ހިމޭންކަމުގެ އަގު
“މިސް ޝްރެޔާއަށް މިވަނީ ނާރވަސް ބްރޭކްޑައުންއެއް ކުރިމަތިވެފައި.”
ޑޮކްޓަރު ވާހަކަދެއްކީ ވަރަށް ބަލައިގެންނެވެ. އޭނާގެ ކުރިމަތީގައި އިން މީހަކީ ކަންކަން އޮޅުންފިލުވައިދިނުމަށް އެހާ ކެތްތެރިކަން ހުރި މީހެއް ނޫންކަން ދަނެގެން ހުރެއެވެ.
ޖާބިރު ރަޙްމާން އިނީ ހަމަހިމޭންކަމާއެކު ލެދަރު ގޮނޑީގައެވެ. އޭނާގެ އިނގިލިތައް ހުރީ ގޮނޑީގެ އަތްގަނޑުގައި ޖައްސާލައިގެންނެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. ނަމަވެސް، އޭނާގެ ނަޒަރު ހުރީ ޑޮކްޓަރަށް ހުއްޓިފައެވެ.
“އޭނާގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ނަފްސާނީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލުމާއި، ހިތުގައި ފޮރުވާފައި ހުރި ރުޅިވެރިކަމާއި، ނަފުރަތާއި، ކުށްވެރިކަމުގެ އިޙުސާސާއި، މެދުނުކެނޑި ހާސްވުން ހިމެނޭ. މީގެ އިތުރުން ނަފްސާނީ ގޮތުން ނުތަނަވަސްވުމުގެ ނިޝާންތައް ވެސް އެބަހުރި. މިކަންކަން ކުރިމަތިވީ އޭނާ ވަރަށް ކުރީއްސުރެ ހިތުގައި ފޮރުވައިގެން އުޅުނު ކަމެއްގެ ސަބަބުން ކަމަށް ބެލެވޭ.”
“އޭގެ މާނައަކީ ކޮބާ؟” ޖާބިރު އެހިއެވެ.
“އޭގެ މާނައަކީ ކުރިން އޭނާގެ އިޙުސާސްތައް ކޮންޓްރޯލްކުރި ގޮތަށް މިހާރު ކޮންޓްރޯލެއް ނުކުރެވޭ. އޭނާ ހުރީ މާ ގިނަ ކަންތައްތަކެއް ހިތުތެރޭގައި ފޮރުވައިގެން. މިފަހުން ދިމާވި ކަމަކުން އޭނާގެ ކެތްތެރިކަން ކޮޅުންލީ.”
ޑޮކްޓަރު މަޑުޖެހިލުމަށްފަހު ކުރިއަށް ގެންދިޔައެވެ.
“އަޅުގަނޑުމެން މިހާރު ވާނީ އޭނާ ކުރިން ބޭނުންކުރި ނަފްސާނީ ބޭސްތަކުގެ ޑޯޒް އިތުރުކޮށްފައި. ކުރިއަށް އޮތް ހަފުތާތަކުގައި މަޑުމަޑުން އޭނާގެ ހާލަތު ރަނގަޅުވާނެކަމަށް އުންމީދު ކުރަން. ނަމަވެސް، ހަމައެކަނި ބޭހުން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެކަން އަޅުގަނޑު ފާހަގަކުރަން.”
ޖާބިރުގެ މޫނުމަތި ހަރުކަށިވިއެވެ. “ކުރިއަށް ގެންދޭ.”
“މިވަގުތަށް އޭނާއަށް ބޭނުންވަނީ ސައުވީސް ގަޑިއިރުގެ އަޅާލުމާއި ބެލެހެއްޓުން. އޭނާ މާ ބޮޑަށް ބިރުގަންނަ ނުވަތަ ހާސްވާ ވަގުތުތަކުގައި، އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް ވެސް ގެއްލުމެއް ދީފާނެތީ އަޅުގަނޑުމެން ކަންބޮޑުވޭ. ހާލަތު ރަނގަޅުވަންދެން އޭނާ އެކަނި ދޫކޮށްލައިގެން ނުވާނެ.”
އެތައް ސިކުންތެއް ވަންދެން އެ ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ.
އެ ބޮޑު ބިއްލޫރި ކުޑަދޮރުން ބޭރަށް ބަލާއިރު، ކޮލަމްބޯގެ ރޭގަނޑުގެ މަންޒަރު ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. މުޅި ސިޓީގެ ދިރިއުޅުން އޭގެ އާންމު ހަލުވި މިނުގައި ކުރިއަށް ދާއިރު، އެންމެ އަގުބޮޑު އެއް ގޭގެ ތެރޭގައި އަންހެނަކު ކުރަމުންދާ ހަނގުރާމައެއް ބޭރުގެ އެއްވެސް މީހަކަށް ނޭނގެއެވެ.
