައެވެ. ކަރާ ދިމާލުންނާއި ބޮލުގެ ދަށުން ގިނަ އަދަދަކަށް ލޭ ފައިބައިފައި ހުއްޓެވެ. ހިނދުކޮޅަކަށް މުޅި ތަނަށް ހުއްޓުން އެރިއެވެ. އެކަކަށްވެސް ގުޑިލާކަށް ނުކެރުނެވެ.
ދެން އިވުނީ ނިހާގެ ބިރުވެރި ހަޅޭކުގެ އަޑެވެ. “ޝާހިދޫ!”
ނިހާ ދުވެފައި އެ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް ހަށިގަނޑާ ހަމައަށް ދިއުމުގެ ކުރިން ޒިމާން އޭނާ ހިފެހެއްޓިއެވެ. “ނުދޭ!”
“ދޫކުރޭ! ޝާހިދު!” ޒިމާންގެ އަތްދަށުން ސަލާމަތްވާން ތެޅެމުން ނިހާ ރޮއިގަތެވެ.
ޒިމާން އޭނާގެ އެކުވެރިޔާގެ ކައިރިއަށް ކަކޫމައްޗަށް ތިރިވިއެވެ. “ޝާހިދު؟ އަހަރެން ދައްކާ ވާހަކަ އަޑުއިވޭތަ؟”
އެއްވެސް ޖަވާބެއް ނައެވެ. އޭނާ ޝާހިދުގެ ކޮނޑުގައި އަތްލިއެވެ. ދެން ކަރުގައި އަތް ޖައްސާލައި ވިންދު ހުރިތޯ ބެލިއެވެ. އެއްވެސް ދިރުމެއް ނެތެވެ.
ހިތި ހަޤީޤަތް އެމީހުންގެ ކުރިމައްޗަށް ފާޅުވީ ކުއްލިއަކަށެވެ. ޝާހިދު ވަނީ މަރުވެފައެވެ.
*****
ފަތިސްވުމުގެ ކުރިން ފުލުހުން އެ ގެއަށް އަތުވެއްޖެއެވެ. މަދު ގަޑިއިރުތަކެއް ކުރިން ހުނުމާއި މަޖަލުން ފުރިފައިވި އެ ގޭގެ ވަށައިގެން މިހާރު ތިބީ ފުލުހުންނެވެ. ޕޯޓަބަލް ބޮކިތަކުގެ އަލިން ބަގީޗާ އަލިކޮށްފައިވާއިރު، ރުއް ކައިރީގައިވާ ސަރަހައްދު ވަނީ ޓޭޕް ދަމައި ބަންދުކޮށްފައެވެ.
އަނާޔާ އިނީ ކުއިލްޓެއް ގައިގައި އޮޅާލައިގެން ސިޓިންގރޫމްގައެވެ. އަނެއް ކޮޓަރީގައި އިން ނިހާގެ ރުއިމުގެ އަޑު އޭނާއަށް އަދިވެސް އިވެމުން ދިޔައެވެ. ޒިމާން ހުރީ ކުޑަދޮރު ކައިރީގައެވެ. އޭނާގެ މޫނުމަތިން އެއްވެސް ކުލައެއް ނެތެވެ. ޝާހިދުގެ ހަށިގަނޑު ފެނުނު ފަހުން އޭނާ އެއްވެސް ވާހަކައެއް ނުދައްކައެވެ.
އެވަގުތު ފުލުހުންގެ އޮފިސަރަކު އެތެރެއަށް ވަނެވެ. “އަހަންނަކީ އިންސްޕެކްޓަރ ބަދުރު އިޤްބާލް. ރޭގަ މިގޭގަ ތިބި އެންމެންނާ އަހަރެން ސުވާލުކުރަން ބޭނުން.”
