ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކްރިސްޓަލް ދެލޯ – ސާދަވަނަ ބައި
މުނިއަވަސް ގްރެފިކްސް

ޖެހިގެން އައި ދުވަހުގެ ހެނދުނު އަނާޔާއަށް ހޭލެވުނީ ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވާރޭތިކިތައް ޖެހެމުންދިޔަ އަޑަށެވެ. އެނދުގައި އޮށޯވެލައިގެން، ސީލިންގަށް ބަލަހައްޓައިގެން އޭނާ އިރުކޮޅަކު އޮތެވެ. ވޭތުވެދިޔަ ރޭގެ ހާދިސާތައް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. ލީޒާގެ ނަމެވެ. ސްކޫލް ދުވަސްވަރުގެ މާޒީގެ ރެކޯޑްތަކެވެ. އަދި ބޯ ގަސްގަނޑު ކައިރީގައި ހިނގި އެ ނުރައްކާތެރި ހާދިސާއެވެ. އެތައް އަހަރެއް ވަންދެން އޭނާ އެންމެ އިތުބާރުކުރި އަންހެނާއަކީ ޝާހިދު އަދި ނިހާގެ މަރާ ގުޅިފައިވާ މީހަކަށް ވެދާނެކަމުގެ ބިރުވެރި އިޙުސާސެވެ.

އޭނާ ފޯނު ނެގިއެވެ. ބަދުރުގެ މެސެޖެއް އޮތެވެ. “މިއަދު އެކަނި އެއްވެސް ތަނަކަށް ނުދާތި. އަހަރެމެން ވާހަކަދައްކަން އެބަޖެހޭ.”

އެނދުން ތެދުވުމުގެ ކުރިން ދެ ފަހަރަކު އެ މެސެޖު އަނާޔާ ކިޔައިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު މާލޭގެ ހަނި މަގުތައް ވަނީ ތެމި، ފެންބޮޑުވެފައެވެ. މަގުމަތީގައި ސައިކަލުތައް ފެންގަނޑުތަކުގެ ތެރެއިން ފަރުވާތެރިކަމާއެކު ދުއްވަމުން ދިޔައިރު، ފިހާރަތަކުގެ ދޮރުތައް ހުޅުވަމުން ދިޔައެވެ. އަދި ކުޑަ ނަގައިގެން މީހުން އަވަސް އަރުވާލައިފައި ދަތުރުކުރެއެވެ. އެއީ އާދައިގެ ހެނދުނެކެވެ. އެކަމަކު އަނާޔާއަށް ހީވަނީ މުޅި މި ރަށް ކޮންމެވެސް ބިރުވެރި ކަމަކަށް އިންތިޒާރުކުރަމުން ދާހެންނެވެ.

އޭނާއަށް ހެނދުނުގެ ނާސްތާ ނުނިމެނީސް ދޮރުގެ ބެލް އަޅައިފިއެވެ. އެއީ ބަދުރެވެ.

“އެތެރެއަށް ވަދެވިދާނެތަ؟”

“އާނ، އާދޭ.”

ބަދުރު އެތެރެއަށް ވަދެ، ތެމިފައިވާ ބޫޓު ބޭލުމަށްފަހު އަނާޔާގެ ފަހަތުން ސިޓިންގރޫމަށް ދިޔައެވެ.

“ހީވަނީ ނުނިދާ ހުރިހެން.” ބަދުރު ބުންޏެވެ.

“ބަދުރުވެސް ތިހުރީ ނުނިދާ.” ބަދުރު ފަނޑު ހިނިތުންވުމެއް ދިނެވެ. “އަހަރެން ވިސްނަމުން މިދަނީ ލީޒާއާމެދު.”

“އަހަރެންވެސް.”

