ކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ފޫއަޅުވާލާފައި އެތެރެއަށް ވަން ހެނދުނުގެ އަވިން އަމާންގެ އަގުބޮޑު ފަރުނީޗަރުތަކާއި ފާރުގައި ރީތިކޮށް ހަރުކޮށްފައި ހުރި ފޮޓޯތައް ދިއްލައިލިއެވެ. އަމާން އޮތީ އަދިވެސް ގަދަ ނިދީގައެވެ. ކޮފީ ތަށްޓަކާއި ފައިލެއް ހިފައިގެން ކޮޓަރިއަށް ވަނީ ރާހިލްއެވެ.
“ސަރ، ތެދުވަން ވެއްޖެ.”
އަމާން ކަންނެތްކަމާއެކު ރަޖާގަނޑު މޫނުމައްޗަށް ދަމައިލިއެވެ. “ކިހިނެއްވީ؟ ދުނިޔެ ނިމުނީތަ؟”
“އަދި ނުނިމޭ، ސަރ. އެކަމަކު އަޅުގަނޑަށް އެ އަންހެންކުއްޖާ ހޯދިއްޖެ.”
އެ ޖުމްލައާއެކު އަމާން ވަގުތުން ތެދުވެ އެނދުގައި އިށީނެވެ. “ކީކޭ؟”
ރާހިލް އޭނާގެ އަތުގައި އޮތް ފައިލް އަމާންގެ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބޭއްވިއެވެ. “ރޭގަނޑުގެ ކައިވެނި ޕާޓީން ފެނުނު ކުއްޖާ. އޭނާގެ ނަމަކީ ޒައިނާ.”
އަމާން އަވަސްއަވަހަށް ފައިލް ނެގިއެވެ. “ޒައިނާ..” އޭނާ މަޑުމަޑުން އެ ނަން ކިޔައިލިއެވެ.
“އޭނާ ދިރިއުޅެނީ ފުވައްމުލަކުގައި، އޭނާގެ ދޮންމަންމައާއި ކޮއްކޮ ޝައިނާއާއެކު. ބައްޕަ ނިޔާވިތާ އަހަރުތަކެއް ވެއްޖެ. އާއިލާއަކީ މާ ތަނަވަސް ބައެއް ނޫން.” ރާހިލް ކިޔައިދިނެވެ.
ފައިލްގެ ތެރެއިން ރާހިލް ހޯދާފައިވާ ފޮޓޯގަނޑަށް އަމާން ފުންކޮށް ބަލައިލިއެވެ. އެއީ ޕާޓީގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. މާތަކެއްގެ ކައިރީގައި ހުރެ، ކެމެރާއިން ބޭރުގައި ހުރި މީހަކަށް ބަލައި ޒައިނާ ހިނިތުންވެލައިގެން ހުއްޓެވެ.
“މި ފޮޓޯއިން އޭނާ ފެންނަނީ ވަރަށް މައުސޫމުކޮށް.” އަމާން ބުންޏެވެ.
“ފަހަރުގައި އޭނާއަކީ ހަމަ މައުސޫމު ކުއްޖަކަށް ވެދާނެ، ސަރ.”
އަމާން ލޯ އަޅައިލަމުން ރާހިލްއަށް ބަލައިލިއެވެ. “އޭނާގެ ދިފާއުގައި ވާހަކަ ނުދައްކާ. އޭނާ ލަދުގަންނަވާލީ ކަލެއެއް ނޫން.”
ރާހިލް ލުއި ހިނިތުންވުމަކާއެކު ބުންޏެވެ. “އެނގޭ، ސަރ.”
އިތުރަށް އެއްޗެއް ބުނަން އުޅެނިކޮށް އަމާންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ އޭނާގެ ކާފަ، އިބްރާހީމެވެ.
“އަމާން، ވަގުތުން ގެއަށް އާދޭ!” ފޯނު ނެގުމާއެކު ކާފަގެ ހަރުކަށި އަޑު އިވުނެވެ.