އޭނާއަކީ އުމުރުން ތިރީހުގެ އަހަރުތަކުގެ ކުރީކޮޅުގެ، ހަރުދަނާ މިޒާޖެއްގެ، ވިސްނުންތޫނު ބެލުމެއް ހުރި މީހެކެވެ. އޭނާގެ ގާތުގައި ނޯޓުފޮތެއް ހިފައިގެން އޮފިސަރ ސަލީމް ހުއްޓެވެ.
ބަދުރު ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. “ހަށިގަނޑު ފުރަތަމަ ފެނުނީ ކާކަށް؟”
“ޒިމާންއަށާއި އަހަރެމެން އެންމެންނަށް.” ޝާރިޤް ޖަވާބު ދިނެވެ.
“ވީގޮތް ތަފްސީލުކޮށް ކިޔައިދީބަލަ.”
ޒިމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެންގެ ނަމަކީ ޒިމާން ހަމީދު. ޝާހިދަކީ އަހަރެންގެ ދެބެންގެދެދަރި ކޮއްކޮ. އަދި އެންމެ ގާތް އެކުވެރިޔާވެސްމެ.”
އޭނާގެ އަޑު ތުރުތުރުއެޅިއެވެ. “އިއްޔެ އަހަރެމެން ކްރިކެޓް މެޗެއް ކުޅުނިން. އޭގެ ފަހުން ފިލްމެއް ބަލާފަ، ޕޫލަށް އެރި އުޅެފަ އެންމެން ނިދަން ކޮޓަރިތަކަށް ދިޔައީ.”
“އޭނާ އެންމެ ފަހުން ފެނުނީ ކޮން އިރަކު؟”
“ފަތާ ނިމުނު ފަހުން. އޭނާ ހުރީ ވަރަށް އާދައިގެ ގޮތަކަށް. އެއްވެސް މައްސަލައެއް ނެތް.”
“އޭނާއާ އެއްވެސް މީހަކު ދެބަސްވިތަ؟”
“ނޫން.”
“އޭނާގެ އެއްވެސް ދުޝްމަނަކު ހުރޭތަ؟”
“އަހަންނަށް އެނގިފައެއް ނެތް.”
ބަދުރު އޭނާއަށް ފުންކޮށް ބަލައިލިއެވެ. “ދެން ހަށިގަނޑު ފެނުނީ ކޮން އިރަކު؟”
“ދޮންތަ، މިބުނީ އަނާޔާ ހަޅޭއްލަވައިގަތް އަޑަށް އަހަރެމެންނަށް ހޭލެވުނީ. ބޭރަށް ނިކުތްއިރު އޭނާ އޮތީ އެތަނަށް ވެއްޓިފަ.”
އިންސްޕެކްޓަރު އަނާޔާއާ ދިމާއަށް އެނބުރުނެވެ. “ކަލޭތަ ހަޅޭއްލެވީ؟” އަނާޔާ ބޯޖަހައިލިއެވެ.
“ކީއްވެގެން؟”
“ބިރުވެރި ހުވަފެނެއް ފެނިގެން.”
“ކޮން ކަހަލަ ހުވަފެނެއް؟”
އަނާޔާ ފަސްޖެހުނެވެ. ކްރިސްޓަލް ފަދަ ލޮލެއް ލިބިފައިވާ ސިއްރުވެރި މަޚްލޫޤެއްގެ ހުވަފެން ފެނުނު ވާހަކަ އޭނާއަކަށް ނުބުނެވޭނެއެވެ. “ހުރިހާ އެއްޗެއް ހަނދާނެއް ނެތް.”
ބަދުރު އިރުކޮޅަކު އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ބޭރުން އެއްވެސް މީހަކު ފެނުނުތަ؟”
“ނޫން.”
“ޔަޤީންތަ؟”
“އާނ.”
އިންސްޕެކްޓަރު ދެން ތިބި މީހުންނާ ދިމާއަށް އެނބުރުނެވެ. “ދެން ހޭލާ ހުރީ ކާކު؟”
އެއްވެސް މީހަކު ވަގުތުން ޖަވާބެއް ނުދިނެވެ. ބަދުރު، ސަލީމާ ދިމާއަށް ބަލައިލިއެވެ. “ރޭގަނޑު ގެއިން ބޭރުގައި އެއްވެސް މީހަކު އުޅުނުތަ؟”
“ނޫން.” ޒިމާން ޖަވާބު ދިނެވެ. “އަހަރެމެން އެންމެންވެސް ތިބީ ނިދާފަ.”