ބަދުރު އަނާޔާގެ ކުރިމަތީގައި އިށީނެވެ. “ސަލީމް ދަނީ އޭނާގެ ހަރަކާތްތައް ބަލަމުން. ލީޒާ، ތާނިޔާއާ އެތައް ފަހަރަކު ގުޅާފައިވާކަން އަހަރެމެންނަށް މިހާރު ކަށަވަރުވެއްޖެ. އެކަމަކު އަދިވެސް ނޭނގެނީ ތާނިޔާ އެކަން ކުރަނީ އަމިއްލަ ރުހުމުގައި ކަމެއް ނުވަތަ ނޫންކަމެއް.”

އަނާޔާ އިސްދަށަށް ޖަހައިލިއެވެ. “އޭނާ ތާނިޔާ ބްލެކްމެއިލް ކުރާތާ އެތައް އަހަރެއް ވެއްޖެ.”

“އަހަންނަށް އެނގޭ.”

“ލީޒާ އަތުގައި ތާނިޔާއާ ދެކޮޅަށް ބޭނުންކުރާނެ ކޮންމެވެސް ވަރުގަދަ އެއްޗެއް އެބައޮތް. ތާނިޔާ ހާމަކުރަން އިންތިހާއަށް ބިރުގަންނަ ސިއްރެއް.”

ބަދުރު ބޯޖަހައިލިއެވެ. “އަހަރެމެން ހޯދަންވީ އެއީ ކޮން އެއްޗެއްކަން. ލީޒާ، ބިރުވެރިކަމުގެ ތެރޭގައި ތާނިޔާ ކޮންޓްރޯލްކުރަމުން ދަނީނަމަ، ވީގޮތް ސާފުކޮށްދޭން ހުރި ހަމައެކަނި މީހަކީ ތާނިޔާ.”

އަނާޔާ އޭނާއަށް ބަލައިލިއެވެ. “އެހެންވީއިރު އަހަރެމެން ޖެހޭނީ ތާނިޔާއަށް އެހީވާން.”

“އަހަރެންވެސް ކުރަން ބޭނުންވާ ކަމަކީ އެއީ. އެކަމަކު އެއްކަމެއް އަނާޔާއަށް ވިސްނެންވާނެ. އަހަރެމެން އޭނާއާ ގާތްވަމުން އަންނަކަން ލީޒާއަށް އެނގޭ.”

“ތާނިޔާއަށް އޭނާ ގެއްލުމެއް ދީފާނެތަ؟”

“އަހަންނަށް ހީވަނީ އަމިއްލަ ނަފްސު ސަލާމަތްކުރަން ޖެހިއްޖެ ކޮންމެ ކަމެއްވެސް އޭނާ ކޮށްފާނެހެން.”

*****

މާލޭގެ އަނެއް ފަރާތުގައި، ތާނިޔާ އިނީ އޭނާގެ އެޕާޓްމަންޓުގައި އެކަނިމާއެކަންޏެވެ. އޭނާގެ ފޯނު މޭޒުމަތީގައި އޮތެވެ. ވިއްސަކަށް މިނެޓު ވަންދެން ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޭނާ އިނީ އައިސްފައިވާ މެސެޖަށް ޖަވާބުދޭންވީތޯ ނުވަތަ ނޫންތޯ ނިންމަން ނޭނގިފައެވެ. އެއީ ލީޒާގެ މެސެޖެކެވެ.

“އަހަރެމެން ބައްދަލުކުރަން ޖެހޭ. މިއަދު. އަހަރެން އިންތިޒާރުގަ ނުބަހައްޓާތި.”

