ތައިލޭންޑްގެ ބައްޕައަކު އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު އަތަށް ސްމާޓްފޯނާއި ކުޅެން ދިނުމަށްފަހު ހިތާމަކުރަން ޖެހުނެވެ. މިއީ މިއަދު ހަމަ ކޮންމެ ބެލެނިވެރިއަކު ވެސް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ތުއްތު ކުދިން އަތަށް ކުޅޭ އެއްޗެއްގެ ގޮތުގައި މޯބައިލް ފޯނު ދިނުމަކީ އެކުދިންގެ ލޮލަށް ވަރަށް ބޮޑު ނުރައްކަލެއް ހުރި ކަމެކެވެ.
މޯބައިލް ފޯނު، ޓެބްލެޓް ފަދަ އެހެނިހެން އިލެކްޓްރޯނިކް އާލާތްތަކަކީ މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ އެއްޗެކެވެ. އެއާއި ނުލައި ދިރިއުޅެން އުނދަގޫވެފައިވާ އެއްޗެކެވެ. ދަރިން މަސަލަސް ކުރުމާއި ދަރިންބެލުމުގައި ބޭނުންކުރެވޭ ވަޞީލަތެއްގެ ގޮތުގައި ވެސް މިއަދު މިވަނީ މިފަދަ އާލާތްތަކުގެ ބޭނުން ހިފަން ފަށާފައެވެ.
ތައިލޭންޑްގެ ތުއްތު އަންހެން ކުއްޖެއްގެ ބައްޕަ ޑާޗާ ނުއިސްތިކާ ޗުއިޑުއަންގ މިވަނީ ސްމާޓްފޯނު ފަދަ އާލާތްތައް ކުދިން އަތަށް ކުޅެން ދިނުމުގެ ނުރައްކާތެރިކަން ހާމަކޮށްދިނުމުގެ ގޮތުން އޭނާގެ ފޭސްބްކްގައި ވަރުގަދަ ޕޯސްޓެއް ކޮށްފައެވެ. ޚުދު އޭނާގެ އަމިއްލަ ތަޖުރިބާގެ ވާހަކަތައް ހިމެނޭ ޕޯސްޓެކެވެ. އޭނާގެ އެންމެ ދެ އަހަރަށްދާ އަންހެން ދަރިފުޅު އަތަށް އައިޕެޑާއި މޮބައިލް ފޯނު ދޭންފެށިފަހުން ބަރުދާސްތުކުރަން ޖެހުނު ސީރިއަސް މައްސަލަތަކެއްގެ ވާހަކަ އެވެ.
ފޯނާއި ޓެބްލެޓް ދޭންފެށިތާ ދުވަސްކޮޅެއް ފަހުން އެ އެއްޗެއްސާއި ވަކިން ޑާޗާގެ ދަރިފުޅަށް އުޅެން ދަތިވެއްޖެ އެވެ. ހަމަ ރަނގަޅަށް އެތަކެއްޗަށް ދެވި ހިފައިފި އެވެ. އެއިން އެއްޗެއް އަތުލަން އުޅުމުން ދަރިފުޅު ރުޅިގަދަވެއެވެ.

ނަމަވެސް މިތަކެއްޗަށް ނުލާހިކު ގާތުން ތާއަބަދު ލޯހުޅުވިފައި ހުންނަން ފެށުމުން އޭނާގެ ދަރިފުޅުގެ ލޮލުގެ ފެނުމަށް ތަފާތު މައްސަލަތަކެއް ކުރިމަތިވާން ފެށިއެވެ. ދަރިފުޅުގެ އުޅުމަށް ބަދަލުތަކެއް އަންނާން ފެށިއެވެ.

ދަރިފުޅުގެ ލޮލުގެ ފެނުން ރަނގަޅުކުރުމަށް އައިނެއްދިނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް ލޮލުގެ ފެނުން ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ. ނުލާހިކުބޮޑަށް ގޯސްވެގެން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދެވަނަ އެހެން ގޮތެއް ނެތިގެން މަޖުބޫރުވީ ސާޖަރީއެއް ހެދުމަށެވެ. ލޮލުގެ ފެނުން ރަނގަޅުކުރުމަށެވެ.

ޑޮކްޓަރުންނަށް އެނގުނީ ޑާޗާގެ ދަރިފުޅުގެ ލޮލަށް ”ލޭޒީ އައި“ ނުވަތަ އެމްބްލޮޕިއާ (ކަންނެތް ލޯ) ކިޔާ ލޮލުގެ ބައްޔެއް ޖެހިފައިވާކަމެވެ. މިއީ އުމުރުން 40 އަހަރުން ދަށުގެ މީހުންގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާ ބައްޔަކަށް ކިޔާ ނަމެކެވެ.

ކޮންމެއަކަސް ޑާޗާގެ ދަރިފުޅުގެ ލޮލުގެ އޮޕަރޭޝަންކުރެވި ކާމިޔާބުވި އެވެ. ދެލޯވެސް ބޭނުންކުރެވޭގޮތްވިއެވެ. ނަމަވެސް ޑޮކްޓަރުން ވަނީ ޑާޗާގެ ދަރިފުޅު އަތަށް މޯބައިލްފޯނު ފަދަ އާލާތްތައް ދިނުން މަނާކޮށް އިންޒާރުދީފައެވެ. އަދި ޓީވީ ބަލާ ވަގުތު ވަކި މިންވަރެއްގައި ބެހެއްޓުމަށްވެސް ބުންޏެވެ. މާގިނައިން ޓީވީ ބަލައިފިނަމަ ކުރިމަގުގައި ދަރިފުޅުގެ ލޯ އިތުރަށް ގޯސްވެދާނެ ކަމުގެ ސީރިއަސް އިންޒާރާއި އެކުގައެވެ.

ލޮލުގައި މައްސަލަތަކެއް ހުރުމުގެ އިތުރުން މި ތުއްތު ކުއްޖާއަށްވަނީ އިޖްތިމާޢީ މައްސަލައެއްވެސް ކުރިމަތިވެފައެވެ. އެއްކަމަކަށް ސަމާލުކަން ދީގެން އިނުމަކީ ކުރެވޭ ކަމެއް ނޫނެވެ. ވަރަށް ފަސޭހައިން ސަމާލުކަން ގެއްލޭގޮތްވެއެވެ.

ޑާޗާ އޭނާގެ ދަރިފުޅަށް ކުރިމަތިވި މި ހިތާމަވެރި ކަންތައްތައް އޭނާގެ ފޭސްބްކްގައި އާއްމުކޮށްފައި މިވަނީ އެހެން ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ދޭ އިންޒާރެއްގެ ގޮތުގައެވެ. އޭނާ އަށް ހެދުނު ގޯސް އެހެން މީހުން ތަކުރާރު ނުކުރުމަށް ލޯ ހުޅުވައިދިނުމުގެ ގޮތުންނެވެ.
ދަރިން މަސަލަސް ކުރުމަށް މޯބައިލްފޯނު ފަދަ ވަސީލަތްތައް ދިނުމަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައިވެސް ނުހަނު އާއްމުވެފައިވާ ކަމެކެވެ. ނަމަވެސް މިކަމުން ލިބޭ ގެއްލުންތައް ނުހަނު ބޮޑުކަން ހަނދާންކުރާން ޖެހެއެވެ. މިއީ ލުއި ގޮތަކަށް ބެލެނިވެރިން ނަގައިގެންވާނެ ކަމެއް ނޫނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