“އެހެންވިއްޔާ ޝާހިދު ބޭރަށް ދިޔައީ ކިހިނެއް؟”
ޒިމާން ބަގީޗާއާ ދިމާއަށް ބަލައިލިއެވެ. “އަހަންނަކަށް ނޭނގެ.”
އިންސްޕެކްޓަރުގެ މޫނުމަތި ހަރުކަށިވިއެވެ. “ގޭގެ ދޮރުތައް ހުރީ ތަޅުލާފަތަ؟”
“އާނ.”
“ގަދަކަމުން އެތެރެއަށް ވަންނަން އުޅެފައިވާ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އެހެންވީމާ މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިގޭ ތެރޭގައި ތިބި މީހުންގެ ތެރެއިން ކޮންމެވެސް މީހަކަށް، އެ ބުނާ ވަރަށްވުރެ ގިނަ ކަންތައްތަކެއް އެނގޭނެ.”
އަނާޔާގެ ދެއަތް ފިނިވެގެން ދިޔައެވެ. އޭނާ ކުޑަދޮރުން ބޭރަށް ބަލައިލިއެވެ. ފުލުހުންގެ ބޮކިތަކުގެ އަލިން ބޭރުގައި، ފަނޑުވަމުންދާ އަނދިރިކަމުގެ ތެރޭގައި ގަސްތައް ހަރަކާތެއް ނެތި ހުއްޓެވެ. އެވަގުތު އެންމެ ކައިރީގައި ހުރި ރުކުގެ ފުރަގަހުގައި ހިޔަންޏެއް ފަދަ ސޫރައެއް ހުއްޓި ހުރިހެން އޭނާއަށް ހީވިއެވެ. ލޯ މަރައި ތަގުޅިކޮށްލުމަށްފަހު އަލުން ބަލައިލިއިރު އެ ސޫރަ ގެއްލިއްޖެއެވެ.
ގަޑިއިރުތަކެއް ފަހުން ފުލުހުން ފެށީ އެންމެންނާ ވަކިވަކިން ސުވާލުކުރާށެވެ. ނިހާގެ ރުއިން ހުއްޓުވޭ ގޮތެއް ނުވިއެވެ. ލީޒާ އޭނާއަށް ހިތްވަރުދޭން މަސައްކަތްކުރި ނަމަވެސް، ލީޒާގެ ކިބައިންވެސް ފެންނަނީ އާދަޔާ ޚިލާފު ނުތަނަވަސްކަމެކެވެ.
ބަދުރު، ލީޒާއާ ސުވާލުކުރުމުން އޭނާ ކިޔައިދިނީ އިއްޔެ ހަވީރުގެ ކަންތައްތަކެވެ. ކްރިކެޓް މެޗާއި، ފިލްމު ބެލުމާއި، ފަތަން އުޅުނު ވާހަކައެވެ.
“އަނާޔާ ވަރަށް އަވަހަށް ކޮޓަރިއަށް ގޮސްފި.” ލީޒާ ކިޔައިދިނެވެ. “އަހަރެން އެންމެން ގާތު ބުނިން އޭނާ ނިދަނީއޭ.”
“އޭނާ ނިކުމެގެން ދާތަން ދުށިންތަ؟”
“ނޫން.”
“ޝާހިދު ނިކުތްތަން ދުށިންތަ؟”
“ނޫން.”
“ކަލޭ އޮތީ ނިދާފަތަ؟”
“އާނ.”
ބަދުރު ގޮނޑީގެ ފަހަތަށް ލެނގިލިއެވެ. “އަދި އަނާޔާ ހަޅޭއްލަވައިގަތް އަޑު އިވުނު؟”
“އާނ. އަހަންނަށް ހޭލެވުނީ އެ އަޑަށް.”
