ހަމީދު އާއިލާގެ ގަނޑުވަރުފަދަ ބޮޑު ގޭތެރެ، ދުވަހަކުވެސް މިހާ ހިމޭންވެފައިވާކަމެއް އިޙުސާސެއް ނުކުރެވެއެވެ. ގޭތެރޭގެ އާދައިގެ އަޑުތަކަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަހަލައެވެ. ނޯކަރުން ވާހަކަދައްކަނީ ސިއްރުސިއްރުންނެވެ. ފޯނު ރިންގުވާ އަޑު މަދުވެ، ކުރިން އެއްވެސް އިޒުނައަކާނުލައި އަންނަ މެހުމާނުންވެސް މިހާރު އެތެރެއަށް ވަންނަން ޖެހިލުންވެއެވެ.
އަނާޔާ އިނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައި، ބަގީޗާއަށް ވެހެމުންދިޔަ ވާރޭގެ ތިކިތަކަށް ބަލަހައްޓައިގެންނެވެ. އޭނާ އެނބުރި ގެއަށް އައި ނަމަވެސް، މިނިވަންކަމުގެ އެއްވެސް އިޙުސާސެއް ނުވެއެވެ.
އޭނާ ހައްޔަރުކުރި ޚަބަރު މުޅި މާލެއަށް ފެތުރިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ތަފާތު ތުހުމަތުތަކާއި ހީތަކާއެކު، އޭނާގެ ފޮޓޯ މީސްމީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުން ދިޔައެވެ. ބައެއް މީހުން އޭނާއަކީ ޤާތިލެއް ކަމަށް ބުނަމުންދިޔައިރު، އަނެއް ބަޔަކު ދެކުނީ އޭނާ ދޫކޮށްލީ ފުލުހުންނަށް އެކަށީގެންވާ ހެކި ނުލިބިގެން ކަމަށެވެ.
އެ ކޮމެންޓްތަކުގެ ތެރެއިން އެންމެ ލަފުޒެއްވެސް އަނާޔާ އަމިއްލައަކަށް ނުކިޔައެވެ. އެހެންނަމަވެސް، މީހަކު އޭނާގެ ނަން ކިޔައިލާ ކޮންމެ ފަހަރަކު އެ ވިހަގަދަ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމައިގަންނަ ކަހަލައެވެ.
ކުއްލިއަކަށް ދޮރުގައި ޓަކިދިން އަޑަށް އޭނާގެ ޚިޔާލުތައް މެދުކެނޑުނެވެ.
“ދަރިފުޅާ، އަނާޔާ؟” އެއީ ޝާކިރާގެ އަޑެވެ.
“ވަދޭ، މަންމާ.”
ޝާކިރާ އެތެރެއަށް ވަނީ ސައިތަށްޓެއް ހިފައިގެންނެވެ. އަދި އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. “ދަރިފުޅު މިއަދު ރަނގަޅަކަށް އެއްޗެއް ނުކަމެއްނު.”
“ބަނޑުހައެއް ނުވޭ.”
“އަމިއްލަ ނަފްސަށް ބަލަންވާނެ.”
އަނާޔާ ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. “އަހަރެން ރަނގަޅޭ މަންމާ.”
ޝާކިރާ އޭނާގެ ކައިރީގައި އިށީނދެ، ލޯތްބާއެކު ކޯތާފަތުގައި އަތްޖައްސައިލިއެވެ. “މަންމަގެ ކުރިމަތީގަ ތިހެން ހެދެން ނޫޅުނަސް ހެޔޮ.”
އެ ބަސްތައް ފުދުނެވެ. އަނާޔާގެ ދެލޯ ކަރުނުން ފުރިގެން ބަންޑުންވިއެވެ. “ހުރިހާ އެންމެން އަހަންނާ ދިމާއަށް ބަލަނީ ހަޤީޤަތުގައިވެސް އަހަރެން ކޮށްގެން އުޅޭކަމަށް.”
“އެމީހުން ބޭނުން ގޮތަކަށް ބަލަން ދޫކޮށްލާ. މަންމައަށް މަންމަގެ ދަރިފުޅު އެނގޭ.” ޝާކިރާ ސާބިތުކަމާއެކު ބުންޏެވެ.