އެންމެ ފަހުން ޖާބިރު ކުރިއަށް ޖެހިލިއެވެ.
“އޭނާ ބަލަހައްޓަން އަހަރެން ތިޔަ މީހުންނަށް ވަރަށް ބޮޑު ހޭދައެއް ކުރަން.”
ޖާބިރުގެ އަޑު މަޑު ނަމަވެސް، އެ އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ.
“މިކަންކަން ކޮންޓްރޯލްކުރޭ. މިކަމުގެ ސަބަބުން މީހުންގެ ސަމާލުކަން މިކަމަށް ހުއްޓޭކަށް އަދި ދެކެވޭ ވާހަކަތަކެއް އިތުރުވާކަށް އަހަރެން ބޭނުމެއް ނޫން. އޭނާއަށް ބޭނުންވާ ކޮންމެ ފަރުވާއެއް ހަމަޖައްސާ. ބޭނުންވާ ކޮންމެ ސްޕެޝަލިސްޓަކު މިތަނަށް ގެނޭ.”
ޑޮކްޓަރު ބޯޖަހާލިއެވެ. “އާދެ، މިސްޓަރ ރަޙްމާން.”
ޖާބިރުގެ ނަޒަރު އިތުރަށް ތޫނުވިއެވެ.
“އޭނާ އަލުން އާންމު ހާލަތަށް ގެނޭ. ވީ އެންމެ އަވަހަކަށް ޝްރެޔާ އަހަރެންގެ ގާތުގައި ހުންނަން ބޭނުން.”
ޑޮކްޓަރު މަޑުޖެހިލިއެވެ.
“މިސްޓަރ ރަޙްމާން، ތިޔަ ކަންބޮޑުވުން އަޅުގަނޑަށް ވިސްނޭ. ނަމަވެސް ބަލިން ފަސޭހަވުމަކީ މީހަކު ބޭނުންވާ ތާރީޚަކަށް ކުރެވޭނެ ކަމެއް ނޫން. އޭނާއަށް ބޭނުންވަނީ ވަގުތާއި، ރައްކާތެރި މާހައުލެއް. މާ ބޮޑަށް މަޖުބޫރުކުރުވައިފިނަމަ ހާލަތު އިތުރަށް ގޯސްވެދާނެ.”
ޖާބިރު ކޮޅަށް ތެދުވިއެވެ. “އެހެންވީމާ އޭނާއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދީ.”
އޭނާ ކުޑަދޮރާ ދިމާލަށް ހިނގައިގަތީ އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާކަން ހާމަކުރަމުންނެވެ.
ޑޮކްޓަރު އޭނާގެ ލިޔެކިޔުންތައް ނަގައި، ނިކުންނަން އުޅެފައި އެނބުރި ބަލާލިއެވެ.
“އިތުރު އެއް ވާހަކަ މިސްޓަރ ރަޙްމާން. މި ހާލަތު މެދުވެރިވާން ދިމާވި ސަބަބާ ބެހޭގޮތުން އޭނާއާ ސުވާލު ނުކުރުމަށް އަޅުގަނޑު ލަފާދެން. އޭނާގެ ވަށައިގެންވާ ކަންކަމަކީ އޭނާގެ ބާރުގެ ދަށުގައިވާ ކަންކަން ކަމަށް އޭނާއަށް އިޙުސާސްވާން ޖެހޭ.”
ޖާބިރު އެނބުރިއެއް ނުބަލައެވެ. “އަހަންނަށް ތިޔަ ވާހަކަ އިވިއްޖެ.”
ޑޮކްޓަރު ނިކުމެގެން ދިޔައެވެ.
ޖާބިރު ކުޑަދޮރު ކައިރީގައި ހުރެ، ސިޓީގެ މަންޒަރުތަކަށް ބަލަން ހުއްޓެވެ. އޭނާއަކީ ކަންކަން ކޮންޓްރޯލް ކުރުމުގެ މައްޗަށް ބޮޑު ވިޔަފާރިއަކާއި ދިރިއުޅުމެއް ބިނާކޮށްފައިވާ މީހެކެވެ. އޭނާ ވާހަކަދެއްކުމުން މީހުން އަޑުއަހައެވެ. އޭނާ ދިޔުމުން ދޮރުތައް ހުޅުވެއެވެ. އޭނާ ބޭނުންވެއްޖެ ކޮންމެ ހިނދަކު މައްސަލަތައް ހައްލުވެގެން ދެއެވެ. ނަމަވެސް ޝްރެޔާއަކީ އެހާ ފަސޭހައިން ހައްލުކޮށްލެވޭނެ މައްސަލައަކަށް މިހާރަކު ނުވެއެވެ.