ތާނިޔާ ލޯ މަރައިލިއެވެ. ވޭތުވެދިޔަ ދިހަ އަހަރު ދުވަހު ލީޒާ ވަނީ އޭނާގެ މުޅި ދިރިއުޅުން ކޮންޓްރޯލްކޮށްފައެވެ. ދުރަށް ދާން އުޅުނު ކޮންމެ ފަހަރަކު ލީޒާ އޭނާއަށް ހަނދާންކޮށްދެނީ އޭނާ ފޮރުވައިގެން އުޅޭ ސިއްރެވެ. ފުރަތަމަކޮޅު އެ ބިރުދެއްކުންތަކަކީ މަދުމަދުން ހިނގި ކަމެކެވެ. ނަމަވެސް ފަހުން އެއީ ދިރިއުޅުމުގެ އާދައަކަށް ވެއްޖެއެވެ. ކިޔަމަންވާން އޭނާ ދަސްކުރިއެވެ. ރޯން ބޭނުންވި ވަގުތުތަކުގައި ގަދަކަމުން ހޭން އޭނާ ދަސްކުރިއެވެ. އަދި ބިރުވެރިކަމަކީ ދިރިއުޅުމުގެ އާދައިގެ ބައެއްކަމަށް ދެކެން އޭނާއަށް މަޖުބޫރުވިއެވެ.

މިވެސް ކިޔާލަން:  ކްރިސްޓަލް ދެލޯ – އެގާރަވަނަ ބައި

ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނުން ފެންނަން އޮތީ ލީޒާގެ ނަމެވެ. ތާނިޔާ ފޯނު ނެގިއެވެ. “ހަލޯ.”

“މެސެޖު ލިބުނުތަ؟”

“އާނ.”

“ދެން ކީއްވެ ޖަވާބު ނުދިނީ؟”

“ބިޒީކޮށް އުޅޭތީ.”

ލީޒާ މަޑުމަޑުން ހީނގަތެވެ. “ބިޒީއޭ؟ މިފަހަކަށް އައިސް ތި އުޅެނީ މާ ބޮޑަށް ބިޒީވެގެން.” ތާނިޔާ އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

“ރަނގަޅަށް އަޑުއަހާ.” ލީޒާ ކުރިއަށް ގެންދިޔައެވެ. “އިތުރު ސަޕްރައިޒެއް ބޭނުމެއް ނޫން. އަނާޔާ ދެއްކި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީ.”

“ކީއްކުރަން؟”

“އަހަރެން ބުނީމަ.”

“ލީޒާ، އަހަންނަކަށް ދެން މިހެންނެއް ނޫޅެވޭނެ.”

ކުޑަ ހިމޭންކަމެއް ވެރިވިއެވެ. ދެން އިވުނީ ލީޒާގެ ފިނި ނަމަވެސް ހަރުކަށި އަޑެވެ. “ވިސްނައިގެން އުޅޭތި ތާނިޔާ.”

ތާނިޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. “އަހަރެން ވަރުބަލިވެއްޖެ.”

“ތިކަމާ ވިސްނަންވީ މާ ކުރިން.”

ކޯލު ކެނޑުނެވެ. ތާނިޔާ ފޯނު ތިރިކޮށްލިއެވެ. އެތައް އަހަރަކަށްފަހު، އޭނާއަށް އިޙުސާސްވީ ހަމައެކަނި ބިރުވެރިކަމެއް ނޫނެވެ. އިންތިހާ ރުޅިވެރިކަމެވެ.

*****

އެދުވަހުގެ މެންދުރުފަހު، އަނާޔާއާއި ބަދުރު، ތާނިޔާއާ ބައްދަލުކުރީ މީހުން މަދު، ހަމަހިމޭން ކެފޭއަކުންނެވެ. ތާނިޔާ އައީ ކަޅު ކުލައިގެ ޝޯލެއް އަޅައިގެންނެވެ. އޭނާގެ ފަހަތުން މީހަކު އާދޭތޯ ބަލާ ފަދައިން އޭނާގެ ދެލޯ ތަކުރާރުކޮށް ދޮރާށްޓާ ދިމާއަށް އަމާޒުވަމުން ދިޔައެވެ.

ތާނިޔާ އައުމުން އަނާޔާ ކޮޅަށް ތެދުވިއެވެ. “އިށީނދޭ.”

ތާނިޔާ އިށީނެވެ. ނަމަވެސް އޭނާގެ އަތްތިލަ ވަނީ ބާރަށް ޖޯޑުކުރެވިފައެވެ. ބަދުރު ސައި އޯޑަރުކުރުމަށްފަހު ވެއިޓަރު ދުރަށް ދަންދެން މަޑުކުރިއެވެ.