“އެކަމަކު އެމީހުން ދުވަހަކުވެސް އަހަރެންގެ ވާހަކަ ޤަބޫލުނުކޮށްފިއްޔާ ދެން ހަދާނީ ކިހިނެއް؟”
“އެހެންވިއްޔާ، ހަޤީޤަތް ހާމަވަންދެން މަންމަމެން ތިބޭނީ.”
އަނާޔާ އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅައިލިއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، ތުހުމަތުކުރެވޭ ކުށްވެރިއެއްގެ ބަދަލުގައި، އަލުން ލޯބިވާ ދަރިއެއްގެ އިޙުސާސް އޭނާއަށް ކުރެވުނެވެ.
*****
މުޅި ސިޓީގެ އަނެއް ފަރާތުގައި، އިންސްޕެކްޓަރ ބަދުރު އިޤްބާލް އިނީ ސަލީމް އެއްކޮށްފައިވާ ފުން ހިމޭން ސަރަހައްދާއި ގުޅޭ މަޢުލޫމާތުތައް ބަލާށެވެ. އެއީ އާބާދީއާ ވަރަށް ދުރުގައި، ހަމަހަމަ ނޫން ބިމަކާއި ބޯ ގަސްތަކުން ވަށައިގެންވާ ސަރަހައްދެކެވެ. ކުރީޒަމާނުގައި އެތަނަށް ދާން ބޭނުންކުރި މަގަކީ އާންމުކޮށް ބޭނުންކުރި މަގަކަށް ވިޔަސް، ފަހުން އެ މަގު އޮތީ ބޭނުން ނުކުރާތީ ވީރާނާވާން ދޫކޮށްލެވިފައެވެ.
ސަލީމް މޭޒުމަތީގައި ފައިލެއް ބޭއްވިއެވެ. “ސަރ، މާޒީގެ ބައެއް ރެކޯޑުތައް އަޅުގަނޑަށް ފެނިއްޖެ.”
ބަދުރު ފައިލް ހުޅުވައިލިއެވެ. “ކޮން ކަހަލަ ރެކޯޑުތަކެއް؟”
“އެ ސަރަހައްދާ ގުޅުންހުރި އެކްސިޑެންޓްތަކާއި ގެއްލިގެން ރިޕޯޓުކޮށްފައިވާ މީހުންގެ މަޢުލޫމާތު.”
“އާދަޔާ ޚިލާފު އެއްވެސް ކަމެއް އެބައޮތްތަ؟”
ސަލީމް ކުޑަކޮށް ޖެހިލުންވިއެވެ. “އެތަނުގައި ސްކޫލް ބަހަކާ ގުޅޭ ވަރަށް ކުރީގެ ހާދިސާއެއް ހިނގާފައި އެބައޮތް.”
ބަދުރު އިސްއުފުލައި ބަލައިލިއެވެ. “ސްކޫލް ބަހެކޭ؟”
“އާދެ ސަރ. ޚަބަރުތައް ބުނާގޮތުން އެ ތަނުގައި ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވޭ. މި އެކްސިޑެންޓް ހިނގާފައިވަނީ މީގެ އެތައް އަހަރެއް ކުރިން.”
“މީހުން މަރުވިތަ؟”
“ރިޕޯޓުގައި ބުނަނީ ގިނަ އަދަދެއްގެ ކުދިން މަރުވި ކަމަށް. ސަލާމަތްވީ އެންމެ މީހެއް.”
ބަދުރު އަނެއް ޞަފުހާ އެއްލިއެވެ. “ސަލާމަތްވީ ކާކު؟”
“މި ފައިލުގައި އެ މަޢުލޫމާތު ފުރިހަމައަކަށް ނެތް. އަސްލު ރެކޯޑުތައް އަލުން ހޯދަން ޖެހިދާނެ.”
