ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ހަނދާން ގަދަކުރުމަށްޓަކައި ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ 07 ގޮތެއް

އަވަސް ދުވެއްޔެއްގައި ކުރިއަށްދާ މިއަދުގެ ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން، މުހިންމު ކަންކަމަށް ސަމާލުކަންދީ، އެކަންކަން ސިކުނޑީގައި ރައްކާކޮށް، ބޭނުންވާ ވަގުތު ހަނދާނަށް ގެނައުމަކީ ބޮޑު ގޮންޖެހުމަކަށް ވެދާނެއެވެ. ބައެއް ކަންކަން ހަނދާންކޮށްދިނުމަށާއި ކަންކަން ތަރުތީބުން ކުރިއަށް ގެންދިއުމަށްޓަކައި އަޅުގަނޑުމެން ޓެކްނޮލޮޖީއަށް ބަރޯސާވި ނަމަވެސް، ހަރަކާތްތެރި އަދި އިތުބާރު ހިފޭ ހަނދާނަކަށް ބަދަލެއް ނެތެވެ.

ދުވަހުގެ ކަންކަން ނިންމުމުގައި އެއްވެސް އުނިކަމެއް ނެތި ހުރިހާ ކަމެއް ހަނދާނުގައި ބެހެއްޓުމަށް ބައެއް މީހުންނަށް އެހެން މީހުންނަށްވުރެ ބޮޑަށް އުނދަގޫވެއެވެ. ހަނދާނާ ގުޅުންހުރި ބައެއް މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވާތީ، އެފަދަ ކަންކަމުގައި ފަންނީ އެހީތެރިކަމާއި ފަރުވާ ބޭނުންވެއެވެ. ނަމަވެސް، އާންމުކޮށް ކުރިމަތިވާ ހަނދާންނެތުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށްޓަކައި، ހަނދާން ގަދަކުރުމަށާއި ކަންކަން ހަނދާން ނެތުން މަދުކުރުމަށް ދިރާސާތަކުން ސާބިތުވެފައިވާ ބައެއް އުކުޅުތައް ބޭނުންކުރެވިދާނެއެވެ.

ހަނދާންކުރަން ބޭނުންވާ ކަންކަން ބާރަށް ކިޔުން:

ހައިރާންވާންޖެހޭ ކަމަކީ، ހަމައެކަނި އަނގައިން ބަސްތައް ބޭރުކޮށްލުމަކީވެސް ހަނދާން ބެހެއްޓުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން އާދައިގެ ޚިޔާލުތަކާއި ހަނދާންކުރަން ބޭނުންވާ މުހިންމު މައުލޫމާތުތައް ވަކިކޮށް، އިސްކަންދޭންޖެހޭ ކަންކަން ދެނެގަތުމަށް ސިކުނޑިއަށް ފަސޭހަވެއެވެ. މިކަމުގެ ސަބަބުން ސިކުނޑިއަށް މައުލޫމާތު ލިބެނީ އެކި ގޮތްގޮތުން (އަޑުއިވުމާއި ވިސްނުމުގެ ތެރެއިން) ކަމަށްވާތީ، އެއީ މުހިންމު މައުލޫމާތެއްގެ ގޮތުގައި ސިކުނޑި ކަނޑައަޅައެވެ.

ސިކުނޑީގައި ކަންކަން ތަކުރާރުކުރުން:

މީހަކު ބުނި ވާހަކައެއް ނުވަތަ ގިނަ މަރުހަލާތަކެއް އެކުލެވޭ ކަމެއްގެ ތަފްސީލުތައް ހަނދާނުގައި ބެހެއްޓުމަށްޓަކައި، އެކަމެއް ސިކުނޑީގައި ތަކުރާރުކޮށް ކުޅެލުން އެހީތެރިވެދެއެވެ. ދިރާސާތަކުން ދައްކާގޮތުގައި، ހަނދާންކުރަން ބޭނުންވާ ކަމެއް އެންމެ 40 ސިކުންތަށް ސިކުނޑީގައި ތަކުރާރުކޮށްލުމުންވެސް، އެ މައުލޫމާތެއް ސިކުނޑީގައި ބަދަލުނުވާނޭހެން ހަރުލާފައި ހުރުމުގެ ފުރުސަތު ބޮޑުވެ، ފަހުން އެކަމެއް ހަނދާނަށް ގެނައުމަށް ފަސޭހަވެއެވެ.

މިވެސް ކިޔާލަން:  ސަމާލުކަން އިތުރުކުރުމާއި ހަނދާން ގަދަކުރުމަށް ކޮންމެ ދުވަހަކު ކުރަންވީ 9 ކަމެއް

ހަނދާންކުރަން ބޭނުންވާ ކަންކަން ކިޔައިދިނުން:

އެހެން މީހަކަށް ކަމެއް އުނގަންނައިދިނުމަކީ އެ މައުލޫމާތެއް ސިކުނޑީގައި ވަރުގަދަކޮށް، އަމިއްލައަށް އެކަމެއް ފުންކޮށް ދެނެގަތުމަށް ލިބޭ ވަރަށް ފައިދާހުރި ފުރުސަތެކެވެ. މިގޮތުން، ހަނދާންކުރަން ބޭނުންވާ ކަމެއް އަމިއްލަ ނަފްސަށް ކިޔައިދިނުމަކީ އަމިއްލައަށް އުނގަންނައިދިނުން ކަހަލަ ކަމެކެވެ. މީގެ އިތުރުން، އެހެން މީހަކަށް އެ ވާހަކައެއް ކިޔައިދިނުމަކީވެސް ވަރަށް ރަނގަޅު ގޮތެކެވެ.