“އަހަރެމެން މިތިބީ ތާނިޔާއަށް ބިރުދައްކާކަށް ނޫން. އަހަރެމެން ބޭނުމީ ލީޒާ ކުރަމުންދާ ކަންތައްތައް ދެނެގަންނަން.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.

ތާނިޔާ އޭނާއަށް ބަލައިލިއެވެ. “އޭނާއަށް ކުރެވޭނެ ކަންކަމެއް ކަލޭމެންނަކަށް ނޭނގޭނެ.”

“އެހެންވީއިރު އަހަރެމެންނަށް ކިޔައިދީ.”

ތާނިޔާ، އަނާޔާއާ ދިމާއަށް އެނބުރުނެވެ. “ހަނދާން އެބަހުރިތަ އަހަރެންގެ މާޒީގެ ވާހަކަ ދައްކަން އަހަރެން އަބަދުވެސް ފަސްޖެހުނު ހަނދާން؟”

އަނާޔާ ބޯޖަހައިލިއެވެ. “އަހަރެން ހީކުރީ ހަމައެކަނި އެ ވާހަކަ ދައްކަން ބޭނުންނުވަނީ ކަމަށް.”

“އަހަރެން ބިރުގަތީ.”

“ލީޒާ ދެކެތަ؟”

ތާނިޔާ އިސްދަށަށް ޖެހިއެވެ. “އާނ.”

އަނާޔާ މޭޒުމަތިން އޭނާގެ އަތް ދިއްކޮށްލިއެވެ. “ދެން އިތުރަށް އޭނާއާ އެކަނި ކުރިމަތިލާކަށް ނުޖެހޭނެ.”

ތާނިޔާ އެ އަތަށް ބަލައިލި ނަމަވެސް، އަތުގައި ހިފާކަށް ނުކެރުނެވެ. “އޭނާގެ އަތުގައި އަހަންނާ ދެކޮޅަށް އޮތީ ކޯއްޗެއްކަމެއް އަދިވެސް ކަލޭމެންނަކަށް ނޭނގޭނެ.”

“އެހެންވީއިރު ބުނެދީ.” ބަދްރު އޯގާތެރިކަމާއެކު ބުންޏެވެ. “އެއީ ކޮންމެ އެއްޗެއް ކަމުގައި ވިޔަސް، ތެދު ހާމަނުކުރަނީސް އަހަރެމެންނަކަށް ތާނިޔާއަކަށް އެހީއެއް ނުވެވޭނެ.”

ތާނިޔާގެ ތުންފަތް ތުރުތުރުއަޅައިގަތެވެ. “ވޭތުވެދިޔަ ދިހަ އަހަރު އަހަރެން ހީކުރީ އޭނާ ބުނާހާ ގޮތެއް ހަދައިފިއްޔާ، އެންމެ ފަހުން އަހަރެން ދޫކޮށްލާނެ ކަމަށް. އެކަމަކު އޭނާ ދުވަހަކުވެސް އެހެންނެއް ނުހެދި. ހުރިހާ ކަމެއް ނިމުނީއޭ އަހަންނަށް ހީވާ ކޮންމެ ފަހަރަކު، އަނެއްކާވެސް ބިރުދައްކާނެ އާ ސަބަބެއް އޭނާ ހޯދާ.”

“އޭނާއަށް އެހީވާން ތާނިޔާއަށް މަޖުބޫރުކުރިތަ؟” ބަދުރު އެހިއެވެ.

ތާނިޔާ ބޯޖަހައިލިއެވެ. “ބައެއް ފަހަރު މަޢުލޫމާތު ފޯރުކޮށްދޭން. އަނެއްބައި ފަހަރު ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް ދައްކަން. އޭނާ ރާވަމުން ދިޔަ ކަންތައްތައް އަބަދަކު އަހަންނަކަށް ނޭނގޭ.”