ރިޕޯޓާއެކު ހުރި ފޮޓޯއަށް ބަދުރު ރަނގަޅަށް ބަލައިލިއެވެ. އެ މަގު އޭނާއަށް ވަރަށް ފަރިތަ ވައްތަރެއް ޖަހައެވެ. އޭނާ އެ ފޮޓޯ އަނާޔާގެ ބަޔާނުގައިވާ ސަރަހައްދުގެ ފޮޓޯތަކާ އަޅައިކިޔައިލިއެވެ.
“މިއީ ހަމަ އެތަންތަ؟”
“ބެލެވޭ ގޮތުގައި މިއީ ހަމަ އެ ސަރަހައްދު، ސަރ.”
ބަދުރު ގޮނޑީގައި ފަހަތަށް ލެނގިލިއެވެ. އަނާޔާ ކުރިންވެސް އެ ތަނުގެ ވާހަކަ ދައްކާފައިވެއެވެ. އޭނާ އެތަން ސިފަކޮށްދިނީ ހަމައެކަނި އާދައިގެ އެކްސިޑެންޓެއް ހިނގި ތަނެއްގެ ގޮތުގައެއް ނޫނެވެ. އޭނާ އެ ވާހަކަ ދެއްކީ، އޭނާގެ އަމިއްލަ ތަޖުރިބާއަށްވުރެވެސް މާ ފުން، ބިރުވެރި އިޙުސާސަކާ އެކުގައެވެ.
“އަސްލު ރިޕޯޓު ހޯދާ! އެ ހާދިސާގައި ހިމެނޭ އެންމެންގެ ނަންތައް، ޚާއްސަކޮށް ސަލާމަތްވި މީހާގެ މަޢުލޫމާތު އަހަރެން ބޭނުން.” ބަދުރު އަމުރުކުރިއެވެ.
ސަލީމް ބޯޖަހައިލިއެވެ. ބަދުރު އަނެއްކާވެސް ފޮޓޯއަށް ބަލައިލިއެވެ. ޝާހިދާއި ނިހާ މަރުވުމުގެ މާ ކުރިން ހިނގާފައިވާ މި ހިތާމަވެރި ހާދިސާގެ ތެރޭގައި، މި ޤަތުލުތަކުގެ ޖަވާބު ފޮރުވިފައި އޮތުން އެކަށީގެންވެއެވެ.
*****
މި ދަނޑިވަޅުގައި، އަނާޔާ މަސައްކަތްކުރަމުން ދިޔައީ އަމިއްލަ ހަނދާންތައް ދެނެގަތުމަށެވެ. އޭނާ އިނީ ޑްރެސިންގ ޓޭބަލް ކައިރީ، ލޯގަނޑަށް ބަލަހައްޓައިގެންނެވެ. ކޮޓަރީގައި އަލިކަން ހުރި ނަމަވެސް، ލޯގަނޑުން ފެންނަ އޭނާގެ ސޫރަ ހީވަނީ ބީރައްޓެހި އެއްޗެއްހެންނެވެ.
ހުޅުމާލޭގެ އެ ފަޅު ސަރަހައްދު ކައިރީގައި ހޭދަވި އެ ބިރުވެރި ރޭ އޭނާ ހަނދާން އެބަހުއްޓެވެ. އެއްލިގަނެގެން ވެއްޓުނު ހަނދާން ވެއެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑެއް ހުރި، ފަނޑު އަޅިކުލައިގެ ސޫރަވެސް ހަނދާން އެބަހުއްޓެވެ. އެންމެ ސާފުކޮށް ހަނދާންވަނީ އެ ދެލޮލެވެ. އެއީ އާދައިގެ އިންސާނެއްގެ ދެލޮލެއް ނޫނެވެ. އެއީ ސާފު، ދެފުށް ފެންނަ، ކްރިސްޓަލް ފަދަ ވިދުމެއް ހުރި ދެލޮލެވެ. އެ ދެލޮލުގެ އަލިކަމުން ވަށައިގެންވާ އަނދިރިގަނޑު ފޫއަޅުވައިލާ ފަދައެވެ.