“ގުޑް މޯނިންގ، ކާފާ.”
“އަހަންނަކީ ސަމާސާކުރާ މީހެއް ނޫން. މި ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން.”
އަމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. “އެންމެ ރަނގަޅު، މި ދަނީ.”
*****
މާލޭގައި ހުންނަ އިބްރާހީމްގެ ބޮޑު ގޭގެ މާހައުލަކީ އޭނާގެ މުއްސަނދިކަމާ ބަލާއިރު ވަރަށް އާދައިގެ، ހަމަހިމޭން ތަނެކެވެ. ގޭގެ އެކި ދިމާލުން ފެންނަން ހުރީ ނިޔާވެފައިވާ އަމާންގެ ބައްޕައާއި، އަނބިމީހާގެ ހަނދާނީ ފޮޓޯތަކެވެ. އަމާން ސިޓިންގރޫމަށް ވަދެގެން ދިޔައިރު، އިބްރާހީމް އިނީ ލަކުޑި އަލަމާރިއެއް ކައިރީގައެވެ.
“ވަރަށް ވަގުތު ނަގައިފީމެއްނު އަންނަން.” އިބްރާހީމް ބުންޏެވެ.
“އަޅުގަނޑު އޮތީ ނިދާފައި.”
“ތި އުމުރުގެ ކުދިން މެންދުރު ވަންދެން ނިދުމުގެ ބަދަލުގައި، މުސްތަޤުބަލާމެދު ވިސްނަން ޖެހޭނެ.”
އަމާން ހިނިތުންވެލިއެވެ. “އަނެއްކާވެސް ފެށުނީތަ؟”
އެވާހަކައަށް ސަމާލުކަން ނުދީ އިބްރާހީމް އަލަމާރީގެ ވަތްގަނޑެއް ހުޅުވައިލިއެވެ.
“މިއީ ކަލޭގެ ބައްޕަގެ ތަކެތީގެ ތެރެއިން ފެނުނު އެއްޗެއް. މީގެ ކުރިންވެސް މި ދައްކަން އުޅުނިން. އެކަމަކު މަޑުކުރީ ކަލެއަށް މިކަން ވިސްނޭވަރަށް ބޮޑުވަންދެން.”
އޭނާ ދިއްކޮށްލީ ބާވެފައިވާ ސިޓީއުރައެކެވެ. އޭގައިވާ އަތުލިޔުން ފެނުމުން އެއީ ބައްޕަގެ ލިޔުންކަން އަމާންއަށް ވަގުތުން އެނގުނެވެ. އަމާންގެ މޫނުމަތީގެ ހަރުކަށިކަން ކެނޑި، މަޑުމައިތިރިކަން ވެރިވިއެވެ. “މި ކޮންތާކުން ފެނުނީ؟”
“ބައްޕަގެ ލިޔެކިޔުންތަކުގެ ތެރެއިން.”
އަމާން މަޑުމަޑުން ސިޓީއުރަ ހުޅުވައި، ކިޔަން ފެށިއެވެ. ސިޓީގައި ބަޔާންކޮށްފައިވަނީ އަމާންގެ ބައްޕަ އޭނާގެ ގާތްތިމާގެ މީހަކަށް ވެފައިވާ ވަޢުދެއްގެ ވާހަކައެވެ. އެއީ ދެ އާއިލާގެ މެދުގައި އޮތް ގުޅުން ކައިވެނީގެ ޒަރީއާއިން ބަދަހިކުރުމެވެ. އަމާން ބޮޑުވުމުން، އެމީހާގެ އަންހެން ދަރިފުޅާ ކައިވެނި ކުރުވުމަކީ ބައްޕަގެ ވަރަށް ބޮޑު އުންމީދެކެވެ.
އެ އަންހެންކުއްޖާގެ އާއިލާ ދިރިއުޅެނީ ފުވައްމުލަކުގައެވެ.
