– “ޖުގް ޖުގް ޖިޔޯ” އިން އަލުން އެކްޓިންއަށް ނިކުންނަ ނީޓޫ ކަޕޫރު ބުނީ ‘ރިޝީ ކަޕޫރު އިންތިހާއަށް އުފާވާނެ،’ ކަމަށް.

ދަރްމާ ޕްރޮޑަކްޝަންސްގެ “ޖުގް ޖުގް ޖިޔޯ” އާއެކު އަލުން އެނބުރި އެކްޓިންއަށް ރިޝީ ކަޕޫރްގެ އަންހެނުން ނީޓޫ ކަޕޫރް ނިކުންނަން ތައްޔާރުވެއްޖެ އެވެ.

ރާޖާ މެހްތާ ޑައިރެކްޓްކޮށްފައިވާ މި އާއިލީ މަޖާ ފިލްމަކީ މިއަހަރު އެންމެ ގިނަ ބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ.

މި ފިލްމުގައި ވެޓެރަން ބަތަލާ ނީޓޫ ކަޕޫރު، އަނިލް ކަޕޫރު، ކިއާރާ އަދްވާނީ، އަދި ވަރުން ދަވަން ފެންނާނެ އެވެ. އެންމެ ފަހުން ނީޓޫ ފެނިފައިވަނީ 2013 ވަނަ އަހަރު ރިލީޒްކުރި “ބޭޝަރަމް” އިން އޭނާގެ ފިރިމީހާ ރިޝީ ކަޕޫރާއި އެމީހުންގެ ދަރިފުޅު ރަންބީރު ކަޕޫރާއި އެކުގަ އެވެ.

މި ހަފުތާގެ އާދީއްތަ ދުވަހު “ޖުގް ޖުގް ޖިޔޯ”ގެ ޓްރެއިލާ ލޯންޗް ކުރި ހަފުލާގައި ނީޓޫ ކަޕޫރު ވަނީ އަލުން ސިލްވަރ ސްކްރީނަށް އައުމާމެދު އޭނާގެ އިހުސާސްތައް ހާމަކޮށް ރިޝީ ކަޕޫރު އޭނާއަށްޓަކައި ވަރަށް އުފާވާނެ ކަމަށް ބުނެފައެވެ. ނީޓޫ ހާމަކުރި ގޮތުގައި އޭނާ އަށް ކުރިމަތިލާން ޖެހުނު ވޭނުން ނުކުތުމަށް އެ ފިލްމުން ފުރުޞަތު ދިން ކަމަށެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ޑައިރެކްޓަރު ރާޖާ މެހެތާ އަދި މުޅި ޓީމުގެ ފަރާތުން ލިބުނު އެއްބާރުލުމަށް ނީޓޫ ޝުކުރު އަދާކުރި އެވެ. ޓްރެއިލާ ރިލީޒްކުރުމުގެ ހަފުލާގައި ނީޓޫ އިތުރަށް ބުނީ މި ފިލްމަކީ އޭނާއަށް ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި އެކަމާ ފަޚުރުވެރިވާ ކަމަށެވެ.

“ކަރަން އަށް ވުރެން ބޮޑަށް އެހެން މީހަކަށް އަހަންނަށް ޝުކުރުއަދައެއް ނުކުރެވޭނެ. ތިއީ އަހަރެން އަލުން މި ދާއިރާއަށް ނުކުންނަން ޖެހޭކަމަށް ބުނެ ނެރުނު މީހާ. ކަރަންގެ އެދުމަށް އަހަންނަށް އިޖާބަދެވުން އެއީ ނިންމުނު އެއްމެ ރަނގަޅު ނިންމުން. އަހަންނަށް ޔަގީން އޭނާ (ރިޝީ) އިންތިހާއަށް އުފާވާނެކަން. މި ފިލްމަކީ އަހަރެން ފިލްމީ ދާއިރާއަށް އަލުން ނުކުތް ފިލްމަށް ވާތީ މި ފިލްމު އަބަދުވެސް ޚާއްޞަވާނެ.” ބަތަލާ ނީޓޫ ބުންޏެވެ.

“ޖުގް ޖުގް ޖިޔޯ” ސިނަމާތަކަށް އަންނާނީ ޖޫން 24، 2022ގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.