🎤 “ޓޫ އޮފް އަސް”ގެ މި ޚާއްޞަ ޝޯ އޮންނާނީ މެއިމަހުގެ 23ގައި
🎤 އިންޑިޔާއާއި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް މި ޝޯގައި ފެންނާނެ
ބެޓްލް އޮފް ބޭންޑްސް އިންޓަރނޭޝަނަލް 2025 މުބާރާތުން ރާއްޖޭގެ “ޓޫ އޮފް އަސް” ބޭންޑަށް ލިބުނު ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް އޮލިމްޕަހުގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން އެބޭންޑުން ހާމަކޮށްފިއެވެ.
“ޓޫ އޮފް އަސް” ބޭންޑުން ބުނީ މާލޭގައި ފުރަތަމަ ފަހަރަށް އެ ބޭންޑުން ކުޅޭ މި ޝޯއަކީ ބައިނަލްއަޤުވާމީ މިމުބާރާތަށް ކުރި ދަތުރުގައި ހިތްވަރުދީ، ސަޕޯޓުކުރި އެންމެހާ ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމަށެވެ.
ޓޫ އޮފް އަސްގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު އޮލިމްޕަހުގައެވެ. ވަނުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 8:00 ގައެވެ. މިޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރެވޭނެކަމަށްވެސް އެ ބޭންޑުން ބުންޏެވެ.

ބެޓްލް އޮފް ބޭންޑްސް ފިނާލޭއަށް ފަހު ވަނަތައް ހާސިލުކުރި ބޭންޑްތައް – ފޮޓޯ: ޓޫ އޮފް އަސް
ބޭންޑުން ބުނީ މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ މަޝްހޫރު ބޭންޑެއްގެ ހުށައެޅުމަކުން ކަމަށެވެ. އަދި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޝްރަދާ ޕަންދިތުގެ ހުށައެޅުމެއްވެސް އޮންނާނެކަމަށް ބޭންޑުން ބުންޏެވެ. މީގެ އިތުރުންވެސް ރާއްޖެއާއި އިންޑިޔާގެ މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައް ކުރިއަށްދާނެކަމަށް އެބޭންޑުން ބުނެއެވެ.
ޓޫ އޮފް އަސްއިން ހޯދި މި ކާމިޔާބީއަކީ މި ހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.