އަމާން އިސްއުފުލައި ކާފައަށް ބަލައިލިއެވެ. “ކާފާ، ހަމަ އަސްލުވެސްތަ؟”
“އެއީ ކަލޭގެ ބައްޕަ ވީ ވަޢުދެއް.”
“އެކަމަކު އަޅުގަނޑު ދުވަހަކުވެސް ނުދެކޭ ކުއްޖެއް އެއީ.”
“އެހެންވެގެންނޭ މި ބުނަނީ އެ ރަށަށް ދާން.”
“ނުދަންނަ މީހަކާ އިންނަން ދާށޭތަ ތި ބުނަނީ؟”
“އޭނާއާ ބައްދަލުކޮށްލަން. ކައިވެނި ކުރާކަށް މަޖުބޫރެއް ނުކުރަން.”
އަމާން ފަހަތަށް ޖެހިލިއެވެ. “ވަރަށް ރަނގަޅު. ސަބަބަކީ އަޅުގަނޑުގެ އެއްވެސް ވިސްނުމެއް ނެތް ކައިވެނި ކުރާކަށް.”
އިބްރާހީމް ފުން ނަޒަރަކުން ކާފަދަރިފުޅަށް ބަލައިލިއެވެ. “ކަލެއަށް ހުރިހާ އެއްޗެއް ލިބިފައި އެބަހުރި. މުއްސަނދިކަން، ފުރުސަތުތައް، ކާމިޔާބު ވިޔަފާރި. އެކަމަކު ފައިސާއަށް ނުގަނެވޭ އަގުހުރި އެއްޗެހީގެ އަގު ވަޒަންކުރާކަށް އަދިވެސް ނޭނގޭ.”
“ކާފާ، ޕްލީޒް..” އަމާން މޫނު އަނބުރައިލިއެވެ.
“އަހަރެންގެ އެދުމަކީ ވަގުތުން ކައިވެނި ކުރުމެއް ނޫން. ބައްޕަގެ ހަނދާނަށްޓަކައި އެ އާއިލާއާ ބައްދަލުކޮށްލުން.”
އަމާން އެއްޗެއް ނުބުނެ އިރުކޮޅަކު އިނެވެ. ކުއްލިއަކަށް އޭނާގެ ހިތަށް އެރިއެވެ. “ފުވައްމުލައް.. ޒައިނާ!”
ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ރާހިލްއަށް އަމާން ބަލައިލިއެވެ. “ކާފާ، ކޮން އިރަކުން ފުރަންވީ؟”
އިބްރާހީމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ވީހާވެސް އަވަހަކަށް، މާދަމާ ވިޔަސް.”
“އެންމެ ރަނގަޅު.”
އިބްރާހީމް ހައިރާންވިއެވެ. “ހާދަ ފަސޭހައިން އެއްބަސްވީ.”
އަމާން ހިނިތުންވެލިއެވެ. “އަޅުގަނޑުގެވެސް ސަބަބުތަކެއް އެބަހުއްޓޭ.”
*****
އެދުވަހުގެ މެންދުރުފަހު، އަމާންގެ އެޕާޓްމަންޓުގައި ދަތުރުގެ ކަންކަން ރޭވެމުން ދިޔައެވެ.
“ސަރ، ޓިކެޓް ހަމަޖެހިއްޖެ.” ރާހިލް ބުންޏެވެ.
“ގެސްޓްހައުސްއަކުން ކޮޓަރިއެއް ހިފަންވީތަ؟”
“ނޫން. އަހަރެމެން ތިބޭނީ އެމީހުންގެ ގޭގައި.”
ރާހިލް ކަންބޮޑުވެފައި ބަލައިލިއެވެ. “ދެމީހުން އެކީގަ؟ ދެން އެކޮޅަށް ގޮސް ކުރާނީ ކީއް؟”
އަމާން ކުރިއަށް ޖެހިލިއެވެ. “އަހަރެމެން ކުޑަ މަޖަލެއް ކޮށްލާނީ.”