ހަނދާން ހުންނާނެ ކަމަށް އަމިއްލައަށް ކަނޑައެޅުން:

ވަކި ކަމެއް ހަނދާން ހުންނާނެ ކަމަށް އަމިއްލަ ނަފްސަށް ބުނުމަކީ، އެކަމެއް ހަނދާނުގައި ހުރުމުގެ ފުރުސަތު 50 އިންސައްތައަށް އިތުރުކޮށްދޭ ކަމެކެވެ. މިގޮތަށް ކަންކަން ކުރިއަށް އަންދާޒާކުރުމަކީ ސިކުނޑިއަށް ދެވޭ އިމްތިހާނެއް ފަދަ ކަމެކެވެ. މީގެ ސަބަބުން ސިކުނޑިން އެ މައުލޫމާތެއް ވަކި ގިންތިއަކަށް ފައްތައި، އިސްކަންދޭ ކަމެއްގެ ގޮތުގައި ފާހަގަކުރެއެވެ. މިއީ ހާއްސަކޮށް ކުރިއަށް އޮތް ވަގުތެއްގައި ކުރަންޖެހޭ ކަމެއް ނުވަތަ ވައުދެއް ފުއްދުމަށްޓަކައި ބޭނުންކުރެވިދާނެ ވަރަށް ކާމިޔާބު އުކުޅެކެވެ.

އަމިއްލަ ނަފްސާ ސުވާލުކުރުން:

ހަނދާންކުރަން ބޭނުންވާ ކަމަކާ ގުޅޭގޮތުން އަމިއްލަ ނަފްސާ ސުވާލުކުރުމުން، އެއީ މުހިންމު މައުލޫމާތެއްކަން ސިކުނޑިއަށް އަންގައިދެއެވެ. އަދި ސުވާލުތައް އުފެއްދުމުގެ ސަބަބުން މައުލޫމާތުތައް ރަނގަޅަށް ތަރުތީބުވެ، އާދައިގެ ގޮތަކަށް ބަލާލައިގެން ދޫކޮށްލެވޭ ތަފްސީލުތައްވެސް ހަނދާނުގައި ހަރުލުމަށް މަގުފަހިވެއެވެ.

ހަނދާންކުރަން ބޭނުންވާ ކަންކަން ލިޔުން:

މައުލޫމާތުތަކެއް ނުވަތަ ކުރަންޖެހޭ ކަމެއްގެ މަރުހަލާތައް ލިޔެލުމަކީ ހަނދާން ގަދަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ލިޔުމުގެ ސަބަބުން ސިކުނޑީގައި ހުންނަ ނުފެންނަ ޚިޔާލުތައް ފެންނަ އެއްޗަކަށް ބަދަލުވެއެވެ. ފަހުން ބަލާލުމަށްޓަކައި ނޯޓެއް އޮތުމަކީ ފައިދާހުރި ކަމެއް ނަމަވެސް، އެ ލިޔުން ގެއްލުނު ކަމުގައިވިޔަސް، ލިޔުމުގެ ސަބަބުން އެ މައުލޫމާތެއް ސިކުނޑީގައި ހަރުލާފައި ހުރެއެވެ.

މިވެސް ކިޔާލަން:  މުދައްރިސުންގެ ޝުޢޫރުތައް: ދަރިވަރުންގެ ކާމިޔާބީގެ ތަޅުދަނޑި

ނިދުމަށް އިސްކަންދިނުން:

އެކަށީގެންވާ މިންވަރަށް ނިދުމަށް ވަގުތު ހޯދުމަކީ ދަތި ކަމަކަށް ވެދާނެއެވެ. ނަމަވެސް، ވަރުބަލިކަމާއި ނިދިމަދުވުމަކީ ހަނދާން ގަދަކުރުމަށް ހުރަސްއަޅާ ކަމެކެވެ. ނިދި މަދުވުމުގެ ސަބަބުން މުހިންމު ތަފްސީލުތައް ދޫވުމާއި، ކަންކަން އޮޅުންބޮޅުންވުން ފަދަ ކަންކަން ދިމާވެއެވެ. އަޅުގަނޑުމެން ނިދާފައި ތިބޭއިރު، ސިކުނޑިން ދަނީ ދަސްކުރި ކަންކަމާއި ހަނދާންކުރަން ބޭނުންވާ މައުލޫމާތުތައް ތަރުތީބުކޮށް ރައްކާކުރަމުންނެވެ. ނިދުމުގެ ކުރިން މަދު މިނެޓުކޮޅަކު، ހަނދާންކުރަން ބޭނުންވާ ކަންކަން މުރާޖައާކޮށްލުމަކީ ދާއިމީ ހަނދާނުގައި އެކަންކަން ބެހެއްޓުމުގެ ފުރުސަތު 50 އިންސައްތައަށް އިތުރުކޮށްދޭ ކަމެކެވެ.

މި އުކުޅުތަކަކީ އަޅުގަނޑުމެންގެ ހަނދާން ވަރުގަދަކުރުމުގެ އިތުރުން، ދަރިވަރުންނަށްވެސް ހަމަ އެފަދައިން ފައިދާކުރާނެ ކަންކަމެވެ. ދަރިވަރުން ދަސްކުރާ ކަންކަން ހަނދާނުގައި ހުންނަ މިންވަރު އިތުރުވުމަކީ، ކިޔަވައިދޭ މުދައްރިސުންގެ މަސައްކަތްވެސް ފަސޭހަވެ، ނަތީޖާ ރަނގަޅުވާނެ ކަމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top