ރާއްޖޭގައި މިހައިތަނަށް އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިޔާ ނައިފަރު ދޮހޮއްކޮ އަށް ޚާއްޞަކޮށްގެން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ވަރަށް ޚާއްސަ މިއުޒިކް ޝޯ އެއް މާދަމާ ރޭ ބަރިސްތާ ގައި އޮންނަ ކަން އެނގޭދޯއެވެ.

 

މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމް އާއި ޒަކިއްޓެ ގެ އަޑުން ގިނަ ލަވަތަކެއް އިވިގެންދާ މި ޝޯ އަކީ ވަރަށް ގިނަ ގޮތްގޮތުން ޚާއްޞަ ޝޯ އެކެވެ. ޝަލަބީގެ ބޭންޑް ‘ހައުސް އޮފް މިއުޒިކް’ އަދި ބަރިސްތާ މޯލްޑިވްސް ގުޅިގެން މާދަމާ ރޭ އަލަށް މި ފަށަނީ ކުރިއަށް އޮތްތަނުގައި މުހިންމު ޝޯތަކެއްދޭން ފެށުމުގެގޮތުން ބާއްވާ ފުރަތަމަ ޝޯ އެވެ.

 

‘ހައުސް އޮފް މިއުޒިކް’ގެ ފަރާތުން މުނިއަވަސް އަށް މި ޝޯގެ މަޢުލޫމާތު ދެމުން ހައުސް އޮފް މިއުޒިކުގެ ބޭފުޅެއް ބުނީ މިއީ ރާއްޖޭގެ ލިޖެންޑަރީ މިއުޒީޝަނުންގެ ހަނދާން އާކުރުމާއި އެ ބޭފުޅުންގެ ލަވަތައް އަލުން އިއްވައިލުމަށް ބަރިސްތާ އާއި ހައުސް އޮފް މިއުޒިކް ގުޅިގެން ފަށާކަމެއް ކަމަށެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު، ރާއްޖޭގެ ކޮންމެވެސް އެއް ފަންނާނަކަށް ޚާއްޞަކޮށްލެވޭނެއެވެ. ކުރީގެ މަޝްހޫރު ފަންނާނުންނަށެވެ. އެގޮތުން މި ސިލްސިލާ ފެށުމުގެ ގޮތުން ޚާއްޞަ ކޮށްލަނީ އެތައް ބަޔަކު އެ ލަވަކިޔުންތެރިއެއްގެ ލަވަ ތަކުގެ ޖާދޫގައި ޖެހި ހިތްތައް ‘ކަތިލާ’ފައިވާ ކުރީގެ ލަވަ ކިޔުންތެރިޔާ މަރްހޫމް ނައިފަރު ދޮހޮއްކޮ (ދޮހޮއްކޮބޭ)ގެ ލަވަ ތަކަށެވެ.

 

މާދަމާ ރޭ ނުވައެއް ޖަހާއިރު ‘ބަރިސްތާ މޯލްޑިވްސް’ ކެފޭގައި ބާއްވާ ޝޯގެ މަޢުލޫމާތު ދެމުން ހައުސް އޮފް މިއުޒިކުން ބުނީ، މި ޝޯގައި ދޮހޮއްކެބޭގެ އެތައް ހަންދާންތަކެއް އާކުރާނެ ކަމަށާއި ދޮހޮއްކެބޭގެ ހިތްގައިމު އެތައް ލަވަތަކެއް ވެސް ކިޔާނެ ކަމަށެވެ.

 

“ކުރިން އާއްމުކޮށް ދިވެހި މިއުޒީޝަނުން ކިޔާފައިނުވާ ދޮހޮއްކޮބޭގެ ރީތި ލަވަ ތަކެއްވެސް މާދަމާ ރޭގެ ޝޯގަ ކިޔާނެ، މީގެ އިތުރުން ދޮހޮއްކޮބޭގެ ދަރިންގެ ތެރެއިން މި ފަންނުގައި ހަރަކާތްތެރިވާ ހަމައެކަނި ދަރިފުޅު، މަޢުމޫން ވެސް ލަވަކިޔާނެ.” ޝޯ އެންމެ ފުރިހަމަވެގެންދާނެ އަދި ޚާއްޞަވާ ސަބަބު ބުނެދެމުން ހައުސް އޮފް މިއުޒިކުން ބުންޏެވެ.

