މިމަހު 22 ން 24އަށް އިންޑިއާގެ ކަރްނާޓަކާގެ ހުބުލީގައި ބޭއްވި 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި އެކިއެކި ޤައުމުތަކުން ހުށައެޅި 145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް 05 އެވޯޑެއް ލިބުން މިއީ ކުޑަކަމެއްނޫނެވެ. މިކަން ރާއްޖޭގެ ސަރުކާރުން ފާހަގަކުރިޔަސް ނުކުރިޔަސް ހަޤީޤަތަކީ މިއީކީ ކުޑަކުޑަ ކަމެއް ނޫނެވެ. ރާއްޖޭގެ ޕާފޯމިން އާޓްސް ދާއިރާ ކުރިއަރުވައި އެ ދާއިރާއަށް ޚިދުމަތް ކުރުމަށް އުފައްދައި މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއަށް ތަޢުރީފުގެ ބަހަކުން ފުއްދައިލެވޭ މިންވަރަށް ވުރެން އެ ސޮސައިޓީގެ ޚިދުމަތުގެ އަގުބޮޑެވެ.

ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީއާއި ޔުނިވަރސަލް ފިލްމު މޭކަރސް ކައުންސިލާއި ގުޅިގެން ބޭއްވި މި ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިކުރި ތިން ފިލްމަށް ލިބިފައިވަނީ ރަން ވަނަ ތަކެކެވެ. މި ފެސްޓިވަލްގައި އެވޯޑް ކެޓަގަރީގައި ބައިވެރިކުރީ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ތުރިލާ “ގޮއްރާޅު”, ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފެއްދި ދިވެހި ފިލްމު “ހެހެސް“ އަދި ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށްފައިވާ ކުރު ފިލްމު “ރުގްޔާ”އެވެ.

ފިލްމު “ގޮށްރާޅު”ގައި ޖުމައްޔިލް

145 ފިލްމުގެ ތެރެއިން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް ތުރިލާ “ގޮށްރާޅު”ގެ ލީޑް ކުޅެފައިވާ ހުނަރުވެރި އެކްޓަރު ޖުމައްޔިލް ނިމާލަށް ލިބިވައިވަނީ އެންމެ މޮޅު އެކްޓަރުގެ ޝަރަފުވެރި، ފަޚުރުވެރި އެވޯޑެވެ. ހައިރާންވާ ބަޔަކު ހައިރާން ވިޔަސް ކަން އޮތީ މިހެންނެވެ. ރާއްޖޭގެ އެކްޓަރަކަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިއްޖެއެވެ. ޤައުމީ ޝަރަފެއްގެ ގޮތުގައި ފާހަގަކުރިޔަސް ނުކުރިޔަސް، ކަން އޮތީ މިހެންނެވެ.

ފިލްމު “ހެހެސް” ކެމެރާކުރުމުގައި ދަބާ

ދިވެހި ފިލްމުތައް ކެމެރާކުރުމުގައި އިބްރާހީމް މޫސާ (ދަބާ)ގެ ނަމަކީ ހަމަ ގައިމުވެސް އެންމެ ހިނގާ އެއް ނަމެވެ. 03 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލުގައި ބައިވެރިކުރި ހުރިހާ ފިލްމުތަކުގެ ތެރެއިން ދިވެހި ފިލްމު “ހެހެސްގެ މަންޒަރުތައް ކެމެރާކުރި ދަބާ އަށް އެންމެ މޮޅު ސިނަމޮޓޯގްރާފަރ އެވޯޑް ލިބިފައިވެއެވެ. މިއީވެސް ހަމަ ދިވެހީންނަށް ލިބުނު ފަޚުރުވެރި، ޝަރަފުވެރި އެވޯޑެކެވެ. ހަމަ މި ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް އެވޯޑް ލިބުނީ ބަތަލާ ވާޝިޔާ މުހައްމަދު އަށެވެ.

