ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 51
މުނިއަވަސް ގްރެފިކްސް

ފުރަތަމަ ނަޒަރު

މިރުޒާ އިސްއުފުލާ ބަލައިލިއެވެ. އަހަރީ ދުވަހުގެ ހަފުލާގެ އެ ރެއަށްފަހު، ފުރަތަމަ ފަހަރަށް އޭނާއަށް ވަޝިއްޔާ ރަނގަޅަށް ފެނުނެވެ. ކައިރިން ފެނުނުއިރު، އޭނާއަށް އައިސްފައިވާ ބަދަލުތަކުން ހިތް ކަތިލާލި ކަހަލައެވެ.

މިރުޒާގެ ހަނދާނަށް އައީ، ކުރިން ދަންވަރު ކެފޭއެއްގައި އޭނާއާ ކުރިމަތިލައިގެން އިނދެ، އާދައިގެ ކަންކަމާ ބެހޭގޮތުން އާދަޔާ ޚިލާފު ޝައުޤުވެރިކަމާއެކު ވާހަކަދެއްކި އަންހެންކުއްޖާއެވެ. އޭނާގެ ތޫނުފިލި ވިސްނުމާއި، އޭނާ ކުރި ސުވާލުތަކާއި، އޭނާގެ ހިނިތުންވުން މަތިން ހަނދާންވިއެވެ. މިރުޒާއަށް ރަނގަޅަށް ސާފުކޮށްދެވިފައި ނުވާ ކަމެއް އޮޅުންފިލުވަން އޭނާ މަސައްކަތް ކުރި ގޮތާއި، އެ ވަގުތު އޭނާ ބަލައިލި ގޮތް މަތިން ހަނދާންވިއެވެ. ނަމަވެސް އެ އަންހެންކުއްޖާ މިހާރު ވަނީ ނުހަނު ދުރުގައެވެ. މިހާރު ވަޝިއްޔާ ފެނުމުން މިރުޒާގެ ހިތަށް ބަޔާންކުރަންދަތި ހިތާމައެއް ވެރިވިއެވެ. ވަޝިޔާ އެފަދަ ހާލަތެއްގައި ފެނިދާނެ ކަމަކަށް އޭނާ ދުވަހަކުވެސް އުންމީދެއް ނުކުރެއެވެ. ނުހަނު ބަލިކަށިކޮށެވެ. ވަރުބަލިވެފައިވާ ހާލުގައެވެ. ވޭނީ ބީރައްޓެހިކަމަކާއެކުގައެވެ.

“ވަޝިއްޔާ..”

މިރުޒާގެ އަޑު ތުރުތުރުލައިގަތެވެ.

“އެމީހުން ކަލެއަށް ކީއްކުރީ؟ ކިހިނެއް ތިހުރީ؟”

ވަޝިއްޔާ އެއްވެސް ޖަވާބެއް ނުދިނެވެ.

މިރުޒާ ގޮނޑީގައި ބަނދެފައި އިން ނަމަވެސް ޖެހެވުނު އެންމެ ކުރިއަކަށް ޖެހިލިއެވެ.

“ވަޝިއްޔާ، މަށާ ދިމާއަށް ބަލައިބަލަ.”

ލަސްލަހުން ވަޝިއްޔާ އިސްއުފުލައިލިއެވެ. އޭނާގެ ކަޅި މިރުޒާގެ މޫނަށް ހުއްޓުނެވެ. ފުރަތަމަ އޭނާއަށް އެއީ ކާކުކަން ވަކިކުރާކަށް ނޭނގުނެވެ. ހުރީ ހައިރާންވެފައެވެ. ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވިއެވެ. ވަޝިއްޔާގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް އެއީ ކާކުކަން އެނގުނެވެ. އެއީ ހަމަ މިރުޒާއެވެ. ވަޝިއްޔާގެ ހަނދާނުގައި އެތައް ފަހަރަކު ކުރެހުނު އެ މޫނު އަލުން ދުވަހަކުވެސް ނުފެންނާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީފައިވާ މީހާއެވެ.