އަމާންގެ މޫނުމަތިން ފެނުނު ކުލަވަރުން ރާހިލްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. “ސަރ، ތި ވިސްނުން އަހަންނަކަށް ކަމަކު ނުދޭ.”
އަމާން ޒައިނާގެ ފޮޓޯއަށް އަނެއްކާވެސް ބަލައިލިއެވެ. “އަހަރެން ބޭނުންވަނީ އޭނާއާ ރަނގަޅަށް ބައްދަލުކުރަން.”
“ދެން ތެދަށް ނަން ބުނެފައި ތަޢާރަފު ނުވަނީ ކީއްވެ؟”
“ސަބަބަކީ އަހަންނަކީ ކާކުކަން އޭނާއަށް މިހާރުވެސް އެނގޭނެތީ.” އަމާން ރޭވުން ހާމަކުރިއެވެ.
“އަހަރެމެން ދެމީހުންގެ ވަނަވަރު ބަދަލުކޮށްލާނީ. އަހަރެން ވާނީ ރާހިލްއަށް. ރާހިލް ވާނީ އަމާންއަށް.”
“ހަމަ ހިލާ ތިކަމެއް ނުވާނެ!” ރާހިލް ދެކޮޅުހެދިއެވެ.
“ވިސްނާލަބަލަ، އެކަކުވެސް ޝައްކެއް ނުކުރާނެ.”
“ސަރ، އެއްވެސް މީހަކަށް ހަޤީޤަތް އެނގިއްޖެއްޔާ ދެން ހަދާނީ ކިހިނެއް؟”
އަމާން ހީނގަތެވެ. “އެ ހިސާބުން އެކަމާ ވިސްނާނީ.”
ރާހިލް ނިތްކުރީގައި އަތްއަޅައިލިއެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ، މި ދަތުރު އަމާން ހީކުރާ ވަރަށްވުރެ މާ ބޮޑަށްވެސް އޮޅުންބޮޅުންވެ، ގޯސްވާނެ ކަމަށެވެ.
*****
ޖެހިގެން އައި ދުވަހުގެ ހެނދުނު، ދެމީހުންނަށް ފުވައްމުލަކަށް ފޭބުނެވެ. ސާފު ނޫ އުޑުގެ ދަށުގައި އެ ރަށް ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. މަގުތަކުގެ ދެފަރާތުގައި މަޑުމަޑުން ހެއްލެމުންދިޔަ ރުއްތަކާއި، ކުލަގަދަ ފާރުތަކުގެ ފުރަގަހުގައި ހުރި ރީތި ގެތަކެވެ. ވައިގެ ތެރޭގައި ކަނޑުގެ ތާޒާ ވަސް އެކުލެވިފައިވާއިރު، ބަނދަރުމަތީގައި މަސްވެރިން ދޯނިފަހަރުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ.
އެއާޕޯޓުން ބޭރަށް ނިކުމެ، އަމާން ފުން ނޭވާއެއް އެތެރެއަށް ދަމައިލިއެވެ. “މިތަން ހާދަ ރީއްޗޭ.”
ރާހިލް ބޯޖަހައިލިއެވެ. “މާލެއަށްވުރެ މާ ހަމަހިމޭން.”
އަމާން މަގުމައްޗަށް ބަލައިލަމުން ބުންޏެވެ. “ދެން ހަނދާންކުރާތި އަހަރެމެންގެ އެއްބަސްވުން.”
ރާހިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. “ލައްބަ، ސަރ.”
“މި ވަގުތުން ފެށިގެން، ތީ އަމާން. އަހަންނަކީ ރާހިލް.”
“ހަމަ ޔަޤީން.”
ކަންކަން ފުރިހަމައަށް ދެއްކުމުގެ ގޮތުން، އެމީހުންގެ އައިޑީ ކާޑުތަކާއި ޒާތީ ބައެއް ތަކެތި ދެމީހުންގެ މެދުގައި ބަދަލުކޮށްލިއެވެ. ރާހިލް ގަމީސް ރަނގަޅުކޮށްލަމުން ބުންޏެވެ. “އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ މިކަހަލަ ކަމެއް ކުރަން އުޅޭކަމެއް.”
