ރާއްޖޭގެ އެއްމެ ހުނަރުވެރި އެއް އެކްޓްރެސް އަދި ހުނަރުވެރި ޑައިރެކްޓަރ ޢާއިޝަތު ރިޝްމީ ރަމީޒަށް “ލޯބިވެވިއްޖެ” އެވެ. ރިޝްމީއަށް ލޯބިވެވުނީ 24 ޑިސެމްބަރ 2019 ގައި ޝޫޓިން ފެށި ’އެސް ޕްރޮޑަކްޝަން’ގެ ފިލްމު “ލޯބިވެވިއްޖެ” ދެކެއެވެ.

ޢާއިޝަތު ރިޝްމީ މިވަގުތު ވަދިކޮށް އުޅެމުންދަނީ ފިލްމު “ލޯބިވެވިއްޖެ“ގައި ހިމެނޭ ހިތްގައިމު ލޯބީގެ ލަވަތަކުން ބައެއް ލަވަތައް ޑައިރެކްޓްކޮށްދިނުމުގަ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ލޯބިވެވިއްޖެ“ގެ ޑައިރެކްޓަރ ޢަލީ ސީޒަން މިއަދު މުނިއަވަސް އަށް ބުނީ ފިލްމުގައި ހިމެނޭ ލަވަތަކުގެ ޝޫޓިން ވަރަށް ބާރު ސްޕީޑްގައި ފަށައިގެން ކުރިއަށްދާ ކަމަށާ، މީގެ ބައެއް ލަވަތައް ޑައިރެކްޓްކުރަނީ ރިޝްމީ ކަމަށެވެ.

މީގެ ދެ އަހަރުކުރިން މަސައްކަތްފެށި މި ފިލްމަކީ ސިނަމާއަށް ޚާއްޞަކޮށްގެން ހަދާ ފިލްމެކެވެ. ނަމަވެސް ކޮވިޑް19 އާއި ގުޅިގެން ފިލްމުގެ ޝޫޓިންގައި ނުނިންމާ ހުރި ލަވަތަކުގެ ޝޫޓިން މިދިޔަ ބުރާސްފަތި ދުވަހު އަލުން ފަށާފައިވެ އެވެ. އެގޮތުން މިއަދުވެސް ލަވަތަކުގެ ޝޫޓިން ގދ. ތިނަދޫގައި ކުރިއަށްދާއިރު، ޑައިރެކްޝަންގައި ރިޝްމީ ހަރަކާތްތެރިވާ ތަން ފެނެއެވެ.

ސީޒަން ބުނީ ފިލްމުގެ ނުނިމި ހުރި މަސައްކަތްތައް އަލުން ފެށީ އޮލިމްޕަސް ސިނަމާ ވަރަށް އަވަހަށް ހުޅުވާނެ ކަމުގެ ސިގްނަލް ލިބުމުން ކަމަށެވެ.

ފިލްމް ”ލޯބިވެވިއްޖެ”ގެ އޯޑިއޯ އަލްބަމްގައި ޖުމްލަ 09 ލަވަ ހިމެނޭއިރު، އޭގެ ތެރޭގައި ލިޖެންޑަރީ ލަވަކިޔުންތެރިޔާ ޢަބްދުލް ހަންނާން މޫސާދީދީ ކިޔާފައިވާ ’މިސްވެޔޭ‘ ލަވަ، ބޯނަސް ލަވައެއްގެ ގޮތުގައި ހިމަނާފައިވެއެވެ.

މި އަލްބަމްގައި މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، ރާފިޔަތު ރަމީޒާ، އިބްރާހީމް ޒައިދު ޢަލީ (ކުޑަ އިއްބެ)، މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލް ޖަޖުކަންވެސް ކޮށްފައިވާ އައްމަޑޭ، މުމްތާޒު މޫސާ، ޙަސަން ޖަލާލް، މޯލްޑިވިއަން އައިޑޯލް ސީޒަން އެކެއްގެ ”ރޮކްސްޓާރ“ގެ ގޮތުގައި މަޝްހޫރުވި މުޙައްމަދު މުއައްޒިން ނައީމް، އުއްމީދީ ލަވަކިޔުންތެރިޔާ އަލީފް ޢަލީ އާއި މަރިޔަމް ނަފްހާގެ ލަވަތައް ހިމެނެއެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ ސީޒަން، ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ، އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، އާމިނަތު ރިޝްފާ ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ ސްކްރީން ރައިޓަރ ޒަރީރު އެވެ. ފިލްމު ކެމެރާކުރީ އިބްރާހީމް މޫސާ (ދަބަ) އެވެ. ޑައިރެކްޓްކުރީ ހުނަރުވެރި އެކްޓަރ އަދި ޑައިރެކްޓަރ އަލީ ސީޒަން އެވެ.

ލޯބިވެވިއްޖެ“ގެ ޕްރޮޑިއުރަސަރުންނަކީ ސީޒަންގެ އަންހެނުން އައިމިނަތު ޝަނާޒްގެ އިތުރުން ޝާނިޒް އަލީ އެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓްކޮށްފައިވަނީ ތިނަދޫ އާއި އަވަށްޓެރި ސްރީ ލަންކާގައެވެ. މީގެ އިތުރުން މާލޭގައިވެސް މި ފިލްމުގެ މަންޒަރުތައް ނަގާފައިވެއެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.