އެ މަޚްލޫޤު އޭނާ ސަލާމަތްކުރީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާވެސް އެ ސޫރަ ފެންނަންވީ ކީއްވެގެން ހެއްޔެވެ؟ އަދި އަނާޔާގެ ހަނދާނުގައި ނެތް ކަންކަން އެ އެއްޗަކަށް އެނގެނީ ކީއްވެގެން ހެއްޔެވެ؟
އޭނާ ތެދުވެގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އިސްކުރު ދޫކޮށްލުމަށްފަހު މޫނުގައި ފެންފޮދެއް ލިއެވެ. އިސްއުފުލައި ބަލައިލިއިރު، ލޯގަނޑުގައި ދުންފިނި ބޯވަމުން ދިޔައެވެ.
އޭނާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އެ ބިރުވެރި ވަގުތުކޮޅުގައި، ބިއްލޫރިގަނޑުގައި ރަތްކުލައިގެ އަކުރުތަކެއް ލިޔެވެމުންދާތަން ފެނުނު ކަހަލައެވެ. އޭނާ ފަހަތަށް ޖެހިލިއެވެ. އަކުރުތައް ގެއްލިއްޖެއެވެ. އެތަނުގައި އެއްވެސް އެއްޗެއް ނެތެވެ. ފެންނަން ހުރީ ހަމައެކަނި އޭނާގެ އަމިއްލަ ސޫރައެވެ.
އަނާޔާ ސިންކުގެ އަރިމަތީގައި ބާރަށް ހިފަހައްޓައިލިއެވެ. “އަނެއްކާވެސް ފެށުނީ.” އޭނާ ސިއްރުސިއްރުން ބުނެލިއެވެ.
އޭނާ ދެލޯ މަރައިލުމަށްފަހު ފުން ނޭވާއެއް ލިއެވެ. އެހެންނަމަވެސް އެ މަންޒަރު އޭނާގެ ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އެ ލަފުޒުތަކެވެ. ލެޔެވެ. އަދި އެ ތުހުމަތުތަކެވެ.
*****
އެރޭގެ ވަގުތެއްގައި، ޒިމާން ސިޓިންގރޫމުގައި އެކަނި އިށީނދެގެން އިން އަނާޔާގެ ގާތަށް އައެވެ.
“ހުރިހާ އެންމެން ދޮންތަ ހޯދަނީ.” ޒިމާން ބުންޏެވެ.
“ކީއްކުރަން؟”
“ކާން.”
އަނާޔާ ބޯހޫރައިލިއެވެ. “އަހަރެން ބަނޑުހައެއް ނުވޭ.”
ޒިމާން އޭނާގެ ކުރިމަތީގައި އިށީނެވެ. “ތިހެން އަބަދު އެކަހެރިވެގެންނެއް ނޫޅެވޭނެ.”
“އަހަރެން އެކަހެރިވަނީކީ ނޫން ޒިމާން. އަހަންނަށް ދެން މީހުންނާ ކުރިމަތިލާނެ ގޮތެއް ނޭނގެނީ.”
ޒިމާން އޯގާތެރިކަމާއެކު އޭނާއަށް ބަލައިލިއެވެ. “މީހުން ދައްކާނީ ދެތިން ދުވަހަކު ދައްކާނެ ވާހަކައެއް. ދެން އެމީހުން އެހެން ކަމަކާ އުޅެގަންނާނެ.”
“އެކަން އެހެން ނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”
“ދެންވެސް އެމީހުން ބޭނުން އެއްޗެއް ކިޔަން ދޫކޮށްލާ. ވީގޮތް ދޮންތައަށް އެނގެއެއްނު.”
އަނާޔާ އޭނާއާ ދިމާއަށް ބަލައިލިއެވެ. “ޒިމާން ހަމަ އަސްލުވެސް އަހަރެންގެ ވާހަކަ ޤަބޫލުކުރަންތަ؟”
ޒިމާންގެ މޫނުމަތިން ފެނުނީ މަޑުމައިތިރިކަމެވެ. “އާނ.”