އަނާޔާއަށް ފިނިވެގެން ދިޔައެވެ. “ޝާހިދުގެ ކަންތައް އެނގުނުތަ؟”

ތާނިޔާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. “ނޫން.”

“ނިހާގެ ކަންތައް؟”

“ހަމަހުވާ، އަހަންނަކަށް ނޭނގެ.”

މިވެސް ކިޔާލަން:  އޭނާ - ނަވާރަވަނަ ބައި

ބަދުރު ކުރިއަށް ޖެހިލިއެވެ. “އެއިން އެކަކަށްވެސް ގެއްލުމެއް ދޭން އުޅޭކަމަށް ލީޒާ ދުވަހަކުވެސް ބުނިތަ؟”

ތާނިޔާ ދެފަރާތަށް ބޯހޫރައިލިއެވެ. “އެކަމަކު އޭނާ ދިޔައީ ބަދަލުވަމުން. މާ ބޮޑަށް ޝައްކުކުރަން ފެށި. މީހުން އޭނާއަށް ފާރަލާ ވާހަކަ ދެއްކި. އާދައިގެ އިންސާނުންނަށް ދުވަހަކުވެސް ނުވިސްނޭނެ ކަންތައްތަކެއް މި ދުނިޔޭގައި އުޅޭ ވާހަކަ އޭނާ ބުނި.”

އަނާޔާއާއި ބަދުރު އެކަކު އަނެކަކަށް ބަލައިލިއެވެ. “ކްރިސްޓަލް ލޮލުގެ ވާހަކަ ދުވަހަކުވެސް އޭނާ ދެއްކިތަ؟” އަނާޔާ އަހައިލިއެވެ.

ތާނިޔާގެ މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. “އާނ.”

“ކީކޭ އޭނާ ބުނީ؟”

“އެ މަޚްލޫޤުގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނިންތޯ އޭނާ އެހި. އަނާޔާ އެ ވާހަކަ ދެއްކި ކަމަށް އަހަރެން ބުނުމުން އޭނާ ވަރަށް ބޮޑަށް ބިރުގަތް.”

އަނާޔާގެ ހިތް ބިރުން ތެޅިގަތެވެ. “އޭނާ ބިރުގަންނަންވީ ކީއްވެ؟”

“އަހަންނަކަށް ނޭނގެ.”

ބަދުރު ކުޑަ ނޯޓުފޮތެއް މޭޒުމަތީގައި ބޭއްވިއެވެ. “ތާނިޔާ، އަހަރެމެންނަށް ތާނިޔާގެ އެއްބާރުލުން ބޭނުންވޭ. ލީޒާ އަނެއްކާވެސް ގުޅައިފިނަމަ، އެކަނިމާއެކަނި ބައްދަލުކުރަން ނުދާތި. ހުރިހާ މެސެޖަކާއި ކޯލް ރެކޯޑްތައް ރައްކާކުރޭ. އެއްވެސް އެއްޗެއް ޑިލީޓް ނުކުރާތި.”

ތާނިޔާ މަޑުމަޑުން ބޯޖަހައިލިއެވެ. “އަދި އޭނާ އަހަންނަށް ބިރުދައްކައިފިއްޔާ؟”

“ވަގުތުން އަހަންނަށް ގުޅާ.”

އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ތާނިޔާއަށް ހަމަނޭވާއެއް ލެވުނު ކަހަލައެވެ.

*****

އެރޭ ބަދުރު ގެއަށް ދިޔައީ އާދައިގެ މަތިން ދާ ވަގުތަށްވުރެ ލަހުންނެވެ. އޭނާގެ މަންމަ ފާތިމަތު އިނީ ސިޓިންގރޫމުގައި އިންތިޒާރުގައެވެ. އޭނާގެ ބައްޕަ އިޤްބާލް އިނީ މަންމަގެ ކައިރީގައި، ޓެބްލެޓުން ކޮންމެވެސް އެއްޗެއް ކިޔާށެވެ.