އިންސްޕެކްޓަރު އޭނާގެ މޫނަށް ފުންކޮށް ބަލައިލިއެވެ. “ވަރަށް ޝައުޤުވެރި.”
“ކޮން ކަމެއް ޝައުޤުވެރީ؟”
“ކަމެއް ނުވޭ. ހަމައެކަނި ވީގޮތް ދެނެގަންނަން މިއުޅެނީ.” އޭނާ ތެދުވިއެވެ. “ޝުކުރިއްޔާ. ބޭނުންވެއްޖެނަމަ އަދި ވާހަކަ ދައްކާނަން.”
ލީޒާ ނިކުމެގެން ދިއުމުން ބަދުރު، ސަލީމާ ދިމާއަށް ބަލައިލިއެވެ. “ކޮންމެވެސް ކަމެއް ގޯސް.”
ސަލީމް ބޯޖަހައިލިއެވެ. “ކާކަށް ޝައްކުކުރަނީ؟”
“ހަޤީޤަތް އެނގެންދެން، މިތިބަ އެންމެންނަކީވެސް ތުހުމަތުކުރެވޭ މީހުން.”
*****
ބޭރުން، އިރުގެ ފުރަތަމަ ދޯދިތައް ކަނޑުގެ ލޮނގަނޑުމައްޗަށް ފެތުރެން ފަށައިފިއެވެ. އަނާޔާ އެކަނިމާއެކަނި ކުޑަދޮރު ކައިރީ ހުއްޓި، ޝާހިދުގެ ހަށިގަނޑު ފެނުނު ރުކާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ޚިޔާލުތައް އަނެއްކާވެސް ދަތުރުކުރީ ވޭތުވެދިޔަ ދެ ރެއަށެވެ.
އެ އަނދިރި މަގާއި، ބިރުވެރި މަޚްލޫޤާއި، ކްރިކެޓް މެޗުގެ ވަގުތާއި، ލޮލަށް ނުފެންނަ އަތްތަކުގެ ބާރު އަދި މިހާރު ޝާހިދުގެ ކުއްލި މަރެވެ. އޭނާގެ ހިތަށް ބިރުވެރި ވަސްވާހެއް ވަނެވެ. އެ މަޚްލޫޤު އަހަރެންގެ ފަހަތުން މިތަނަށް އައީ ހެއްޔެވެ؟
އޭނާ ދެލޯ މަރައިލިއެވެ. އެވަގުތު ކަންފަތްދޮށުން ސިއްރު އަޑެއް އިވުނެވެ. އެއީ ކަންފަތަށް އިވުނު އަޑެއް ކަމެއް ނުވަތަ ހީވި ހީވުމެއް ކަމެއް ވަކިކުރަން ނޭނގޭ ފަދަ ނިކަމެތި، ފިނި އަޑެކެވެ.
“އަނާޔާ.”
އޭނާ ސިހިފައި ވަގުތުން ފަސްއެނބުރި ބަލައިލިއެވެ. ފަހަތުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އޭނާގެ ކުރިމަތީގައިވާ ކުޑަދޮރުގެ ބިއްލޫރިގަނޑުން، އޭނާގެ އަމިއްލަ ސޫރަ ފެންނަން ހުރި ދިމާއިން އާދަޔާ ޚިލާފު ކަމެއް ފާހަގަވިއެވެ. އެންމެ ސިކުންތުކޮޅަކަށް ނަމަވެސް، ބިއްލޫރިގަނޑުން ފެންނަން ހުރި އޭނާގެ އަމިއްލަ ދެލޯ، ނޫކުލައިގެ އަލިގަދަ ކްރިސްޓަލްތަކެއް ފަދައިން ވިދައިގަތެވެ. އަދި އެސްފިޔަ ޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި އެ އަލިކަން ކެނޑި، ގެއްލިގެން ދިޔައެވެ.
(ނުނިމޭ)