އޭނާގެ ގާތުން އިތުރު އެހެން ސުވާލެއް އަހަން އަނާޔާ ބޭނުންވިއެވެ. ނަމަވެސް އެ ބަސްތައް ކަރުތެރޭގައި ތާށިވިއެވެ. ޗުއްޓީ ހޭދަކުރި ގޭގައި އެއްވެސް އާދަޔާ ޚިލާފު ކަމެއް ފެނުނުތޯ އަހަން ބޭނުންވިއެވެ. ޝާހިދު މަރުވި ރޭ އެއްވެސް އަޑެއް އިވުނުތޯ، ނުވަތަ ކްރިކެޓް މެޗާ ގުޅޭގޮތުން އާދަޔާ ޚިލާފު ކަމެއް ހަނދާން އެބަހުރިތޯ އަހަން ބޭނުންވިއެވެ. އެކަމަކު އެފަދަ ސުވާލުތަކެއް ކޮށްފިނަމަ، ޒިމާން އިތުރަށް ކަންބޮޑުވެދާނެތީ އޭނާ ޖެހިލުންވިއެވެ.
އޭގެ ބަދަލުގައި، އޭނާ ބަލައިލީ އަނދިރިވެފައިވާ ކުޑަދޮރާ ދިމާއަށެވެ. “ޒިމާން، އަހަރެމެންނަށް ނުވިސްނޭ ކަންތައްތަކެއް މި ދުނިޔޭގައި ވާނެކަމަށް ޤަބޫލުކުރަންތަ؟”
ޒިމާން ކުޑަކޮށް ހިނިތުންވެލިއެވެ. “އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް ވާނެކަން ކަށަވަރު.”
“މިސާލަކަށް ކޮން ކަހަލަ ކަންކަމެއް؟”
“މިސާލަކަށް އެކަކު އަނެކަކަށް އަނިޔާވެރިވަނީ ކީއްވެގެން ކަމެއް. މީހަކު އަނެއް މީހެއްގެ ފުރާނަ ދުއްވާލަނީ ކީއްވެގެން ކަމެއް. ކުށެއް ނެތް މީހުންނަށް ދެރަ ލިބެނީ ކީއްވެގެން ކަމެއް.”
އަނާޔާ އިސްދަށަށް ޖެހިއެވެ. “އަހަރެން މި ދައްކަނީ އިންސާނުންގެ ވާހަކައެއް ނޫން.”
ޒިމާން ފުންކޮށް އޭނާގެ މޫނަށް ބަލައިލިއެވެ. “ދެން ކޮން ވާހަކައެއް؟”
އަނާޔާ ބޯހޫރައިލިއެވެ. “އަޅާނުލާ.”
ޒިމާން އިތުރަކަށް ސުވާލެއް ނުކުރެއެވެ.
*****
އެރޭ ދަންވަރުގެ ވަގުތެއްގައި، ބަދުރަށް ސަލީމްގެ ފޯނުކޯލެއް އައެވެ.
“ސަރ، އެކްސިޑެންޓުގެ އަސްލު ފައިލް އަޅުގަނޑަށް ފެނިއްޖެ.”
“އޭގަ ކީކޭ ބުނަނީ؟”
“އެ ސަރަހައްދުން ދަތުރުކުރަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ބަސް ކަނޑަށް އެކްސިޑެންޓްވެ ކަނޑަށް ވެއްޓުނީ. އަދި ހަމަ އެ ދުވަސްވަރު އެ ސްކޫލުގެ ޕްރިންސިޕަލް މަރާލާފައިވާ ވާހަކަވެސް ރިޕޯޓުގައިވޭ.”
ބަދުރު ތެދުވެ ސީދާވެލިއެވެ. “މަރެއް؟”
“އާދެ. އެ ދެ ހާދިސާ އޮތީ ރެކޯޑުތަކުގެ ވަކި ދެ ބަޔެއްގެ ގޮތުގައި. އެކަމަކު ގުޅުމެއް އޮތުން އެކަށީގެންވޭ.”
“އެ ޕްރިންސިޕަލަކީ އެ ސްކޫލުގެ މީހެއްތަ؟”
“އާދެ ސަރ.”
“ދެން ސަލާމަތްވި މީހާޔޯ؟”
“އަޅުގަނޑު އަދިވެސް މި އަންނަނީ އެއީ ކާކުކަން ކަށަވަރުކުރަމުން.”