އަމާން ހޭން ފެށިއެވެ. “ހަމަޖެހިބަލަ! ކަލެއަކަށް ކަމެއް ނުވާނެ.”
*****
އެވަގުތު، ޒައިނާ ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދިއުމަށެވެ. އޭނާ އުޅެނީ ސްކޫލްގެ ލައިބްރަރީގައި ޕާޓް-ޓައިމް މަސައްކަތެއްގައެވެ. އަދި ބައެއް ފަހަރު މިއުޒިކް ކްލާސްތަކަށްވެސް އެހީތެރިވެދެއެވެ. އާއިލާގެ މާލީ ތަނަވަސްކަން ކުޑަ ނަމަވެސް، ތަޢުލީމަށާއި މިއުޒިކަށް އޭނާގެ ހިތުގައި އަބަދުވެސް ވަރަށް ބޮޑު ލޯތްބެއް އޮވެއެވެ.
އޭނާގެ ދޮންމަންމަ މަރިޔަމް، ސްކޫލުގެ ޕްރިންސިޕަލްގެ ހައިސިއްޔަތުން ކުރަންޖެހޭ އިދާރީ މަސައްކަތްތަކަކަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ.
“ޒައިނާ، ޝައިނާގެ ނާސްތާ ތައްޔާރުކޮށްފިންތަ؟” މަރިޔަމް އަހައިލިއެވެ.
“ލައްބަ މަންމާ، މޭޒުމަތީގައި ހުންނާނެ.”
އެ ވަގުތު އަގުބޮޑު ފެޝަން ހެދުމެއްގައި ޝައިނާ ބަދިގެއަށް ވަނެވެ. “މަންމާ، އަޅުގަނޑަށް ރުފިޔާކޮޅެއް ބޭނުން.”
“ކީއްކުރަން؟”
“އާ ހޭންޑްބޭގެއް ގަންނަން.”
މަރިޔަމް ވޮލެޓް ހުޅުވައިލުމަށްފަހު ފައިސާ ދިނެވެ. “އަން.”
ޒައިނާ އެ މަންޒަރު ބަލަން ހުރީ ހިމޭނުންނެވެ. އޭނާގެ ބާވެފައިވާ ބޫޓު ބަދަލުކުރުމަށްޓަކައި އަމިއްލައަށް ފައިސާ އެއްކުރަމުން ދިޔަ ނަމަވެސް، އޭނާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ.
“ޒައިނާ، ނުކުތުމުގެ ކުރިން ބަދިގެ ސާފުކޮށް ނިންމާތި.” މަރިޔަމް ގޮވައިލިއެވެ.
ޒައިނާ ބޯޖަހައިލިއެވެ. “އެންމެ ރަނގަޅު.”
ޝައިނާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ. “ހަނދާން ނައްތާނުލާތި، މިގޭގައި އުޅެނީ ހަމައެކަނި ތި ކުއްޖާއެއް ނޫން.”
ޒައިނާ އޭނާގެ ކޮއްކޮއަށް ބަލައިލިއެވެ. “އަހަންނަށް އެނގޭ.”
އެއަށްފަހު ދަބަސް ކޮނޑުގައި އަޅުވައިގެން ގެއިން ނިކުތެވެ.
*****
ރާހިލް އެ އާއިލާގެ ގެއަށް ދިޔައިރު، އަމާން ނިންމީ ރަށުތެރެ ބަލައިލުމަށް ހިނގައިލުމަށެވެ. މަގުމަތިން ހިނގަމުން ދަނިކޮށް، ގަސްތަކުން ވަށައިލެވިފައިވާ ސްކޫލެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ކުދިން ގޯތިތެރޭގައި ކުޅެމުން ދިޔައިރު، ހުޅުވިފައިވާ ކުޑަދޮރަކުން ޕިއާނޯގެ މަޑުމައިތިރި ރީތި މިއުޒިކް އަޑު އިވެމުން ދިޔައެވެ.