*****
ނިދާކޮޓަރީގެ ފަރުދާތައް ހުރީ ކަހާލެވިފައެވެ. އެނދު ކައިރީގައި ހުރި ބޮކިތަކުން ފެތުރިފައިވާ މަޑު ރަންކުލައިގެ އަލިކަން، އަގުބޮޑު ފަރުނީޗަރުތަކާއި، ތާޒާ މާތަކާއި އަދި ތަރުތީބުކޮށް އަތުރާލެވިފައިވާ ގަހަނާތަކަށް އެޅިފައިވެއެވެ. ކުޑަ މޭޒެއްގެ މަތީގައި އަތްނުލާ ހުރި ކާނާ ތަބަކެއް ހުއްޓެވެ. އޭގެ ކައިރީގައި ފެންތަށްޓަކާއި ބޭސްތަކެއް ހުއްޓެވެ.
ވަޝިއްޔާ އޮތީ އެނދުމަތީގައި ދެލޯ ހުޅުވައިގެންނެވެ. އޭނާއަށް ރަނގަޅަކަށް ނިދިފައެއް ނުވެއެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ހާވާލެވިފައެވެ. މޫނުމަތިން ފެންނަނީ ފަނޑުކަމެވެ. އަދި އެ ދެލޮލުން ފެންނަނީ، ހިތަށް އަރާ ފައިބަމުންދާ އުނދަގޫ ޚިޔާލުތަކާ ހަނގުރާމަކޮށް ވަރުބަލިވެފައިވާކަމުގެ ނިޝާންތަކެވެ.
ދެ އެހީތެރިން އެ ކޮޓަރީގައި ތިއްބެވެ. އެކަކު ސޯފާ ގޮނޑިއެއްގައި ފޮތެއް ކިޔަން އިންއިރު، އަނެކަކު ކޮޓަރީގެ ކަންކަން ބަލަހައްޓަމުން ދިޔައެވެ. ކޮޓަރީގެ ދޮރުމަތީގައި ސެކިއުރިޓީ އޮފިސަރަކު ހުއްޓެވެ. ހުރިހާ ނިޢުމަތެއް ލިބިފައިވާ މީހަކަށް ބަލާއިރު، މިއީ އާދަޔާ ޚިލާފު އިންތިޒާމެކެވެ. އޭނާއަށް ރީތި ކޮޓަރިއަކާއި، އަގުބޮޑު ހެދުމާއި، ގަހަނާއާއި، އެހީތެރިންނާއި، ޑޮކްޓަރުން އަދި އޭނާގެ ކޮންމެ އެދުމެއް ފުއްދައިދޭނެ ބަޔަކު ތިއްބެވެ. އެހެންނަމަވެސް، ކޮންތާކަށްތޯ ސުވާލުނުކޮށް އޭނާއަށް އެ ކޮޓަރިން ބޭރަށް ނިކުމެވޭކަށް ނެތެވެ. ކާކާ ދައްކާ ވާހަކައެއްތޯ އޮޅުންނުފިލުވައި، އަމިއްލަ ފޯން ކޯލެއް ކޮށްލެވޭކަށް ނެތެވެ. އަދި މިހާރު އޭނާގެ އަމިއްލަ ޚިޔާލުތަކާއެކު އެކަނިވެލާނެ ފުރުސަތެއްވެސް ނެތެވެ.
އަހަރީ ދުވަހުގެ ހަފުލާގައި މިރުޒާ ފެނުމުން، އޭނާގެ ހިތުގެ ކޮންމެވެސް ދިމާއަކުން ރޫޅިގެންދިޔަ ކަހަލައެވެ. އޭނާ ހީކުރީ އޭނާގެ ހަޔާތުގެ އެބައި ވަޅުލެވިއްޖެ ކަމަށެވެ. އެ އެޕާޓްމަންޓާއި، ދަންވަރުގެ ކެފޭއާއި، އެ މަޑުމައިތިރި ވާހަކަތަކާއި، އަދި އޭނާއަށް ހިތްހަމަޖެހުން ހޯދައިދިން އެ އިންސާނާގެ ހަނދާންތައް ނައްތާލުމަށް އޭނާ ވަނީ އަމިއްލަ ނަފްސު ހޭނުވުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެންމެ ނަޒަރަކުން ހުރިހާ ކަމެއް އަލުން އާވެގެން އަތުވެއްޖެއެވެ. އޭނާގެ މޫނެވެ. އޭނާގެ އަޑެވެ. އޭނާ ގެއްލުނު އެ ރެއެވެ. ފޮނުވި މެސެޖުތަކެވެ. އޭނާއަށް އަނިޔާކުރި މީހުންނެވެ. އަދި އޭނާ ރަހީނުކުރި މީހުން ތަކުރާރުކޮށް ދެއްކި ވާހަކަތަކެވެ.
“އޭނާ އެއްބަސްވުމެއް ހެދީ. އޭނާ ކަލޭ ވިއްކާލީ.”