އެހެނަސް އޭނާ ވަކިކުރަން އެނގުމުން ލިބުނީ ހިތްހަމަޖެހުމެއް ނޫނެވެ. ލިބުނީ ބިރުވެރިކަމެވެ.

“ކަލޭ..” ވަޝިއްޔާގެ އަޑު ނުކުތީ ކިރިޔާއެވެ.

މިރުޒާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. “މިއީ މަށޭ.”

އޭނާގެ ނޭވާ އަވަސްވިއެވެ. “ކަލޭ..”

“ވަޝިއްޔާ، އާދޭސްކޮށްފައި ބުނަން..”

“މި ހުރިހާ ކަމެއް މަށަށް ކުރީ ކަލޭ!”

ވަޝިއްޔާގެ އަނގައިން އެ ބަސްތައް ބޭރުވީ ހަޅޭކެއްގެ ސިފައިގައެވެ. ވަޝިއްޔާ ކޮޅަށް ތެދުވަން މަސައްކަތް ކުރި ނަމަވެސް، ނަރުސްކުއްޖާ ވަގުތުން އޭނާ ހިފެހެއްޓިއެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 14

“މި ހުރިހާ ދެރައެއް މަށަށް ދިނީ ކަލޭ! އަދި މިހާރު ތިއައީ މަގޭ ފުރާނަ ދުއްވާލަން!”

“ވަޝިއްޔާ، ނޫން. ހެޔޮނުވާނެ އަޑުއަހާބަލަ.”

“ކަލޭ މަގޭ ދިރިއުޅުން ހަލާކުކޮށްލީ!”

ވަޝިއްޔާގެ ކޯތާފަތްމަތިން ކަރުނަ ފައިބައިގަތެވެ.

“ކަލޭ މަގޭ މުޅި ދިރިއުޅުން ފުނޑުފުނޑުކޮށްލީ! މަގޭ އަތުން ހުރިހާ އެއްޗެއް ފޭރިގެންފި!”

މިރުޒާ މާޔޫސްކަމާއެކު ބޯހޫރުވައިލިއެވެ.

“ނޫން ނޫން ވަޝިއްޔާ. މަ އެކަހަލަ ކަމެއް ނުކުރަން. މަ ހުވާކޮށްފައި ބުނަން، މަ އެކަމެއް ނުކުރަން.”

“ތި ހުސް ދޮގު!”

ވަޝިއްޔާގެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމައިލިއެވެ. ޖާބިރު އެއްވެސް ހަރަކާތެއް ނެތި ބަލަން ހުއްޓެވެ. ވަޝިއްޔާ ތުރުތުރުލާން ފެށިއެވެ.

“ކަލޭ މަ އެމީހުންގެ އަތްމައްޗަށް ދޫކޮށްލީ. ކަލޭ މަ އެމީހުންނަށް ދިނީ. އެމީހުން މަށަށް ހުރިހާ ވާހަކައެއް ކިޔައިދީފި!”

މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. “ކާކު އެހެން ބުނީ؟”

“އެމީހުން ބުނި ކަލޭ އެމީހުންނާއެކު އެއްބަސްވުމެއް ހެދި ކަމަށް!”

“ނޫން ވަޝިއްޔާ ނޫން އެ ހުސް ދޮގު.”

“އެމީހުން ބުނި ކަލޭ މަ ވިއްކާލީއޭ!”

“ވަޝިއްޔާ، މަށާ ދިމާއަށް ބަލައިބަލަ. މަ ދުވަހަކުވެސް ކަލޭ ނުވިއްކަން.”

ވަޝިއްޔާ އޭނާގެ ދެކަންފަތުގައި އަތްއެޅިއެވެ. “ދޮގު ހެދުން ހުއްޓާލާ!”

ނަރުސްކުއްޖާ އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.