އެކްޓަރ / ޑާއިރެކްޓަރ ޢަބްދުﷲ މުއާޒް

ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށް އުފެއްދި ކުރު ފިލްމު “ރުޤްޔާ”އަކީ ރާއްޖެއިން ބައިވެރިކުރި ފިލްމުތަކުގެ ތެރެއިން ވަރަށް ތަފާތު ފިލްމެކެވެ. ހަޤީޤީ ވާހަކަތަކެއް ކިޔައިދޭ ކޮލިޓީ ފިލްމެކެވެ. މި ފިލްމުގައި ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ އަޙްމަދު ޝާރިފް ކުޅެފައިވަނީ ރުޤްޔާކުރާ މީހެއްގެ ރޯލެވެ. ފިލްމުގެ މައިގަނޑު ވާހަކައިގައި ކިޔައިދެނީ ފޭކް ރުޤްޔާކުރާ މީހެއްގެ ޝިކާރައަކަށް ޢާއިލާއެއް ވެގެން ދިޔަ ޙަޤީޤީ ޙާދިޘާއެކެވެ. މިއީ މި ފެސްޓީވަލްގައި ވާދަކުރި ފިލްމުތަކުގެ ތެރެއިން އެންމެ މޮޅު ޑައިރެކްޝަން އެވޯޑް ލިބިގެންދިޔަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރު ޢަބްދުﷲ މުޢާޒަށް އެންމެ މޮޅު ޑައިރެކްޓަރ އެވޯޑް ލިބިފައިވާއިރު، ހަމަ މި ފިލްމުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް އަޙްމަދު ޝާރިފަށް ލިބިފައިވެއެވެ.

ހަުނަރުވެރި އެކްޓަރު ޝާރިފް

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)އިން ފަންނުވެރިންނަށް ތަފާތު ގިނަގުނަ ފުރުޞަތުތައް ހޯދައިދެމުން އަންނައިރު، މި އެވޯޑް ހަފުލާގައި ބައިވެރިވުމަށް އެމްއެސްޕީއޭގެ ފަރާތުން އިންޑިއާއަށް ދިޔައީ އެ ސޮސައިޓީގެ ޗެއާޕާސަން މުޙައްމަދު ރަޝީދު (ދަރާ) އެވެ. ފިލްމީ ފަންނާނުންގެ ޙައްޤުގައި ފިލްމީ ފަންނާނުންގެ ދަރާބެ އިންޑިއާއަށް ދިޔައީ މީހެއް އަތުން ކުޑަ ލޯނެއް ނަގައިގެންނެވެ.

ފެސްޓިވަލްގައި ބައިވެރިކުރި ފިލްމުކަށް ނިސްބަތްވާ ފަންނުވެރިން މި ފެސްޓިވަލަށް ގެންދިއުމަށް އެމްއެސްޕީއޭއިން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް މީގެ ކުރިން ބޭއްވި ފެސްޓީވަލްތަކުގައި ބައިވެރިވުމަށް ރާއްޖެއިން ގެންދިޔަ ޓީމަށް ޚަރަދުކުރުމަށް އެމްއެސްޕީއޭއިން ފައިސާ ހޯދީ ސްޕޮންސަރުންގެ ފަރާތުންނެވެ. ނަމަވެސް މިފަހަރު އެއްވެސް ދިމާއަކުން ސްޕޮންސަރއެއް ލިބިފައިނުވާކަން ވަރަށް ހިތާމަޔާއެކު އެ ސޮސައިޓީން ފާހަގަކުރެއެވެ.

ދެވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދަރާ ރަޝީދު

ކޮންމެއަކަސް، ރާއްޖޭގެ ފިލްމީ ފަންނާނުންގެ މަސައްކަތްތަކަށް އެއްވެސް ސަރުކާރަކުން މާބޮޑު ސަމާލުކަމެއް ނުދޭކަން މިއީ ހިތި ހަޤީޤަތެކެވެ. ސަމާލުކަން ނުދިނަސް، ރާއްޖެއަށް ރީތިނަން ހޯދައިދެމުން އަންނަ ފަންނުވެރިން ރާއްޖެއަށް ކޮށްދެމުން އެ ދަނީވެސް އަގުހުރި ޚިދުމަތެކެވެ. ހަމަގައިމުވެސް މިފަހަރު މި ބޭއްވި ފެސްޓީވަލްގައި ބައިވެރިކުރި 145 ފިލްމުގެ ތެރެއިން ރާއްޖޭގެ 03 ފިލްމަކަށް 05 އެވޯޑެއް ލިބުން މިއީ ކުޑަކަމެއްނޫނެވެ.

ރާއްޖެއަށް ލިބުނު އެވޯޑްތަކާއެކު އެމްއެސްޕީއޭގެ ޗެއާމަން މުހަންމަދު ރަޝީދު

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.