“ބަދުރު، އަހަރެމެން ވާހަކަދައްކަން އެބަޖެހޭ.” މަންމަ ބުންޏެވެ.

ބަދުރު އޭނާގެ ތަޅުދަނޑި މޭޒުމަތީގައި ބޭއްވިއެވެ. “ކިހިނެއްވީ މަންމާ؟”

ބައްޕަ އިސްއުފުލައި ބަލައިލިއެވެ. “އަނާޔާގެ ވާހަކަ އަހަރެމެންނަށް މިހާރު މާ ގިނައިން އަޑުއިވިއްޖެ.”

ބަދުރު އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުއްޓެވެ. “މީހުން ދައްކަނީ ރަނގަޅު ވާހަކައެއް ނޫން.”

އިޤްބާލް ކުރިއަށް ގެންދިޔައެވެ. “މީހުން މެރުމުގެ ތުހުމަތު ކުރެވިފައިވާ އަންހެނަކާއެކު ދަރިފުޅު މާ ގިނަ ވަގުތު ހޭދަކުރާކަމަށް އެމީހުން އެ ދައްކަނީ.”

“އޭނާގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވެފައެއް ނެތް.”

“އެއީ އަހަރެމެން ހިތްހަމަޖައްސަންވީ ސަބަބަކީތަ؟”

ބަދުރު އޭނާގެ ބައްޕައަށް ބަލައިލިއެވެ. “މީހުން ހީކުރާ ކަހަލަ އަންހެނެއް ނޫން އެއީ.”

މަންމަ ބޯހޫރައިލިއެވެ. “ދަރިފުޅާ، ތިއީ ރަނގަޅު ކުއްޖެއްކަން އަހަރެމެންނަށް އެނގޭ. އެކަމަކު ހަމްދަރުދީގެ ސަބަބުން އަމިއްލަ މުސްތަޤުބަލު ހަލާކުވެގެން ދިޔުމުގެ ފުރުސަތު ދީގެން ނުވާނެ.”

“މިއީ ހަމައެކަނި ހަމްދަރުދީއެއް ނޫން.”

“ދެން މީ ކޮން ކަމެއް؟”

ބަދުރު ފަސްޖެހުނެވެ. އޭނާގެ ހިތުގައިވާ އިޙުސާސްތަކުގެ ވާހަކަ، ޚާއްސަކޮށް މައިންބަފައިންގެ ކުރިމަތީގައި ދައްކާކަށް އޭނާ ގަސްތެއް ނުކުރެއެވެ. ނަމަވެސް އޭނާގެ ހިމޭންކަމުން މަންމައަށް ހުރިހާ އެއްޗެއް ސާފުވެއްޖެއެވެ. ފާތިމަތުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. “ބަދުރު.. ދަރިފުޅު އޭނާދެކެ ލޯބިވީއޭ ނުބުނާތި.” ބަދުރު އެހެން ދިމާއަކަށް މޫނު އަނބުރައިލިއެވެ.

ބައްޕަ ޓެބްލެޓް ބޭއްވިއެވެ. “ރަނގަޅަށް އަޑުއަހާ. ދަރިފުޅުގެ އިޙުސާސްތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، އެ އަންހެނާއާ ކައިވެނި ނުކުރާނެކަމަށް އަހަރެމެންނަށް ވަޢުދުވާން ޖެހޭނެ.”

ބަދުރު ބައްޕައާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. “ބައްޕައަށް ނުވިސްނޭ ކަމެއްގެ މައްޗަށް ވަޢުދުވާން ތި އެދެނީ.”

“އަހަރެމެންނަށް ވަރަށް ރަނގަޅަށް ވިސްނޭ.” އިޤްބާލް ޖަވާބުދިނެވެ. “އޭނާގެ ނަން ގުޅިފައިވަނީ މީހުން މެރުމުގެ ތަހުޤީޤުތަކާ. އޭނާގެ ދިރިއުޅުން ވަށައިގެންވަނީ ނުރައްކާ. އެ ނުރައްކާ މި އާއިލާގެ ތެރެއަށް ގެނެސްގެން ނުވާނެ.”