“މިސް ޝްރެޔާ، އާދޭސްކޮށްފައި ބުނަން. ފުންކޮށް ނޭވާލާ.”

ވަޝިއްޔާ އޭނާގެ އަތް ފޮޅުވައިލިއެވެ. “މަގޭ ގައިގަ އަތްނުލާ!”

ދެން އޭނާ އެހެން މީހުންނާ ދިމާއަށް އެނބުރުނެވެ. “ހުރިހާ އެންމެން ބޭރަށް ދޭ!”

ނަރުސްކުއްޖާ ޖާބިރަށް ބަލައިލިއެވެ. ޖާބިރު ހުރީ ހިމޭނުންނެވެ.

“މިސް ޝްރެޔާ، ޑޮކްޓަރު..”

“ބޭރަށް ދާށޭ!”

ވަޝިއްޔާގެ އަޑުގައި ބާރެއް ނެތް ނަމަވެސް، އެ އަޑުގައިވި މާޔޫސްކަމާއި ނުތަނަވަސްކަން މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

“މަ ބޭނުމީ މީނާއާ އެކަނި ވާހަކަދައްކަން.”

ޖާބިރުގެ މޫނުމަތިން ހަރުކަށިކަން ފެނުނެވެ.

“ޝްރެޔާ، ތިޔަކަމެއް ނުވާނެ.”

އޭނާ ޖާބިރާ ދިމާއަށް އެނބުރުނެވެ.

“އާދޭސްކޮށްފައި ބުނަން.. ޕްލީޒް މައި ލަވް!”

އެއީ އެރޭ އޭނާ ރުޅިވެރިކަމެއް ނެތި ޖާބިރުގެ ގާތުން ކަމަކަށް އެދުނު ފުރަތަމަ ފަހަރެވެ.

“ޕްލީޒް ބޭބީ.. އެންމެ ފަސް މިނެޓު. މަ ބޭނުމީ އޭނާއާ އެކަނި ވާހަކަދައްކާލަން.”

މިވެސް ކިޔާލަން:  ރިހި ރާސްތާ - ޗެޕްޓަރ 13

ޖާބިރު މިރުޒާއަށް ބަލައިލިއެވެ. ދެން އަލުން ވަޝިޔާއަށް ބަލައިލިއެވެ.

“ކަލޭ ތިހުރީ މިފަދަ ނިންމުންތައް ނިންމޭ ފަދަ ހާލަތެއްގައެއް ނޫން.”

“އެހެންވީމާ ހަމައެކަނި މި ނިންމުން ނިންމުމުގެ ފުރުސަތު މަށަށް ދީ ޕްލީޒް.”

އެ ބަސްތަކުން ޖާބިރު ހައިރާންވިއެވެ. އޭނާ ވަޝިއްޔާއަށް ފަރުވާތެރިކަމާއެކު ބަލަން ހުރުމަށްފަހު، ނަރުސްކުއްޖާއާ ދިމާއަށް އެނބުރުނެވެ.

“ބޭރުގައި މަޑުކުރޭ. ދޮރު ހުޅުވާފައި ބަހައްޓާ. މަ ނުބުނަނީސް އެކަކުވެސް ވަދެގެން ނުވާނެ.”

ނަރުސްކުއްޖާ ފަސްޖެހިފައި ހުރެ، ވަޝިއްޔާ ގޮނޑީގައި ބޭންދުމަށް އެހީތެރިވިއެވެ. ޖާބިރު ދޮރާ ދިމާއަށް ހިނގައިގަތެވެ. ނުކުތުމުގެ ކުރިން އޭނާ މިރުޒާގެ ލޮލަށް ސީދާ ބަލައިލިއެވެ.

“ކަލެއަށް ލިބޭނީ ފަސް މިނެޓު.” އޭނާ މަޑުޖެހިލިއެވެ.

“ހަނދާންކުރާތި މިއީ ކާކުގެ ގެއެއްކަން.”