ބަދުރު ނިތްކުރީގައި އަތްއުނގުޅައިލިއެވެ. “އެކަން ކަށަވަރު ނުވަނީސް ހުއްޓާނުލާތި.”
އޭނާ ފޯނު ބޭއްވުމަށްފަހު ގަޑިއަށް ބަލައިލިއެވެ. ވަގުތު ދަންވެފައި ވީނަމަވެސް، ސިކުނޑީގައި އުފެދެމުންދިޔަ ސުވާލުތަކަކަށް ފުރަގަހެއް ނުދެވުނެވެ. ތަހުޤީޤު ކޮޓަރީގައި އަނާޔާ ދެއްކި ވާހަކަ އޭނާ ހަނދާންވިއެވެ. “ހަޤީޤަތަކީ ސަރގެ ޚިޔާލަށްވެސް ނުގެނެވޭ ފަދަ ކަމަކަށް ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”
ފަހަރެއްގައި އޭނާ އެ ބުނީ މަޖާޒީ މާނައެއްގައި ނޫން ކަމަށް ވެދާނެއެވެ.
*****
ހަމީދުގެ ގޭގައި، އަނާޔާ އެންމެ ފަހުން ނިދަން އަރައިފިއެވެ. އޭނާ ބޮކި ނިއްވައިލުމަށްފަހު ރަޖާ އަޅައިގެން އޮށޯތެވެ. އަދި ކުޑަދޮރުގައި ޖެހެމުންދިޔަ ވާރޭގެ އަޑަށް ސަމާލުވެގެން އޮތެވެ. އިރުކޮޅެއް ވަންދެން އޭނާ ނުނިދި އޮތެވެ. ދެން އޭނާއަށް ކަމެއް ފާހަގަވިއެވެ. ދުރު ފާރު ކައިރިން ފެންނަމުންދިޔަ ފަނޑު ނޫކުލައިގެ އަލިކަމެކެވެ.
އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި ތެދުވެ އިށީނެވެ. އެ އަލިކަން ދިޔައީ ގަދަވަމުންނެވެ. ފެނުގެ ތެރެއިން ފުރޭނިގެން އަންނަ ހަނދުވަރުގެ އަލި ފަދައިން މުޅި ކޮޓަރިއަށް އެ އަލި ފެތުރިގެން ދިޔައެވެ.
ކުޑަދޮރު ކައިރީގައި ހުރީ ދަންނަ ސޫރައެކެވެ. ގަދަ ނޫކުލައިގެ އިސްތަށިގަނޑެވެ. އަޅި، ފަނޑު މޫނެކެވެ. ކްރިސްޓަލް ފަދަ ސާފު، ވިދާ ދެލޮލެވެ.
އަނާޔާއަށް ގުޑިވެސް ނުލެވުނެވެ. “ތީ ކީއްކުރަން އައި އެއްޗެއް؟” އޭނާ ސިއްރުސިއްރުން އަހައިލިއެވެ.
އެ ސޫރަ އޭނާއާ ދިމާއަށް ބަލައިލިއެވެ. “ތި ކުރަނީ ގޯސް ސުވާލެއް.”
“އެހެންވިއްޔާ ރަނގަޅު ސުވާލު ބުނެދީ.”
ހިމޭން ވަގުތުކޮޅެއް ފާއިތުވިއެވެ. “ހަނދާންކުރަން ބިރުގަންނަނީ ކީއްވެގެން؟”
އަނާޔާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. “އަހަރެން ހަނދާންކުރަންވީ ކޮން ކަމެއް؟”
އެ ސޫރަ ކައިރިއަށް ޖެހިލިއެވެ. “ހުރިހާ ކަމެއް ފެށުނީ އެ ފަޅު ސަރަހައްދު ކައިރީގައި ހޭދަވި ރެއަށްވުރެ މާ ކުރިން.”
އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. “އެތަނުގައި ވީ ކީއް؟”
“ތިބާއަށް ފެނުނީ ހަމައެކަނި ފެށުން. ހަޤީޤަތެއް އަދި ނުފެނޭ.”