އޭނާ ހުއްޓުނެވެ. އެ މިއުޒިކްގެ ރާގު ވަރަށް ފުރިހަމައެވެ. ޝައުޤުވެރިކަމާއެކު އަޑު އަންނަ ދިމާލަށް ހިނގައިގަނެ، މިއުޒިކް ކޮޓަރީގެ ކުޑަދޮރުން އެތެރެ ބަލައިލިއެވެ.
ޕިއާނޯ ކައިރީގައި އިނީ ޒައިނާއެވެ. އޭނާގެ އިނގިލިތައް ޕިއާނޯގެ ކީތަކުގައި ނަށަމުން ދިޔައިރު، ލޯ މަރައިލައިގެން އިނދެ މުޅި މީހާ ވަނީ އެ މިއުޒިކުގެ ތެރެއަށް ގެނބިފައެވެ.
އަމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “ދެން ފިލައިގެން މިތާ ދޯ ތިއިނީ..”
އޭނާ މަޑުމަޑުން އެތެރެއަށް ވަނެވެ. މިއުޒިކް ނިމުމުން ޒައިނާ ލޯ ހުޅުވައިލިއެވެ. އަދި ދޮރުމަތީގައި ހުރި އަމާން ފެނުމާއެކު، އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ގެއްލުނެވެ.
“ކަލޭ!” ޒައިނާ ސިހުނެވެ.
އަމާން އަތް ހިއްލައިލިއެވެ. “ގުޑް މޯނިންގ.”
“މިތާ ކީއްކުރަނީ؟”
“އަހަންނަށް މިއުޒިކްގެ އަޑު އިވުނީ.”
“ހުއްދައެއް ނެތި ސްކޫލަކަށް ނުވަދެވޭނެ.”
“އަހަރެން ހަމައެކަނި އަޑުއަހާލީއޭ.”
ޒައިނާ ކޮޅަށް ތެދުވިއެވެ. “މިތަނުން ނިކުމޭ!”
އަމާން ހިނިތުންވެލިއެވެ. “މެހުމާނުންނަށް މަރުހަބާ ކިޔަނީ ތިހެންތަ؟”
“އަހަރެން ދަޢުވަތު ދިން ހަނދާނެއް ނެތް.” ޒައިނާ އަވަސްއަވަހަށް ދޮރާ ދިމާލަށް ހިނގައިގަތެވެ. “ގާޑް! ގާޑް!”
އެ ވަގުތު ހުސައިން ކިޔާ ސެކިއުރިޓީ އޮފިސަރެއް ދުވެފައި އައެވެ. “ކިހިނެއްވީ، މިސް ޒައިނާ؟”
“މި މީހާ ބޭރަށް ނެރެދީ!”
އަމާން ހައިރާންވެފައި ބުންޏެވެ. “މަޑުކޮށްބަލަ. އަހަރެން އެއްވެސް ގޯހެއް ނުހަދަން.”
ހުސައިން ކުރިއަށް ޖެހިލިއެވެ. “ސަރ، އަޅުގަނޑާއެކު ހިންގަވާ.”
ހަމަ އެވަގުތު، ކޮރިޑޯއިން މަރިޔަމް އަންނަތަން ފެނުނެވެ. “މިތާ ކޮން އަޑުގަދައެއް ތި ކުރަނީ؟”
ޒައިނާ އިނގިލި ދިއްކުރިއެވެ. “މި މީހާ ހުއްދަނެތި މިއުޒިކް ކޮޓަރިއަށް ވަނީ.”
މަރިޔަމް ހަރުކަށިކަމާއެކު ބަލައިލިއެވެ. “ތީ ކާކު؟”
އަމާން ކުޑަކޮށް ޖެހިލުންވިއެވެ. “އަހަންނަކީ.. ރާހިލް.”