ދޮރު ލެޕުނެވެ. މިރުޒާ އެތަނަށް ގެނައި ފަހުން، ފުރަތަމަ ފަހަރަށް އެ ދެމީހުން އެކަނިވިއެވެ.

*****

މުޅި މާހައުލަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ވަޝިއްޔާ އިނީ އޭނާގެ ކުރިމަތީގައެވެ. އޭނާގެ ދެއަތްތިލަ އުނގުމަތީގައި އޮތްއިރު ތުރުތުރުއަޅަމުން ދިޔައެވެ. މިރުޒާ އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނީ ބުނާނެ ރަނގަޅު ބަހެއް ހޯދުމަށް ނުހަނު ބޭނުންވެފައެވެ.

މި ފާއިތުވި ތިން އަހަރު ދުވަހު އޭނާ ހުރީ މިފަދަ ވާހަކައެއް ދެކެވޭނެ ވަގުތަކަށް އިންތިޒާރުކޮށްގެންނެވެ. އޭނާ ދައްކާނެ އުޒުރުތަކާއި، މަޢާފަށް އެދޭނެ ގޮތްތަކާއި، އަދި ވަޝިއްޔާ ކޮށްފާނެކަމަށް ބިރުގަންނަ ސުވާލުތަކަށް ދޭނެ ޖަވާބުތައް އޭނާ އޮތީ ހިތުން ދަސްކޮށްފައެވެ. ނަމަވެސް، މިއަދު އޭނާގެ ކުރިމަތީގައި އިށީނދެގެން އިނދެ، އެންމެ ބަހެއް ބުނަންވެސް އޭނާއަށް ވަނީ އުނދަގޫވެފައެވެ.

“ވަޝިއްޔާ..”

“ނޫން.” އޭނާ ހުއްޓުނެވެ.

“ތިޔަހެން އަހަރެންގެ ނަމުން ނުގޮވާ. ތިއީ އަހަރެން ދަންނަ މީހެއް ކަމަށް ހެދިގެން ނޫޅޭ.”

މިރުޒާ އިސްޖަހާލިއެވެ.

“އަހަރެން ދަންނަން، އަހަރެންނަށް އިތުބާރު ކުރުމަށް އެދުމުގެ އެއްވެސް ޙައްޤެއް އަހަރެންނަށް ލިބިގެން ނުވާކަން.”

ވަޝިއްޔާ ހިތި ހިނިތުންވުމަކާއެކު މަލާމާތުގެ ރާގަކަށް ހީނލިއެވެ. “އިތުބާރު ކުރާށޭ؟”

އޭނާގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ.

“އަހަރެން އެއްފަހަރު ކަލެއަށް އިތުބާރު ކުރިން.”

މިރުޒާ ބޯޖަހާލިއެވެ. “އަހަރެންނަށް އެނގޭ.”

“އަހަރެން މިތާ އެކަނި މާއެކަނި ހުރިކަން ކަލެއަށް އެނގޭ. ރާއްޖެއިން ރަހުމަތްތެރިންނާއެކު އަހަރެން މިތަނަށް އައީ ކަލެއަށް އިތުބާރުކޮށްގެންކަން ކަލެއަށް އެނގޭ. އަހަރެންގެ ވަށައިގެން ތިބި މީހުންނަކީ ކޮންބައެއްކަން އަހަރެންނަށް ނޭނގޭކަންވެސް ކަލެއަށް އެނގޭ. އަހަރެން ކަލެއަށް ފުރިހަމައަށް އިތުބާރު ކުރިކަން ކަލެއަށް އެނގޭނެ.”

މިވެސް ކިޔާލަން:  ލިބޭތޯ ދުޢާކުރި ޢަޝީޤާ - ދެވަނަ ބައި

“އަހަރެންނަށް އެނގޭ.”

“އަދި އެއަށްފަހު އަހަރެން ގެއްލުނީ.”