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 8

ބަދުރުގެ އަޑު މަޑުވިއެވެ. “އޭނާއަކީ އެއްވެސް ކުށެއް ނެތް މީހަކަށް ވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟”

މަންމައަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބަދުރު އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ބައްޕަ އަނެއްކާވެސް ވާހަކަދެއްކިއެވެ. “އާއިލާއަށްވުރެ ބޮޑަށް އޭނާ ޚިޔާރުކުރުމުގެ ކުރިން ފުންކޮށް ވިސްނާތި.”

ދޮރުމަތީގައި ބަދުރު ހުއްޓުނެވެ. “އަހަރެން އާއިލާއަށްވުރެ ބޮޑަށް އެއްވެސް މީހަކު ޚިޔާރެއް ނުކުރަން. އަހަރެން މި މަސައްކަތްކުރަނީ ހަޤީޤަތް ހޯދަން.” އެއަށްފަހު އޭނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

*****

އެވަގުތު، ލީޒާ ހުރީ އޭނާގެ ކޮޓަރީގައި އެކަނިމާއެކަންޏެވެ. ނޭނގޭ ނަންބަރަކުން އޭނާއަށް މެސެޖެއް ލިބުނެވެ. “ސްކޫލުގައި ހިނގި ކަންތައް އަހަންނަށް އެނގޭ.”

އޭނާ އެ މެސެޖު އެތައް ފަހަރަކު ކިޔައިލިއެވެ. ދެން ޑިލީޓްކޮށްލިއެވެ. ލޯގަނޑުން އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެވުނެވެ.

“ކާކު ތީ؟” އޭނާ ސިއްރުސިއްރުން އަހައިލިއެވެ.

ހިނދުކޮޅަކަށް އެއްވެސް އަޑެއްބަޑެއް ނީވި ހުއްޓެވެ. ދެން، ލޯގަނޑުން ފެންނަ ސޫރައިގެ ދެލޯ އަލިވާން ފެށިހެން ހީވިއެވެ. ލީޒާ ފަހަތަށް ޖެހިލިއެވެ. ކޮޓަރިތެރެ އާދަޔާ ޚިލާފަށް ފިނިވެގެން ދިޔައެވެ. އޭނާ ކުޑަދޮރާ ދިމާއަށް އެނބުރުނެވެ. ދޮރުން ބޭރުގައި މަގުމަތި އޮތީ ފަޅަށެވެ. ފުރާޅުން ވާރޭފެން ފައިބަމުން ދިޔައިރު، ކައިރީގައި ހުރި ގަހުގެ ފަތްތައް މަޑުމަޑުން ހެލެމުން ދިޔައެވެ.

ބިއްލޫރިގަނޑުން މަޑު ނޫކުލައިގެ އަލިކަމެއް ފާޅުވާން ފެށިއެވެ. ލީޒާ ހަރަކާތް ހުއްޓިފައި ހުއްޓެވެ. ކްރިސްޓަލް ފަދަ ވިދާ ދެލޯ ލިބިފައިވާ އެ ސޫރަ ހުރީ ކުޑަދޮރުގެ ބޭރުގައެވެ. އޭގެ ފަނޑު އަޅި މޫނުމަތިން އެއްވެސް ހަރަކާތެއް ނުފެނެއެވެ. ވައިރޯޅިއެއް ނެތް ނަމަވެސް، އޭގެ ގަދަ ނޫކުލައިގެ އިސްތަށިގަނޑު ދިޔައީ ވިހުރެމުންނެވެ.