ވަޝިއްޔާ އޭނާގެ ދެއަތުން ކަންފަތުގައި ބާރަށް ހިފަހައްޓާލިއެވެ. “ހުއްޓާލާ..”
އެހީތެރިޔާ ބަލާލިއެވެ. “މިސް ޝްރެޔާ؟”
“އާދޭސްކޮށްފައި ބުނަން. ވާހަކަ ދެއްކުން ހުއްޓާލާ.”
“ފެންފޮދެއް ބޭނުންތޯ؟”
“ނޫން!”
އޭނާގެ އަޑު ކުރެހިގެން ދިޔައެވެ. އެހީތެރިޔާ ވަގުތުން ތެދުވިއެވެ.
“މިސް ޝްރެޔާ، މާފުކުރައްވާ.”
ވަޝިއްޔާ އެނދުގައި ތެދުވެ އިށީނދެ، ބާރަށް ނޭވާލާން ފެށިއެވެ.
“ކީއްވެގެންތަ އެންމެން އަބަދުވެސް އަހަރެން ބޭނުންވަނީ ކޮން އެއްޗެއްތޯ ތިޔަ އަހަނީ؟ ކީއްވެގެންތަ ވީގޮތެއް އަހަން އެކަކުވެސް ބޭނުންނުވަނީ؟”
އެހީތެރިޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“އަހަންނަށް ވީގޮތް ކަލެއަށް އެނގޭތަ؟”
“ނޫން، މިސް ޝްރެޔާ.”
“އެހެންވިއްޔާ ކަލެއަށް ހުރިހާ ކަމެއް އެނގޭކަމަށް ހެދިގެން ނޫޅޭ.”
އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.
ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު، އެ އާދަޔާ ޚިލާފު މުއްސަނދިކަމުގެ ސަބަބުން އޭނާއަށް ނުތަނަވަސްކަން އިޙުސާސް ކުރެވުނެވެ. “ބޭރަށް ދޭ.”
އެހީތެރިޔާ ފަސްޖެހުނެވެ.
“އާދޭސްކޮށްފައި ބުނަން މިސް ޝްރެޔާ. ޑޮކްޓަރު އިރުޝާދު ދެއްވީ..”
“އަހަރެން ބުނީ ބޭރަށް ދާށޭ!”
އެ އަންހެން މީހާ ފަހަތަށް ޖެހިލައި، އަނެއް އެހީތެރިޔާއަށް އިޝާރާތް ކުރިއެވެ. ވަޝިއްޔާ އެނދު ކައިރީ ހުރި މޭޒުމަތިން ފެންތަށި ނަގައި ހޫރާލިއެވެ. އެ ތަށި ތަޅުންގަނޑު މައްޗަށް ވެއްޓި ތަޅައިގެން ގޮސް ކުދިކުދިވިއެވެ.
މަދު ސިކުންތުކޮޅަކަށް އޭނާ އެ ކުދިކުދިވި ބިއްލޫރިކޮޅުތަކަށް ބަލަން ހުއްޓެވެ. އަދި އޭނާ ރޯން ފެށިއެވެ. އެއީ އޭނާ ކުރިން ރޯ ފަދަ މަޑުމައިތިރި ނުވަތަ ސިއްރު ކަރުނަތަކެއް ނޫނެވެ. މިއީ ތަފާތު ރުއިމެކެވެ. އެއީ ރުޅިވެރިކަމާއި، ވަރުބަލިކަމާއި، އަދި ހިފެހެއްޓުމެއް ނެތް ރުއިމެކެވެ.
އޭނާ އެ ރޮނީ، ސްރީލަންކާއަށް ދިއުމުގެ ކުރިން އޭނާ ހުރި ގޮތުގެ ހަނދާނުގައެވެ. ވާހަކަ ނުދައްކާ ތިބި އާއިލާގެ މީހުންނަށްޓަކައެވެ. އޭނާއާނުލައި ދިރިއުޅުން ކުރިއަށް ގެންދާ ރަހުމަތްތެރިންނަށްޓަކައެވެ. އަދި އާދައިގެ ކަންކަމާއި ކުދިކުދި ހުވަފެންތައް ލިޔެފައިވާ ފޮތެއް ގެންގުޅުނު އެ އަންހެން ކުއްޖާއަށްޓަކައެވެ. އަދި އޭނާ އެ ރޮނީ، އެއްދުވަހަކު އޭނާ އިތުބާރުކުރި އެ ފިރިހެން މީހާއަށްޓަކައެވެ.
އެންމެ ބޮޑު ތަދަކީ، އަދިވެސް ހަޤީޤަތް އެނގެން ބޭނުންވާތީ އޭނާ ކުރާ ހިތާމައެވެ.
(ނުނިމޭ)