ވަޝިއްޔާގެ އަޑު މަޑުވިއެވެ.

“އޭގެ ފަހުން ވީގޮތެއް ކަލެއަށް އެނގޭތަ؟”

މިރުޒާ ކުޑަ ވަގުތުކޮޅަކަށް ލޯ މަރާލިއެވެ. “އާނ.”

“ނޫން، ކަލެއަށް އެއްވެސް އެއްޗެއް ނޭނގޭ.”

ދެން ވަޝިއްޔާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ.

“ނުދަންނަ ބީރައްޓެހި ތަނެއްގައި ހޭލެވޭއިރު، އެ ދުވަހު ދިރިހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތުމުގެ އިޙުސާސެއް ކަލެއަށް ނޭނގޭނެ. އެކަން ހުއްޓާލުމަށް އެދި މީހުންގެ ކައިރީގައި އާދޭސްކުރަން ޖެހުމުން ކުރެވޭ އިޙުސާސެއް ކަލެއަށް ނޭނގޭނެ. ހަނދާންތައް އާކުރުމުން ލިބޭ ވޭނަކުން ސަލާމަތްވުމަށްޓަކައި އަމިއްލަ ހަނދާންތައް ފޮހެލަން ބޭނުންވުމުގެ އިޙުސާސެއް ކަލެއަކަށް ނޭނގޭނެ.”

މިރުޒާގެ ލޮލުން ކަރުނަ ހިލުނެވެ. ވަޝިއްޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އެމީހުން އަހަރެންގެ ނަން އަތުލި. އަހަރެންގެ މިނިވަންކަން ފޭރިގަތް. އަހަރެން ދުވަހަކުވެސް ބޭނުންނުވި ކަންތައްތަކަކަށް އަހަރެން ބަރޯސާކުރުވި. އެތަނުން ބޭރުގައި އަހަރެންގެ ދިރިއުޅުމެއް ނެތްކަން އަހަރެންނަށް ޤަބޫލުކުރުވި.”

އޭނާގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.

“އަދި އެއަށްފަހު އެމީހުން ބުނީ، އެ ހުރިހާ ކަމެއްގެ ސަބަބަކީ ކަލޭ ކަމަށް.”

“ވަޝިއްޔާ، އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން ކަލޭ ނުވިއްކަން. އަހަރެން ކަލޭ ވަގަށް ނެގުމުގެ އެއްވެސް ރޭވުމެއްގައި ބައިވެރިއެއް ނުވަން. އަހަރެން މިވީ ތިން އަހަރު ހޭދަކުރީ ކަލޭ ހޯދުމަށް.”

ވަޝިއްޔާ މިރުޒާއަށް ބަލަހައްޓައިގެން އިނެވެ. “ތިން އަހަރު؟”

“އާނ.”

“ކޮންތާކުން؟”

“އަހަރެންނަށް މަޢުލޫމާތު ލިބުނު ދެވުނު ކޮންމެ ތަނަކުން.”

“އެހެންވިއްޔާ އަހަރެން ނުހޯދުނީ ސަލާމަތްނުކުރެވުނީ ކީއްވެ؟”

އޭގެ ފަސޭހަ ޖަވާބެއް މިރުޒާގެ އަތަކު ނެތެވެ.

“އަހަރެންނަކަށް ނޭނގޭ.”

ވަޝިއްޔާ މޫނު އަނބުރާލިއެވެ. “ފަސޭހަ ޖަވާބެއް.”

“ނޫން. އެއީ ފަސޭހަ ކަމެއް ނޫން. ކަލޭ ހޯދަން ކުރި މަސައްކަތުގައި އަހަރެންގެ ހުރިހާ އެއްޗެއް ބޭކާރުވެއްޖެ.”

ވަޝިއްޔާ މިރުޒާއާ ދިމާލަށް އެނބުރުނެވެ.

“ކަލެއަށް ގެއްލުނީ ކޮން އެއްޗެއް؟”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top