“ރާހިލްއޭ؟”
“އާދެ. އަޅުގަނޑު ހަމައެކަނި ޕިއާނޯގެ އަޑު އަހާލަން މަޑުކޮށްލީ.”
މަރިޔަމްގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. “މިއީ ސްކޫލެއް. އާންމު މުނިފޫހިފިލުވާ ތަނެއް ނޫން. ހުއްދައެއް ނެތި ވަދެގެން ނުވާނެ. މިހާރުން މިހާރަށް ނިކުމޭ.”
“އަޅުގަނޑަށް ވިސްނިއްޖެ.”
އަމާން ޒައިނާއަށް ބަލައިލިއެވެ. ޒައިނާ ހުރީ ދެއަތް އުރާލައިގެން، ކާމިޔާބުވީކަމުގެ އިޙުސާސާއެކު ބަލާށެވެ. އަމާން ލުއި ހިނިތުންވުމެއް ދިނެވެ. “މިކަން އަދި މިހިސާބުން ނުނިމޭ.”
ޒައިނާ އެއްބުމަ އަރުވައިލިއެވެ. “ދާން އުޅޭ، މިސްޓަރ ރާހިލް.”
އަމާން، ހުސައިންއާއެކު ބޭރަށް ނިކުމެގެން ދިޔައެވެ.
މަރިޔަމް ޒައިނާއާ ދިމާލަށް އެނބުރުނެވެ. “އޭނާ ދަންނަންތަ؟”
“ނޫން، މަންމާ.”
“ދެން ކީއްވެ އޭނާ މިތަނަށް އައީ؟”
“ނޭނގެ. ކުއްލިއަކަށް ފެނުނީ.”
މަރިޔަމް ބޯހޫރައިލިއެވެ. “ސަމާލުވެގެން އުޅޭތި. މަސައްކަތަށް ހުރަސްއަޅަން ނުދަންނަ މީހުންނަށް ފުރުސަތު ނުދީ.”
ޒައިނާ ބޯޖަހައިލި ނަމަވެސް، އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެ މީހާގެ ހިނިތުންވުމުގައި ކޮންމެވެސް ގޮތަކުން ފެނިދެނިވެފައިވާކަމުގެ އިޙުސާސެއް އެކުލެވިފައިވިއެވެ.
*****
އެދުވަހުގެ މެންދުރުފަހުގެ ވަގުތެވެ. ރާހިލް ގޮސް ހުއްޓުނީ މަރިޔަމްމެން ދިރިއުޅޭ ގޭގެ ދޮރުމައްޗަށެވެ. މަރިޔަމް އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. އެއީ އާއިލާއިން އިންތިޒާރުކުރަމުން ދިޔަ، މާލޭގެ މުއްސަނދި ޒުވާނާ އަމާން ކަމަށް ނުހަނު އިތުބާރާއެކު ޤަބޫލުކޮށްގެންނެވެ.
“މަރުހަބާ! އެތެރެއަށް ވަޑައިގަންނަވާ. އަޅުގަނޑުމެން މި ތިބީ ތިޔަ ބައްދަލުވުމަށް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން.” މަރިޔަމް ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.
ރާހިލް ކުޑަކޮށް ޖެހިލުންވެފައި ހުރެ ހިނިތުންވެލިއެވެ. “ޝުކުރިއްޔާ، މެޑަމް.”
އެވަގުތު، ނަލަހެދިގެން ހުރި ޝައިނާ ސިޓިންގރޫމަށް ވަދެގެން އައެވެ. މަރިޔަމް ވަގުތުން ދެމީހުން ތަޢާރަފުކޮށްދިނެވެ. “މިއީ އަޅުގަނޑުގެ ދަރިފުޅު، ޝައިނާ.”
ރާހިލް އިޙުތިރާމާއެކު ތެދުވެލިއެވެ. “ބައްދަލުވީތީ ވަރަށް އުފާވެއްޖެ.”