އަނާޔާ އޭގެ ކައިރިއަށް ފިޔަވަޅެއް އެޅިއެވެ. “އެހެންވިއްޔާ އަހަންނަށް ދައްކަދީ!”
އެ ސޫރައިގެ ދެލޯ އަލިވާން ފެށިއެވެ. ކޮޓަރިތެރެއަށް ތޫނު އައްޔެއް ފެތުރިގެން ދިޔައެވެ. އަނާޔާ އޭނާގެ މޫނު ނިވާކުރުމަށް އަތް އުފުލައިލިއެވެ. އެންމެ ހިނދުކޮޅަކަށް ނަމަވެސް، އޭނާއަށް މަންޒަރެއް ފެނުނެވެ. މަގެކެވެ. ސްކޫލް ބަހެކެވެ. ކުދިންގެ ބިރުވެރި ހަޅޭކުގެ އަޑެވެ. އަދި އަނދިރިގަނޑުގެ ތެރޭ އެނބުރެމުންދިޔަ އުޅަނދެކެވެ.
ދެން ފެނުނީ އެހެން މަންޒަރެކެވެ. މަގުގެ އަރިމަތީގައި ހުރި އަންހެނެކެވެ. އޭނާގެ މޫނު އޮތީ ހިޔަނީގެ ތެރޭގައި ފޮރުވިފައެވެ. އަނާޔާއަށް ސިހިފައި އަޑެއް ލައްވައިލެވުނެވެ. އެ މަންޒަރުތައް ކުއްލިއަކަށް ގެއްލިއްޖެއެވެ. އަތް ތިރިކޮށްލިއިރު، ކޮޓަރި އޮތީ ހުސްކޮށެވެ. ބޭރުން އިވެމުންދިޔައީ ހަމައެކަނި ވާރޭގެ އަޑެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނު، ބަދުރު ހުރީ ކުރީގެ އެކްސިޑެންޓް ފައިލްގެ ކުރިމަތީގައެވެ. އެންމެ ފަހުން އޭނާއަށް ވަނީ ސަލާމަތްވި މީހާއާ ގުޅުންހުރި ނަން ލިބިފައެވެ. އޭނާ އެ ނަން އެއްފަހަރު ކިޔައިލިއެވެ. ދެން އަނެއްކާވެސް ކިޔައިލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. އެ ނަން ގުޅިފައިވަނީ، އޭނާ އެއްގޮތަކަށްވެސް އުއްމީދު ނުކުރާ ފަދަ ގޮތަކަށް އަނާޔާގެ މާޒީއާއެވެ.
އޭނާ އަވަސްއަވަހަށް ފޯނު ނެގިއެވެ.
“ސަލީމް. މިހާރުން މިހާރަށް އަހަރެންގެ ކެބިންއަށް އާދޭ.” އޮފިސަރު ސަލީމް ފޯނު ނެގުމާއެކު އޭނާ ބުންޏެވެ.
“ސަރ، އެއްވެސް މައްސަލައެއް ޖެހުނީތޯ؟”
ބަދުރު އެ ފައިލަށް ބަލައިލިއެވެ. “އަހަންނަށް ހީވަނީ އަނާޔާއާ އެ ސަރަހައްދާ ދެމެދު އޮތް ފުރަތަމަ ހަޤީޤީ ގުޅުން އަހަރެމެންނަށް ފެނިއްޖެހެން.” އޭނާ ކުޑަކޮށް މެދުކަނޑައިލިއެވެ. “އަދި އަހަރެން ޤަބޫލެއް ނުކުރަން މި ޤަތުލުތައް ފެށުނީ ޝާހިދާ ހިސާބުން ކަމަކަށް.”
ބޭރުން، ހެނދުނުގެ ރަން އިރުގެ ދޯދިތައް ސިޓީގެ މައްޗަށް އަރައި ފާޅުވަމުން ދިޔައެވެ. އެހެން ނަމަވެސް އަނާޔާއަށް، އެ އަނދިރިކަން އަދި ކިރިޔާ ފިލަން ފެށީއެވެ.
(ނުނިމޭ)