 

“އައު އަހަރު އަޅުގަނޑުމެން ބާއްވާ ޝޯތަކުގެ ތެރެއިން މަހަކު އެއް ޝޯ މި ޚާއްޞަކޮށްލަނީ ލިޖެންޑުންނަށް، މޮޅު ލަވަތައް ދޮހޮހޮއްކޮ ކިޔާފަ ހުރީ. ފަހުގެ އާޓިސްޓުން ނެތް މި ހުރިހާ ލަވަތައް ކިޔާފަ. އެހެންވެ ޝަލަބީމެން ނިންމީ ދޮހޮއްކޮބޭގެ ލަވަތައްކިޔަން.” ދޮހޮއްކޮބޭގެ ލަވަތަކަށް ފުރަތަމަ ޝޯ ޚާއްޞަކޮށްލި ސަބަބު ބަޔާންކުރަމުން ހައުސް އޮފް މިއުޒިކުން ވާހަދެއްކި އޮފިޝަލް ބުންޏެވެ.

 

ހައުސް އޮފް މިއުޒިކުން ބުނީ ދޮހޮއްކޮބޭގެ ލަވަތަކަށް ފުރަތަމަ ޝޯ ޚާއްޞަކޮށްލުމަށްފަހު ދޮހޮއްކޮބޭގެ ދަރިފުޅަށް މި ޝޯ ގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުން ދޮހޮއްކޮބޭގެ ދަރިން، ވަކިން ޚާއްޞަކޮށް މަޢުމޫނުމެން ތިބީ ވަރަށް އުފަލުން ކަމަށެވެ.

 

“ދޮހޮއްކޮބެގެ ކަމެއްގަ މިފަދަ ހުށައެޅުމެއް އެއްވެސް ބައެއްގެ ފަރާތުން އެބޭފުޅުންނަށް ލިބިފައި ނުވާތީ އެބޭފުޅުން ތިބީ ވަރަށް އުފަލުން.”

 

ބަރިސްތާ އާއި ހައުސް އޮފް މިއުޒިކުން، މިއުޒިކީ ދާއިރާ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކޮންމެ ހަފުތާއަކު އާ ކުދިން މި ދާއިރާއަށް ނެރުމަށް، އާކުދިންނަށް އެއް ޝޯ ޚާއްޞަކޮށްލާފައި ވެއެވެ.

 

މާދަމާ ރޭގެ ޝޯގައި ލަވަ ކިޔާނީ އެ ބޭންޑުގެ އިސް ވޯކަލިސްޓް ޝަލަބީ އާއި ޒަކިއްޓެ އާއި ބޭންޑުގެ އެހެން މެންބަރުންނެވެ.

 

“ހުރިހައި ލަވަތަކެއްވެސް ހުށައަޅާނީ ލައިވް މިއުޒިކްގަ ޝަލަބީ އާ ޒަކިއްޓެ،  ހުރިހައި ލަވައެއްވެސް ކިޔާނީ މިއުޒިކަށް އެއްވެސް ބަދަލެއް ނުގެނެސް، އޮރިނަލް ލަވަ އިންނަ ގޮތަށް.” ދޮހޮއްކޮބޭގެ ލަވަތައް ހުށައަޅަން ނިންމާފައިވާގޮތް ހިއްސާކުރަމުން ހައުސް އޮފް މިއުޒިކުން ބުންޏެވެ.

 

މާދަމާ ރޭ އޮންނަ މި ޝޯ އަކީ މުޅިން ހިލޭ އޮންނަ ޝޯއަކަށް ވުމާއެކު މިފަދަ އިތުރު ޝޯތަކެއް ބާއްވަން ޖެހިދާނެ ކަމުގެ ސިގްނަލެއްވެސް ހައުސް އޮފް މިއުޒިކުން ދިނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.