ޝައިނާ ފަރި ހިނިތުންވުމެއް ދިނެވެ. “އަޅުގަނޑުވެސް.”
އަމާން ކައިވެނިކުރަން ކަނޑައެޅިފައިވާކަމަށް ބުނާ އަންހެންކުއްޖަކީ މިއީކަން ރާހިލްއަށް ވަގުތުން ޔަޤީންވިއެވެ. އޭނާ ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ. ޝައިނާ އިށީނދެލި ނަމަވެސް، އޭނާގެ މޫނުމަތީގެ ކުލަވަރުން ދޭހަވަނީ އޭނާގެ ސަމާލުކަން އެހެން ކޮންމެވެސް ކަމަކަށް ހުއްޓިފައިވާކަމެވެ.
މަރިޔަމް އެ ދެ އާއިލާގެ މެދުގައި އޮތް ގާތް ގުޅުމުގެ ވާހަކައާއި، އޭނާގެ ނިޔާވެފައިވާ ފިރިމީހާ ވެފައިވާ ވަޢުދުގެ ވާހަކަ ދައްކަން ފެށިއެވެ. ރާހިލް އެ ހުރިހާ ވާހަކައެއް ވަރަށް ކަނުލައި އަޑުއަހަމުން ދިޔައެވެ. އަދި އަމިއްލަ ސިއްރު ފަޅާއަރައިފާނެތީ، ވީހާވެސް މަދުން ވާހަކަދައްކައި، ކުރު ޖަވާބުތަކަކުން ފުއްދައިލިއެވެ.
*****
އެވަގުތު، އަމާން އިނީ ބަނދަރު ކައިރީގައި ހުރި ކުޑަ ސައިހޮޓަލެއްގައެވެ. ކަޅުސައި ތަށްޓެއް ބޯލަބޯލައި އޭނާ އިނީ ދުރުން ފެންނަން އޮތް ބޮޑު ކަނޑަށް ނަޒަރު ހުއްޓައިލައިގެންނެވެ.
އޭނާ އެ ރަށަށް އައީ އާއިލީ މަޖުބޫރުކަމެއްގެ ތެރެއިން އުފެދިފައިވާ ޒިންމާއެއް އަދާކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، އޭގެ ބަދަލުގައި މިހާރު އޭނާގެ ހިތް މިވަނީ ކުރީ ރޭގެ ހަފުލާއިން ފެށިގެން އޭނާގެ ސިކުނޑިން ފިލައިގެން ނުދިޔަ ހިނިތުންވުމަކާއި އަޑެއްގެ ވެރިޔަކާ ދިމާލަށް ދޫވެފައެވެ.
އަމާން އަމިއްލަ ނަފުސަށް ހިނިތުންވެލިއެވެ. “ޒައިނާ.. އަހަންނަށް ފިލައިގެން ތިހެން އުޅެވޭނީ ކިހާ ދުވަހަކު؟”
އެހެންނަމަވެސް، އޭނާ ހޯދަން އެ އުޅޭ އަންހެންކުއްޖާއަކީ، އޭނާ ބައްދަލުކުރަން އައި އާއިލާގެ ފުރާޅުދަށުގައި ދިރިއުޅެމުންދާ ކުއްޖެއްކަމެއް އަމާންގެ ހިތަކަށް އެއްވެސް ވަރަކަށް ނާރައެވެ. އަދި މި ބަދަލުކުރެވުނު ދެ ވަނަވަރުގެ ހަޤީޤަތް އެއްދުވަހަކުން ފަޅާއަރައިގެން ދާއިރު، އޭގެ ނަތީޖާ އެ ދެމީހުންކުރެ އެކަކުވެސް ހީނުކުރާހާ ބޮޑު ތޫފާނަކަށް ވެގެންދާނެކަމެއް އޭނާއަކަށް ނޭނގެއެވެ.
(ނުނިމޭ)
