ކޮވިޑް19 އާ ގުޅިގެން ދިވެހިރާއްޖޭގެ މަޝްހޫރުކަމާ މަޤުބޫލުކަން ފަތުރުވެރިކަމުގެ ދާއިރާގައި އިތުރުވެގެން ދިޔައެވެ. ޚާއްސަކޮށް ބޮލީވުޑް ތަރިންގެ މެދުގައި އެންމެ ކަމުދާ ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ދިވެހިރާއްޖެ ވެގެން ދިޔައެވެ.

ލަވަކިޔުންތެރިޔާ ޝާން މި ޖަޒީރާ ރާއްޖެއަށް ޝޯއަކަށް މިސްރާބު ޖެހީ އޭނާގެ ހުނަރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފައިގެން ދިވެހީންގެ ސަގާފަތުގެ ކުޑަ ހިލަމެއް ނަމަވެސް ހިމެނޭ މިއުޒިކް ވީޑިއޯއެއް ހަދަން ނިންމައިގެންނެވެ. ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ ހިމެނޭ ގޮތަށް ޝާންގެ އާ ސިންގަލްގެ ނަމުގައި ނެރުނު “ދިލް އުޅެޔާ” ރިލީޒްކުރީ މިމަހުގެ 10 ވީ ހުކުރުދުވަހު އެވެ.

“ރާއްޖެއަށް އަބަދުވެސް ފަތުރުވެރިން ޒިޔާރަތްކުރަމުން ދޭ، ޚާއްޞަކޮށް އިންޑިއާއިން ވެސް. ނަމަވެސް އަހަންނަށް ފެންނަފެނުމުގާ އަހަރުމެންނަށް ދިވެހީންގެ ސަގާފަތާ ދިވެހީން އެނގެނީ ވަރަށް ކުޑަކޮށް. އަހަރުމެން ދިވެހިރާއްޖެއާ މެދު ޤައުމެއްގެ ގޮތަށް ވުރެން ބޮޑަށް ދެކެވެމުން އައީ ބޮޑު ރިޒޯޓެއްގެ ގޮތުގަ.” ‘ދިލް އުޅެޔާ’ އުފެދުނު ޚިޔާލާ ބެހޭ ގޮތުން ބޮލީވުޑް ހަންގާމާއާ ވާހަކަ ދައްކަމުން ޝާން ބުންޏެވެ.

އުނޫޝާ އާއި ޝާން ގުޅުވައިދިނީ ޝާންގެ ޝޯވ އިންތިޒާމުކުރި ފަރާތުންނެވެ.

“އަހަރުމެން އެތަނުގަ ތިބެ މި ލަވަ ޑިޒައިންކުރީ. އަހަރެން ރާއްޖެއިން ފުރުމުގެ ކުރިން އުނޫޝާ ލައްވައި އޭނާގެ ބައި ކިޔުއްވާފަ ވީޑިއޯ ހެދީ. އަހަރެން އަސްލު ބޭނުންވީ އަހަރުމެން ދެ ޤައުމުގެ ފަންނާނުން ގުޅިގެން “ދިލް އުޅެޔާ” އުފައްދަން. ލަވައިގެ ޅެމަށް ބަލައިލާއިރު މީގައި މި ކިޔައިދެނީ ލިބިފަވާ ވަގުތުކޮޅުގައި ހިތްހަމެޖިލައިގެން އުޅުމުގެ ވާހަކަ. މިއީ ހިތްގައިމު އިހުސާސްތަކެއް ގެނުވާނެ ރެގޭ-ޕޮޕް ލަވައެއް. މިއަދު އެއްމެންނަކީވެސް ނުހަނު ބޮޑަށް ހާސްކަމުގެ ތެރޭގައި އުޅެން ޖެހިފައިވާ ބައެއް. މާޔޫސްކަމުގެ ހާލަތަށް މީހުން ވެއްޓެން ދިމާވާ އެތަކެއް ސަބަބުތަކެއް އެބަހުރި. އިންޑިއާގަ އެކަންޏެއް ނޫން، މުޅި ދުނިޔޭގެވެސް ހާލަތަކީ މީ. އެހެންވެ އަހަރެން ހިތަށް އެރީ ތަންކޮޅެއް އުފާވެރި ލައެއް އުފައްދަން މިއީ ރަނގަޅު ދަނޑިވަޅެކޭ.” ލަވައާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާން އިތުރަށް ބުނެފައި ވަނީ މި ލަވައިގައި ދިވެހި ރެޕާއި ދިވެހި ބޮޑުބެރުގެ އަޑާއި އިހްސާސްތައް ހިމަނާފައިވާނެ ކަމަށެވެ.

“އަހަރުމެން ދިވެހިރާއްޖެއަށް ގޮސް ރާއްޖޭގެ ކުލަތަކާއި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ގޮނޑުދޮށްތައް ބޭނުންކޮށްގެން އަހަރުމެންގެ އަމިއްލަ ލަވަތަކަށް ވީޑިއޯ ހަދަމުން ގެންދަން. އެހެންވީމަ އަހަރެން ބުނިން ދިވެހީންނަށް އޭގެ ބަދަލުގައި އެއްޗެއް ނުދޭންވީ ކީއްވެތޯ،” ޝާންގެ މި ލަވަ އުފެއްދުމުގެ ވާހަތަކައް ހިއްސާކުރަމުން އިތުރަށް ކިޔައިދިނެވެ.

ޝާން އަދި އުނޫޝާގެ “ދިލް އުޅެޔާ” ނެރުނުތާ ތިން ދުވަސް ތެރޭގައި މިލިޔަނަށް ވުރެން ގިނަ މީހުން މި ލަވަ އަޑުއަހާފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.