ލީޒާގެ ނޭވާ އަވަސްވިއެވެ. “ކަލޭ އަހަރެންގެ ފަހަތުން ތިއައީ؟”

އެ ސޫރަ އެއްވެސް ޖަވާބެއް ނުދިނެވެ. ލީޒާ ދޮރާ ދިމާއަށް ދުއްވައިގަންނަން އުޅުނެވެ. ނަމަވެސް، ދޮރާ ހަމައަށް ނުދެވެނީސް އޭނާގެ ފަހަތުން އަޑެއް އިވުނެވެ. “ކަލޭ ކުރި ކަންތައްތަކުން ކަލެއަކަށް ނުފިލޭނެ.”

ލީޒާ ވަގުތުން ފަހަތަށް އެނބުރުނެވެ. އެތާކު އެކަކުވެސް ނެތެވެ. އަނެއްކާވެސް ކުޑަދޮރާ ދިމާއަށް ބަލައިލިއިރު، އެ ސޫރަ ގެއްލިއްޖެއެވެ.

އޭނާގެ ފޯނު ވައިބްރޭޓް ވިއެވެ. އަނެއްކާވެސް މެސެޖެކެވެ. “އެމީހުން އެ އަންނަނީ ކަލޭ ހޯދަން.”

ލީޒާގެ އަތުގެ އިނގިލިތަކަށް ތަދުވާވަރަށް ފޯނުގައި ބާރަށް ހިފަހައްޓައިލިއެވެ. އެތައް އަހަރެއް ވަންދެން އޭނާ ހީކުރީ ބިރުވެރިކަމަކީ ހަމައެކަނި އެހެން މީހުންނަށް އޮންނަ އެއްޗެއް ކަމަށެވެ. އެކަމަކު މިހާރު އޭނާއަށް ވިސްނިއްޖެއެވެ. މާޒީ އެންމެ ފަހުން އައިސް އޭނާއާ އަރާ ހަމަކޮށްފިއެވެ.

އޭނާ ފޯނުގެ ކޮންޓެކްޓްސް ހުޅުވައި، ތާނިޔާގެ ނަންބަރަށް ގުޅިއެވެ. ފޯނު ރިންގުވިއެވެ. ދެފަހަރު ރިންގުވި ފަހުން ތާނިޔާ ފޯނު ނެގިއެވެ. “ހަލޯ؟”

ލީޒާގެ އަޑު އަނެއްކާވެސް މަޑުމައިތިރި ވެއްޖެއެވެ. “ކޮންތާކު ތިހުރީ؟”

“ކީއްކުރަން؟”

“އަހަރެމެން ބައްދަލުކުރަން ޖެހޭތީ.”

“އަހަންނަކަށް ނުދެވޭނެ.”

ލީޒާ ފަނޑުގޮތަކަށް ހިނިތުންވެލިއެވެ. “ތާނިޔާއަކަށް އިތުރު ގޮތެއް ނޯންނާނެ.”

ތާނިޔާ ވަގުތުން ފޯނު ކަނޑައިލިއެވެ. ލީޒާ ސްކްރީނަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މަޑުމަޑުން ހަރުކަށިވެ، ނުރައްކާތެރި ގޮތަކަށް ބަދަލުވިއެވެ.

“އެންމެ ރަނގަޅު.” އޭނާ ސިއްރުސިއްރުން ބުންޏެވެ. “ތާނިޔާ އަހަރެންގެ ގާތަށް ނާންނަންޏާ، އަހަރެން ދާނީ ތާނިޔާގެ ގާތަށް.”

އޭނާ ކޯޓު ލައިގެން ދޮރާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ނުކުތުމުގެ ކުރިން، އަނެއްކާވެސް އެއްފަހަރު ލޯގަނޑަށް ބަލައިލިއެވެ. ލޯގަނޑުން ފެންނަ އޭނާގެ ސޫރަ ހުރީ ހިނިތުންވެފައެވެ. އެކަމަކު ލީޒާ ހުރީކީ ހިނިތުންވެފައެއް ނޫނެވެ.

(ނުނިމޭ)

ނޯޓް
މިއީ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ހަޤީޤީ ތަންތަނާއި ޚިޔާލީ ތަންތަން ގުޅުވާފައިވާނެއެވެ.
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top